572Views 0Comments
ވާހަކަދެއްކުންތެރިކަމުގެ އެންމެ މުހިންމު އެއްބަޔަކީ މުއާޞަލާތުކުރުމެވެ. “މުއާޞަލާތު” މި ލަފުޒުން ތަފާތު މާނަތައް ދޭހަވެއެވެ. އެގޮތުން ގުޅުން އުފެއްދުމުގެ ޢަމަލަށް ވެސް މުއާޞަލާތު ކިޔައި އުޅެއެވެ. އަނގަބަހުން ބުނެގެން ނުވަތަ ލިޔެގެން އަންގާ އެންގުމަށް ނުވަތަ ދެކެވޭ ވާހަކައަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. މަޢުލޫމާތު ބަދަލުކުރުމަށް ކުރެވޭ ޢަމަލުތަކަށް ވެސް މުއާޞަލާތު ބޭނުންކުރެއެވެ. ހަމައެހެންމެ ބައެއްފަހަރު ދަތުރުފަތުރުކުރުމުގެ ނިޒާމަށް ވެސް މުއާޞަލާތުކުރުން ބޭނުންކޮށް އުޅެއެވެ. މީގެއިތުރުން ވާހަކަދެއްކުމާއި ސިޓީއާއި މެސެޖު ބަދަލުކުރުމުގެ ނިޒާމަށް ވެސް މިނަމުން ކިޔައި އުޅެއެވެ. މިހުރިހާ މާނަތަކެއް ހުރިކަމުގައި ވިޔަސް މި ލިޔުމުގައި މުއާޞަލާތުކުރުން ކަމުގައި ބަލައިލާނީ އެކަކު އަނެކަކަށް ދޭހަވާ ބަހުރުވައަކުން ނުވަތަ ހަރަކާތަކުން ނުވަތަ އިޝާރާތަކުން ނުވަތަ ނިޝާނެއްގެ ބޭނުންކޮށްގެން ވާހަކަދެއްކުމަށް ކުރާ ޢަމަލަށެވެ. މި ހުރިހާ މާނައަކީ ވެސް ދިވެހިބަހުގެ ރަދީފުގައި ހިމަނާފައިވާ މާނަތަކެވެ.
ދައްކާ ވާހަކައެއް ފުރިހަމަވަނީ އޭގައި އެތައް ކަމެއް އެކުލެވިގެން ގުޅިލާމެހިގެން ތަރުތީބުވެގެން އައީމައެވެ. ވާހަކަދެއްކުންތެރިކަމުގެ ފަންނުގެ ތެރޭގައި އެކުލެވިގެންވާ ކަންކަމުގެ ތެރޭގައި ވާހަކަދެއްކުންތެރިޔާގެ ކިބައިގައި ހުންނަންވީ ސިފަތަކާއި، އަޑުއެހުންތެރިންނަށް އޭނާ ތަޢާރަފުވެވޭނެ ގޮތްތަކާއި، ތިމާގެ ކިބައިގައި ހުރި ޢިލްމަކާއި ޙިލްމެއް އަނެކުންނަށް ބުނެދޭނެ ނުވަތަ އުނގަންނައިދޭނެ ނުވަތަ އޮޅުންފިލުވައިދޭނެ ގޮތްތަކާއި ހަމަތަކާއި އުސޫލުތަކާއި، ކަންކަމުގެ ރަނގަޅުނުބައި ބުނެދޭނެ ގޮތްތަކާއި އެކަންކަމަށް އެހުންތެރިން ޝައުޤުވެރިކުރުވާނެ ގޮތާއި އެ ޝައުޤުވެރިކަން ދަމަހައްޓަން ކުރާނެ ކަންތަކާއި އެ ބުނެދިން އެއްޗެއް އެހުންތެރިންނަށް ފަހުމުވީ ކިހާ މިންވަރަކަށްކަމާއި، މި ހުރިހާކަމެއް ހިމެނެއެވެ. ކުރުކޮށް ބަޔާންކުރާނަމަ ވާހަކަދެއްކުންތެރިކަމަކީ ވާހަކަދައްކާ މީހާ ދައްކާ ވާހަކަ އެހުންތެރިންނާ ހަމައަށް ފޯރުމާއި އެހުންތެރިން އެކަމުގައި ޢަމަލުކުރާނެ ގޮތާއި ދެމެދު ހިމެނޭ ހުރިހާ ކަމެކެވެ.
