180Views 0Comments
ގައުމެއް ދެމިއޮތުމުގައި އެންމެ މުހިންމު ހިއްސާއެއް އަދާކުރާ އެކައްޗަކީ އެ ގައުމެއްގެ ގައުމިއްޔަތު އޭގެ މައްޗަށް ބިނާވެގެންދާ ގައުމިއްޔަތުގެ ބަހާތަކެވެ. ދިވެހި ގައުމިއްޔަތުގެ މައިގަނޑު ބަހާތައް ކަމަށް އަޅުގަނޑުމެން މި ބަލަނީ މާތްވެގެންވާ އިސްލާމްދީނާއި، ދިވެހިބަހާއި، ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ ތާރީޚާއި އާދަކާދައާ ސަގާފަތެވެ. މި ސިފަތަކަކީ އަޅުގަނޑުމެންނަށް ލިބިފައިވާ އެއްބައެއްވަންތަ ސިފަތަކާއެކު، ގައުމެއްގެ އާބާދީ އެކަތިގަނޑެއްގެ ގޮތުގައި އެއްބައިވަންތަ ބައެއްގެ ގޮތުގައި ނަގަހައްޓައި ދަމަހައްޓަން ބޭނުންވާނޭ މައިގަނޑު ސިފަތަކެވެ. މި ސިފަތައް ވިއްސިވިހާލިވެއްޖެ ނަމަ އެ ގައުމެއްގެ އެއްބައިވަންތަކަމެއް ނޯންނާނެއެވެ. އެ ގައުމެއްގެ އަޚުލާޤީ އަގުތަކެއް ނުހިފެހެޓޭނެއެވެ. އަދި އެ ގައުމެއްގެ މިނިވަންކަން ދެމިއެއް ނޯންނާނެއެވެ. ދިވެހިން ފުށެތިކާލުން (ޕޯޗުގީޒުން)ގެ އަތްދަށަށް ދިއުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ ވެސް ދިވެހިންގެ ގައުމިއްޔަތުގެ ސިފަތަކުން ބައެއް ކަންކަން އެ ދުވަސްވަރު ދިވެހިންގެ ކިބައިން އުނިވެފައިވުމެވެ. އެއްވެސް ޝައްކެއްނެތްގޮތުގައި ގައުމިއްޔަތެއް އަށަގެންފައި ނެތް ތަނެއްގައި އިޖުތިމާޢީ އަޚުލާޤާއި ފަރުދީ އަޚުލާގެއް ނޯންނާނެއެވެ. އަޚުލާގެއް ނެތް ތަނެއްގައި އެއްބައިވަންތަކަމެއް ނޯންނާނެއެވެ. އެއްބައިވަންތަކަން ނެތް ތަނެއްގައި މިނިވަންކަމުން ލިބެންޖެހޭ ފޮނިމީރުކަމެއް ނުލިބޭނެއެވެ.
އައްސުލްޠން ޢަލީ 6 ވަނަ ޝަހީދުވުމާއެކު ދިވެހިން ތަޙައްމަލުކުރަން ޖެހުނީ ވޭންދެނިވި އަޅުވެތިކަމުގެ ދުވަސްވަރެކެވެ. ފުށެތިކާލުންގެ އަނިޔާވެރިކަން ދިވެހިންނަށް ތަޙައްމަލުކުރަން ޖެހުމުގައި ދިވެހީންގެ އިހުމާލު އެކަމުގައި ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. މިއީ ހަމަ އެކަނި މައުޟޫއަށް އެކަނި ޚާއްޞަ ވާހަކައެއް ވެސް ނޫނެވެ. ދިވެހި ތާރީޚުގެ ފަތްފުށްތައް ފަހަތަށް އުކާލުމުން ފެންނާނީ، ދިވެހިންގެ މިނިވަންކަން ދިވެހިންނަށް ގެއްލުމުގައި އެންމެ ބޮޑު ދައުރެއް އަދާކޮށްފައި ވަނީ ދިވެހިންގެ ތެރެއިން އުފެދުނު ޚާއިނުންކަމެވެ. ޢަލީ ރަސްގެފާނު ޝަހީދުވުމާ ހަމައަށް ވެސް ކަންތައް ވެގެން ގޮސްފައި ވަނީ މިފަދަ ގޮތަކަށެވެ. މި ފަދަ ޚާއިނުން އުފެދެނީ ޤައުމިއްޔަތާ ދުރަށް ދެވޭތީއެވެ.
