Skip to content Skip to footer

ދިރާސާ: އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައި ސިފަކުރުމުގެ އިބާރާތްތައް ގެނެސްފައި ވަނީ ކޮންގޮތަކަށް ހެއްޔެވެ؟ އަދި ސިފަކޮށްދިނުމުގައި ބޭނުންކޮށް އުޅޭ ލިޓަރަރީ އެލެމެންޓްތަކުގެ ތެރެއިން ޖުމުލަތަކުން ފެންނަން ހުރީ ކޮން އެލެމެންޓްތަކެއް ހެއްޔެވެ؟

ދިރާސާ ކުރެވޭ މައްސަލައިގެ ތަޢާރަފު

ވާހަކައެއް ރީތިވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުލެވިގެންވެއެވެ. ވާހަކައެއް ލިޔާއިރު އެ ވާހަކައިގެ ލަފުޒުތަކުން ކިޔުންތެރިންނާ ހަމައަށް އެތައް އިހުސާސްތަކެއް ގެނެސްދޭން ޖެހެއެވެ. މުޙައްމަދު ވަޙީދު ނަދުވީ (2000) ހާމަކުރައްވާ ގޮތުގައި ވާހަކައިގެ އުސްލޫބަކީ ވާހަކައިގެ ވަރަށް މުހިންމު ބައެކެވެ. މިގޮތުން ބަލާއިރު ލިޔުންތެރިޔާގެ ހުނަރުވެރިކަމުގެ ތެރެއިން ކިޔުންތެރިންނަށް އެ ވާހަކައިން ހިތާމައާއި އަސަރު ނުވަތަ އުފާވެރިކަން ނުވަތަ ހާސްކަމާއި ފިކުރުބޮޑުވުން ގެނެސްދެއެވެ. އެ ހާދިސާއެއްގައި ހިމެނޭ ހުރިހާ ޖަޒުބާތުތަކަކާ ވެސް އެކީގައެވެ. ހަމައެހެންމެ ވާހަކައިގައި ދިމާވާ ހާދިސާ ހިނގަމުންދާ ގޮތުގެ އިތުރުން އެކަމެއް ހިނގާ މާހައުލު ކިޔުންތެރިޔާގެ ލޮލަށް ސިފަވާނޭހެން ލަފުޒުތަކުން ބަޔާންކޮށްދޭންޖެހެއެވެ. ހަމަ އެހެންމެ އެ މާހައުލެއްގަ ހުރި ވަސްތަކާއި ރަހަތައް ވެސް އިހުސާސްވާނޭ ބީދައަކުން އެ ވާހަކައެއް ހުށަހަޅަންޖެހެއެވެ. މި ހުރިހާ ކަމެއް ކިޔުންތެރިޔާއާ ހަމައަށް ގެނެސްދެނީ ވާހަކައިގައި ހިނގާ ހާދިސާތައް ސިފަކޮށްދިނުމުގެ ގޮތުން ބޭނުންކުރާ ޢިބާރާތްތަކުންނެވެ. ނުވަތަ ކިޔުންތެރިންނަށް އެ ވާހަކައިގެ ތެރެއަށް ވަދެވެނީ އެ ވާހަކައެއްގައި ގެނެސްފައިވާ އެކިއެކި ސިފަކުރުންތައް ސިފަކުރުމުގައި ބޭނުންކޮށްފައިވާ ލަފުޒުތަކާއި ޖުމުލަތައް ބަދަހިކަމާއެކު ގުޅިލާމެހިގެންދާނޭ ގޮތެއްގައި ބޭނުންކޮށްފައިވާ ފުރިހަމަކަމެއްގެ ސަބަބުންނެވެ. އެހެންކަމުން ކުރުވާހަކަތަކުގައި ސިފަކުރުންތައް ގެނެސްދެވިފައިވާ ގޮތް ދެނެގަތުމުގައި އިބާރާތްކުރެވިފައިވާ ގޮތްތައް ދެނެގަތުން މުހިންމެވެ. އަދި އިބާރާތްކުރުމުގައި ލިޓަރަރީ އެލެމެންޓްސް ގެނެސްދީފައިވާ ގޮތް ވެސް ދެނެގަތުން މުހިންމެވެ.

ވާހަކަ ލިޔުމުގެ ފަންނުގައި ސިފަކުރުންތައް ތަފްޞީލުކޮށް ގެނެސްފައި ހުންނަތަން ފެންނަނީ ދިގުވާހަކަތަކުގައެވެ. ސިފަކުރުމަށް ބޮޑަށް ޖާގަ ލިބެނީ ވެސް ދިގުވާހަކަތަކުންނެވެ. ކުރުވާހަކަތަކުގައި ސިފަކުރުންތަކަށް އެހާ ޖާގަ ދެވެން ނޯންނާތީވެ ކުރުވާހަކަތަކުގައި ސިފަކުރުން ގެނެސްފައި ހުންނަނީ ވަރަށް މަދުންނެވެ. ކިރިޔާ ފުދޭވަރަށެވެ. ރާއްޖޭގައި ޢާންމުކޮށް ފެންނަން ހުރި ކުރުވާހަކަތައް ވެސް ހުރީ މި ބީދައިންނެވެ. ނަމަވެސް އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައި ވަރަށް ބޮޑަށް ސިފަކުރުންތައް ބޭނުންކޮށްފައި ހުންނާތީ ފެނެއެވެ. މިކަމުގެ ސަބަބުން ވާހަކައަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ ކިޔުންތެރިންގެ ސަމާލުކަން ބޮޑަށް ލިބޭކަން ފާހަގަކުރެވިފައިވެއެވެ. އެހެންކަމުން އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތައް މަޤްބޫލުވުމުގައި އެ ވާހަކަތަކުގައި ސިފަކުރުންތައް ގެނެސްފައިވާ ގޮތް މުހިންމު ދައުރެއް އަދާކުރާކަމުގައި ބެލެވެއެވެ. ވީމާ އެކަން ދެނެގަތުމުގެ ގޮތުން މި ދިރާސާގައި ބަލައިލެވޭނީ އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައި ސިފަކުރުންތައް ގެނެސްފައިވާ ގޮތްތަކުގެ މައްޗަށެވެ. ވަކިން ޚާއްޞަކޮށް ސިފަކޮށްދިނުމުގައި އިބާރާތްތައް ގެންގުޅެފައިވާ ގޮތާއި، ޖުމުލަތައް ތަރުތީބުކުރުމުގައި ހިފަހައްޓާފައި ހުރި ހަމަތަކާއި އުސޫލުތަކާއި، ލަފުޒުތަކުން މާނަ ދޭހަކޮށްދިނުމުގައި ލިޓަރަރީ އެލެމެންޓްސްތަކުގެ ބޭނުންކޮށްފައިވާ ގޮތެވެ.

ދިރާސާގެ މަޤުޞަދާއި ބޭނުން

އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކަކީ ރާއްޖޭގައި ވަރަށް މަޝްހޫރު ވާހަތަކެކެވެ. ސުކޫލުތަކުގެ ކިޔަވައިދޭ ދަރިވަރުންގެ ޓެކްސް ފޮތްތަކުގައާއި ކޮލެޖް ޔުނިވަރސިޓީ ފަދަ ތަންތަނުގައި ކިޔަވައި ދިނުމުގައި ވެސް ރިފަރެންސްގެ ގޮތުގައި އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތައް ބޭނުންކޮށް އުޅެއެވެ. އެހެންކަމުން މި ވާހަކަ ތަކުގައި ހުރީ ކޮންކަހަލަ ޚާއްޞަ ސިފަތަކެއްތޯ ބަލައިލަން ޖެހެއެވެ. މި ޚާއްޞަ ސިފަތައް ދެނެގަތުމުގެ ގޮތުން މި ވާހަކަތައް ހިމަނައިގެން ދިރާސާއެއް ކުރުމަށް ގަސްތުކުރީމެވެ. މި ވާހަކަތަކުގައި ޚާއްޞަ އެތައް ސިފަތަކެއް ހިމެނޭނެކަން ކަށަވަރެވެ. އެހެން ނަމަވެސް މިފަދަ އެންމެ ދިރާސާއެއްގައި އެ ހުރިހާކަމެއް ހޯދައި ދެނެގަތުމަކީ ވާނޭ ކަމެއް ނޫނެވެ. އެހެންކަމުން މި ދިރާސާގައި ބަލައިލާނީ ކުރުވާހަކަތަކުގައި ސިފަކުރުންތައް ގެނެސްދީފައިވާ ގޮތާއި ސިފަކުރުމުގެ އިބާރާތްތައް ގެނެސްދިނުމުގައި ގެންގުޅެފައިވާ އުސޫލުތަކުގެ މައްޗަށެވެ. ހަމަ އެހެންމެ ސިފަކޮށްދިނުމުގައި ބޭނުންކޮށްފައިވަނީ ކޮންކަހަލަ ލިޓަރަރީ އެލެމެންޓްސްތަކެއްކަން ދެނެގަތުން ވެސް މި ދިރާސާގެ މަޤްޞަދު ތެރޭގައި ހިމެނެއެވެ.

ދިރާސާއިން ޙާޞިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް

1 ސިފަކޮށްދިނުމުގައި އިބާރާތްތައް ބޭނުންކޮށްފައިވާ ގޮތް ދެނެގަތުން

2 ސިފަކޮށްދިނުމުގައި ބޭނުންކޮށްފައިވާ ޖުމުލަތައް ތަރުތީބު ކުރުމުގައި ވަކި ޚާއްޞަ އުސޫލުތަކެއް ގެންގުޅެފައިވޭތޯ ބެލުން

3 ސިފަކުރުންތައް ގެނެސްދިނުމުގައި ބޭނުންކޮށްފައިވަނީ ކޮންކަހަލަ ލިޓަރަރީ އެލެމެންޓްސްތަކެއް ކަން ދެނެގަތުން

މުހިންމު ލަފުޒުތަކުގެ މާނަ

1 ލިޓަރަރީ އެލެމެންޓްސް:   ވާހަކައިގައި ހިމެނޭ މުހިންމު ބައިތަކެވެ. މި ގޮތުން ވާހަކައެއް ނަމަ އެވާހަކައިގެ ޕްލޮޓާއި ސެޓިންއާއި ކެރެކްޓަރ ބެލެވޭނީ ލިޓަރަރީ އެލެމެންޓްސްގެ ގޮތުގައެވެ. ހަމަ އެހެންމެ އެވާހަކައެއްގެ ސިފަކުރުންތައް ގެނެސްދީފައިވާ ގޮތާއި ސިފަކުރުމުގައި ލަފުޒުތައް ބޭނުންކޮށްފައިވާ ގޮތް ވެސް ހިމެނެނީ ލިޓަރަރީ އެލެމެންޓްސްގެ ގޮތުގައެވެ.

2 ޖުމުލަ ސެޓް:         ވަކިކަމެއް ސިފަކޮށްދިނުމަށް ބޭނުންކޮށްފައިވާ ހުރިހާ ޖުމުލަތަކެއް

3 ސިމްބޮލިޒަމް:         ސިމްބޮލިޒަމް އަކީ ސިމްބަލް (ރަމްޒު) އިން ތަކެތި ހުށަހަޅައިދިނުން ނުވަތަ އެއްޗަކަށް ރަމްޒީ މާނައެއް ނުވަތަ ސިފައެއް ދިނުމުގެ އަދަބީ ސުކޫލެވެ.

ދިރާސާ މުހިންމުވާ ސަބަބުތައް

ވާހަކައެއް ރީތިވަނީ އެ ވާހަކައަކުން ވަރަށް ގިނަ ކަންތައްތަކެއް ފުރުހަމައަށް ގެނެސްދެވިގެންނެވެ. އެގޮތުން ބަލާއިރު ވާހަކައަކީ ލިޔުމުން ހުރިހާ އެއްޗެއް ތަސްވީރުކޮށްދޭން ޖެހޭ އެއްޗެކެވެ. އެހެންކަމުން ވާހަކައެއް ލިޔާއިރު އެ ވާހަކައެއްގައި އިބާރާތްތައް ގެނެސްފައި ހުންނަގޮތާއި އިބާރާތްތަކުގައި ލަފުޒުތައް ބޭނުންކޮށްފައި ހުންނަގޮތަކީ ވަރަށް ސަމާލުކަން ދޭންޖެހޭ ކަންކަމެވެ. މި ދިރާސާގެ ސަބަބުން ވާހަކަލިޔުމަށް ޝައުޤުހުރި ފަރާތްތަކަށް ފައިދާތަކެއް ކުރާނެކަމަށް ޤަބޫލުކުރެވެއެވެ. އެއީ އިބްރާހީމް ޙުސައިންމަނިކަކީ ރާއްޖޭގެ ނިސްބަތުން ކުރުވާހަކަ ލިޔުމުގެ ފަންނުގައި ވަރަށް ރީތި ވާހަކަތަކެއް ލިޔުއްވާފައިވާ ފަރާތަކަށް ވުމާއެކު، އެފަދަ ފަރާތެއްގެ ވާހަކަތަކުގައި އިބާރާތްތައް އަތުރާލުމުގައި ގެންގުޅެފައިވާ އުސޫލުތައް އެނގިގެން ދިއުމަކީ ވާހަކަލިޔަން ދަސްކުރާ ފަރާތްތަކަށް ވެސް މި ދިރާސާގެ ސަބަބުން މަންފާއެއް ކުރާނެ ކަމަށް ބެލެވޭ ސަބަބެކެވެ. އެހެންކަމުން މި އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައި ސިފަކުރުމުގެ އިބާރާތްތައް ގެނެސްފައި ވަނީ ކޮންގޮތަކަށް ކަމާއި އަދި ސިފަކޮށްދިނުމުގައި ބޭނުންކޮށް އުޅޭ ލިޓަރަރީ އެލެމެންޓްސްތަކުގެ ތެރެއިން ޖުމުލަތަކުން ފެންނަން ހުރީ ކޮން އެލެމެންޓްސްތަކެއްތޯ ބެލުމަށް މި ކުރެވޭ ދިރާސާއަކީ މުހިންމު ދިރާސާއެއްކަމުގައި ދެކެމެވެ.

ބޭނުންކުރެވިފައިވާ އިންސްޓްރޫމަންޓްގެ ބަޔާން

އިންސްޓްރޫމަންޓްގެ ގޮތުގައި މި ދިރާސާގައި ބޭނުންކޮށްފައި ވާނީ ދިވެހިބހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަޖިލީހުން ނެރެފައިވާ، މަލަސް މަޖައްލާގެ 62 ވަނަ ޢަދަދުގައިވާ އިބްރާހީމް ޙުސައިންމަނިކު ލިޔުއްވާފައިވާ 27 ކުރުވާހަކައިން ނަގާފައިވާ 152 ޖުމުލައެވެ. މިއީ ސިފަކުރުންތައް ބަޔާންކޮށްފައި ހުރި ޖުމުލަސެޓްތަކެވެ. މިއިން ކޮންމެ ޖުމުލަސެޓެއްގައި އެއްޖުމުލައަށް ވުރެ ގިނަ ޖުމުލަ ހިމެނިފައިވާނެއެވެ. މި ގޮތަށް ޖުމުލަސެޓުތަކެއްގެ ގޮތުގައި ނަގާފައި އެ ވަނީ ސިފަކުރުންތައް ގެނެސްފައިވާ އުސޫލުތައް ދެނެގަނެވޭނީ އެ ސިފަކުރުންތައް ބަޔާންކުރުމުގައި ގެނެސްފައިވާ ޖުމުލަތަކުގެ ތަރުތީބާއި ބޭނުންކޮށްފައިވާ ލިޓަރަރީ އެލެމެންޓްސްތައް އެނގިގެންކަމުގައި ވާތީއެވެ.