ވާހަކަދެއްކުންތެރިކަމުގައި ހިމެނޭ ކަންކަމަށް ގާތުން ބަލައިލާއިރު މައިގަނޑު ހަ ކަމެއް ފާހަގަވާނެއެވެ. މިއީ ވާހަކަދެއްކުންތެރިއެއްގެ ވާހަކަ ފުރިހަމަވުމަށްޓަކައި ކޮންމެހެން ވެސް ހިމެނެންޖެހޭ ނުވަތަ ފުރިހަމަވެފައި ހުންނަން ޖެހޭނެ ބައިތަކެކެވެ. އެއީ ވާހަކަދެއްކުންތެރިޔާ، ފޯރުކޮށްދޭ މެސެޖު، އެ ވާހަކައެއް ދައްކާ މުނާސަބަތު، އަޑުއެހުންތެރިން ނުވަތަ ޙާޟިރީން، ދައްކާ ވާހަކަ އެހުންތެރިންނާ ހަމައަށް ފޯރުމުގައި ހުރި ދަތިތައް ނުވަތަ އޮޅުންބޮޅުން، މީގެ އިތުރުން އެ ދެއްކިވާހަކައަކާމެދު އަޑުއެހުންތެރިންގެ ފަރާތުން ލިބޭ ބިނާކުރަނިވި ފާޑުކިޔުން ހިމެނެއެވެ. ވާހަކަދެއްކުމެއް ފުރިހަމަވާނީ މިކަންކަމަށް ސަމާލުކަންދީގެން ކުރިއަށް ދެވޭ މިންވަރަކުންނެވެ.
1. ވާހަކަދެއްކުންތެރިޔާ
ވާހަކަދެކުންތެރިޔަކާ ނުލައި ވާހަކަދެއްކުންތެރިކަމެއް ނޯންނާނެއެވެ. ވާހަކަދެއްކުންތެރިއެއްގެ ވާހަކަ ބައްޓަންކުރަންވާނީ އަޑުއަހަންތިބޭ ބައެއްގެ ސިކުނޑިއަށް އެ ދައްކާ ވާހަކައެއް ފަސޭހައިން ފަހުމުވާނޭ ބީދައަކުންނެވެ. އަޑުއަހަންތިބޭ ބައެއްގެ ޝައުޤުވެރިކަން އެ ދައްކާ ވާހަކައަކަށް ނުލިބޭ ނަމަ އެ ދައްކާ ވާހަކައަކުން ފޯރުކޮށްދޭން ބޭނުންވާ މެސެޖެއް އެހުންތެރިންނާ ހަމައަށް ރަނގަޅަކަށް ފޯރުކޮށެއް ނުދެވޭނެއެވެ. ކުޅަދާނަ ވާހަކަދެއްކުންތެރިންގެ ވާހަކަތައް އަޑުއަހާފައި އެ ދެއްކި ވާހަކައަކާމެދު އެހުންތެރިން ފުންކޮށް ވިސްނާނެއެވެ. ނުވަތަ ފުންކޮށް ވިސްނުމަށް މަޖުބޫރުވާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ވާހަކަދެއްކުންތެރިޔާ އެ ވާހަކައެއް ދެއްކި މަޤްޞަދު ޙާޞިލުވުމަށް މަގުފަހިވުމެވެ. ވާހަކަދެއްކުންތެރިޔާގެ ކިބައިގައި އެހުންތެރިން ޝައުޤުވެރިކުރުވާ ގޮތް ހުރެފައި އެ ފޯރުކޮށްދޭން ބޭނުންވާ މެސެޖު ރަނގަޅަށް ފޯރުކޮށްދެވިއްޖެ ނަމަ އަޑުއެހުންތެރިންގެ ކިބައިން ބިނާކުރަނިވި ޚިޔާލާއި މަޝްވަރާ ކަންކަމުގައި ލިބޭނެއެވެ. ހަމައެހެންމެ އެ ވާހަކަދެއްކުންތެރިޔަކީ އެހުންތެރިންގެ މެދުގައި މަޤުބޫލު ވާހަކަދެއްކުންތެރިއަކަށް ވެގެންދާނެއެވެ.