އައްސުލްޠާން ޙަސަން (ނުވަވަނަ) ސިރީ ދިރިކުސަ ލޯކަ މަހާރަދުން (1550މ-1551މ) ރަސްކަމަށް އިސްވެވަޑައިގަތީ މީލާދީން 1550 ވަނައަހަރުއެވެ. މި ރަދުންގެ ރަސްކަން ދެމިއޮތީ 2 އަހަރާއި 5 މަސްދުވަހުއެވެ. ނަމަވެސް ބައެއް ލިޔުންތަކުގައި 1 އަހަރާއި 10 ދުވަސްކަމަށް ވެސް ލިޔެފައިވެއެވެ. އެއަށްފަހު ކޮއްޗޭއަށް ވަޑައިގެން ނަޞާރާދީނަށް ވެދެވަޑައިގަތީއެވެ. ސަބަބެއްކަމުގައި ވިދާޅުވީ އެ ރަދުންގެ ތަޚުތު އަތުލައްވަން އުޅުއްވާ، އޭނާގެ ތިމާގެ ބޭފުޅެއް ކަމުގައިވާ ބާރުގަދަ ދުޝްމިނެއްގެ ކިބައިން ސަލާމަތްވެވަޑައިގަތުމަށް ކޮޗިންއަށް ވަޑައިގަތީކަމަށެވެ. ތުހުމަތު އަމާޒުކުރެއްވީ ޝަހީދުވި ޢަލީ ރަސްގެފާނަށެވެ. ކޮންމެއަކަސް ވެރިކަމުގެ ދަހިވެތިކަމުގައި އެ ވެރިކަން އަލުން ހޯއްދެވުމަށް ޓަކައި އެޅުއްވި ފިޔަވަޅަކީ ނަޞާރާދީނަށް ވެދެވަޑައިގެން ނަންފުޅު ވެސް “ޑޮމް މެނުއަލް”އަށް ބަދަލުކުރެއްވުމެވެ. ވެރިކަމުގެ ދަހިވެތިކަމުގައި ދީނާއި އަސްލު ވެސް ދޫކޮށްލެއްވީއެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ފުރަތަމަ ވެސް މި ގުރުބާންކޮށްލެއްވީ ގައުމިއްޔަތުގެ އެންމެ މުހިންމު އެއް ބަހާކަމަށް ވާ މާތްވެގެންވާ އިސްލާމްދީނެވެ. މި ސިފަ އުނިވެގެން ދިއުމުން ދެން ކުރިމަތީގައި އޮންނާނީ އަމިއްލަ އެދުމެވެ. އެހެންކަމުން ދެން ގައުމާމެދު ވިސްނުމެއް ނުހިނގާނެއެވެ. ދެން ވިސްނުން ހިނގާނީ އަމިއްލަ އެދުމުން ފޯވެފައިވާ ރޭވުންތައް ރޭވުމަށެވެ. ތިމާގެ ބަޔަށް މީހުން ގިނަކުރުމަށެވެ. އެހެންކަމުން މި ހިސާބުން ވެސް ފާހަގަކުރެވުނު އެއް ސިފައަކީ ދިވެހިންގެ މިނިވަންކަން ބީވެގެން ދިޔުމުގެ ފެށުން އައިސްފައި މިވަނީ ދިވެހިންގެ ގައުމިއްޔަތުގެ މުހިންމު އެއް ސިފަ ކަމުގައިވާ ދީނަށް ވަފާތެރި ނުވުމުގެ ސަބަބުންކަމެވެ. ދީނަށް ވަފާތެރި ނޫން މީހަކަށް ގައުމެއްގެ މިނިވަންކަމެއް މުހިންމެއް ނުވާނެއެވެ. އެހިސާބުން މުހިންމުވާނީ ފަރުދީ ބާރުވެރިކަން ހޯދުމެވެ. އަމިއްލަ އެދުންތައް އިސްކުރުމެވެ.