      މި ދިރާސާއަކީ އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައި ސިފަކުރުންތައް ބަޔާންކުރުމުގައި ގެންގުޅެފައިވާ އުސޫލުތައް ދެނެގަތުމަށާއި، ސިފަކުރުންތަކުގައި ބޭނުންކޮށްފައިވާ ލިޓަރަރީ އެލެމެންޓްސްތައް ދެނެގަތުމަށް ކޮށްފައިވާ ދިރާސާއެކެވެ. މި ގޮތުން މި ދިރާސާކުރުމަށް ބޭނުންވާ ޑާޓާތައް އެއްކޮށް އެނަލައިޒުކުރުމުން ފާހަގަކުރެވުނު ކަންތައްތަކަށް ވަކިވަކިން ބަލައިލެވިފައި ވާނެއެވެ. ފާހަގަކުރެވުނު ކޮންމެ ބަޔަކުން ވެސް އެ ބައެއްގައި ޖުމުލަތައް ތަރުތީބު ކުރެވިފައިވާ ގޮތާއި އެކަމުގައި ގެންގުޅެފައިވާ އުސޫލުތަކާއި އެބަޔަކުން ފާހަގަވާން ހުރި ލިޓަރަރީ އެލެމެންޓްސްތަކާމެދު ތަފްޞީލު ގޮތެއްގައި ވާހަކަދެކެވިފައިވާނެއެވެ.

1 ތިރިން މައްޗަށް ސިފަކުރުން

ޖުމުލަ ސެޓް 1

1 ކުނިކޮޅެއް ކިލައެއް މިލައެއް ނެތް ބޮޑުފެންޑާގެ އެއްފަރާތުގައި ބޭފުޅުންގެ ޚިދުމަތުގައި އުސް އަދަރާދަ ގޮނޑިބަރިއެއް ފުއްޕާ މަތިހަށި ނަގައިގެން ތިއްބެވެ.

2 އަނެއް ފަރާތުގައި އާދައިގެ މީހުންނަށްޓަކައި ޚާއްޞަވެފައިވާ ތިރި “ރާގޮނޑިބަރި” ހިމަވެ އިސްޖެހިފައި ތިއްބެވެ.

3 ފާރުގައި ހަރުކޮށްފައިވާ ދިގުބަރުލީ މުސްކުޅި ބޮޑުގަޑި ވަފާތެރިކަމާއެކު ވެލާވަރު ގުނަމުން ދިޔައެވެ.

4 ބޮޑުގަޑީގެ އިތުރުން އެ މަރުވެފައިވާ ފެންޑާއަށް ދިރުން ދީފައިވަނީ އަވަހާރަވެފައިވާ ބައެއް ބޮޑުންގެ ފޮޓޯތަކެވެ.

ޖުމުލަ ސެޓް 2

1 ޚިޔާލީ ހުވަފެނުން ހޭލެވުނީ ކާރެއްގެ ބަރުގޮނު އަޑަށެވެ.

2 އިސްއުފުލާލާ މަތި ބަލާލެވުނެވެ.

3 އަސްކަންޏެއްގެ ހިޔާ ހޯދީ ވިލާގަނޑު ވަޔާ ކެހެމުން އައިސް އަރާ ބޯމަތިވާން ފެށީމައެވެ.

4 ދުވާލުގެ މޫނުމަތިން ރޭގަނޑުގެ ފަރުދާ ކަހާލެވުނުހެން ހީވިއެވެ.

5 ވިލާތަކުގެ ދަށުން އިރު ފާޅުވީ ވަގުތު ވާރޭ ވެސް ވެހެން ފަށައިފިއެވެ.

6 އަވީގެ ތެރެއިން ވާރޭގެ ފަށްތައް ވިދަމުން ދިޔައީ ވިރިގެން ފައިބާ އަލިމަސްތަކެއް ހެންނެވެ.

7 އުޑުމަތީގާ ކަޅު ވިލާގެ ސަނދުވާއެއް ފަތުރާލާފައި އޮތަސް ހުޅަނގު ފަރާތު އުދަރެސް ބަނބުޅަނީ ސާފު ހުދު އަވީގެ ސާލަކުންނެވެ.

8 އަނދިރިކަމުގެ ތެރެއިން އަލިކަން ފާޅުވެފައި ހުރި މަންޒަރު އެއީ އަންތަރީސް ވާހާ ރީތި މަންޒަރެކެވެ.

ޖުމުލަ ސެޓް 3

1 ރާބެބުރިވެލެއްގެ ތެރެއަށް ގެއްލުނު ރޯފަން ދޫންޏެއް ހޯދަން އުޅެފައި އެއްފަހަރަކު މަތި ބަލާލެވުނެވެ.

2 ކަފަވިލާގެ އާގުބޯޓުތަކާއި އިމާރާތްތައް އުޑުމަތީ އޮޔާ ދަނީއެވެ.

3 ދެން ލޮލުގައި އަޅައިގަތީ އިރުވައިކަނޑާ ދިމާލުން ރަށްމައްޗަށް ސޮއްސާލީ މާހޯރަ ޖޯޑެކެވެ. އެކަތި މުޅިން ކަޅެވެ.

4 އަނެކަތީގައި ކަޅަސް ބޮލާއި ވަރައިގެ ތަންތަންކޮޅު ހުދެވެ.

5 ދޭތީގެހެން ފިޔަވަނީ ދަމާލާފައެވެ. 

ހަތަރު ޖުމުލަ ސެޓަށް ބަލާއިރު ސިފަކޮށްދިނުން ގެނެސްފައިވަނީ ތިރިން މައްޗަށެވެ. އެކަން ހާމަވަނީ 1 ވަނަ ޖުމުލަ ސެޓުގެ ފުރަތަމަ ދެ ޖުމުލައިގައި ވަނީ އެތާހުރި ގޮނޑިބަރިތަކުގެ ވާހަކައެވެ. ނަމަވެސް 3 ވަނަ ޖުމުލައާއި 4 ވަނަ ޖުމުލައިން ސިފަކޮށްދީފައި ވަނީ ފާރުގައި ބަހައްޓާފައި ހުރި ގަޑިއާއި ފޮޓޯތަކެވެ. އެހެންކަމުން ފަހު ދެ ޖުމުލައިން ސިފަކޮށްދެނީ ގޮނޑިބަރިތަކަށްވުރެ މަތީގައި ހުރި ތަކެއްޗެވެ. ވީމާ މި ސިފަކުރުން ގެނެސްދީފައި ވަނީ ތިރިން ފެށިގެން މައްޗަށް ވާގޮތަށެވެ.

ޖުމުލަސެޓު 2 އަށް ބަލާއިރު ވެސް، މި ސެޓުތަކުގެ ޖުމުލަތައް އަތުރާފައި ވަނީ ތިރިން މައްޗަށެވެ. އެގޮތުން ދެވަނަ ސެޓުގެ ފުރަތަމަ ޖުމުލައިގައި ވަނީ ބިންމަތީގައި ދުއްވާ ކާރެއްގެ ބަރުގޮނުގެ ވާހަކައެވެ. އެއަށްފަހު ދެވަނަ ޖުމުލައިގައި ގެނެސްފައިވަނީ އަސްކަންޏެއްގެ ހިޔާ ހޯދި ވާހަކައެވެ. އެހެންކަމުން ހަމަބިމަށް ވުރެ ތަންކޮޅެއް މައްޗަށް ޖެހިލީއެވެ. އެއަށްފަހު ޖުމުލަ 4 ގައި ގެނެސްފައި ވަނީ ޖައްވުތެރެ އަނދިރިވެގެން ދިޔަ ގޮތުގެ ވާހަކައެވެ. އެހެންކަމުން މި ޖުމުލައާއި ހަމައިން އަނެއްކާވެސް ސިފަކުރުން އިތުރަށް މައްޗަށް ގެންދިޔައީއެވެ. ޖުމުލަ 8،7،6،5 ގައި ވަނީ އުޑުމަތީގެ ވިލާތަކުގެ ވާހަކައެވެ. އަދި ވާރޭ ވެހެންފެށި ވާހަކައެވެ. ގެނެސްފައި ވަނީ ވިލާތަކާއި ވާރޭ ވެހުމާއި އިރާއި އިރުންލިބޭ އަލިކަމާއި ކަޅުވިލާތަކުން ބަނަވުމާއި އުޑުމަތި ސާފުވެ އަލިވާ ވާހަކައެވެ. އެހެންކަމުން ޖުމުލަތައް ތަރުތީބުކޮށްފައި ވަނީ ބިމުން ފެށިގެން މައްޗަށް ސިފަކޮށްދޭ ގޮތަށެވެ. އެންމެ ތިރިން ފަށައިގެން ވިލާތަކަށެވެ. ދެން އިރާއި އެ އިރުގެ އަލިކަމުގެ ވާހަކަ ގެނެސްފައިވެއެވެ.

ތިންވަނަ ޖުމުލަސެޓުގައި ވެސް ސިފަކުރުން ގެނެސްދީފައި ވަނީ ހަމަ އެބީދައިން ތިރިން ފެށިގެން މަތީގެ މަންޒަރުތަކެވެ. މި ޖުމުލަ ސެޓު ވެސް ފަށާފައިވަނީ ބިންމަތީގައި ހެދޭ ގަސްތަކަކުންނެވެ. ރާބެބުރިވެލެއްގެ ވާހަކައިންނެވެ. ފުރަތަމަ ޖުމުލައިގައިވާ މަތި ބަލާލެވުނު ވާހަކައަށްފަހު ދެވަނަ ޖުމުލައިގައި ވަނީ އުޑުމަތި ސިފަކޮށްދީފައެވެ. އަދި އެއަފަހު ޖެހިގެން އައި ޖުމުލައިން ސިފަކޮށްދެނީ މަތިން އުދުހެމުން އައި މާހޯރަ ޖޯޑެކެވެ. މިގޮތަށް ތިރިން މައްޗަށް ވަރަށް ރީތިކޮށް ތަރުތީބުން ސިފަކޮށްފައިވެއެވެ. މި ވެސް ސިފަކުރުންތައް ފުރިހަމަކުރުމަށް ލިޔުންތެރިޔާ ބޭނުންކޮށްފައިވާ ގޮތްތަކެކެވެ. އެގޮތަށް ވަކި ތަރުތީބަކުން ތިރިންމައްޗަށް އަތުރާލުމުން ކިޔާ މީހާގެ  ޚިޔާލުގައި ވަރަށް ރީތިކޮށް އެ މަންޒަރުތައް ކުރަހާލެވެއެވެ.

2 މަތިން ތިރިއަށް ސިފަކުރުން

ޖުމުލަ ސެޓް 4

1 ހުވަން ނަކަތުގެ ދުވަހެކެވެ.

2 އުދަރެހުގައި ކަފަވިލާ ބޯ، ވައިރޯޅި މަޑު ދިލަ ހޫނެއްވާ ދުވަހެކެވެ.

3 އިރުގެ ތޫނު ދަޅަތައް ރޫޖެހިފައިވާ ނޫ މަޙްމާގެ ސުފުރާއެއްކަހަލަ ކަނޑުގައި ތަރަތަރަލަމުން ދެއެވެ.

ޖުމުލަ ސެޓް 5

1 މީ ޞަފަރުމަހު 23 ވިލޭރޭ ކަމުން ހަނދު އަރާނީ ލައްކަ ދަންވީމައެވެ.

2 ނަމަވެސް ފިޔަޖަހާ ތަރިތަކުން އުޑުމަތި އަލިވެ އުޖާލާވެފައިވެއެވެ.

3 ދިމާ އިރުދޮށުން ވެއްޓެންފެށި ރޯޅިފަށް މަޑުމަޑުން ބާރުވަމުން އައިސް ރޭގެ ދެވަނަ ދަމަށް އެޅުނު އިރު ހެޔޮވަރަށް ވައިޖެހެންފަށައިފިއެވެ.

4 ދުވާލުގެ ހޫނުކަން ފިލައި ރޭގަނޑުގެ އަރާމު ފިނިކަން ދުނިޔެއަށް ވެރިވެއްޖެއެވެ.

5 ބޯޓު އޮޔާއި ވަޔާއި ބެހެމުންދެއެވެ.

6 މިރޭ ކަނޑަށް ޖެހިފައިވަނީ ވެސް ވަވޮއެވެ.

7 ކަނޑުމަތީގެ ބައެއް ތަންތަންކޮޅު އަނދިރީގެ ތެރެއިން ފާންވެ ހުދުކުލައިގައި ފެންނައިރު ހީވަނީ ދެންމެ ދެންމެ ބޯޓު ފަރަކަށް އަރައިދާނެހެންނެވެ.

ޖުމުލަ ސެޓް 6

1 ކެރިކަނޑައިގެން ނުގޮސް ވެހެމުންދެއެވެ.

2 މަގުގެ ބައެއް ހިސާބުގައި ފެންބޮޑުވެއްޖެއެވެ.

3 މަގުގައި ދުއްވާ އެއްޗެހި ވެސް މަދުވެއްޖެއެވެ.

4 ފިހާރަތައްވެސް ބަންދުކޮށްފިއެވެ. 

ޖުމުލަ ސެޓް 7

1 ހޯރައަޅަނީ އެކުއެކީގައެވެ.

2 ރުއްކަރަ މަތިންނެވެ. ބޮޑުނިކަގަހުގެ ވެސް މާމަތިންނެވެ.

3 ދަށްދަށުން އުދުހެމުންދާ ކާޅުތަކަށް މަލާމާތުގެ ލޮލަކުން ބަލަމުންނެވެ.

4 ތިރިން ފެންނަ އާރޯފެހިކަމާއި ދުރުން ދަޅަޖަހާ ކަނޑުފަޅުގެ ނޫކަން ދެކެމުންނެވެ.

ޖުމުލަސެޓް 8

1 ކޮޓަރިވަނީ ދިއްލާ އަޅާފައެވެ.

2 ފަންކާވެސްވަނީ ފުލްކޮށްލާފައެވެ.

3 ހީވަނީ ކޮޓަރިއަށް ބޮޑުރާޅެއް އަރާފައިވާ ހެންނެވެ.

4 ބޮޑު ނިދާއެނދުގެ މިލަފޭލި ވަނީ ގޮދަޑީގެ ދެފަރާތުންނާއި ފައިލާކޮޅުންކެހި ރޫޖެހި ކަށިއަރާފައެވެ.

5 ބާލިސްތައް ވަނީ ފުށްގުޅަތަކެއްހެން ވެށިފައެވެ.