2. ފޯރުކޮށްދޭން ބޭނުންވާ މެސެޖު
ދައްކާ ވާހަކައިގައި ފޯރުކޮށްދޭން ބޭނުންވާ ސާފު މެސެޖެއް އޮންނަން ވާނެއެވެ. މުޅި ވާހަކަ ބިނާކުރަން ޖެހޭނީ މި މެސެޖު އެހުންތެރިންނަށް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމުގެ މައްޗަށެވެ. އެހެންކަމުން އެ ދައްކާ ވާހަކައެއްގައި ވަކި ތަރުތީބަކާއި، ނުކުތާތައް ގެނައުމުގައި ރޭވުންތެރިކަމަކާއި، ވިސްނުންތަކެއް ގެނގުޅެންޖެހެއެވެ. ފޯރުކޮށްދޭން ބޭނުންވާ މެސެޖު އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށްޓަކައި އެ ވަގުތަކު އެ މުޚާޠަބުކުރެވޭ އޯޑިއަންސަކާ ގުޅޭގޮތަށް އަދި އެ ދައްކާ ވާހަކައަކާ އެންމެ އެކަށޭނަ ބީދައަކުން އެކިއެކި ވަޞީލަތްތައް ބޭނުންކުރެވިދާނެއެވެ. މިގޮތުން އެކިކަހަލަ ގްރާފްތަކާއި ޗާޓްތަކާއި ފޮޓޯއާއި ވީޑިއޯއާއި ޕަވަރޕޮއިންޓް ޕްރެޒެންޓޭޝަން ވެސް ބޭނުންކުރެވިދާނެއެވެ. މީގެ އިތުރުން ބަޔަކަށް މެސެޖު ފޯރުކޮށްދޭއިރު އެކަމަކާ އެންމެ ގުޅޭ އަދި އެބަޔަކާ އެންމެ ގުޅޭ ބަސްމަގު ޚިޔާރުކުރުމަކީ ވެސް ވަރަށް މުހިންމުކަމެކެވެ.
ބައެއްގެ ހިތަށް މެސެޖެއް ފޯރުކޮށްދެވޭނީ ހިތާ ކުޅެލާފަދަ ޖަޒުބާތަކާއި އަސަރެއް އެ ދައްކާ ވާހަކައެއްގައި ހުރެގެންނެވެ. އެހެންކަމުން ދައްކާ ވާހަކައިގައި ބޭނުންކުރާ ބަސްކޮށާރު ވެސް ވާންވާނީ އެ އަސަރުތަކާއި އެ ޖަޒުބާތު އުފައްދާ ކަހަލަ ބަސްކޮށާރަކަށެވެ. މީގެ އިތުރުން ވާހަކަދެއްކުންތެރިޔާގެ ހަރަކާތްތަކާއި މޫނުމައްޗަށް ގެންނަ ބަދަލުތަކާއި ކުލަވަރާއި ލޮލުގެ ހަރަކާތާއި މިފަދަ ހަރަކާތްތަކަކީ ވެސް އަނެކާއަށް އެ ދޭ މެސެޖެއް ފަހުމުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ކަންތައްތަކެވެ. އެހެންކަމުން މިއިން އެއްވެސް ކަމެއް ދޫކޮށްލައިގެން ނުވާނެއެވެ.