އެ ދުވަސްވަރަކީ މާލޭގައި ސިޔާސީ ފިތުނަ އިންތިހާއަށް އޮތް ދުވަސްވަރެކެވެ. ނުވަވަނަ ޙަސަން ރަސްގެފާނު ވެރިކަން ހޯއްދެވުމަށް ކުރައްވާ މަސައްކަތްތަކުގެ ތެރެއިން އުފެދުނު ފިތުނައާއި ވެރިކަން ހޯއްދެވުމަށް މަސައްކަތްކުރައްވާ އެހެނިހެން ފަރާތްތަކުގެ ނުފޫޒުން އެފެދިގެން ގޮސްފައިވާ ފިތުނަތަކާއި މި ބާވަތުގެ އެއްބައިވަންތަކަމަށް ބުރޫއަރާ މާޙައުލެއް ވަނީ އުފެދިފައެވެ. އެހެންކަމުން މަޑުމަޑުން ވުޖޫދުވަމުން މި އަންނަނީ ބޭރުގެ ނުފޫޒަކަށް ދިވެހި ބިމުގައި ފައިހަރުކޮށްލުމަށް ބޭނުންވާނޭ އެންމެ މުހިންމު އެއް ފުރުޞަތެވެ. އެހެނީ އެބައެއްގެ ތެރޭގައި ފިތުނަ ފަސާދައަށް ޖާގަ ދެވިއްޖެ ތަނެއްގައި އެންމެ ފަސޭހައިން އަށަގަންނާނީ ބޭރުގެ ނުފޫޒެވެ. އެންމެ އަވަހަށް ގެއްލިގެން ދާނީ އެބައެއްގެ ސިޔާދަތީ ބާރެވެ. އަދުގެ ދުނިޔެއަށް ބަލައިލިކަމުގައި ވިޔަސް އެ މަންޒަރު ފެނެއެވެ. ސީރިއާއާއި އިރާޤުންނެވެ. ލީބިޔާއާއި ޔަމަނުންނެވެ. ދޭތެރެދޭތެރެއިން އަފްޣާނިސްތާނުންނެވެ. ސޯމާލިއާއާއި ސޫދާނުންނެވެ. ފަލަސްތީނު މައްސަލައިގެ ތެރޭގައި ވެސް އެ ގައުމުގެ އެކިއެކި ޖަމާޢަތްތައް އެއްގަލަކަށް ނޭރުން ހިމެނެއެވެ. އެހެންކަމުން މި މިސާލުތަކުން ވެސް ފެނި ހާމަވަނީ ގައުމެއްގެ ތެރޭގައި އެއްބައިވަންތަކަން ނެތިއްޖެނަމަ އެތަނަކަށް ހަތުރުން ނައިސް ނުދާނެކަމެވެ.
ނުވަވަނަ ޙަސަން ރަސްގެފާނު ދިވެހިރާއްޖެ ދޫކޮށް ދިއުމަށްފަހު ދިވެހިރާއްޖޭގެ ތަޚުތު އޮތީ ހުސްކޮށެވެ. މިގޮތުގައި ހަތަރުވަރަކަށް އަހަރު ފާއިތުވެގެން ދިޔައެވެ. ކޮންމެއަކަސް މި ހައްސާސް ދަނޑިވަޅުގައި ވެސް ދިވެހިރާއްޖޭގެ ވެރިކަން ނުވަވަނަ ޙަސަން ރަސްގެފާނަށް ހޯދައިދިނުމުގެ ނަމުގައި ފުށެތިކާލުން ދިވެހިރާއްޖެއަށް އައިސް ހަނގުރާމަކޮށްފައިވެއެވެ. ރަސްކަލެއް ތަޚުތުގައި ނެތެއް ކަމަކު ޤައުމުދެކެ ލޯބިވާ ދަރިން ވެސް އެދުވަސްވަރު ވެސް ތިބިކަން ހާމަވީ މި ހާދިސާއިންނެވެ. ޕޯޗުގީޒުންނާ ދެކޮޅަށް ހަނގުރާމައަށް ނުކުންނެވީ އިބުރާހީމް ފާށަނާކިލެގެގެ ދަރިކަލުން އަބޫބަކުރު (ފަހުން އައްސުލްޠާން އަބޫބަކުރު ދެވަނަ) އާއި ޢަބްދުއްރަޙްމާނު ދޮށިމޭނާކިލެގެގެ ދަރިކަލުން ޢަލީ (ފަހުން އައްސުލްޠާން ޢަލީ ހަވަނަ) ހަނގުރާމައިގެ ލަޝްކަރުގެ ވެރިންކަމުގައި