6 އެއީ ނިދީގައި ފިސާރި ފުރޮޅިލާ އަންހެނެއްކަމުން އޭނާ ނިދައިފި ތަންމައްޗެކޭ ގޮވާންލާން ފަސްގަނޑުޖެހި ދަނޑެކޭ އެއްގޮތެވެ.

7 އޭނާގެ އެއްހާސްރުފިޔާގެ އެސްޖެހި ކަޅު ކަމަރާއި ވިހިބާވީސް ދާހެދުން ގަހެއްގެ ދޮށަށް ވެރިފައިހުރި ހިކިފަތްތަކެއް ހެން ދޫލަމައްޗަށް އުކާލެވިފައި ހުއްޓެވެ.

ޖުމުލަ ސެޓް 9

1 މަންމަގެ ރީތިކަންވަނީ ފިލާގޮސްފައެވެ.

2 ބޯވަނީ ހޭވިފައެވެ.

3 ލޮލާއި ކޯވަނީ ވަޅުވަދެފައެވެ.

4 ކޯކަށިގަނޑުހުރީ އުފުލި، ދިމާޔަށް ފެންނާށެވެ.

5 މޫނު ބިރުގަންނަހާ ހުދެވެ.

6 ގައިގެ މަސްތައް ވިރި ހަން ވަނީ ރޫޖެހި ކަށީގައި ތަތްވެފައެވެ.

7 އަސާރައެޅި ބިލަމަގެއްހެން ހިނދިފައެވެ.

ސިފަކޮށްދިނުމުގެ އިބާރާތްތައް ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު ޖުމުލަ ސެޓް 4، 5، 6، 7، 8، 9 ގައި އިބާރާތްތައް ތަރުތީބުކުރެވިފައިވަނީ މަތިން ފެށިގެން ސިފަކުރަމުން ތިރިއަށް އަންނަގޮތަށެވެ. މަތިން ތިރިއަށް ގެނެސްދީފައިވާ ގިނަ ޖުމުލަ ސެޓުން ސިފަކޮށްފައިވަނީ ޤުދުރަތީ މަންޒަރުތަކެވެ. ވިލާތަކާއި ޖައްވާއި ވަޔެވެ. އަދި ތިރިން ކަނޑާއި އެއްގަމެވެ. އަތިރިމަތީގެ ހިތްގައިމު ކަމާއި ސާފު ގޮނޑުދޮށްތަކެވެ. މިގޮތުން ސެޓު 4ގެ ފުރަތަމަ ޖުމުލައިގައި ވަނީ “ހުވަންނަކަތުގެ ދުވަހެއްކަމެވެ”. ނަކަތް ކިޔާ އުޅެނީ ތަރިތަކާ ގުޅުވައިގެންނެވެ. އަދި ދެވަނަ ޖުމުލައިގައިވަނީ ކަފަ ވިލާގެ ގޮތުގައި ވިލާތައް ސިފަކޮށްދީފައެވެ. ތިންވަނަ ޖުމުލައިގައި ވަނީ ކަނޑުގެ ވާހަކައެވެ. އެހެންކަމުން މި ސިފަކުރުން ގެނެސްފައިވަނީ މަތިން ތިރިއަށެވެ.

ޖުމުލަ ސެޓު 5 ގެ ފުރަތަމަ ޖުމުލައާއި ދެވަނަ ޖުމުލައިގައި ވަނީ ހަނދާއި ތަރިތަކުގެ ވާހަކައެވެ. ތިންވަނަ ޖުމުލައިގައި ވަނީ އެއަށްވުރެ ތިރިޔަށް އައިސް ވައިރޯޅީގެ ވާހަކަޔާއި ވައިބާރުވަމުން އައިސް ރޭ ދެބައިވީއިރު ޖައްވު އޮތްގޮތުގެ ވާހަކައެވެ. ހަތަރުވަނަ ޖުމުލައިގައި ވަނީ ރޭގަނޑުގެ ފިނިކަން ވެރިވި ވާހަކައެވެ. އެއަށްފަހު ފަސްވަނަ ޖުމުލައިގައި ދެން ސިފަކޮށްދީފައި ވަނީ ކަނޑުމަތީގައި ބޯޓު އޮޔާ ވަޔާ ބެހެމުންދާ ގޮތުގެ ވާހަކައެވެ. އެހެންކަމުން މަތިން ފެށިގެން ސިފަކުރަމުން އައިސް މި ޖުމުލައާއި ހަމައިން ކަނޑުމައްޗާ ހިސާބަށް ތިރިވީއެވެ. އެއަށްފަހު ހަވަނަ ޖުމުލައާއި ހަތްވަނަ ޖުމުލައިގައި ވަނީ ކަނޑުގެ އޮއި ހުރިގޮތުގެ ވާހަކައާއި އަނދިރީގެ ތެރެއިން ކަނޑު ފެންނަ ގޮތުގެ ވާހަކައެވެ. މިގޮތުން ކަނޑުގެ އޮޔާއި ކަނޑަށް އަލިއެޅުމުން ދުރުދުރުން ފެންނަ ގޮތްތައް ސިފަކޮށްފައިވެއެވެ. އެހެންކަމުން ޖުމުލަސެޓް 5 ގައިވާ ޖުމުލަތައް ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު ފެށިފައިވަނީ ހަނދާއި ތަރިތަކުގެ ވާހަކައިންނެވެ. އެއަށްފަހު ޖައްވުގެ ވައިހުރިގޮތާއި ޖައްވުގެ ފިނިކަން ގެނެސްދިނުމަށް ފަހު ދެން ގެނެސްފައި ވަނީ ކަނޑުމަތީގެ ވާހަކައެވެ. އެއަށްފަހު ނިންމާލާފައި ވަނީ ކަނޑުގެ ވާހަކައިންނެވެ. އެހެންކަމުން މި އިބާރާތްތައް ތަރުތީބުކުރެވިފައި މިވަނީ މަތިންފެށިގެން ތިރިއަށް ސިފަކުރަމުން އަންނަ ބީދައަކުންނެވެ.

ޖުމުލަ ސެޓު 6ގެ ފުރަތަމަ ޖުމުލާގައި ވާރޭވެހޭވާހަކަ ގެނެސްދިނުމަށްފަހު ދެން އޮތީ ބިމުގައި ފެން ބޮޑުވި ވާހަކައާއި ދުއްވާއެއްޗެއްސާއި ފިހާރަތަކުގެ ވާހަކައެވެ. އެހެންކަމުން މި ސެޓުގެ ފުރަތަމަ ޖުމުލައަށްފަހު ދެން ވަނީ ބިން ސިފަކޮށްދީފައެވެ. ޖުމުލަ ސެޓު 7 ގެ ފުރަތަމަ ޖުމުލައިގައި ވަނީ ހޯރަތަކެއް މަތިން ހޯރައަޅަމުންދާ މަންޒަރު ސިފަކޮށްދީފައެވެ. އެއަށްފަހު ދެވަނަ ޖުމުލައިގައި ވަނީ އެއަށްވުރެ ތިރި ސިފަކޮށްދީފައެވެ. އެއީ ރުއްކަރަ މައްޗާއި ބޮޑު ނިކަގަހުގެ މަތިން ދާ ވާހަކައެވެ. އެއަށްފަހު ތިންވަނަ ޖުމުލައިގައި ވަނީ ހޯރަތަކަށް ވުރެ ތިރިން އުދުހެވޭ ކާޅުތަކުގެ ވާހަކައެވެ. ހަތަރުވަނަ ޖުމުލައިގައި ވަނީ ތިރިން ފެންނަ އާރޯ ފެހިކަމާއި ކަނޑުގެ ނޫކަން ފެންނަ ވާހަކައެވެ. އެހެންކަމުން ޖުމުލަ ސެޓް 7ގެ ޖުމުލަތައް ވެސް ސިފަކުރުމުގައި ތަރުތީބު ކުރެވިފައި ވަނީ މަތިން ތިރިއަށްވާ ގޮތަށެވެ.  

ޖުމުލަ ސެޓު 8 ގައިވާ ޖުމުލަތައް ތަރުތީބު ކުރެވިފައިވާ ގޮތަށް ބަލާއިރު ފެންނަނީ ކޮޓަރިއެއްގެ އެތެރެ ސިފަކޮށްދިނުމުގައި ޖުމުލަތައް މަތިން ތިރިއަށް ވާގޮތަށް  ތަރުތީބުކުރެވިފައިވާ ތަނެވެ. ފުރަތަމަ ޖުމުލައާއި ދެވަނަ ޖުމުލައިގައި ވަނީ ސީލިންގައި ހުރި ބޮކިތަކާއި ފަންކާތަކުގެ ވާހަކައެވެ. އެއަށްފަހު ޖުމުލަ 3، 4، 5 ގައި ވަނީ ނިދާ އެނދާއި އެނދުގެ ބާލީސްތައް ހުރިގޮތް ސިފަކޮށްދީފައެވެ. އެއަށްފަހު ޖުމުލަ 6، 7 ގައި ވަނީ ދޫލަމައްޗަށް އަޅާފައި ހުރި އަންނައުނު ތަކުގެ ވާހަކައެވެ.  އެހެންކަމުން ޖުމުލަސެޓް 8 ގައި ވެސް ޖުމުލަތައް ތަރުތީބުކުރެވިފައި މި ވަނީ ކޮޓަރިތެރެ އޮތްގޮތް މަތިން ފެށިގެން ތިރިއަށް ވާގޮތަށް ސިފަކޮށްދީގެންނެވެ.  

މަތިން ތިރިއަށް ހުރި އެހެން ޖުމުލަ ސެޓުތަކާއި ކުޑަކޮށް ތަފާތުކޮށް ޖުމުލަ ސެޓު 9 ގައި ވަނީ މީހަކު ސިފަކޮށްދީފައެވެ. މި ސިފަކުރުން ތަރުތީބު ކުރެވިފައި ވަނީ މޫނުން ފެށިގެން ހަށިގަނޑަށް ނިންމާފައެވެ. އެންމެ ފުރަތަމަ ބޮލުގެ ވާހަކައެވެ. އެއަށްފަހު ލޮލާއި ކޯ ހުރި ގޮތުގެ ވާހަކައެވެ. އޭގެ ފަހުން ގެނެސްފައި ވަނީ ކޯކަށިގަނޑު ހުރިގޮތުގެ ވާހަކައާއި މުޅި މޫނު ހުރި ގޮތުގެ ވާހަކައެވެ. އެންމެ ފަހުން ހާމަކޮށްފައިވަނީ ގައިގެ މަސްތައް ވިރި ހަންގަނޑު ރޫޖެހިފައިވާ ގޮތުގެ ވާހަކައެވެ. އެހެންކަމުން ޖުމުލަ ސެޓް 4، 5، 6، 7، 8، 9 ގައި ވެސް ސިފަކުރުމުގެ ޖުމުލަތައް ތަރުތީބުކުރެވިފައި ވަނީ މަތިން ފެށިގެން ތިރިއަށް ވާގޮތަށެވެ.

3 ކައިރިން ދުރަށް ސިފަކުރުން

ޖުމުލަ ސެޓް 10

1 ބުރުލުފަޅުގެ އަމާންކަމުގެ ތެރޭގައި ދޯނި މަޑުމަޑުން ހެއްލޭ އުނދޯއްޔެއްހެން އެއްބޯސަލަށް ވަޔާ ދެއަތަށް ހެލިލަހެލިލާ އޮތެވެ.

2 ކުދި ރާޅުތައް ދޯނީގެ ކަންކަށީގައި ނާނާކިޔަމުންދެއެވެ.

3 ހަނދު ނެތަސް ވިދާ ބަބުޅާ ތަރިތަކުން އުޑުމަތި އަލިވެފައިވެއެވެ.

4 ފުރަމެންދަމުގެ އަނދިރިކަމުގެ ތެރެއިން ގާފަރުގެ މޭގަ ނާމާންގޮތަކަށް ދައްކާލައެވެ.

ޖުމުލަ ސެޓް 11

1 އެރޭ ކުރުނބާއޮތީ ދިއްލާއަޅާފައެވެ.

2 އިމާރާތްތަކުގެ އިތުރަށް ރުއްތަކުގެ ކުރިއާއި ގަސްތަކުގެ ގޮފިތަކަށް ދަންދެން ވަނީ ކުލަބޮކިތަކުން ފުރާފައެވެ. އެންމެންގެ މޫނުތަކުގައިވަނީ ހިނިތުންވުމެވެ.

3 އެންމެންތިބީ ވަރުގެ ކޮޅަށް ނަލަހެދި އީދުހެދުން އަޅާފައެވެ.

4 މުއްސަނދިންގެ އަނބިންގެ ކަންފަތްތަކާއި ކަރުތަކާއި އަތުކުރިތަކުގައި ރަންރިހި ޖަވާހިރުގެ ގަހަނާތައް ވިދާ ބަބުޅަމުންދެއެވެ.

ޖުމުލަ ސެޓް 12

1 އާދުވަހަކަށް ދުނިޔެ ހިންދެމިލީތީއެވެ. ކާޅުތައް އުދުހޭތީއެވެ.

2 ކޮވެލިތައް ގޮވާތީއެވެ.

3 ތަފާތު އަޑުތަކާއި ވަސްތަކުން ވަލުތެރެއަށް ދިރުން ލިބިފައިވާތީއެވެ.

4 ކުޅަނދުރުތަކާއި ކޮކާތަކާއި ނަންވެސް ނުދަންނަ އެތަކެއް ކުދި ސޫފި ތުނޑިމައްޗާ ދިމާއިން ހޭޅިފަށުގައި މަލަކާއިޖެހި މާފޮޅިފައިވާ ވައިލެޓްކުލައިގެ ދޫލައެއްފަދަ ފެހަނޑަވެލެއްތެރޭ އެނބުރޭތީއެވެ.

5 ކަށްޓަފުޅިތަކާއި ކޮރަކަލިތައް ދުވާ، އިރުގެ ދަޅަތަކުން ވިދާ ފަޅު، އަތޮޅު ދުނިކޮޅާ ހަމައަށް ދެމިފައިވާތީއެވެ.

6 ފަރުދަށުގައި ވަދުދަމާ ކުދި ދޯނިތަކެވެ.

ޖުމުލަ ސެޓް 13

1 ތޫނުފިލި ބުރެކި ދެލޯފުޅު ވިދަމުންދިޔައީ އަތްވަށް ދަރާލި އެހެއް ފަދައިންނެވެ.

2 ހަނދޭގިރިން އޮންނެވީ އަމިއްލަ ގޭގައި ދުންފޮދު ހިއްޕަވާށެވެ.

3 ސަރަންފީގެ އަތްގަނޑަށް ފައިންޕުޅު ނަންގަވައިގެންނެވެ.

4 ބިނާ ޓުކުރި ނޮޅި އޮތީ އަތްޕުޅުގައެވެ.

5 އެއް ނަމްބަރު ގުޑާކުގެ މީރުވަހާއި ރަހަ އޭނާގެ ހަށިކޮޅަށް ފަސޭހަކަން ދީ ފިކުރުތައް އެއްކިބާކުރިއެވެ.

6 އުތުރުދޮރުން ވަދެގެން އަންނަ ރޯޅި ގެނެސްދެނީ ރަށުތެރޭގެ އަޑުބަޑެވެ.

