Skip to content Skip to footer

މަޖާ ހާދިސާ – ހުސެންފުޅުގެ ކްލަބްސޭންޑްވިޗް ދަތުރު

ހުސެންފުޅަކީ ވަރަށް އާދައިގެ އާއިލާއަކަށް އުފަންވެފައި ހުރި ކުއްޖެކެވެ. އުޅެ ބޮޑުވީ މައިންބަފައިންގެ ބަސްއަހާ ކުއްޖެއްގެ ގޮތުގައެވެ. މާގިނައިން ތަންތަނަށް ގޮސްއުޅޭ ކުއްޖެއް ނޫނެވެ. އަމުދުން ރަށުން ބޭރަށް ވެސް ދިޔައީ ދެތިންފަހަރަކުއެވެ. އެއީ ކަނޑުމަގުންނެވެ. މިހާތަނަކަށް ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްފައެއް ނެތެވެ. ނުވިތާކަށް ރާއްޖޭގައި ވެސް އަދި މަތިންދާ ބޯޓެއްގައި ދަތުރެއްކޮށްލެވިފައެއް ނުވެއެވެ. ހުސެންފުޅަކީ މިހާރު ޒުވާނެކެވެ. ސުކޫލުން ކިޔަވައި ވެސް ނިމިއްޖެއެވެ. އެހެންކަމުން ހުސެންފުޅު ހުރީ މަތިންދާބޯޓެއްގައި ދަތުރެއްކޮށްލަން ވަރަށް ބޭނުންވެ އެފަދަ ފުރުޞަތެއް ލިބޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.  

ކޮންމެއަކަސް ރާއްޖެއިން ބޭރަށް ދަތުރެއް ކޮށްލެވޭނެކަމުގެ އުންމީދުގައި ހުސެންފުޅު ހުއްޓައި އޭނާގެ ރަހްމަތްތެރިން ޗުއްޓީ ހަދާލަން ލަންކާއަށް ދާންއުޅޭކަން އެނގިގެން އެދަތުރުގައި ބައިވެރިވެއްޖެއެވެ. ރަހުމަތްތެރިންނަށް ވުރެވެސް ބޮޑަށް މި ދަތުރުގެ ކަންތައްތައް ހަމަޖެއްސުމުގައި އިސްވެގަތީ ހުސެންފުޅެވެ. މިގޮތުން ޓިކެޓް ކަންތައްތައް ހަމަޖެއްސުމާއި ގޮސްތިބޭނެ ހޮޓާ ބުކް ކުރުމުގެ ކަންތައްތައް ވެސް ހަމަޖެއްސުމުގައި އެންމެ ފޯރިނަގައިގެން އުޅުނީ ހުސެންފުޅެވެ. ވާނީވެސް އެހެންތާއެވެ. ހުސެންފުޅުގެ ބޮޑު އުންމީދެއް ފުރިހަމަވަނީ ވިއްޔާއެވެ.

ފުރާދުވަސް އައިސްގެން އެންމެން އެއަރޕޯރޓަށް ހިނގައްޖެއެވެ. ހުސެންފުޅު ވެސް ހުރީ ވަރަށް އުފަލުންނެވެ. ފުރަތަމަފަހަރަށް މަތިންދާ ބޯޓަކަށް އެރޭތީއާއި އަދި ބޭރު ގައުމަކަށް ދެވޭތީއެވެ. ބޮލުގައި ފިސާރި ގިނަ ސުވާލުތައް ވެސް އަނބުރަމުން މަޑުމަޑުން ފުރާ ގިމަތައާ ދިމާއަށް ހިނގަންފަށައިފިއެވެ. ބޯޓު މައްޗަށް އެރީމަ ވާނީ ކިހިނެއްބާއެވެ. ރަށްތައް ފެންނާނީ ކިހިނަކުންބާއެވެ. އަނެއްކާ ބޯޓަކަށް ކަމެއް ނުވާނެބާއެވެ. ކޮންމެއަކަސް ފުރާގަޑި ކައިރިވާ ވަރަކަށް ހުސެންފުޅުގެ މޫނުމަތިން ހާސްކަން ފެންނަން ފަށައިފިއެވެ. އިށީނދެ އިންއިރު ވެސް އިނދެވެނީ ދެފައި ތަޅުވައިލަތަޅުވައިލައެވެ. އިނީ އޭސީކޮށްފަ ހުރި ތަނެއްގައި ނަމަވެސް މީހާގެ ނިތްކުރިމަތިން ހުރީ އޮށްދާ ހިއްލާލާފައެވެ. މިކަން ރައްޓެހިންނަށް ފާހަގަވެގެން ވީގޮތެއް އަހަން ވެސް ފަށައިފިއެވެ. އެންމެފަހުން އެމީހުން ކުރުނުކުރީމައި ބުނަން ވެސް ޖެހިއްޖެއެވެ. ވަރަށް ނޫންކަމަށް ހަދާލާފައި ބުނެފިއެވެ. މަތިންދާބޯޓުން އަލަށް ދަތުރުކުރާތީ މަންނަ ކުޑަކޮށް ބިރުގަންނަނީއެވެ. ބޯޓަށްއެރީމަ ވާނެ ގޮތެއް ނޭނގޭތީއެވެ. ބޯޓު ވެއްޓިދާނެތީ ބިރުގަންނަނީއެވެ. ރައްޓެހިން މިފަހަރު ކަންތައްކުރީ ވަރަށް ރަނގަޅަށެވެ. ހުސެންފުޅާ ދިމާކުރުމުގެ ބަދަލުގައި އެމީހުން ބުނީ އެއީ ބިރުގަންނަން ޖެހޭ ކަމެއް ނޫންކަމަށެވެ. އެއީ ދުނިޔޭގެ އެންމެ ރައްކާތެރި ދަތުރުފަތުރުގެ ނިޒާމަކީ ވައިގެ ދަތުރުފަތުރުކަމަށް ވެސް ބުނެދީ ވިސްނައިދީފިއެވެ.