ތިއްބަވައިގެންނެވެ. އޭރު މި ދެ ބޭފުޅުންނަކީ ވެސް ސިޔާސީގޮތުން ވާދަވެރި ދެ ބޭފުޅުން ކަމުގައި ވިޔަސް ޤައުމަށް ބޭނުން ޖެހުނު ހިނދު އެއްގަލަކަށް އަރާވަޑައިގެން ދުސްމިނުންނާ ދެކޮޅަށް ޤައުމުގެ ދިފާޢުގައި ހަނގުރާމަކުރެއްވީއެވެ. އާޚިރުގައި ދިވެހިންގެ އަތުން ފުށެތިކާލުން ބަލިވީއެވެ. މި ވަރަކުން ވެސް ފުށެތިކާލުންގެ އުނދަގުލެއް ނުކެނޑެއެވެ. އަނެއްކާ ވެސް އެބައިމީހުންގެ ލަޝްކަރެއް ދިވެހިރާއްޖެއަށް ހަމަލަދިނުމަށް އައެވެ. މިކަން ހިނގާފައިވަނީ 1555މ ވަނައަހަރުގެ ކުރީކޮޅުގައެވެ. މި ފަހަރު ވެސް ފުށެތިކާލުން ޖެހުނީ ބަލިވެގެން ފިލައިގެން ދާށެވެ.
ނުވަނަ ޙަސަން ރަސްގެފާނަށްފަހު ދެން ރަސްކަމަށް އިސްވެވަޑައިގަތީ އައްސުލްޠާން އަބޫބަކުރު (ދެވަނަ) ސިރީ އަސާލީސް ލޯކަ މަހާރަދުންނެވެ. މި ރަސްގެފާނު ރަސްކަމަށް އިސްވެވަޑައިގަތީ ނުވަވަނަ ޙަސަން ރަސްގެފާނު ރަސްކަން ދޫކޮށްލެއްވިތާ ގާތްގަނޑަކަށް ހަތަރު އަހަރު ވެއަތުވެ ދިޔުމަށް ފަހުއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ތަޚުތު ހުސްކޮށް އޮތް ދުވަސްތަކެއް މިވީ މުއްދަތުގައި ގޮސްފައި އެބައޮތެވެ. ތަނެއްގައި ރަނގަޅު ވެރިކަމެއް ޤާއިމްކުރެވިފައި ނެތުމުގެ ސަބަބުން ޤައުމަށް ދިމާވާ އެންމެ ބޮޑު ހިތްދަތިކަން މި ޒަމާނުގައި ފެނިފައިވާނެ އެއް ގައުމަކީ ލުބުނާނެވެ. ސިޔާސީ ފިތުނައިގެ ތެރެއިން ވާދަވެރި ސިޔާސީޕާޓީތަކުގެ މެދުގައި އަރައިރުންވެ އެ ގައުމުގައި ސަރުކާރު ހިންގާނޭ ވެރިއަކު ނެތި އެތައް ދުވަހެއް ދިޔައެވެ. މި ދުވަސްތަކުގައި ޤައުމުގެ އިގްތިޞާދު އޮތީ ފޫގޮސްފައެވެ. އެމީހެއްގެ އަމިއްލަ އެކައުންޓުގައި ހުރި ފައިސާ ވެސް ނުނެގޭ މިންވަރަށް ގައުމުގެ ހާލަތު ދަށަށް ދިޔައެވެ. އެކި ކަހަލަ ނިރުބަވެރިންގެ ހަރަކާތްތައް ގައުމުގައި އިތުރުވެގެންދިޔައެވެ. އެހެންކަމުން ވެރިއަކު ނުލައި ގައުމެއް ހިންގުން ވާނީ ހުންގާނާ ނުލައި ދޯންޏެއް ދުއްވުން ފަދަ ކަމަކަށެވެ. ދިވެހިރާއްޖޭގެ ތާރީޚުން މި ދަންނަވާ ދުވަސްތަކުގައި ވެސް ކަންތައް ގޮސްފައި އޮތީ މި ބީދައިންނެވެ. އެންމެފަހުން އުފެދުނު ފިތުނައާއި ހަމަނުޖެހުމުގެ ތެރެއިން އަބޫބަކުރު ރަސްގެފާނު ވެސް އަވަހާރަކޮށްލީއެވެ. ވެރިކަމުގައި ވީ އެންމެ 4 މަސްދުވަހެވެ.
