751Views 0Comments
ވާހަކަ ލިއުނީ: ފާޠިމަތު ޝައިމް ޞަލާޙް
ނަހުލާއަށް ހޭލެވުނީ ކޮންމެވެސް މީހަކު ރޯ އަޑަށެވެ. މިއީ ފަހަކަށް އައިސް ކޮންމެ ރެއަކުހެން ވާ ކަމެކެވެ. މިހާރު ހަފުތާއެއް ވެދާނެއެވެ. ކުޑަދޮރު ކައިރިއަށް ދާއިރު އެއްވެސް މީހަކު ފެންނާކަށް ނުހުރެއެވެ.
މިރޭ ކަން ހިނގީ އެހެން ރޭރެޔާ ޚިލާފަށެވެ. އާދައިގެ މަތިން ކުޑަދޮރު ކައިރިއަށް ދިޔަތަނާ ހީވީ މެއަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ގޯތިތެރޭގައި ހުރި ބޮޑު އަނބުގަހުގެ ގޮތްޕެއްގައި ކަޅުކަޅު އެއްޗެއް އެބައިނެވެ. އޭތީގެ ސިފަ ބުނާކަށް ނަހުލާއަކަށް ހަމަ އެއްގޮތަކަށް ވެސް ނޭނގުނެވެ. އެއީ ކޮންއެއްޗެއްތޯ ބަލައިލާނީ އޭ ހިތަށް އަރައި ނަހުލާ ކޮޓަރިން ނުކުމެގެން ގޮސް ގޯތިތެރެއަށް ދިޔައެވެ. “އަސްތާ” ނަހުލާ ވައިއަޑަކުން ބުންޏެވެ. “މިވީ ކިހިނެއް؟ ހަމަ ދެންމެ އެތާ އޮތް ކަޅު އެތިގަނޑު އެ ދިޔައީ ކޮންތާކަށް؟ އަހަންނަށް ޔަޤީން އޭއްޗަކަށް އުޑަށް އަރައިގެނެއް ނުދެވޭނެކަން” އޭނާ ހުރީ ދުވަހަކު ނުވާހާ ވަރަށް ހައިރާންވެފައެވެ.
ގެއަށް ވަންނަން އެނބުރުނުތަނާ އަނެއްކާ ވެސް އެއްކަލަހެން މީހަކު ރޯ އަޑު އިވިއްޖެއެވެ. ނަހުލާ ހުރިތަނަށް ހުއްޓުންއެރިއެވެ. ނަމަނަމަ ފަހަތް ނުބަލާނަމޭ ހިތަށް އަރައިފައި ވެސް ހިތުގައި ޝައްކު އުފެދުމުން ފަހަތަށް އެނބުރުނެވެ. ފެނުނު މަންޒަރުން މުޅި ގައިން ދިޔައީ ހީބިހި ނަގައިގެންނެވެ. މީހާ ތުރުތުރުއަޅަނީއެވެ. ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލި ނަމަވެސް އަޑެއް ނުނިކުތެވެ. ހީވަނީ މީހަކު އަނގަމަތީގައި އަތްއަޅައިގެން ހުރީ ހެންނެވެ. އެއްކަލަ ގޮފިގަނޑުގައި އޮތީ ވާލެއްހެން ތިރިޔަށް އެލިގަނެގެން އޮތް އެއްޗެކެވެ. އޭތީގެ ހެދުންހެން ހީވަ ކަޅު ފޮތިތައް ތިރިއަށް އެލިފައި އޮތެވެ. އޭގެ ތިރިން އެލިފައިވާ ބޮލާއި ދިގު އިސްތަށިގަނޑު ކަޅުކުލައިގައި ފެންނަން އޮތެވެ. އޭގެ ގަދަ ރަތް ދެ ލޮލުން ބަލަން އޮތީ ސީދާ ނަހުލާއަށެވެ. މޭގަޑު އަނގަޔަށް ނައީ ހަމަ ކިރިޔާއެވެ. ނަހުލާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ދެވަނަ ސިކުންތުގައި އޭނާ ގަތްބިރުން ޚަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ.