7 މަގުމަތީގައި ގެރިބަކަރި ނުބައިގޮތަކަށް ހޭރެނީ ތެޔޮޅުވާޅު ކުދިން އޮއްގާ އުކާތީ ތޯއްޗެކެވެ.

8 “ތުކި” ގޮވިއަޑެއް އިވުނެވެ.

9 މަންޑިފޯލި ޖަހާއަޑާއި ފޯލި ހިފުމުން ނުވަތަ ކަނޑުބޭރުނުވެ ނުބައިވުމުން ފޯރީގައި ހަޅޭއްލަވައިގަންނަ އަޑެއް ވެސް ދޭތެރެދޭތެރެއިން އިވެއެވެ.

ޖުމުލަ ސެޓް 14

1 ރުއްގަހާގެހި ވަނީ އޮއްސެންދާ އިރުގެ ދޯދިތަކުން ރަންވެފައެވެ.

2 ކާޅުތައް ފޫހިގޮތަކަށް ގޮވަމުންދެއެވެ.

3 ވަދުވެރިން ފޫގަޅައިގެން ރިހިފަތްގަނޑެއްހެން ވިދާ ކަންނެލިތަކާއި ކަޅުބިލަމަސްތައް ދެއަތުން ހިފައިގެން ގޭދޮށަށް ދަނީއެވެ.

4 ދަނޑުވެރިން އަރުވާޖަހާލައިގެން ގެޔަށް އަންނަނީއެވެ.

ޖުމުލަ ސެޓް 15

1 ވަރަށް ރީތި ދެބުރި ގެއެކެވެ.

2 ދޮރުތައް ހުރީ ހުޅުވާ އަޅާފައެވެ.

3 ގޭގެ ކުރިމަތީގައިވަނީ މާބަގީޗާއެކެވެ.

4 ފަހަތުން ފެންނަނީ ވަޔާ ލެނގިލާ ރުއްދަނޑެކެވެ.

ޖުމުލަ ސެޓް 16

1 އަހަރެން އިންތަނަށް ވެސް ދުވަހުގެ ގަދަ އަވިން ފެންވެރުވިފައިވާ ރަންވޭގެ ބައެއް ފެނެއެވެ.

2 އަދި ދުރުން ވަޔާ ލެނގިލާ ރުއްތައް މަތިން ދެ ކަފަ ވިލާކޮޅު ދޭތެރެއިން ނޫ އުޑު ވެސް ފެނެއެވެ.

3 ދާދި ދެންމެއަކު ޖެއްސި ބޯޓަކުން ފަސިންޖަރުން ފައިބަނީއެވެ.

4 ދެވަނަ ބޯޓެއް ފަސިންޖަރުންގެ އިންތިޒާރުގައި އޮތެވެ.

ޖުމުލަ ސެޓް 17

1 އެކުދިންނެކޭ އެއްފަދައިން ގޯތިތެރެއަށް ޖަމާވެފައިވާ އެންމެންގެ މޫނުތައް ފަނޑުވެފައިވަނީ ހިތާމަޔާއި މޮޅިންނެވެ.

2 އަނގައިން ބުނެލާ އަޑު އިވެނީ ވެސް މަދުންނެވެ.

3 ކޮތަރިވިލާޖެހި އުޑުގައި ހުއްޓިފައި ހުރި ހަނދާއި ވައިރޯޅިއެއްނުވާ ދުނިޔޭގައި ސުކޫތުގައި ހުރި ގަސްތައްވެސް މި އާއިލާގެ ހިތާމައިގައި ބައިވެރިވާކަހަލައެވެ.

ޖުމުލަ ސެޓް 10، 11، 12، 13، 14، 15، 16، 17 ގައި ވެސް ސިފަކުރުމުގެ ޖުމުލަތައް ތަރުތީބުކުރެވިފައި ވަނީ ކައިރިން ފަށައިގެން ދުރަށް ވާގޮތަށެވެ. ޖުމުލަ ސެޓު 10 ގެ ފުރަތަމަ ޖުމުލައިން ސިފަވެގެން ދަނީ ބުރުލުފަޅު އޮތްގޮތާއި ފަޅުގައި ދޯނި އޮތްއިރު އެއަށް އަންނަ ހަރަކާތްތަކުގެ ވާހަކައެވެ. ދެވަނަ ޖުމުލައިން ސިފަކޮށްދީފައި ވަނީ  ދޯނީގެ ކަންކަށްޓަށް  ރާޅުޖަހާ ވާހަކައެވެ. ތިންވަނަ ޖުމުލައާއި ހަތަރުވަނަ ޖުމުލައިގައި ވަނީ ޖައްވާއި އުޑުމަތި އޮތްގޮތުގެ ވާހަކައެވެ. އަދި ގާފަރުގެ މޭގަ ދުރުން ފެންނަ ގޮތުގެ ވާހަކައެވެ. އެހެންކަމުން ޖުމުލަ ސެޓް 10 ގައި މި ވަނީ ފަޅުތެރެ އޮތްގޮތާއި   ފަޅުގައި އޮތް ދޯންޏަށް އަންނަ ހަރަކާތްތަކާއި އެ ދޯނީގެ ކަންކަށީގައި މަޑުމަޑުން ބީއްސަމުން ގެންދާ ރާޅުތަކުން ފެށިގެން ގޮސް، އެއަށްވުރެ ދުރަށް ހަމަލޮލަށް އޮބާ ހިސާބުން ގާފަރުގެ މޭގަ ފެންނަގޮތް ގެނެސްދީފައެވެ. ޖުމުލަ ސެޓް 10 ގެ ޖުމުލަތައް ތަރުތީބު ކުރެވިފައި ވަނީ ކައިރިން ސިފަކުރަމުން ދުރަށްދާ ގޮތަށެވެ.

                                                                                                                 

11 ވަނަ ޖުމުލަ ސެޓަށް ބަލާއިރު ރަށް ދިއްލާފައި އޮތްގޮތް ގެނެސްދީފައި ވަނީ ކިޔައިދޭ މީހާގެ އެންމެ ކައިރިންނެވެ. އެއާއެކު ދުރަށް އިމާރާތްތަކާއި އެ ރަށަށް ގޮސް ތިބި މީހުން ސިފަކޮށްދީފައި ވެއެވެ. ޖުމުލަ ސެޓު 12 ގައި ވަނީ ރާއްޖެތެރޭގެ ރަށަކުން ދުވަހެއްގެ ފުރަތަމަ ދަމުގައި ހިނގާނެ ކަންތައްތަކެއް ސިފަކޮށްދީފައެވެ. ފުރަތަމަ ޖުމުލައިގައި ވަނީ ރަށުތެރޭގައި އުދުހިއުޅޭ ކާޅުތަކުގެ ވާހަކައެވެ. ދެވަނަ ޖުމުލައިގައި ވަނީ  ކާޅަށްވުރެ މަދުން ފެންނަ  ކޮވެއްޔެވެ. އެއަށްފަހު ތިންވަނަ ޖުމުލައިގައި ގެނެސްފައި ވަނީ މީހުން އުޅޭ ސަރަހައްދާ ދުރު ވަލުތެރޭގެ އަޑުތަކާއި ވަހުގެ ވާހަކައެވެ. ހަތަރުވަނަ ޖުމުލައިގައި ވަނީ ތުނޑިއާއި ދިމާލުން ހޭޅިފަށުގައި ހެދިފައިވާ ފެހަނޑަވެލާއި ވަލުތެރޭގައި އުދުހިއުޅޭ ކުދި ސޫފިތަކުގެ ވާހަކައެވެ. އެއަށްފަހު ފަސްވަނަ ޖުމުލައިގައި ވަނީ ފަޅުތެރެ އޮތްގޮތާއި ފަޅުތެރޭގައި އުޅޭ އެކި މަސްތަކުގެ ވާހަކައާއި އަތޮޅު ދުނިކޮޅާ ހަމައަށް ފަޅު ދެމިފައިވާ ވާހަކައެވެ. ހަވަނަ ޖުމުލައިގައި ވަނީ ރަށުގެ ފަރުދަށުން ފެންނަ ވަދުދަމާ ދޯނިތަކުގެ ވާހަކައެވެ.

ޖުމުލަ ސެޓު 13 ގައިވާ ފުރަތަމަ ފަސް ޖުމުލަ ވަނީ ކައިރިން ގެނެސްދީފައެވެ. އެއީ ހަނދޭގިރިން އޮތް ގޮތާއި އޮތްތަނާއި ކައިރީގައި ހުރި ތަކެއްޗާއެވެ. އެއަށްފަހު ހަވަނަ ޖުމުލައިން ވަނީ ދުރަށް އަނބުރާލާފައެވެ. އެއީ ފަސްވަނަ ޖުމުލާގައިވާ ” ވައިރޯޅި ގެނެސްދެނީ  ރަށުތެރޭގެ އަޑެވެ” މި އިބާރާތުންނެވެ. ހަމައެހެންމެ ޖުމުލަސެޓު 14 ގައި ވަނީ ކައިރިން ރަށުތެރޭގެ މަންޒަރުތަކެވެ. ފުރަތަމަ ޖުމުލާގައި ވަނީ ރުއް ގަސް ސިފަކޮށްދީފައެވެ. އެއަށްފަހު ކާޅުތަކާއި ރަށުގެ އަތިރިމަތީގައި އުޅޭ މަސްވެރިންނެވެ.  15 ވަނަ ޖުމުލަ ސެޓަށް ބަލާއިރު ކައިރިން ގެނެސްދީފައިވަނީ ވަރަށް ރީތި ދެބުރި ގެއެއްގެ ވާހަކައެވެ. ހަމައެހެންމެ ދެވަނަ ޖުމުލައާއި ތިންވަނަ ޖުމުލައިން ސިފަކޮށްދެނީ ގޭގެ ދޮރުތައްހުރި ގޮތާއި ގޭގެ ކުރިމަތި އޮތްގޮތެވެ. ނަމަވެސް ހަތަރުވަނަ ޖުމުލާގައި ވަނީ ގޭގެ ފުރަގަހުން ފެންނަގޮތް ސިފަކޮށްދީފައެވެ. އެއާއެކު ފަހު ޖުމުލާގައި ވަނީ އެއަށްވުރެ ދުރަށް ގޮސް މަތިން ފެންނަ ދޫނިތަކުގެ ވާހަކައެވެ. އެހެންކަމުން މި ޖުމުލަ ސެޓުގައި ވަނީ ކައިރިން ދުރަށް ވަރަށް ރީއްޗަށް ތަރުތީބަކުން ގެނެސްދީފައެވެ. 16 ވަނަ ސެޓުގައިވާ ސިފަކުރުމަށް ބަލާއިރު ފުރަތަމަ ޖުމުލާގައި ވަނީ އެތަނަށް ރަންވޭ ފެންނަކަމަށް ބުނެފައެވެ. ދެވަނަ ޖުމުލާގައި ވަނީ އެއަށްވުރެ ދުރުން ފެންނަ ރުއްތަކާއި އެދިމާ މަތިން ފެންނަ ނޫ އުޑު ސިފަކޮށްދީފައެވެ. އަދި ދުރުން ފެންނަ ބޯޓުތަކުގެ ވާހަކަތައް ގެނެސްދީފައިވެއެވެ. މި ސެޓުން ވެސް ކައިރިން ފެށިގެން ދުރަށް ފެންނަގޮތް ކިޔައިދޭގޮތަށް ސިފަކޮށްދީފައިވެއެވެ. 17 ވަނަ ސެޓުގައި ވަނީ ގިނަބަޔަކު އެއްވެފައިވާ ތަނެއް ސިފަކޮށްދީފައެވެ. ތަނުގެ ހަމަހިމޭންކަމާއި މީހުންގެ ބަސްމަދުކަމުގެ ވާހަކައެވެ. ތިންވަނަ ޖުމުލާގައި ވަނީ ދުރަށް ގޮސް ވައިރޯޅިޔެއް ނުވާ ވާހަކައާއި ހަނދާއެކު ގަސްގަހާގެހީގެ ހިމޭންކަމުގެ ވާހަކައެވެ.  އެހެންކަމުން މި ޖުމުލަސެޓުތަކުގައި ސިފަކުރުން ގެނެސްދީފައިވަނީ ކައިރިން ދުރަށެވެ. ކޮންމެ ސެޓަކަށް ނަޒަރުހިންގާލާއިރު ވެސް ޖުމުލަތައް އަތުރާފައިވާ ތަރުތީބުން އަންގައިދެނީ ކައިރިން ކިޔައިދެމުން ދުރަށް ސިފަކޮށްފައި ހުރިކަމެވެ. އެކި ސެޓުގައި ތަފާތު ތަންތަނާއި މަންޒަރު ގެނެސްދީފައި ވަނީ ވަކި ތަރުތީބަކުން ކައިރިން ދުރަށްދާގޮތަށެވެ.

4 ދުރުން ކައިރިއަށް

ޖުމުލަ ސެޓް 18

1 ކަފަވިލާ ޖެހި އުޑުގައި ދަމަކަށް އިރުއަރާފައި ހުރިއިރު ނޫކަނޑާއި ދޮންފަޅު ހީރާގެ ދޫލައެއްހެން ވިދާ ބަނބުޅަމުންދެއެވެ. 

2 ރަށާ ދާދި ކައިރީގައި ފުއްޓަރުފަރާތުގައި އަތޮޅު ހަމަފޮޅުގައި މަސްވެރިންނާއި ވަދުވެރިން ކުރަނގިއެޅި މަސްއައިންތަކަށް އެރުމަށް ކޮޅުކޮޅަށް ދުއްވަމުންދެއެވެ. 

3 އިރުއުތުރުން ޖެހޭ ނަލަ ރޯޅީގައި އަތިރިމަތީގެ އެއްހާސް ރުއް މަރްޙަބާގެ ނެށުމުން ނަށަމުންދެއެވެ.

4 ރުއްފާތަކުގެ ފިނި ހާނާޅާ ހިޔަލުގައި އެ ހުދު ފޮށައެއް ކަހަލަ އަތިރިމަތީގައި އަންހެނުންނާއި ކުޑަކުދިންނާއި މަސައްކަތްތެރިން ކޯޅިކޯޅިއަށް އެއްވެފައި ތިއްބެވެ.

ޖުމުލަ ސެޓް 19

1 އެ ސަރާސަރު ދިގު މަގުގެ އެއްފަރާތުގައި ވަނީ ބޯވަލެވެ.

2 އަތިރިމައްޗާވީ ފަޅީގައި ހޭޅީގެ މަގަތުގައި ބޯ ތޮނަދަނޑެވެ.

3 ހޭޅިމަތީގެ މިދިލިގަސްތަކުގައި ކަނަތައް ދޮންވެގެން ފައިބަނީއެވެ.

ޖުމުލަ ސެޓް 20

1 އަށާރަވިލޭރޭގެ ހަނދު ވިލާރޮއްޖެއް ނެތް އުޑުގައި ރަނިކަންކުރާއިރު ހުދުފޮނުން ހުޅިޖެހި ރާޅުބައިގެ ބޭރުން ގާދޫކޯ ހީވަނީ ވިރިކެކޭ ތިމަރައެއްޗެއް ހެންނެވެ.

2 ހުޅުލެ ވެސް ވަނީ ނިދާފައެވެ.