އައްސުލްޠާން ޢަލީ (ހަވަނަ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން ދިވެހި ތަޚުތަށް އިސްވެވަޑައިގަތީ މީލާދީން 1557ވަނަ އަހަރުއެވެ. މިއީ އަބޫބަކުރު ރަސްގެފާނު (ދެވަނަ) އަވަހާރަކޮށްލިތާ 2 އަހަރާއި 6 މަސްފަހުންނެވެ. އެހެންކަމުން ގާތްގާތުގައި ދިވެހިން ތަޖުރިބާކޮށްފައި މިވަނީ ވެރިކަން ހުސްވެފައި އޮންނަތާ ދެވަނަ ފަހަރެވެ. މިފަދަ ކޮންމެ ފަހަރަކީ ގައުމުގައި ސުލްހަމަސަލަސްކަން ގެއްލި ނުފޫޒު ގަދަ މީހުންގެ ނުފޫޒު އިތުރަށް ވަރުގަދަވެ ދިވެހި ގައުމިއްޔަތުގެ ބައްތި ފަހަރަކަށް ވުރެ ފަހަރެއް ކަނިވަމުން ބަލިކަށިވަމުން އައިފަހަރެކެވެ. އެ ދުވަސްވަރުގެ ފިތުނަވެރިކަން ގޮސްފަ އޮތް ހިސާބު އަންދާޒާކޮށްލަން ނުވަތަ ވަޒަންކޮށްލަން އެންމެ ފަސޭހަވާނީ އަމިއްލަ ގައުމުގެ ވެރިމީހާ އަމިއްލަ ގައުމުގެ ބަޔަކު މީހުން އެއްވެ އަވަހާރަކޮށްލި ހާދިސާއަށް ވިސްނައިލުމުންނެވެ.
ޢަލީ ރަސްގެފާނުގެ ރަސްކަމަށް ދެ މަސްވީތަނާ ފުށެތިކާލުންގެ ތިންވަނަ ލަޝްކަރެއް ދިވެހިރާއްޖެއަށް ހަނގުރާމައަށް އައެވެ. މި ވެރިން މި ފަހަރު މާލެއައީ އެތައް ނަވަކާއި ހަތިޔާރުއެޅި ސިފައިންނާ އެކީގައެވެ. ދިވެހިރާއްޖެ ރަނގަޅަށް ދަންނަ އާރުކާޓީއެއް ވެސް ގޮވައިގެންނެވެ. އެއީ “އަނދިރިއަނދިރިން” ކަމަށް ވެއެވެ. ފުށެތިކާލުންގެ ސިފައިންގެ ވެރިއަކަށް ހުރީ ކެޕްޓަން މަނުއަލް ޑާ ސިލްވޭރާ ޑިއަރައު ޜޯ ކިޔުނު އޮފިސަރެކެވެ. މި ލަޝްކަރު އައި ދުވަސްވަރަކީ މާލޭ އިޤްތިޞާދީ ގޮތުން ވެސް ވަރަށް ނިކަމެތި ޙާލުގައި އޮތް ދުވަސްވަރެކެވެ. ދައުލަތުގެ ޚަޒާނާ އޮތީ “ވަތުބަތާނައިގަ” ޖެހިފައެވެ. ލަޝްކަރަށް މުސާރަދޭނެ ފަދަ ވެސް ނެތްކަމަށްވެއެވެ. ސިޔާސީ ވާދަވެރިކަން އެހާ ބޮޑެވެ. އެހެންކަމުން ބޭރު ބަޔަކަށް ދިވެހިރާއްޖޭގައި ފައި ހަރުކުރަން ބޭނުންވާނޭ ހުރިހާ އުންސުރެއް މިހިސާބަށް އައިރު ވަރަށް ރަނގަޅަށް ހަމަވެފައިވާކަން ފުށެތިކާލުންނަށް ވަރަށް ރަނގަޅަށް އެނގެއެވެ.