3. ވާހަކަދައްކާ މުނާސަބާ
ވާހަކަދައްކަން ހަމަޖެހިފައިވާ މުނާސަބަތާ ގުޅިގެން ވެސް ވާހަކަދެއްކުންތެރިއަކު ވިސްނަންޖެހޭ ވަރަށް ގިނަ ކަންކަން ހުރެއެވެ. ލިބުނު ކާމިޔާބީއެއް ފާހަގަކުރުމަށް ބާއްވާ ހަފުލާގައި ދައްކާ ވާހަކަ ޤައުމީ އިހުތިފާލެއް ފާހަގަކުރުމަށް ބާއްވާ ޖަލްސާގައި ދައްކާ ވާހަކައާއި ތަފާތުވާނެއެވެ. ޤައުމީ އަބުޠާލުންގެ ޒިކުރާ އާކުރުމަށް ބާއްވަ ޖަލްސާއެއްގައި ދައްކާ ވާހަކަ ވިޔަފާރީގެ މަންސައެއްގައި ދައްކާވާހަކައާއި ތަފާތުވާނެއެވެ. މީގެ އިތުރުން ތައުބީނުގެ ޖަލްސާއެއްގައި ދައްކާ ވާހަކަ ވެސް އެހެން ހަފުލާތަކުގައި ދައްކާ ވާހަކައާ ތަފާތުވާނެއެވެ. ހަމަ އެހެންމެ ސުކޫލެއްގެ އިނާމުދިނުމުގެ ޖަލްސާގައި ދައްކާ ވާހަކަ ސިޔާސީ ޕާޓީއަކުން ބާއްވާ އެއްވުމެއްގައި ދައްކާ ވާހަކައާއި ތަފާތުވާނެއެވެ. މިއިން ކޮންމެ ހަފުލާއެއްގައި ވެސް ބައިވެރިވާނީ ތަފާތު އޯޑިއަންސެކެވެ. އެހެންކަމުން ކޮންމެ ހަފުލާއެއްގައި ވެސް ތަފާތު ގެންނަން ޖެހޭ އެތައްކަމެއް ހުންނާނެއެވެ. މި ތަފާތުތައް ހުންނަނީ ހަމައެކަނި ދައްކާ ވަހަކައިގެ އޮއްޓަރުގައެއް ނޫނެވެ. އަޑާއި ރާގު ގެންގުޅޭގޮތާއި ގެންގުޅޭ ބަސްމަގުގައި ވެސް ވެސް ތަފާތު ހުންނާނެއެވެ. ބަސްމަގު ތަރުތީބުކުރުމުގައި ވެސް ތަފާތު ހުންނާނެއެވެ. ބަސްކޮށާރުގައި ވެސް ތަފާތު ހުންނާނެއެވެ. އުފައްދާ ޖަޒުބާތާއި އަސަރުން ވެސް އެތަފާތު ފެންނާނެއެވެ. ހަރަކާތުން ވެސް ތަފާތު ފެންނާނެއެވެ. މި ތަފާތުތައް ނުގެނެވޭނަމަ އެ ދައްކާ ވާހަކައެއްގެ ފުރިހަމަ އަސަރެއް އެހުންތެރިންނަކަށް ނުކުރާނެއެވެ. އެހެންކަމުން ވާހަކަދެއްކުންތެރިއެއްގެ ކިބައިން ފެންނަންޖެހޭނެ މުހިންމު އަނެއް ސިފައަކީ މުނާސަބާތާ އެންމެ އެކަށޭނަގޮތަށް ވާހަކައާއި ހަރަކާތްތަކާއި އަޑާއި ރާގު ބައްޓަންކޮށްގެން ވާހަކަދެއްކުމެވެ.
4. އޯޑިއަންސް (ހާޒިރީން)
މުޚާޠަބުކުރެވޭ މީހުންގެ ތެރޭގައި އެކިކަހަލަ މީހުންތިބޭނެއެވެ. އެކި މީހުންނަށް އެކި ވާހަކަ ފަހުމުވާނީ ވެސް އެކި މިންވަރަށެވެ. ބައެއް މީހުންނަކީ ދައްކާ ވާހަކަ ވަރަށް ފަސޭހައިން ނަގައިގަންނަ މީހުންނެވެ. އަނެއްބައި މީހުންނަކީ ވަރަށް ތަފުޞިލުކޮށް ކަންކަން ކިޔައިދިނީމަ ފަހުމުވާ މީހުންނެވެ. އެހެންކަމުން ވާހަކަދެއްކުންތެރިޔަކު ވާހަކަދައްކަން ފެށުމުގެ ކުރިން އެ ހަފުލާއެއްގެ ހާޒިރީން ދެނެގަތުމަކީ ވަރަށް މުހިންމުކަމެކެވެ. އަޑު އިވުމަކީ އަދި އަޑުއެހުމެއް ނޫނެވެ. މީހަކަށް މީހަކު ވާހަކަދައްކާ އަޑު އިވިދާނެއެވެ. އެކަމަކު އެކީ އެއްޗެއް ދޭހަ ނުވެ ހިނގައިދާނެއެވެ. އެއީ އެއަންނަ އަޑަށް ސަމާލުކަން ނުދެވުނީމައެވެ. ދައްކާ ވާހަކައަށް މީހުން ސަމާލުކަން ދޭނީ އެ ދައްކާ ވާހަކައިގައި މީހުން ސަމާލުކަން ދޭނެ ގޮތްތައް އެކުލެވޭނަމައެވެ. އެހެން ނޫނީ ފޫހިވާގޮތްވެ ވާހަކައަށް ސަމާލުކަން ދިނުން ހުއްޓޭނެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ ތިމާ ދޭން ބޭނުންވާ މެސެޖު އެހުންތެރިންނަށް ރަނގަޅަށް ފަހުމުނުވުމެވެ.