ހޭލެވުނު އިރު ނަހުލާ ހީކުރީ އޭނާ އޮތީ ކަޅު ފުރޭތައިގެ ހާލީގައި ކަމަށެވެ. އަދި ފުރޭތަ މިހާރު ނަހުލާ ރޮލާ ކަމުން ގެންދަނީ ކަމަށެވެ. އެކަމަކު ރަނގަޅަށް ލޯހުޅުވައި ބަލާލުމުން އޭނާއަށް އޮވެވުނީ ހަމަ ކުރިން ވެއްޓި ޖެހުނު ތަނުގައި ކަން އެނގުނެވެ. ތެދުވެ އެއްކަލަ ދިމާ ބަލާލި އިރު ކަޅު ފުރޭތަ ފެންނާކަށް ނެތެވެ. ފުރުޞަތުގެ ބޭނުން ހިފައި ނަހުލާ އަވަހަށް ކޮޓަރިއާ ދިމާއަށް ދުއްވައިގަތެވެ. ކޮޓަރިއަށް ވަނުމާ ދޮރު ލެއްޕުމާ ދިޔައީ އެކުއެކީގައެވެ. ދޮރު ތަޅުލުމަށް ފަހު އެނދަށް އަރައި ދެލޯ ތަގުޅިކޮންގެން އޮތެވެ. އޭނާ ދަންނަ ހުރިހައި އެއްޗެއް ހިތާހިތުން ކިޔަމުން ގެންދިޔައެވެ. އިރުއިރުކޮޅާ ސިއްސަސިއްސައިގެން ދެއެވެ. ކިރިޔާ އަޑެއްގެ ހިލަމެއް ވިޔަސް ހީވަނީ ފުރޭތަ ކޮޓަރިތެރޭގައި އުޅޭހެންނެވެ. އުޅެއުޅެ ލޮލަކަށް ނިންޖެއް ނައެވެ. ނަމަވެސް ފަތިސްވާން ކައިރިވުމުން ނަސީބަކުން ނަހުލާއަށް ނިދިއްޖެއެވެ.
ހެނދުނު ތެދުވެ ނަހުލާ އިރުކޮޅެއް ވަންދެން ފަންކާއަށް ބަލަހައްޓައިގެން އޮތެވެ. ރޭގައި ހިނގައި ދިޔަ ކަންތައްތަކަކީ އަސްލެއްތޯ ނުވަތަ ހުވަފެނެއްތޯ ވިސްނާލުމަށެވެ. އިރުގަނޑެއް ވަންދެން އެހެން އޮވެފައި ތެދުވެގެން ދިޔައީ ނަހުލާގެ ކޮއްކޮ ނާހިލް ހޯދުމަށެވެ. އޭނާއަށް ހުރިހައި ވާހަކައެއް ކިޔައިދޭން ވެގެންނެވެ. ނާހިލްގެ ކޮޓަރި ހުރީ ތަޅުލާފައެވެ. ތަޅާތަޅާ ދޮރެއް ނުހުޅުވިއެވެ. އެންމެ ކުޑަމިނުން އަނގައިން އެއްޗެއް ބުނާ އަޑެއް ވެސް ނީވުނެވެ. ނާހިލްއަކީ މީގެ ކުރިން އެހާ ނިދިގަދަ ކުއްޖެއް ނޫނެވެ. ކުއްލިއަކަށް ނަހުލާގެ ހިތަށް ބިރުވެރިކަމެއް ވެރިވާން ފެށިއެވެ. “އަނެއްކާ ނާހިލްއަށް ކަމެއްވީބާ؟” ނަހުލާ އަވަސްއަވަހަށް ދިޔައީ މަންމަ އަތުން ކޮޓަރީގެ ތަޅުދަނޑި ހޯދުމަށެވެ. ތަޅުދަނޑި ހިފައިގެން އައިސް އަވަސްއަވަހަށް ދޮރު ހުޅުވާލިއެވެ. އެއާއެކު ކޮއްކޯއޭ ގޮވައި ބާރަށް ރޮއިގަތެވެ. ނާހިލް އޮތީ ލެއާ ތަތްތެޅިފައި އެނދުމަތީގައެވެ. ބޮލުގެ ނާށިގަނޑު އޮތީ ވަރަށް ބޮޑަށް ފަޅައިލައިފައެވެ. ސިކުނޑިވެސް އޮތީ އެއްބައި ބޭރުގައެވެ. ބަނޑު ވެސް އޮތީ ފަޅާލާފައެވެ. ގޮހޮރު ވެސް އޮތީ ނުކުމެފައެވެ. މުޅި ތަޅުންގަނޑުމަތީގައި ވެސް އޮތީ ލެޔެވެ. ނަހުލާ އަޑުގެ ނެތްކޮޅަށް އަވަށުގެ އެންމެނަށް އިވޭ ވަރަށް ރޮއި ހަޅޭއްލަވަން ފެށިއެވެ. މިއީ އެ ފުރޭތަ ކުރިކަމެއްކަން ނަހުލާއަށް ޔަޤީނެވެ. އަވަހަށް މަންމައަށް ގޮވައި އެމްބިއުލާންސް ގެނެސް ނާހިލް ރަށު ޞީއްޙީމަރުކަޒަށް ގެންދިޔައެވެ. އެކަމަކު އޭރު ނާހިލް ވަނީ މަރުވެފައެވެ.