ފުށެތިކާލުން މާލޭގެ ބަނދަރުގައި ތިބެ މާލެއަށް ބޮޑުބަޑިން ހަމަލަދެމުން ގެންދިޔައެވެ. މާލެއިން ވެސް ރައްދުގައި ކޮންމެވެސް ވަރަަކަށް ހަމަަލަ ދެމުން ގެންދެއެވެ. މިގޮތުގައި ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިއުމުން ދިވެހި ލަޝްކަރުގެ ތެރޭގައި ހަމަނުޖެހުމާއި ފިތުނަވެރިކަން އުފެދެންފެށިއެވެ. އެއްބަޔަކަށް ފެނުނީ ހަނގުރާމަ ހުއްޓާލައި އަމާންދޭށެވެ. އަނެއް ބަޔަކަށް ފެނުނީ ހަނގުރާމަ ކުރިއަށް ގެންދެވުނުގޮތަކަށް ކުރިއަށް ގެންދާށެވެ. މި ޚިޔާލުތަފާތުވުންތަކުގެ ނަތީޖާއަކީ ޤައުމީ ރޫޙު ކުޑަވެގެންދިއުމެވެ. ދީނާއި ޤައުމަށް ޓަކައި ހަގުރާމަ ކުރުމުގެ ބޭނުމެއް އޮތްކަމަކަށް ނުވީއެވެ. ގައުމިއްޔަތުގެ އެންމެ ފަހު ކަނި ވެސް ނިވިގެންދިޔައީއެވެ. މިކަން ވަރަށް ރަނގަޅަށް ދެނެތިބެ، ފުށެތިކާލުންގެ ލަޝްކަރު އެމީހުންގެ ސިލޭހަތަކާއި ބަޑިތަކާއެކު މާލޭގެ ހުޅަނގު އުތުރުފަރާތު އަތިރިއަށް ފޭބުމުން ޢަލީ ރަސްގެފާނު ދެބައި ލަޝްކަރީންނާއިގެން ހަނގުރާމައަށް ނުކުމެވަޑައިގަތެވެ. ރަސްގެފާނު ކަނޑިއައްޑަނަ ހިއްޕަވައިގެން ހިންގަވާފައި ޢީދު މިސްކިތާ ހަމައަށް ވަޑައިގެންފައި ފަހަތް ބެއްލެވި އިރު ބޮޑުވަޒީރާއި ޚާދިމުން ކުރެ އެކަކު ފިޔަވައި އެހެން އެންމެން ފިލައިގެން ހިނގައްޖެއެވެ. ޢަލީ ރަސްގެފާނު ހިތްވަރުފުޅު ދޫނުކުރައްވައި އެ ދެ ކަލުންނާއެކު ވަޑައިގެން ހަނގުރާމަ ފެއްޓެވީއެވެ. ދުސްމިނުންގެ އަތުގައި ހުރި ބަޑިތަކުން ވަގުތުން ހަމަލަދޭން ފެށީއެވެ. އިސާހިތަކު ވަޒަންތައް އަރައި ޝަހީދުވީއެވެ. ދިވެހި މިނިވަންކަމުގެ ހުޅުކޮޅު އެންމެ ފަހުން ނިވުނީއެވެ. އަޅުވެތިކަމުގެ ކަޅު ސާލު ދިވެހިން ވަށާލީއެވެ. މަދު އަހަރުތަކަކަށް ނޫނެވެ. ޢަލީ ރަސްގެފާނު އަވަހާރަވެ ފުށެތިކށާލުން މާލެ ހިފީ ހިޖުރައިން 965 ވަނައަހަރުގެ ޝަޢުބާންމަހުގެ 1 ވަނަ ދުވަހުއެވެ. މީލާދީން 1558 ވަނައަހަރުގެ މެއިމަހުގެ 19 ވަނަ ދުވަހުއެވެ. ޢަލީ ރަސްގެފާނު ޝަހީދުވުމުން ފުށެތިކާލުންނަށް ފަސޭހަކަމާއެކު ރާއްޖޭގެ ވެރިކަން އަތުލައިގަތީއެވެ. އެކަމަށް ދެކޮޅު ހަދާނެ އިތުރު މީހަކު ނެތިއެވެ. އަޅުވެތިކަމުގެ އަނދިރީގައި ދިވެހިން 15 އަހަރަށް ދެމިތިބެން ޖެހުނެވެ. އިންތިހާ ދަރަޖައިގެ އަނިޔާވެރިކަމުގައެވެ.