3 އިވޭހާ ވެސް އަޑަކީ ރާޅުތަކުގެ ބޫން އަޑެވެ.

ޖުމުލަ ސެޓް 21

1 ފަތިހު ހާ ގޮވަނީއެވެ. އެތައް ލައްކަ ތަރި ފަނޑުކުރަމުން ފަޖުރުތަރި ފާޅުވެއްޖެއެވެ.

2 އިރުމަތިފަރާތު އުދަރެސް ދޮންކުރަނީއެވެ.

3 ފެންމަތި ކަޅު ކަނޑު ހުރަސްކޮށް ދުރުންނާއި ކައިރިން ރަށްތައް ސިފަވަނީ އެހެންދުނިޔެއެއްގެ މަންޒަރެއް ހެންނެވެ.

4 ފުރަން ނިކުތް މީހުންނާއި ފުރުވަން ނިކުތް މީހުން އަދިވެސް ދަނީ އޮޑިވަޅަށް، ވަޔާ ލަވަކިޔާ ރުއްފާ ކުރިމައްޗަށް ޖަމާވަމުންނެވެ.

5 އެއްވެފައިވާ މީހުންގެ މަސްހުނި އަޑުތަކުގެ މައްޗަށް ހުރީ ރާޅުތަކުގެ ފޯރިގަދަ ވާހްވާހްގެ އަޑެވެ.

6 ހަލަބޮލި ފަޅުން މާސިންގާ ހުދުފޮށައެއް ކަހަލަ ވެލިފަށަށް ބިތްކުރާ ރާޅުތަކެވެ.

ޖުމުލަ ސެޓް 22

1 އާ ދުވަހަކަށް ފެނުންތޮޅިލީ އިރުގެ ދޯދިތައް، ގެފައްޗާ އެޅި ނިވާވެފައިވާ ބަދިގެފަތީގެ ފުރަގަހުން އަތިރިމަތީގެ ރުއްތަކުގެ ކުރިން ފާއްދާލީ، ހާނީ ކޮޓަރިއަށް ވަދެގެން އަންނަނިކޮށްނެވެ.

2 އޭނާގެ ކަޅި ހުއްޓިފައި ވަނީ އަތުގައިވާ ތަބައްމަތީގައި ހުރި ހޫނު ކިރުކޮފީތަށްޓަކަށް ނޫނެވެ.

3 އެނދުމަތީގައި އަރާމުގައި ނިދާފައި އޮތް އޭނާގެ ޒުވާން ފިރިމީހާއަށެވެ.

ޖުމުލަ ސެޓް 23

1 ހުޅަނގުއަވަށު އަންހެނުންގެ ނަމާދުގެ ފަސްދީ ރަށްދެބައިމަގުން ދެކުނަށް ބަނބުކެޔޮގަސްތަކުގެ ހިޔަލުން ހިނގަމުން ގޮސް މަދަރުސާގެ ބޮޑު ދޮރޯށިން ވަންއިރު މަދަރުސާގެ އިމާރާތްތައް ވަނީ ފަޅުވެފައެވެ.

2 އަޑުބަޑުކެނޑި މުޅިން ހަމަހިމޭންވެފައެވެ.

3 އިވޭހާ ވެސް އަޑަކީ ބޯމަތިން ކާޅެއް ގޮވާލި އަޑާއި ވައިރޯޅި ދުރުން ގެނެސްދިން ރަށުތެރޭގެ ހާ އަޑުތަކެވެ.

ޖުމުލަ ސެޓް 24

1 ތަންކޮޅެއް ދުރުން ވަލުތެރެއިން ކުނބޯއްޔެއް ގޮވާ އަޑުއިވެއެވެ.

2 އެކަނިވެރިއަޑެކެވެ. ރިހުންހުރި އަޑެކެވެ. ރީތިއަޑެކެވެ.

3 ޖެހެމުންދާ އިރުދޮށުވައި ގެނެސްދެނީ ފުއްޓަރަށް ރާޅު ބޫންލާ އަޑެވެ.

4 ލޮނުވެލީގެ ވަހާ އެކުވެފައިވާ ތާޒާ ފަތްޕިލާވެލީގެ ވަހެވެ.

ޖުމުލަ ސެޓް 25

1 މާކަނޑުން ތޮޅިލަމުން ރާޅުގަނޑުމަތިން ފައްސިޔަކޮށްލާ ފުޅަނގިތައް ވަރުހުސްވެގެން ވެއްޓެނީ އެހެންޏާ ކަނޑުތޮށިމައްޗަށެވެ.

2 އެހެންޏާ ފަޅުތެރެއަށެވެ. ފަޅުތެރެއިން ގޮނޑުދޮށަށެވެ.

3 ރިހިފަތްގަނޑެއް ހެން ވިދަމުންނެވެ.

4 ފުޅަނގިއަރަނީ ވަކިވަކިންނެވެ. ފުލުފުލުންނެވެ. ބައިބަޔަށް ވެސް މެއެވެ.

ޖުމުލަ ސެޓް 26

1 މީސްތަކުންނެކޭ އެއްފަދައިން މޫސުން ވެސް އަހަރެންގެ މައްޗަށް ލެނބިފައިވަނީ ތޯއްޗެކެވެ.

2 ހަޅަޖެހި ދުވަހެއްގެ ވައިގަނޑު ދަމާލައިފައި ވަނީ ހިތްގައިމު ރެއަކަށެވެ.

3 ސޯޅަވިލޭރޭގެ ހަނދު ރަށްމަތިން ދައްކާލިއެވެ.

4 ތަސްވީރު ބަލާލާނީ ތަސްވީރު ބުނާހެންނެވެ. 

ޖުމުލަ ސެޓް 27

1 ހުޅަނގުފަރާތު އުޑުމަތީގައި ރަތްވިލާގެ ރީތި ކުރެހުންތައް އެތުރިފައިވެއެވެ.

2 ގާދޫކޮލުގެ އަނެއް ފަރާތުގައި ހުޅުލެ ކައިވެންޏަކަށް ހުޅުދާންކޮށްފައި އޮތް ގަނޑުވަރެއްހެން ހަނާއަޅަމުންދެއެވެ.

ޖުމުލަސެޓު 18 – 27 އަށް ވެސް ސިފަކޮށްފައި ވަނީ ދުރުން ކައިރިއަށެވެ. ޖުމުލަސެޓު 18 އަށް ބަލާއިރު ފުރަތަމަ ޖުމުލާގައި ގެނެސްފައި ވަނީ އެންމެ ފުރަތަމަ އުޑުމަތިން ފެށިގެން، މާކަނޑާއި ފަޅުން ފެށިގެން ފުއްޓަރު ފަރާތުން އަތިރިމައްޗަށެވެ. އެހެންކަމުން މި ސިފަކުރުން ގެނެސްފައި ވަނީ ދުރުން ކައިރިއަށެވެ. ޖުމުލަސެޓު 19 ގައި ސިފަކުރަން ފަށާފައިވަނީ ބޯ ވަލުން ފެށިގެން އަތިރިމަތީގައިވާ ތޮނަދަނޑުތަކާއި އެތާނގައިވާ މިދިލިގަސްތަކުން ފައިބާފައި ހުރި ކަނަތަކާއެކު ގެނެސްދީފައިވާ ގޮތުން އެވަގުތު އަތިރިމަތި އޮތްގޮތް ސިފަވެއެވެ. ވަލުތެރެއިން ފެށިގެން ގެނެސްފައި ވާތީ ދުރުން ފެށިގެން ކައިރިއަށް މަންޒަރު ސިފަކޮށްދީފައިވެއެވެ. ޖުމުލަސެޓު 20 ގައި ގެނެސްދީފައިވާ ސިފަކުރުމަށް ބަލާއިރު އުޑުމަތީގެ ރީތިކަމުގެ ވާހަކަ ސިފަކުރުމަށްފަހު ދެން ގެނެސްފައިވަނީ  “ގާދޫކޯ” ދުރުން ފެންނަގޮތެވެ. އެއަށްފަހު ހުޅުލެ ރޭގަނޑު އަނދިރީގައި ފެންނަގޮތާއި، ކައިރިން އަތިރިމަތިން އިވޭ ރާޅުގެ އަޑު ގެނެސްފައިވެއެވެ.  އެހެންކަމުން މި ސިފަކުރުންތައް ތަރުތީބުކުރެވިފައި މިވަނީ ދުރުން ފެށިގެން ސިފަކޮށްދެމުން ކައިރިއަށް އަންނަ ބީދައަކުންނެވެ.

ޖުމުލަސެޓު 21 ގައިވާ ފުރަތަމަ ޖުމުލަ ފަށާފައި ވަނީ ދުރުން އިވޭ ހާގޮވާ އަޑުގެ ވާހަކައިންނެވެ. އެއަށްފަހު ދުރުން ފެންނަ އުދަރެހުން ފެށިގެން އަތިރިމަތީގެ ރުއްދަނޑުތަކާއި އޮޑިވަޅާއި އެތަނަށް މީހުން ޖަމާވަމުންދާ ވާހަކަ ގެނެސްދީފައި ވަނީ ދުރުން ކައިރިއަށް ތަރުތީބުންނެވެ. ޖުމުލަސެޓު 22 ގައި ވަނީ އިރުއަރައިގެން އައިސް އިރުގެ ދޯދިތައް ސިފަކޮށްދެމުން ކައިރިކުރަމުން ގޮސް ގޭތެރެއިން ކޮޓަރީގެ އެތެރެއާއެކުގައެވެ. ވަރަށް ރީތިކޮށް ކުނބޯލީގެ އަޑު ހުރިގޮތް ސިފަކޮށްދީފައެވެ. އެއާއެކު ތިންވަނަ ޖުމުލައާއި ހަތަރުވަނަ ޖުމުލާގައި ވަނީ ވަޔާއެކު ދުރުން އިވޭ ރާޅުގެ އަޑާއި ވަލުތެރޭގެ ގަސްގަހުގެ ވަސް ގެނެސްދޭވާހަކަ ކަމަށްވާތީ ދުރުން ކައިރިޔަށް ސިފަވެއެވެ.

ޖުމުލަސެޓު 23 އަށް ބަލާއިރު ގެއިން މަދަރުސާއާއި ދިމާއަށް ހިނގަމުންދިޔަ މަގުތައް ސިފަކޮށްދެމުން މަދަރުސާގެ އެތެރެއާއި އެ މާހައުލު އޮތް ގޮތް ކިޔައިދީފައިވެއެވެ. 24 ވަނަ ޖުމުލަ ސެޓުގެ ފުރަތަމަ ޖުމުލައިން ވެސް ދުރު ސިފަކޮށްދީފައިވާކަން އެނގެއެވެ. އެއީ އެ ޖުމުލާގައިވާ ” ތަންކޮޅެއް ދުރުން ވަލުތެރެއިން ކުނބޯއްޔެއް ގޮވާ އަޑުއިވެއެ” މި އިބާރާތުންނެވެ. އެއަށްފަހު ގެނެސްފައި ވަނީ ފުއްޓަރަށް ރާޅުޖަހާ އަޑި އިވޭވާހަކައެވެ. ދެން އެއަށްވުރެ ކައިރިން ގެނެސްފައި ވަނީ ލޮނުވެލީގެ ވަހާއި އެކުވެފައިވާ ތާޒާ ފަތްޕިލާވެލީގެ ވަސް ދުވާވާހަކައެވެ.

25 ވަނަ ޖުމުލަސެޓުން ސިފަކޮށްދެނީ މާކަނޑުން އަންނަ ފުޅަނގިތަކެވެ. މި ސެޓުގެ ދެވަނަ ޖުމުލާގައި ވަނީ އެސޮރުމެން އައިސް ތިރިކުރާ ހިސާބު ހާމަކޮށްދީފައެވެ. އެއީ “އެހެންޏާ ފަޅުތެރެއަށެވެ. ފަޅުތެރެއިން ގޮނޑުދޮށަށެވެ” އެހެންކަމުން މި ސެޓުގައިވާ ޖުމުލަތަކުން ދުރުން ކައިރިއަށް ގެނެސްފައިވެއެވެ.  ތިންވަނަ ޖުމުލާގައި ވަނީ އެސޮރުމެންގެ ކުލައެވެ. އަދި އެސޮރުމެން އަންނަގޮތެވެ. އެހެންކަމުން ސިފަކުރުން ދުރުންފެށިގެން ކައިރިއަށް ގެނެސްދީފައިވެއެވެ. 26 ވަނަ ޖުމުލަ ސެޓުގައި ވަނީ މޫސުން ރީތިކަން ހާމަކޮށްދިނުމަށް ވަޔާއި ހަނދާއި ހަނދުވަރު ހިމެނޭގޮތަށް ގެނެސް ކައިރިކޮށްދީފައެވެ. 27 ވަނަ ސެޓުގައިވާ ދެ ޖުމުލައިން ފުރަތަމަ ޖުމުލާގައި ވަނީ އުޑުމަތި ސިފަކޮށްދީފައެވެ. މަތިން ދުރުން ފެށިގެން ގާދޫކޮލުގެ އަނެއްފަރާތުން ހުޅުލެ ހާމަކޮށް ސިފަކޮށްފައިވެއެވެ. އެހެންކަމުން މި ދިހަ ސެޓުގައި ވަނީ ދުރުން ކައިރިއަށް ސިފަކޮށްފައެވެ. ކޮންމެ ސެޓަކުން ފެންނަނީ ފުރިހަމަކަމާއެކު ދުރުން ކައިރިއަށް މަންޒަރުތައް ސިފަކޮށްދީފައިވާ ގޮތެވެ.

5 އެތެރެއިން ބޭރަށް ސިފަކުރުން

ޖުމުލަ ސެޓް 28

1 ކުޑަދޮރު ހުޅުވާލާފައި ބޭރު ބަލައިލިއެވެ.

2 ވާރޭވެސް ހުއްޓައިލައިފިއެވެ.

3 ކަޅުވިލާތައް ކެހި ވައިމަތި ސާފުވެއްޖެއެވެ.

4 ހުޅަނގުފަރާތު އުދަރެހުން ތަރިތައް ވެސް ފާޅުވެއްޖެއެވެ.

5 އިރާކޮޅުގެ ވިއްސާރަ އަރާމުރޭގަނޑެއްގެ ތިންދަމަށް ތަންދިނީއެވެ.

އިބުރާހީމް ޙުސައިންމަނިކުގެ ކުރުވާހަތަކުގައިވާ ސިފަކުރުންތަކަށް ބަލާއިރު އެތެރެއިން ބޭރަށް ސިފަކޮށްދީފައިވާ ކަމަށް ފާހަގަކުރެވުނީ އެންމެ ސެޓެކެވެ. ޖުމުލަ ސެޓު 28 ގައި ފުރަތަމަ ޖުމުލާގައިވާ ” ކުޑަދޮރު ހުޅުވާލާފައި ބޭރު ބަލައިލިއެވެ” މި އިބާރާތުން އެތެރޭގައި ހުރެގެން ބޭރު ސިފަކުރާކަން ހާމަވެއެވެ. އެއާއެކު ދެވަނަ ޖުމުލާގައިވާ ވާރެ ހުއްޓާލިކަން ހާމަކުރަމުން ތިންވަނައާއި ހަތަރުވަނަ ޖުމުލާގައި ވަނީ ދުނިޔެމަތި ސާފުވެ ތަރިތައް ފާޅުވިވާހަކައެވެ. އެހެންކަމުން މި ޖުމުލަތަކުގައިވަނީ އެތެރޭން ފެށިގެން ބޭރަށް ސިފަކުރުން ގެނެސްފައެވެ.

6 ބޭރުން އެތެރެއަށް ސިފަކުރުން

ޖުމުލަ ސެޓް 29

1 ތިން ހަރުފަތްގަނޑު ގިރާކޮށް އިޔާޒު ފެންޑާމައްޗަށް ވަންއިރު ތަސްލީމާ ކަޅުވަކަރު ސޯފާގައި ކުރުއަތްމައްޗަށް އޮށޯވެގެން މަޖާވެފައިއޮތެވެ.

2 އޭނާގެ ފައުނުކުލައިގެ ރީތި ކުޑަކަޅުވާ މަތިން ދަނބުކުލައިގެ ހެދުންވަނީ ކެހިފައެވެ.

3 އޮށޯވެގެން އޮތް ގޮތުންނާއެކު ގަޔަށްބާރު ހެދުން އޭނާގެ ބުރުރީތި ސަމަންތަރު ހެޔޮ ހަށިގަނޑުގެ ނިސްވާނީކަން އިތުރުކޮށްދެއެވެ.

ޖުމުލަ ސެޓް 30

1 ކޮޓަރިވަނީ ދިއްލާ އަޅާފައެވެ.

2 ފަންކާ ވެސް ވަނީ ފުލްކޮށްލާފައެވެ.

3 ހީވަނީ ކޮޓަރިއަށް ބޮޑުރާޅެއް އަރާފައިވާ ހެންނެވެ.

4 ބޮޑު ނިދާއެނދުގެ މިލަފޭލިވަނީ ގޮދަޑީގެ ދެފަރާތުންނާއި ފައިލާކޮޅުންކެހި ރޫޖެހި ކާށިއަރާފައެވެ.

5 ބާލިސްތައް ވަނީ ފުށްގުޅަތަކެއްހެން ވެށިފައެވެ.

6 އެއީ ނިދީގައި ފިސާރިފުރޮޅިލާ އަންހެނެއްކަމުން އޭނާ ނިދައިފި ތަންމައްޗެކޭ ގޮވާންލާން ފަސްގަނޑުޖެހި ދަނޑެކޭ އެއްގޮތެވެ.

7 އޭނާގެ އެއްހާސްރުފިޔާގެ އެސްޖެހި ކަޅުކަމަރާއި ވިހި ބާވީސް ދާހެދުން ގަހެއްގެ ދޮށަށް ވެރިފައިހުރި ހިކިފަތްތަކެއް ހެން ދޫލަމައްޗަށް އުކާލެވިފައި ހުއްޓެވެ. 

ޖުމުލަ ސެޓް 31

1 އަޑެއް ކިޔާފައި ފެންޑާގެ އިރުމައްޗަށް ހުރި ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ.

2 ހުރިހާ ލޯތަކެއް ދަތުރުކުރީ އެދިމާއަށެވެ. ނިދާހެދުމުގައި ނިކުތީ ދޮން ބައްޓެއްކަހަލަ ޝާނީއެވެ.

3 އޭނާގެ ކަޅުފޮއިރެއެއް ކަހަލަ ކުރަނގިލޮލުގައި ވަނީ ވަރުބަލިކަމެވެ.

4 ޗާލު މޫނާއި ތުންފަތްވަނީ ލޭއަރާ ރަތްވެފައެވެ.

ޖުމުލަ ސެޓު 29 – 31 އަށް ބަލާއިރު ޖުމުލަ ސެޓް 29 ގެ ފުރަތަމަ ޖުމުލަ ފަށާފައިވަނީ “ތިން ހަރުފަތްގަނޑު ގިރާކޮށް” މި އިބާރާތުންނެވެ. އެހެންކަމުން އެ އިބާރާތުން ހާމަވަނީ  ބޭރުން އެތެރެއަށް ވަދެގެން އަންނަ ގޮތެވެ. އެއަށްފަހު ދެވަނަ ޖުމުލައާއި ތިންވަނަ ޖުމުލައިން ސިފަކޮށްދެނީ އެތާހުރި ސޯފާ އާއި ސޯފާގައި އޮތް މީހާއެވެ. އަދި އޭނާ އޮތް ގޮތެވެ. 2 ވަނަ ސެޓަށް ބަލާއިރު މި ސެޓުގެ ފުރަތަމަ ޖުމުލައިގައިވާ “ކޮޓަރި ވަނީ ދިއްލާއަޅާފައެ” މި އިބާރާތުން ބޭރުން އެތެރެ ސިފަކޮށްފައިވާކަން ހާމަވެއެވެ. އެއަށްފަހު ދެވަނަ ޖުމުލާގައިވާ ފަންކާ ފުލްކޮށްފައި ހުރި ވާހަކައާއެކު 3، 4، އަދި 5 ވަނަ ޖުމުލައިން ކޮޓަރިތެރެ އޮތްގޮތް ސިފަކޮށްދީފައިވެއެވެ. އެހެންކަމުން މި ސެޓުގެ ޖުމުލަތަކުން ސިފަކޮށްދެނީ ބޭރުން އެތެރެ ފެންނަ ގޮތެވެ. މީގެ އިތުރުން ޖުމުލަސެޓު 30 ން މަތިން ތިރިއަށް ވެސް ސިފަކުރެވެއެވެ. އެއީ ފުރަތަމަ ޖުމުލާގައި ކޮޓަރި ދިއްލާފައިވާ ވާހަކަ ގެނެސްފައި ދެވަނަ ޖުމުލާގައި ފަންކާގެ ވާހަކައަށްފަހު ކޮޓަރިތެރޭގައި ހުރި އެނދާއި ބާލިސްތަކާއި ދޫލަމަތި އޮތްގޮތް ސިފަކޮށްފައި ވާތީއެވެ. އެއީ ފުރަތަމަ މަތިން ފެށިގެން ދެން ތިރިއަށް ގެނެސްފައި ވާތީއެވެ. އެހެންކަމުން މި ދެގޮތަށް ވެސް މި ސެޓު ފެތެއެވެ. ޖުމުލަސެޓު 31 ގައިވާ ފުރަތަމަ ޖުމުލާގައިވާ “ދޮރު ހުޅުވިއްޖެއެވެ” މި އިބާރާތުން އެތެރޭން ބޭރަށް ދޮރު ހުޅުވުންކަން ސިފަވެއެވެ. އަދި ދެވަނަ ޖުމުލާގައިވާ އިބާރާތާ ތިންވަނަ ޖުމުލާގައިވާ “ނިކުތީ” މި އިބާރާތުން ވެސް ބޭރުން ސިފަވެއެވެ. 3 އަދި 4 ކާއި 5 ވަނަ ޖުމުލައިން ސިފަކޮށްދެނީ ނުކުތް މީހުންނެވެ. އެހެންކަމުން މި ތިން ސެޓުން ސިފަކޮށްދީފައިވަނީ ބޭރަށް ފެންނަގޮތެވެ.

7 މަތިން ތިރިއަށް، ތިރިން މައްޗަށް ސިފަކުރުން

ޖުމުލަ ސެޓް 32

1 އޭނާ ކަރުގައި އަޅައިފައިވަނީ ރަންޗޭނު ފަށެކެވެ.

2 ލައިގެން އިނީ ނުލާހުދު ގަޅިކެނޑި ގަންޖުފަރާހެކެވެ. މެދުމިނު އިސްކޮޅެއްގެ މީހެކެވެ.

3 މޮޓަ ނަމަވެސް ފަލަވެ ހުތުރެއް ނޫނެވެ.

4 ކުލަވަރު ފިނިފެންމަލެއް ކަހަލައެވެ.

5 އިސްތަށިގަނޑު ކަޅުފޮއި ރެއެއް ކަހަލައެވެ. ދިގު ތެދު ނޭފަތެއްގެ ވެރިއެކެވެ.

ޖުމުލަ ސެޓް 32 ގައި ވަނީ މީހަކު ސިފަކޮށްފައެވެ. ފުރަތަމަ ފަށާފައިވަނީ ކަރުގައި އޮތް ފަށުންނެވެ. އެއަށްފަހު ލައިގެންހުރި ހެދުމެވެ. ދެން ހަށިގަނޑުގެ ސިފައާއި ކުލައަށްފަހު ދެން ގެނެސްފައި ވަނީ ބޮލުގެ އިސްތަށިގަނޑުގެ ކުލައާއި ވައްތަރެވެ. އެހެންކަމުން މި ސިފަކުރުމުގައި މަތިން ތިރިއަށް އައުމަށްފަހު ތިރިން މައްޗަށް ސިފަކޮށްފައިވާކަން ހާމަވެއެވެ.

8 ބާވަތަށް ބަލައިގެން ސިފަކުރުން

ޖުމުލަ ސެޓް 33

1 މެހެމާނުން އެތުރިގެން ތިބީ ހުދު ސުފުރާއެއް އަޅާފައިވާ ކަޅުވަކަރު ކާމޭޒުދޮށުގައެވެ.

2 ކަޅުވަކަރު ގޮނޑިތަކެއްގައެވެ.

3 ތަރުތީބުކުރެވިފައިވާ މޮޅު ސީނުތަށިތަކާއި ފައްކާ ރިހީގެ ފިޔޮހި އޫ ސަމުސާތަކުގެ ވިދުވަރު ގަދައެވެ.

4 ކާއެއްޗެހީގެ ބަރަށް ނުކުޅެދިގެން ކާމޭޒު ވެސް ހީވަނީ ދެންމެދެންމެ ހޯހޯ ގޮވާލާފާނެހެންނެވެ.

5 ބަތްކަހަނބުތަކާއި ނާނު، ފަރާޓާ، ޗަޕާތީ ތަށިތަކެވެ. ރޯސްކުރި ކުކުޅާއި ތަންދޫރީ އަސްދޫންޏާއި ގެރިބަކަރިމަހުގެ ކަވާބުގެ އިތުރަށް ކަނޑުކުކުޅާއި މުސަންމާއެވެ.

6 ރަހަތަފާތު ރިހަތަކެވެ. ފަސްވައްތަރު ސަޓަންޏެވެ. ކެއުމުގެ ކުރިން ކަރުހިއްކުން ފިލުވާލުމަށްޓަކައި ފިނިފޮނި ބުއިންތަކެވެ.

7 ކެއުމަށްފަހު އަނގަފޮނިކޮށްލުމަށްޓަކައި ވަޓަލައްޕަން، ހަލުވިދާ، ކޭކު، ދޮންއަނބު، ފަޅޯ ދޮންކެޔޮ އަލަނާސި ތަށިތަކެވެ.  

ޖުމުލަ ސެޓުގައި 33 ގައި ސިފަކޮށްދީފައި ވަނީ ކާއެއްޗެހި އަތުރާފައިވާ މޭޒެކެވެ. އަދި އެ މޭޒުމަތީގައި އެއްޗެހި ތަރުތީބުކޮށްފައިވާ ގޮތެވެ. ފުރަތަމަ ޖުމުލާގައި ވަނީ ކޮންކަހަލަ މޭޒެއްކަމާ މޭޒުމަތީގައިވާ ފޮތިގަނޑު ސިފަކޮށްދީފައެވެ. އެއަށްފަހު ތަށިތަކާއި އޫތަކާއި ސަމުސާތަކާއި ވަޅިތަކެވެ. ދެން ކެއުމުގެ ބާވަތްތަކެވެ. އެއީ ބަތާއި ރިހައިގެ ވައްތަރުތަކާއި ސަޓަންޏާއި ބުއިމާއި ފޮނިކާތަކެއްޗެވެ. އެންމެފަހުން މޭވާއެވެ. އެހެންކަމުން މި ސެޓު މިވަނީ ސިފަކޮށްދޭ ބާވަތުގެ ގޮތުން ވަކި ގޮތަކަށް ތަރުތީބުކޮށްފައެވެ. އެއީ ކެއިންބުއިމުގެ ބާވަތްތައް ވަކި އުސޫލަކުން ވަކި ހަމައަކުން މޭޒުމަތީގައި އަތުރާފައިވާކަން ހާމަވެއެވެ. އެހެންކަމުން މި ސިފަކުރުމުން އެކަން ފެނިގެންދެއެވެ.

9 ލިޓަރަރީ ސިފަތައް

ޖުމުލަ ސެޓް 34

1 އަނެއްފަރާތުގައި އާދައިގެ މީހުންނަށް ޓަކައި ޚާއްޞަވެފައިވާ ތިރި “ރާގޮނޑިބަރި” ހިމަވެ އިސްޖެހިފައި ތިއްބެވެ.

2 ބޮޑުގަޑީގެ އިތުރުން އެ މަރުވެފައިވާ ފެންޑާއަށް ދިރުން ދީފައިވަނީ އަވަހާރަވެފައިވާ ބައެއް ބޮޑުންގެ ފޮޓޯތަކެވެ.

3 ދުވާލުގެ މޫނުމަތިން ރޭގަނޑުގެ ފަރުދާ ކަހާލެވުނުހެން ހީވިއެވެ.

4 އަވީގެ ތެރެއިން ވާރޭގެ ފަށްތައް ވިދަމުން ދިޔައީ ވިރިގެންފައިބާ އަލިމަސްތަކެއްހެންނެވެ.

5 އުޑުމަތީގާ ކަޅުވިލާގެ ސަނދުވާއެއް ފަތުރާލާފައި އޮތަސް ހުޅަނގު އުދަރެސް ބަނބުޅަނީ ސާފު ހުދު އަވީގެ ސާލަކުންނެވެ.

6 ކަފަވިލާގެ އާގުބޯޓުތަކާއި އިމާރާތްތައް އުޑުމަތީ އޮޔާދަނީއެވެ.

7 އިރުގެ ތޫނު ދަޅަތައް ރޫޖެހިފައިވާ ނޫ މަޚްމާގެ ސުފުރާއެއްކަހަލަ ކަނޑުގައި ތަރަތަރަލަމުން ދެއެވެ.

8 ކަފަވިލާ ޖެހި އުޑުގައި ދަމަކަށް އިރުއަރާފައި ހުރިއިރު ނޫކަނޑާއި ދޮންފަޅު ހީރާގެ ދޫލައެއްހެން ވިދާ ބަނބުޅަމުންދެއެވެ.

9 ހީވަނީ ކޮޓަރިއަށް ބޮޑުރާޅެއް އަރާފައި ވާހެންނެވެ.

10 ބާލީސްތައް ވަނީ ފުށްގުޅަތަކެއްހެން ވެށުފައެވެ.

11 އެއީ ނިދީގައި ފިސާރި ފުރޮޅިލާ އަންހެނެއްކަމުން އޭނާ ނިދައިފި ތަންމައްޗެކޭ ގޮވާންލާން ފަސްގަނޑުޖެހި ދަނޑެކޭ އެއްގޮތެވެ.