ނާހިލްގެ ކަށުނަމާދަށް ފަހު ޖަނާޒާގެ ކަންތައްތައް ނިންމައިފިއެވެ. އެންމެން ވެސް ތިބީ ކުއްލި ޝޮކެއްގައެވެ. އެކި މީހުން އެކި ގޮތަށް ވާހަކަދައްކައެވެ. ބަޔަކު ހަމަލާދީ މަރީލިކަމަށް ވެސް ބައެއް މީހުން ކިޔައެވެ. ފުލުހުން ތަޙުޤީޤު ވެސް ކުރިއަށް އެބަ ގެންދެއެވެ. އެއްވެސްތާކުން ބަޔަކު ކޮޓަރިއަށް ވަންކަމުގެ އެއް ވެސް ނިޝާނެއް ފެންނާކަށް ނެތެވެ. އެކަމަކު އެއީ ފުރޭތައެއްގެ ކަމެއްކަން މީސްތަކުންނަށް ވިސްނައިދޭނީ ކިހިނެއްބާއެވެ. ކޮންމެއަކަސް އެއީ ފުރޭތައިގެ ކަމެއްކަން ނަހުލާއަށް ޔަޤީނެވެ. އެކަމަކު އޭނާގެ ހިތަށް އަރަމުންދާ ސުވާލަކީ އޭތި ކޮއްކޮއަށް ހަމަލާ ދިނީ ކީއްވެބާވައެވެ. އޭތި ފެނުނީ ވެސް އަހަރެންނަށެވެ. އޭތި ބަލަން އޮތީ ވެސް އަހަރެންނަށެވެ. ދެން ކޮއްކޮއަށް އެހެން ހެދީ ކީއްވެބާވައެވެ. އަނެއްކާ ކޮއްކޮ ކުޅެން އުޅެމުން އަނބުގަހަށް އަރައި ނޭނގި ނަމަވެސް އެއަށް ގޯނާއެއް ކުރެވުނީ ބާވައެވެ. ހައްތާ ވެސް ނަހުލާގެ ހިތުގައި އެނބުރެމުން ދިޔައީ ސުވާލުތަކެވެ. ޖަވާބެއް ހުދު އޭނާއަށް ވެސް ނޭނގޭ ސުވާލުތަކެކެވެ.
ކޮންމެއަކަސް އެރޭގެ ޖަނާޒާގެ ކަންތައްތަކުން ނިމިގެން އައިސް މަންމައާއި ބައްޕަ ނިންމީ ދެން ރަށުގައި ނޫޅުމަށެވެ. މާލެ ބަދަލުވުމަށެވެ. ނަހުލާ ދެއްކި ވާހަކަ މަންމައާއި ބައްޕަ ވެސް ޤަބޫލުކުރިއެވެ. އެހެންކަމުން އެމީހުން ނިންމީ އެއީ މިހާރު ސިހުރު ޖެހިފައިވާ ގެއެއް ކަމަށެވެ. އެހެންކަމުން އެ ގޭގައި އުޅޭހައި ހިނދަކު އެގޭ އެންމެނަށް އޭގެ އުނދަގޫޖެހިދާނެކަމަށް ބަލައިފައެވެ. އެހެންކަމުން ވީ އެންމެ އަވަހަކަށް ފުރައިގެން ޢާއިލާ މާލެއަށް ބަދަލުވީއެވެ.
މާލެއަށް ބަދަލުވިފަހުން މިހާރު ދެ އަހަރު ފާއިތުވެއްޖެއެވެ. ފުރޭތައިގެ ހިލަމެއް ނުވެއެވެ. ނަމަވެސް ދޭތެރެއަކުން ނަހުލާއަށް ބިރުވެރި ހުވަފެން ފެނެއެވެ. ކޮއްކޮ މަރައިލައިފައި އޮތްގޮތާއި ފުރޭތަ ފެނުނު ދުވަހުގެ ބިރުވެރި މަންޒަރުތައް ހުވަފެނުން ފެނެއެވެ. ނަމަވެސް މިހާރު އެކަން ނަހުލާއަކަށް މާބޮޑު ކަމަކަށް ނުވެއެވެ. މާޒީގައި ހިނގައި ދިޔަ މި ބިރުވެރި ހާދިސާއާ މެދު ނުވިސްނަން އޭނާ ވަރަށް މަސައްކަތްކުރެއެވެ. އެ ރޭގެ އެ ހާދިސާގެ ހަނދާންތަކާ ދުރަށް ގޮސް އާދައިގެ ދިރިއުޅުމެއް އުޅެވޭތޯ އޭނާ އަންނަނީ މަސައްކަތްކުރަމުންނެވެ.