ދިވެހިރާއްޖެ މިފަދަ އަނިޔާވެރި އަޅުވެތިކަމަކަށް ދާންޖެހުނު ސަބަބުތަކާ މެދު ވިސްނާލަމާތޯއެވެ. ފުރަތަމަ ކަމަކީ ޤައުމަށް ވުރެ އަމިއްލަ އެދުން އިސްކުރުމެވެ. އަމިއްލަ އެދުން ޙާޞިލުކުރުމަށް ޓަކައި ދީން ވެސް ޤުރުބާން ކުރުމެވެ. ޤައުމުގެ މަސްލަޙަތަށް ވުރެ އާޢިލީ ބާރުވެރިކަމަށް އިސްކަންދެވުމެވެ. ހުރިހާ މޮޅެއް ޢާއިލާއަށް ހޯދަން އުޅުމެވެ. ޤައުމާ މެދު ވިސްނުމެއް ނެތެވެ. އެކުވެރިކަން ގެއްލި ދިޔައީއެވެ. އެއްބައިވަންތަކަން ގެއްލި ދިޔައީއެވެ. އަދުގެ ދުނިޔޭގައި މިފަދަ ގޮތަކަށް ބައިބައިވެގެން ދިޔަ ޤައުމުތައް އަޅުގަނޑުމެންގެ ޙަޔާތުގައި ވެސް ފެނިފައިވެއެވެ. ފާގަތިކަމުގައި އޮތް ލީބިޔާ މިއަދު އެ އޮތް ހާލަތަށް ވެއްޓުނީ ގައުމުގެ އެއްބައިވަންތަކަން ނެތިގޮސް ބޭރުގެ ފަރާތްތައް ދެއްކި ދަޅަތަކަށް ރޭރުވުމުންނެވެ. އަރަބި ބަހާރުގެ ކެހިވެރިކަމުގެ ދަލުގައި ރައްޔިތުން ޖެހިގެންނެވެ. މި ފަދަ ގޮތަކަށް ހަލާކުވެ ދިޔަ އަނެއް ގައުމަކީ އިރާގެވެ. އިރާގުގެ ސުންނީންނާއި ޝީޢީންނާއި ކުރުދީ ދަރިކޮޅުގެ މެދުގައި އެއްބައިވަންތަކަން ގެއްލި އެމެރިކާއިން އިރާގަށް އަރައިގަތުމުގެ ފުރުޞަތު ފަހިވެގެން ދިޔައެވެ. އޭގެ ފަހުން އަނެއްކާ ވެސް ގައުމުގައި އުފެދުނު ފިތުނަތަކުގެ ތެރެއިން އައިއެސްއެސްގެ އަތްދަށަށް އިރާގުގެ ބޮޑެތި ޝަހަރުތައް ކަމުގައިވާ ބަޞަރާއާއި މޫސަލް ދިޔައެވެ. މިއީ އަޅުގަނޑުމެންގެ ލޯމަތީގައި ހިނގައިދިޔަ ހާދިސާތަކެވެ. ދިވެހިތާރީޚުގައި ހިނގައި ދިޔަ ހާދިސާތަކާއި އަދުގެ ދުނިޔޭގައި ނިއުޅެމުން މިދާ ޞަފުޙާތަކުން އަޅުގަނޑުމެން އަދުގެ ދަރިން ޢިބްރަތް ޙާޞިލުކުރަމުންދޭ ބާވައެވެ.