12 އޭނާގެ އެއްހާސްރުފިޔާގެ އެސްޖެހި ކަޅުކަމަރާއި ވިހި ބާވީސް ދާހެދުން ގަހެއްގެ ދޮށަށް ވެރިފައި ހުރި ހިކިފަތްތަކެއް ހެން ދޫލަމައްޗަށް އުކާލެވިފައި ހުއްޓެވެ. 

ސިމްބޮލިޒަމް އަކީ ސިމްބަލް (ރަމްޒު) އިން ތަކެތި ހުށަހަޅައިދިނުން ނުވަތަ އެއްޗަކަށް ރަމްޒީ މާނައެއް ނުވަތަ ސިފައެއް ދިނުމުގެ އަދަބީ ސުކޫލެވެ. ލިޔުންތަކުގައި ސިމްބޮލިޒަމް ބޭނުންކުރަނީ ލިޔުމުގައި ފޮނިކަން އިތުރުކުރުމަށާއި މާނަތައް ރީތިކުރުމަށާއި ދޭހަވާ މާނައިގެ ފުންކަން އިތުރުކުރުމަށާއި އާންމު ލަފުޒުތަކުން މާނަ ހިފެހެއްޓި ހަނިވާން އޮންނަ ޖާގަ ދޫކޮށް ވީއްލިފައިވާ ފުޅާ މާނައެއް ގެނައުމަށެވެ. މީގެ އިތުރުން ދިރުން ނެތް ތަކެއްޗަށް ދިރުން ދީގެންނާއި ލަފުޒުތަކުގެ ނިމުންތަކާއި ތާލު އެއްގޮތްކޮށްގެން ވެސް ލަފުޒުތަކުގެ ރީތިކަމާއި އިބާރާތުގެ ފުރިހަމަކަމާއި މާނައިގެ ފުންކަން އިތުރުކޮށްދެއެވެ. އިބްރާހީމް ޙުސައިންމަނިކުގެ ވާހަކަތަކުގައި ސިމްބޮލިޒަމްގެ ވައްތަރުތައް ހިމަނާފައި ހުރިކަން ފާހަގަކުރެވެއެވެ.

ޖުމުލަ ސެޓް 34 ގެ ފުރަތަމަ ޖުމުލައިގައިވާ “ރާގޮނޑިބަރި” މިއީ މަޖާޒެކެވެ. އެއީ މި ޖުމުލައިގައި މި ލަފުޒު ބޭނުންކޮށްފައި ވަނީ ލަފުޒުގެ އަސްލު މާނައެއްގައެއް ނޫނެވެ. އެއީ “ރާގޮނޑި” މިއީ މޫދުގައި އުޅޭ މަހަކަށް ކިޔާ ނަމެކެވެ. ނަމަވެސް “ރާގޮނޑިބަރި” ބޭނުންކޮށްފައި ވަނީ އާދައިގެ އަދަރާދަގޮނޑިއަށް ނިސްބަތްކޮށްގެންނެވެ. މިއީ މެޓަފަ ނުވަތަ އެއްފަދަކުރުމެކެވެ. ދެވަނަ ޖުމުލައިގައިވާ “މަރުވެފައިވާ ފެންޑާ” މި ގޮތަށް ބޭނުންކޮށްފައި ވަނީ އެތަނުގެ ފަޅުކަން ހާމަކުރުމަށެވެ. މިއީ ދިރުން ނުހުންނަ ތަކެއްޗަށް ދިރުންދީގެން ސިފަކުރާގޮތުގެ މިސާލެކެވެ. ތިންވަނަ ޖުމުލައިގައިވާ “ދުވާލުގެ މޫނުމަތިން ރޭގަނޑުގެ ފަރުދާ ކަހާލެވުނެވެ” މިގޮތަށް ގެނެސްފައި ވަނީ ވިއްސާރަ ވިލާގަނޑުގެ ސަބަބުން ދުވާލުގެ ވަގުތުގައި ވެސް އަނދިރިކަން ވެރިވެގެން ދިޔަކަން ހާމަކުރުމަށެވެ. އެހެންކަމުން މިއީ އެތައް ބައިވަރު ޖުމުލަތަކުން ބުނެވެން ހުންނަ ވާހަކަ މަދު ލަފުޒުތަކަކުން ބުނެފައިވާ ކަމުގެ މިސާލެކެވެ. ހަވަނަ ޖުމުލައިގައި “ވިރިގެން ފައިބާ އަލިމަސްތަކެއްހެން” މިއީ ސިމިލީ ނުވަތަ މަޖާޒީ ސިފަކުރުމެކެވެ. މިގޮތަށް ގެނެސްފައި އޮތުމުން ވަމުންދާގޮތް އިބާރާތުން އިތުރަށް ތަފްޞީލުކޮށް ނުދިނަސް ކިޔުންތެރިޔާގެ ހިތަށް އެކަމެއް ސިފަވެގެންދާނެއެވެ.

ފަސްވަނަ ޖުމުލައިގައި އަނދިރިކަން ހާމަކޮށްދިނުމަށްޓަކައި މެޓަފަ ” ކަޅުވިލާގެ ސަނދުވާއެއް” މި ގޮތަށް ގެނެސްފައިވެއެވެ. ހަމައެގޮތަށް 6 ވަނަ ޖުމުލައިގައިވާ “ކަފަވިލާގެ އާގުބޯޓުތަކާއި އިމާރާތްތައް” މިއީ ވެސް ވިލާ ސިފަކޮށްދިނުމަށް ބޭނުންކޮށްފައިވާ މެޓަފަ (އެއްފަދަކުރުން) އެކެވެ. އަދި 7 ވަނަ ޖުމުލައިގައިވާ “ނޫ މަޙްމާގެ ސުފުރާއެއްކަހަލަ” މިއީ ކަނޑު މަޑުކަމާއި އޮމާންކަން ސިފަކޮށްދިނުމަށް ގެނެސްފައިވާ ސިމިލީއެކެވެ. 8 ވަނަ ޖުމުލައިގައި “ހީރާގެ ދޫލައެއްހެން ވިދާ ބަނބުޅަމުންދެއެވެ” މި އިބާރާތުން ވެސް ކަނޑުގެ ސަތަހައިގެ އޮމާންކަމާއި ހަމަހިމޭންކަމާއި އަލިއެޅުމުން ލޮނުގަނޑަށް އަރަމުންދިޔަ ކުލަތަކާއި ވިދުންތައް އަދި ކަނޑު މަޑުކަން ހާމަވެއެވެ. 9 ވަނަ ޖުމުލައިގައި “ބޮޑުރާޅެއް އަރާފައިވާ ހެންނެވެ” މިހެން އޮތުމުން ކޮޓަރިތެރެ އޮތްގޮތް ހާމަވެއެވެ. 10 ވަނަ ޖުމުލައިގައި “ފުށްގުޅަތަކެއްހެން ވެށިފައެވެ” މި އިބާރާތުން އެނދުގައި ހުރި ބާލިސްތައް ހުރިގޮތް ސިފަވެއެވެ. އަދި 11 ވަނަ ޖުމުލައިގައި “ނިދައިފި ތަންމައްޗެކޭ ގޮވާންލާން ފަސްގަނޑުޖެހި ދަނޑެކޭ އެއްގޮތެވެ”  މިހެން ގެނެސްފައި އޮތުމުން އެނދުމަތި އޮންނާނެގޮތް ހާމަވެއެވެ. ހަމައެޔާއެކު 12 ވަނަ ޖުމުލައިގައި “ގަހެއްގެ ދޮށަށް ވެރިފައި ހުރި ހިކިފަތްތަކެއް ހެން” މި އިބާރާތުން ތަޅުންގަނޑުމަތީގައި ނުވަތަ ދޫލަމަތީގައި އެއްޗެހިތައް އެގޮތްމިގޮތައް އުކިފައި ހުރިކަން އެނގެއެވެ.

އިބުރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައިވާ ސިފަކުރުމުގައި ގެނެސްފައިވާ މިފަދަ އިބާރާތްތަކުން ފަށުވިކަމާއި ބުގިސްކަން ގެނުވައެވެ. އަދި ފުރިހަމަކަމާއި މީހުންގެ ހިތާ ކުޅެލާފަދަ ބާރެއް މި ވާހަކަތަކުގައި އެކުލެވެއެވެ.

10 އެއްތާލެއް އެކުލެވޭގޮތަށް ނިމުންތައް ގެނައުން

ޖުމުލަ ސެޓް 35

1 އާދުވަހަކަށް ދުނިޔެ ހިންދެމިލީތީއެވެ.

2 ކާޅުތައް އުދުހޭތީއެވެ.

3 ކޮވެލިތައް ގޮވާތީއެވެ.

4 ތަފާތު އަޑުތަކާއި ވަސްތަކުން ވަލުތެރެއަށް ދިރުންލިބިފައިވާތީއެވެ.

5 ކުޅަނދުރުތަކާއި ކޮކާތަކާއި ނަންވެސް ނުދަންނަ އެތަކެއް ކުދި ސޫފި ތުނޑިމައްޗާ ދިމާއިން ހޭޅިފަށުގައި މަލަކާއިޖެހި މާފޮޅިފައިވާ ވައިލެޓްކުލައިގެ ދޫލައެއްފަދަ ފެހަނޑަވެލެއްތެރޭ އެނބުރޭތީއެވެ.

6 ކައްޓަފުޅިތަކާއި ކޮރަކަލިތައް ދުވާ، އިރުގެ ދަޅަތަކުން ވިދާ ފަޅު، އަތޮޅު ދުނިކޮޅާ ހަމައަށް ދެމިފައިވާތީއެވެ.

ޖުމުލަ ސެޓް 36

1 ތަންކޮޅެއް ދުރުން ވަލުތެރެއިން ކުނބޯއްޔެއް ގޮވާ އަޑުއިވެއެވެ.

2 އެކަނިވެރިއަޑެކެވެ. ރިހުންހުރި އަޑެކެވެ. ރީތިއަޑެކެވެ.

3 ޖެހެމުންދާ އިރުދޮށުވައި ގެނެސްދެނީ ފުއްޓަރަށް ރާޅު ބޫންލާ އަޑެވެ.

4 ލޮނުވެލީގެ ވަހާއިއެކުވެފައިވާ ތާޒާ ފަތްޕިލާވެލީގެ ވަހެވެ.

ޖުމުލަ ސެޓް 37

ދެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތަކަކީ އުފަލާއި ހިތާމައަކީ އެކެއްޗެއް، އެއްރާގެއް، އެއްފުނައެއް، އެއްހަމައެއް.

ޖުމުލަ ސެޓް 35 ގައި ހިމެނޭ ފުރަތަމަ ޖުމުލަ ސެޓަށް ބަލާއިރު މި ސެޓުގައި ހިމެނޭ 7 ޖުމުލައިގެ ނިމުން ގެނެސްފައިވަނީ އެއްގޮތަކަށެވެ. އެއީ ކޮންމެ ޖުމުލައެއް ނިންމާފައިވަނީ “ތީއެވެ” މި އިބާރާތުންނެވެ. އެހެންކަމުން ޖުމުލަތަކުގެ ނިމުންތައް ހުރީ އެއްގޮތަކަށެވެ. ޖުމުލަތަކުގައިއެއް ތާލެއް އެކުލެވެއެވެ. ޖުމުލަ ސެޓް 36 ގައި ވެސް ނިމުންތައް ގެނެސްފައި ވަނީ ނިމުންތައް އެގޮތްކޮށްގެންނެވެ.  އެއީ “އަޑެކެވެ” “އަޑެވެ” “ވަހެވެ” މިގޮތަށެވެ. 37 ވަނަ ސެޓްގައި “ދެމީހުންގެ ޝުޢޫރުތަކާއި އިޙްސާސްތަކަކީ އުފަލާއި ހިތާމައަކީ އެކެއްޗެއް، އެއްރާގެއް، އެއްފުނައެއް، އެއްހަމައެއް” މި ޖުމުލާގައި ވެސް މި ވަނީ ނިންމުންތައް އެއްގޮތް ކޮށްފައެވެ. މި ސިފަކުރުން ރީތިވެގެންދާ އެއްކަމަކީ އެއް ކަމަކަށް ބޭނުންކުރާ ލަފުޒުތަކެއް އެއްގޮތަކަށް ގެނެސް އެއް ގޮތަކަށް ނިންމުންތައް ގެނެސްފައިވާތީއެވެ. އެހެންކަމުން ކިޔާއިރު އެ ހުންނަ ހިތްގައިމުކަމާއެކު އިބާރާތްތަކުން ހިތުގެ އެންމެ ހިމަނާރަށް ކުޅެލުމުގެ ބާރު އެ ޖުމުލަތަކުގައި އެކުލެވިފައި ވެއެވެ. މިއީވެސް ކިޔާ މީހުން ޝައުޤުވެރިކުރުވުމަށް ބޭނުންކޮށްފައިވާ ހަތިޔާރެކެވެ.

ޑިސްކަޝަން

      އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައި ސިފަކުރުމުގެ އިބާރާތްތައް ގެނެސްފައި ވަނީ ކޮންގޮތަކަށް ކަން ދެނެގަތުމަށް ކުރެވުނު މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ އިބާރާތްތައް ތަރުތީބު ކުރުމުގައި ވަރަށް ޚާއްޞަ ގޮތްތަކެއް ގެންގުޅެފައިވާ ކަމެވެ. އެގޮތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ހުރިހާ ވާހަކަތަކެއްގައި ވެސް މާހައުލު ނުވަތަ މަންޒަރު ސިފަކޮށްދިނުމުގައި އިބާރާތްތައް އަތުރާލުމުގައި ވަކި ތަރުތީބެއް ގެންގުޅެފައިވެއެވެ. އެގޮތުން ބަލާއިރު ޖުމުލަ ސެޓް 1 – 3 އަށް ފާހަގަކޮށްފައި އެވަނީ ޖުމުލަތަކުގެ ތަރުތީބަށް ބަލާއިރު ތިރިން ފެށިގެން މައްޗަށް ވާގޮތަށް ސިފަކުރުންތައް ގެނެސްފައިވާ ޖުމުލަތަކެވެ. ޖުމުލަ ސެޓް 4 – 9 ގައި ފާހަގަކޮށްފައި އެ ވަނީ މަތިން ފެށިގެން ތިރިއަށް ސިފަކުރުންތައް ގެނެސްފައި ހުރި ޖުމުލަތަކެވެ. ޖުމުލަ ސެޓް 10 – 17 ގައި ހިމަނާފައި އެ ވަނީ ވާހަކަ ވާހަކަ ކިޔަމުންދާ މީހެއްގެ ކައިރިން ފެށިގެން ދުރަށް ވާގޮތަށް ސިފަކުރުންތައް ގެނެސްފައިވާ ޖުމުލަތަކެވެ. ޖުމުލަ ސެޓް 18 – 27 ގައި ހިމަނާފައި އެވަނީ ސިފަކުރުންތައް ދުރުން ފަށައިގެން އައިސް ކައިރިއަށް ނިންމާލާގޮތަށް ތަރުތީބު ކުރެވިފައިވާ ޖުމުލަތަކެވެ. ޖުމުލަ ސެޓް 28 ގައި އެވަނީ އިމާރާތެއްގެ އެތެރެއިން ފެށިގެން ސިފަކުރަމުން އައިސް އެތަނުން ބޭރަށް ވާގޮތަށް ސިފަކުރުންތައް ނިންމާލާފައިވާ ޖުމުލަތަކެވެ. ޖުމުލަ ސެޓް 29 – 31 ގައި ފާހަގަކޮށްފައި އެވަނީ ބޭރުން ފެށިގެން ސިފަކުރަމުން އައިސް ތަނެއްގެ ނުވަތަ އިމާރާތެއްގެ އެތެރެއަށް ވާ ގޮތަށް ސިފަކުރުންތައް ނިންމާލައިފައިވާ ޖުމުލަތަކެވެ. ޖުމުލަ ސެޓް 32 ގައި ފާހަގަކުރެވިފައި ވާނީ މަތިން ފެށިގެން ތިރިއަށް ވާގޮތަށް ސިފަކުރުންތައް ގެނެސްފައިވާ ޖުމުލަތަކެވެ. ޖުމުލަ ސެޓް 33 ގައި ފާހަގަކޮށްފައި އެވަނީ އެ އެއްޗެއްގެ ބާވަތުގެ ގޮތުން ތަފާތު ބާވަތްތައް ފަހަރަކު ބާވަތަކުން ސިފަކޮށްދިނުމަށްޓަކައި ޖުމުލަތައް ތަރުތީބު ކުރެވިފައިވާ ގޮތެވެ. ޖުމުލަ ސެޓް 34 ގައި އެ ވަނީ މަތިންފެށިގެން ސިފަކުރަމުން ތިރިއަށް އައިސް އަނެއްކާ ވެސް މައްޗަށް ވާގޮތަށް ސިފަކޮށްފައިވާ ޖުމުލަތަކެވެ.