ވާހަކަދެއްކުމުގައި އޯޑިއަންސްގައި ތިބި ބަޔަކާ އެކަށޭނަ ގޮތަށް ވާހަކަ ބައްޓަންކުރަން އެނގެން ވާނެއެވެ. ޒުވާނުންނާ މުޚާޠަބުކުރާ ބީދައިން އިސްރަށްވެހިންނާ މުޚާޠަބުކުރީމަ އެދެވޭ ނަތީޖާއެއް ނުލިބިދާނެއެވެ. ހަމަ އެގޮތަށް ބޮޑެތިމީހުންނާ ވާހަކަދައްކާ މޭރުމުން މަދަރުސާކުދިންނާ ވާހަކަދެއްކީމަ ކަމަކު ނުދާނެއެވެ. މިއިން ކޮންމެ ބަޔަކީ ވެސް ތަފާތު ބައެކެވެ. އެހެންކަމުން ވާހަކަދެއްކުންތެރިއެއްގެ ވާހަކަ ބައްޓަންކުރަންވާނީ އެ ޖަލްސާއެއްގެ ނުވަތަ އެ ބައްދަލުވުމެއްގެ ހާޒިރީންނަކީ ކޮންބައެއްކަން އެނގިގެން އެ ބަޔަކާ އެންމެ ގުޅޭގޮތަށެވެ.
5. ވާހަކަދެއްކުމަށް ހުރަސްއެޅިދާނެ ކަންކަން
ވާހަކަދެއްކުންތެރިއަކު ވާހަކަދައްކަމުން ދަނިކޮށް ވާހަކަދެއްކުމަށް ދަތިވެދާނެ ނުވަތަ ހުރަސް އެޅިދާނެ ކިތަންމެ ކަމެއް ދިމާވެދާނެއެވެ. މި ފަދަ ބައެއް ކަންކަމަކީ ވާހަކަދެއްކުންތެރިޔާގެ ޒިންމާއެއް އެކަންކަމުގައި ނެތްކަމުގައި ވިޔަސް ދިމާވެދާނެ ކަންކަމެވެ. އެގޮތުން އެ ހަފުލާއަކަށް ތައްޔާރުކުރުމުގައި ހުރި ދޯހަޅިކަންތައްތަކެއްގެ ސަބަބުން ދިމާވެދާނެ ކަންކަން ހުރެދާނެއެވެ. މިސާލަކަށް އިރުއިރުކޮޅުން މައިކުން އަޑުކެނޑުން ނުވަތަ ސްޕީކަރުން ތޫލި އަޑުފައްގަނޑެއް އިވުން ފަދަ ކަންތައްތަކެވެ. މީގެ އިތުރުން ވާހަކަދެއްކުން އޮތް ތަނަކީ ބޭރުގެ އަޑުތައް ފަސޭހައިން ވަންނަ ތަނެއްކަމުގައި ވާނަމަ ކައިރި ގެއަކުން ކުރާކަމަކުން ނުވަތަ ކައިރީގައި ހުރި ވޯރކްޝޮޕެއްގައި މަސައްކަތްކުރާއިރު އިވޭއަޑުތައް ވެސް އެއީ ވާހަކަދެއްކުމަށް ހުރަސްއަޅާ ކަންކަމަށް ވެދާނެއެވެ. ނަމަވެސް މިފަދަ ކަންކަމަކީ އެކަމުގައި ވާހަކަދެއްކުންތެރިޔާގެ އިހުމާލެއް އޮތްކަމެއް ނޫނެވެ. އަނެއްބައި ކަންތައްތަކަކީ ވާހަކަދެއްކުންތެރިޔާ ޒިންމާވާން ޖެހޭ ކަންކަމެވެ. އެގޮތުން ދައްކާވާހަކައިގައި ޝައުގުވެރިކަމެއް ނެތުމުގެ ސަބަބުން އޯޑިއަންސް ފޫހިވެ އެމީހުން އަމިއްލަ ވާހަކަތައް ދައްކަންފެށުމާއި އޯޑިއަންސާއި ވާހަކަދެއްކުންތެރިޔާއާއި އޮންނަ ގުޅުން ކުޑަވުމުގެ ސަބަބުން އޯޑިއަންސްގެ ޝައުޤުވެރިކަން ގެއްލުން ފަދަ ކަންތައްތަކަކީ ވާހަކަދެއްކުންތެރިޔާ ޒިންމާވާންޖެހޭ ކަންކަމެވެ.
6. ބިނާކުރަނިވި ފާޑިކިއުމަށް މަރުހަބާކިޔުން
ވާހަކަދައްކައި ނިމުމުން އެ ދެއްކި ވާހަކައާމެދު މީހުން ދެކޭގޮތް އޮޅުންފިލުވުން ވަރަށް މުހިންމެވެ. އެއީ ކަމުނުދާ ކަމެއް ކުރެވިފައިވާ ނަމަ އެކަމެއް އިސްލާހުކުރަން އެނގޭނީ އޭރުންނެވެ. އެހެންކަމުން ވާހަކަދައްކަން ހަމަޖެހިފައިވާ ހަފުލާ ނިމުމުން އެ ހަފުލާގައި ބައިވެރިވި ދަންނަ މީހުންކުރެން ވާހަކަދެއްކުން ދިޔައީ ކިހިނެއްތޯ އޮޅުންފިލުވައިލުން މުހިންމެވެ. އެފަދަ ބަޔަކު ނެތްނަމަ ވާހަކަދައްކަމުންދާއިރު ތިމާއަށް ވެސް އެހުންތެރިންގެ ޝައުގުވެރިކަން ހުންނަ މިންވަރު ދެނެގަނެ ދެއްކި ވާހަކަ ކަމުގޮއްސިތޯ ނުވަތަ ނޫންތޯ ބެލިދާނެއެވެ. މީހުން ކަނުލައި ޝައުގުވެރިކަމާއެކު އަޑުއަހަން ތިބި ނަމަ އޭގެ މާނައަކީ ވާހަކަދެކެވިފައިވަނީ ހިތްހަމަޖެހޭ ގޮތަކަށެވެ. އެހެންތެރިންގެ އަޑުގަދަވެ އެމީހުން ފޫހިވެގެން އުޅޭފަދަ ގޮތަކަށް ހަރަކާތްތައް ފެންނަ ނަމަ ވާހަކަދެއްކުން ކުރިއަށް އެދަނީ އެންމެ ރަނގަޅަކަށް ނޫނެވެ. އެހެންކަމަށް ވާނަމަ އަވަހަށް އެކަން ރަނގަޅުކުރަން މަސައްކަތްކުރަންވާނެއެވެ. އެހުންތެރިންގެ ޝައުޤުވެރިކަން ހޯދަން މަސައްކަތްކުރަންވާނެއެވެ. މިކަމުގައި ނާކާމިޔާބު ވެއްޖެ ނަމަ ވާހަކަދެއްކުން އިތުރަށް ދިގު ނުކޮށް ކުރުކޮށްލާށެވެ. އަދި އެއަށްފަހު ގޯސްކޮށް ދިޔައީ ކޮންކަމެއްތޯ ވިސްނައި އެކަމެއް ދެންފަހަރަކަށް ރަނގަޅުކުރާށެވެ.