ޤައުމުގެ މިނިވަންކަން ދެމި އޮންނަނީ އެ ގައުމެއްގެ ރައްޔިތުންގެ ކިބައިގައި އެ ގައުމެއްގެ މިނިވަންކަން ދިފާޢުކުރުމުގެ ރޫޙު ހުރެގެންނެވެ. ޤައުމިއްޔަތުގެ ހަރުދަނާ ބިންގަލެއްގެ މަތީގައި ތަރުބިއްޔަތު ވެވިގެންނެވެ. ކިތަންމެ ބޮޑު ލަޝްކަރެެއް އޮވެފައި ކިތަންމެ ބޮޑު މުސާރައެއް ދިނަސް އެއީކީ އަދި ގައުމަށް ޓަކައި ހަނގުރާމަކުރާނެކަމަށް ބަލަންޖެހޭ ދަލީލެއް ނޫނެވެ. މީހަކު ހަނގުރާމައިގެ މައިދާނަށް ނުކުންނަނީ ލިބޭ މުސާރައިގެ ބޮޑުކުޑަމިނަކުން ނޫނެވެ. އެއީ ހިތުގައި ޤައުމިއްޔަތުގެ ލޯބި އަށަގެންފައިވާ މިންވަރަކަށް ބިނާވާ އެއްޗެކެވެ. އެކަމަށް އެންމެ ބޮޑު ދަލީލެއް މިއަދު ދެމުން އެދަނީ ފަލަސްތީނުގެ މުޖާހިދުންނެވެ. އެމީހުން ހަނގުރާމަކުރަނީ މި ދެންނެވި ގައުމިއްޔަތުގެ ފެނުން ފެންވަރައިގެންނެވެ. އެހެންވެ އެމީހުން މައިދާން ދޫކޮށް ފިލާކަށް ނުދެއެވެ. އެކަމަކު އޭގެ އަނެއްކޮޅަށް ބަލާއިރު ބޮޑު މުސާރަލިބޭ ޔަހޫދީ އެތައް ސިފައިންނެއް މައިދާން ދޫކޮށް ފިލައިފައިވެއެވެ. އިސްލާމީ ތާރީޚަށް ބަލާއިރު ވެސް މުސްލިމުން ހަނގުރާމަކޮށްފައި ހުރީކީ ފަހަރެއްގައި ވެސް އަތުގައި ހުރި ހަތިޔާރުގެ މޮޅުކަމަކުން ނޫނެވެ. އަދަދުގެ ގޮތުން ގިނަވެގެން ނޫނެވެ. ނަޞާރާއިންނާއި ފާރިސީންގެ ވަރުގަދަ ލަޝްކަރުތައް ބަލިކުރީ ދީނަށް އޮތް މަތިވެރި ލޯތްބެއްގެ ސަބަބުންނެވެ. މިއަދު އަޅުގަނޑުމެންގެ ހިތުގައި ބިންވަޅު ނަގަން ވީ ވެސް މިދެންނެވި ފަދަ ހިތްވަރަކާއި ޤައުމަށް އަޮތް ލޯތްބެވެ.
އަޅުގަނޑުމެން ޝަހީދުންގެ ދުވަހު ދަސްކުރަންވީ ފިލާވަޅަކީ އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިބުމުގެ ފިލާވަޅެވެ. އެއްބައިވަންތަކަމާއި އެއްބައެއްވަންތަ ބައެއްގެ ގޮތުގައި ދެމިތިބެން ދަސްކުރުމެވެ. ގައުމީ ބަހަށް ލޯބިކުރަން ދަސްކުރުމެވެ. ގައުމުގެ އާދަކާދައާއި ސަގާފަތް ދިރުވަން ދަސްކުރުމެވެ. ޤައުމުގެ ތާރީޚަށް ލޯބިކުރުމާއި އެ ތާރީޚާއެކު ފަސްދީ ގޮސްފައިވާ ދިވެހި ގައުމުގެ އަގުހުރި އަބުޠާލުންނަށް އިޙްތިރާމްކުރަން ދަސްކުރުމެވެ. ޤައުމީ ބަޠަލުންގެ ހިތްވަރުން ހިތްވަރު ލިބިގަތުމަށް ދަސްކުރުމެވެ. މި ކަންކަން އަޅުގަނޑުމެންނަށް ޙާޞިލުވާނީ ދިވެހި ދަރިންގެ ހިތްތަކުގައި ޤައުމިއްޔަތުގެ އޮށް އިންދައި އެއިން ކުރިފަޅައި ކޯދުލައި ހެދެންފެށުމުންނެވެ.