      ސިފަކުރުމުގެ އިބާރާތްތަކަށް ބަލާއިރު ވަކިތަރުތީބެއް ހިފަހައްޓަން ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ހުރިކަން ފާހަގަކުރެވެއެވެ. ރިޗަރޑް ނޯރކުއެސްޓް (2017) އިތުރަށް ހާމަކުރައްވާ ގޮތުގައި ވަކިތަރުތީބަކުން ޖުމުލަތައް ގެނެސްފައި ހުރުމަށް ކިޔަނީ (spatial order) އެވެ. ޖުމުލަތައް މިގޮތަށް ވަކި ތަރުތީބަކުން ގެނެސްފައި ހުންނަނީ ޢާންމުގޮތެއްގައި މަންޒަރު ނުވަތަ މާހައުލު ސިފަކޮށްދޭ އިރުއެވެ. އެގޮތުން މަތިން ތިރިއަށް ނުވަތަ ތިރިން މައްޗަށް ނުވަތަ ދުރުން ކައިރިއަށް ނުވަތަ ކައިރިން ދުރަށް ވާގޮތަށް ނުވަތަ މި ނޫންވެސް ވަކި ތަރުތީބެއް އެކުލެވޭ ގޮތަސް ޖުމުލަތައް ގެނައުމަކީ އެ ވާހަކައެއް ކިޔާ މީހެއްގެ ހިތުގައި އެމަންޒަރު ފަސޭހައިން ސިފަވެގެން ދާނޭ ކަމެކެވެ. އިބްރާހިމް ޙުސައިންމަނިކުގެ ވާހަކަތަކުން ސްޕޭޝަލް އޯރޑަރގެ ހަމަތައް ހިފަހައްޓައިފައި ހުރިކަން މި ދިރާސާއިން ވަރަށް ބޮޑަށް ފާހަގަވިއެވެ.

ވާހަކައިގައި އިބާރާތްތައް ހުރިގޮތަށް ބަލާއިރު ސިފަކުރާ އިބާރާތްތައް ވަރަށް ގިނަކަން ފާހަގަކުރެވެއެވެ. ބެލެވޭގޮތުން މިކަން މިގޮތަށް ކޮށްފައިވަނީ ކިޔުންތެރިޔާ ބޮޑަށް ވާހަކައިގެ ތެރެއަށް ވެއްދުމަށެވެ. ސްވާން ޖޭ (2009) ހާމަކުރައްވާ ގޮތުގައި ކިޔުންތެރިން ވާހަކަ ކިޔަނީ ހިތްހަމަޖައްސާލުމަށް، ނުވަތަ ވަކިކަހަލަ ޚިޔާލުތަކަކުން ދުރުވުމަށް ނުވަތަ މަޢުލޫމާތު މުއްސަނދިކުރުމަށެވެ. އެހެންކަމުން ވާހަކަ ލިޔާއިރު ކިޔުންތެރިންގެ އިޙްސާސްތަކަށް ބަލައިގެން ވާހަކައިގެ ސިފަކުރުންތަކާއި މަންޒަރުތައް ބަޔާންކޮށްދޭން ޖެހެއެވެ. އެހެންކަމުން އިބްރާހީމް ޙުސައިންމަނިކުގެ ވާހަކަތަކުން ފާހަގަވި އަނެއްކަމަކީ ކިޔުންތެރިންގެ އިހުސާސްތައް އޭގެ އެންމެ މައްޗަށް ގެންދިއުމަށް ޓަކައި ސިފަކުރުންތައް ވަރަށް ބޮޑަށް ގެނެސްފައި ހުރިކަމެވެ. ހަމަ އެހެންމެ ސިފަކުރުންތައް ގެނައުމުގައި މެޓަފަރ އާއި ސިމިލީ ވަރަށް ބޮޑަށް ބޭނުންކޮށްފައި ހުރިކަން ވެސް ފާހަގަވެއެވެ. މިގޮތަށް މެޓަފަރ އާއި ސިމިލީފަދަ ސިމްބޮލިޒަމްގެ ސިފަތައް ގެނެސްފައި ވަނީ ވާހަކައަށް ކިޔުންތެރިންގެ ޝައުގުވެރިކަން ބޮޑުކުރުމުގެ ގޮތުންކަމަށް ބެލެވެއެވެ. ސިމްބޮލިޒަމްގެ ސިފަތައް ހިމެނެމުން ކިޔުންތެރިންނަށް އެ ސިފަކުރާއެއްޗެއް ހިތަށް ތަސައްވަރުކުރުމަށް ފަސޭހަވެގެންދާނެއެވެ. ވާހަކަތަކުގައި ސިފަކުރުންތައް ބޭނުންކުރުމުގައި އެކި ލިޔުންތެރިން އެކި އުސޫލުތައް ގެންގުޅެފައިވެއެވެ. ބެކާރ ޕަގްލިސީ (2014) ހާމަކުރައްވާ ގޮތުގައި ވާހަކަތަކުގައި ސިމްބޮލިޒަމް ބޭނުންކުރެވިދާނެއެވެ. އެއީ ވަރަށް ކުދިކުދި ކަންކަން ސިފަކޮށްދިނުމުގައާއި ލިޔުމުގައި ވަކި ކަންތައްތަކެއް ނުވަތަ ވަކި ޢިބާރާތްތަކެއް ތަކުރާރުކޮށް ބޭނުންކޮށްފައި ހުންނަ ހުރުމާއި މެޓަފަރ (މަޖާޒު) ބޭނުންކޮށްފައި ހުންނަހުރުމާއި ދުނިޔޭގެ ހުރިހާ ކަންކޮޅެއްގައި ވެސް ބޭނުންކޮށް އުޅޭ ޒާތުގެ ކަންކަން ހިމެނުމެވެ. މިގޮތުން މޫސުމީ ބަދަލުތަކާއި ރޭދުވާ ތަކުރާރުވުމުގައި އެ ހުންނަ ކުލަތައް ފަދަ ކަންކަމެވެ. މީގެ އިތުރުން ލަފުޒުގެ މާނަ ވަންހަނާވެފައި އޮންނާނޭހެން ބުނެފައި ހުންނަ ބުނުންތައް ވެސް ބޭނުންކުރުން ހިމެނެއެވެ. ޖޭމްސް ހޯލްސް (2013) ހާމަކުރައްވާ ގޮތުގައި ގިނަ ޖުމުލަތަކަކުން ބުނެވެން ހުންނަ ވާހަކަތައް ސިމްބޮލިޒަމްގެ ސިފަތައް ހިމަނައިގެން އެންމެ ލަފުޒަކުން ވެސް ބުނެވިދާނެއެވެ. މި ފަދަ މިސާލަކަށް ބަލާއިރު ޖުމުލަސެޓް 9 ގެ 7 ވަނަ ޖުމުލަ “އަސާރައެޅި ބިލިމަގެއްހެން ހިނދިފައެވެ” މި އިބާރާތުގައި މިވާ “އަސާރައެޅި ބިލިމަގެއްހެން” މި އެއްފަދަ ކުރުން ގެނެސްފައި މި ވަނީ އަންހެނެއްގެ ހަށިގަނޑު ހިކި އަނަރޫފަވެފައިވާ މިންވަރު ހާމަކޮށްދިނުމަށެވެ. އެހެންކަމުން ގިނަ ޖުމުލަތަކެއް ނުލިޔެ މިފަދަ އެއްފަދަކުރުމެއްގެ ސަބަބުން ކިޔުންތެރިޔާގެ ހިތަށް އެ ބުނަން އުޅޭއެއްޗެއް މާބޮޑަށް ސިފަވެގެންދާނެއެވެ.

އިތުރަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި އިބާރާތުގެ ރީތިކަން އިތުރުކުރުމުގެ ގޮތުން ޖުމުލަތަކުގެ ނިމުން އަޑުތަކުން އެއްގޮތްކޮށްގެންނާއި އެއްގޮތަކަށް ކިޔޭގޮތަށް ގެނެސްފައި ހުރިކަން ވެސް ފާހަގަކުރެވުނެވެ. މިގޮތަށް ހުރުމުން އިބާރާތްތަކުގައި އޮމާންކަމަކާއި އަޑުއަހާލަން ނުވަތަ ކިޔަން ފަސޭހަ މިޔުޒިކީ ގޮތެއް ހުރެއެވެ. މި އުސޫލަށް ބަލާއިރު ލިޓަރަރީ އެލެމެންޓްސްތަކުގެ ތެރެއިން އިބްރާހީމް ޙުސައިންމަނިކު ވާހަކަތަކުން ސިމްބޮލިޒަމްގެ އަސަރު ވަރަށް ބޮޑަށް ފެނެއެވެ.

ނިންމުމާއި ރިކަމަންޑޭޝަން

މި ދިރާސާއަކީ އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުގައި ސިފަކުރުމުގެ އިބާރާތްތައް ގެނެސްފައި ވަނީ ކޮންގޮތަކަށް ކަން ދެނެގަތުމަށާއި އެފަދަ އިބާރާތްތަކުގައި ބޭނުންކޮށްފައި ވަނީ ކޮންކަހަލަ ލިޓަރަރީ އެލެމެންޓްސްތަކެއް ކަން ދެނެގަތުމުގެ ގޮތުން ކުރެވިފައިވާ ދިރާސާއެކެވެ. މި ދިރާސާކުރުމުގައި އިބްރާހީމް ޙުސައިންމަނިކުގެ ކުރުވާހަކަތަކުން 27 ކުރުވާހަކައެއްގެ އެކި ޖުމުލަތައް ނަގައި، ދިރާސާކުރުމުން ފާހަގަވެގެން ގޮސްފައިވަނީ، ސިފަކުރުމުގެ އިބާރާތްތައް ގެނައުމުގައި ވަކި ތަރުތީބެއް ގެންގުޅެފައިވާކަމެވެ. އެގޮތުން ސިފަކުރުންތައް ގެނެސްފައި ހުންނައިރު ޖުމުލަތައް ތަރުތީބުކޮށްފައި ވަނީ އެ މަންޒަރެއް ނުވަތަ އެ ތަނެއް ސިފަކުރުމަށް މަތިން ތިރިއަށް ނުވަތަ ތިރިން މައްޗަށް ނުވަތަ ދުރުން ކައިރިއަށް ނުވަތަ ކައިރިން ދުރަށްވާ ގޮތަށެވެ. މިނޫން ވެސް ތަރުތީބުތައް ގެންގުޅެފައި ވެސް ވެއެވެ.

      އިބްރާހީމް ޙުސައިންމަނިކުގެ ވާހަކަތަކުން ފާހަގަކުރެވުނު އަނެއް ސިފައަކީ ލިޓަރަރީ އެލެމެންޓްސްތަކުގެ ތެރެއިން ސިމްބޮލިޒަމްގެ ދެ ވައްތަރުކަމުގައިވާ މެޓަފަރ އާއި ސިމިލީ ޖުމުލަތަކުގައި ބޭނުންކޮށްފައިވާކަމެވެ. މިކަމުގެ ސަބަބުން ޖުމުލަތަކުގެ ރީތިކަން އިތުރުކޮށްދީ ކިޔުންތެރިޔާގެ ހިތަށް، އެ ބުނާ އެއްޗެއް ތަސައްވަރުކުރެވޭލެއް ފަސޭހަވާނެ ކަމަށް ފެނެއެވެ. އިތުރަށް ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖުމުލަތަކުގެ ނިމުން އަޑުން އެއްގޮތްކޮށްގެން ގެނެސްފައި ހުރުމާއި ޖުމުލައިގެ މެދުތެރޭގައި ބޭނުންކޮށްފައި ހުންނަ ލަފުޒުތައް ވެސް އެއްގޮތަކަށް ކިޔޭނޭހެން ގެނެސްފައި ހުރުން ހިމެނެއެވެ. މިގޮތަށް ހުރުމުން ޖުމުލައިގެ ރީތިކަމާއި އޮމާންކަން އިތުރުކޮށްދީ މުޅި ލިޔުމުގެ ބަދަހިކަމާއި އެމުނި އެކުލެވުން ފެނިގެންދެއެވެ.

މިފަދަ ކުޑަ ދިރާސާއަކުން ވާހަކަ ލިޔުންތެރިއެއްގެ ވާހަކައިގައި ހުރި މުހިންމު ހުރިހާ ސިފަތަކެއް ހާމަކުރުމަކީ ވަރަށް ދަތިކަމެކެވެ. އެހެންކަމުން އިތުރަށް ދިރާސާކޮށްފި ނަމަ އިބާރާތްތައް ގެނައުމުގައި ގެންގުޅެފައިވާ އިތުރު ގޮތްތައް ފާހަގަވުމަކީ އެކަށީގެންވާކަމެކެވެ. ޚާއްޞަކޮށް ކެރެކްޓަރ ސިފަކުރުމުގައާއި ވަގުތު (ރޭދުވާ) ސިފަކޮށްދިނުމުގައި ތަފާތު ހުނަރުތަކެއް ބޭނުންކޮށްފައި ހުރެދާނެއެވެ. ހަމައެއާއެކު އިތުރު ލިޓަރަރީ އެލެމެންޓްސްތަކުގެ މައްޗަށް ދިރާސާހެދުމުގެ ފުރުޞަތު ވެސް އެބައޮތެވެ. އޭރުން އިބްރާހީމް ޙުސައިންމަނިކުގެ ވާހަކަތައް ރީތިވުމުގައި ހުރި އިތުރު މުހިންމު ސިފަތައް ހާމަވެގެންދާނެއެވެ.

Show CommentsClose Comments

Leave a comment