ރައްޓެހިންގެ ހިތްވަރުދިނުމާއެކު ހުސެންފުޅުގެ ހިތަށް ކުޑަކޮށް ހަމަޖެހުމެއް ލިބިއްޖެއެވެ. ތެޅިތެޅި އޮތް ހިތުގެ ސްޕީޑް ދަށްވާން ފަށައިފިއެވެ. އިސާހިތަކު އެންމެން ބޯޓަށް އަރައި ހއިށީނދެ ހަމަޖެހިލައިފިއެވެ.  ބޯޓު ނައްޓާލުމަށްޓަކައި ރަންވޭގައި ދުއްވަންފަށައިފިއެވެ. ބޯޓުގެ ސްޕީޑް ބާރުވާވަރަކަށް ހުސެންފުޅުގެ ހިތުގެ ހިނގުން ވެސް އަނެއްކާ ބާރުވާން ފަށައިފިއެވެ. އެއާއެކު ކައިރީގައި އިން އަޙްމަދުގެ އަތުގައި ހިފާލެއް ވެސް ދިޔައީ ބާރުވަމުންނެވެ. ހުސެންފުޅު ހުރީ ވަރަށް ބިރުގެންފައެވެ. ކޮންމެއަކަސް ބޯޓު އުދުއްސައިގެންފިއެވެ. ހުސެންފުޅު އިނީ ދެލޯމަރައިގެންނެވެ. ހީވަނީ ފިލްމެއްގެ ބިރުވެރި މަންޒަރެއް ފެނުމުން ބަލަން ނުކެރިގެން ދެލޯ ތަގުޅިކޮށްގެން އިންހެނެވެ. ބޯޓު މައްޗަށް އަރަންފެށުމުން ފޫޅަށް ވައިއަރަނީއޭ ހާސްވަނީއޭ ކިޔައި ހުސެންފުޅު ހަޅޭލަވައިގަތެވެ. ރައްޓެހިން ކިތަންމެ ހިނިއަޔަސް ތިބީ ހިނިގަނޑު ހިފަހައްޓައިގެންނެވެ. އެއީ ހުސެންފުޅު އިތުރަށް ބިރުގެންފާނެތީއެވެ.

ބޯޓުގެ ދަތުރު ވެސް އޮމާންކަމާއެކު ކުރިއަށް އޮވެގެންދެއެވެ. ހުސެންފުޅު އިނީ ދެޝަހާދަތްމަތީގައެވެ. މިހެން އިންދާ ވިއްސާރަ ވިލާތަކެއްގެ ތެރެއިން ބޯޓު ދާންފެށުމުން ބޯޓު ވަރަށް ބޮޑަށް ތަޅުވަންފަށައިފިއެވެ. ހުސެންފުޅަށް ހީވީ މި ދަތުރުކުރެވެނީ ކާށިދޫ ކަނޑުގައިހެންނެވެ. އެކަމަކި ހިތާހިތާ ކިޔާލިއެވެ. ކާށިދޫކަނޑުގައި ދުއްވާފައިދާއިރު ވެސް މިއަށްވުރެ ރަނގަޅުވާނެއެވެ. އެއީ ކަނޑުގަ ދުއްވާ އުޅަނދަކީ ވެއްޓޭނެ އެއްޗެއް ނޫންވިއްޔާއެވެ. މި މަތިންދާބޯޓު ވެއްޓިއްޖެއްޔާ ދެން މަގޭ ކަންތައް މިހިސާބުން އެ ނިމުނީއެވެ. ކޮންމެއަކަސް ދަންނަ ހެޔޮއެއްޗެއް ވެސް ކިޔަންފަށައިފިއެވެ. ގަނެފައި ހުރި ބިރެއްގެ ސަބަބުން ވެސް ތޯއްޗެކެވެ. އަލްޙަމްދުން  ފަށައިގެން ވަކި ހިސާބަކަށް ގޮސް ނިމެނީ ވައްޟުޙާއަށެވެ. ބިރުގަނެފަ ހުރިވަރުން ހަމަ އޮޅެނީއެވެ. ނުވިތާކަށް ނަދުރުބުނަން ވެސް ފެށިއްޖެއެވެ. މީހާ ތުރުތުރުއަޅަން ފަށައިފިއެވެ.

ކުދަދޮރުކައިރީގައި އިން އިރުވެސް ބިރުން ހުސެންފުޅު އިންނަނީ ބޭރު ފެނިދާނެތީ ލޯމަރައިގެންނެވެ. ފުލައިޓުން ގެނައި ކާއެއްޗެހި ވެސް ކެވޭގޮތެއް ނުވިއެވެ. މީހާ ހުރީ އަނބުރައިގަނެ ހޮޑުލެވޭ ދަރަޖައަށް ގޮސްފައެވެ. މިހެން ބިރުން އިންނަންވީމަ ދެން ވާނެ ހައެތިވެސް ވެއްޖެއެވެ. ހުސެންފުޅު ކުޑަކަމުދާން ޖެހިއްޖެއެވެ. މަތިންދާބޯޓުގެ ފާހާނާ ހުންނަގޮތް ނޭނގޭތީ ވެދާނެ ގޮތަކާމެދު ބިރުން ދާކަށް ނުކެރުނެވެ. ނުގޮސް އިނދެވޭކަށް ވެސް ނެތެވެ. މި ޖެހުނު ހާލެއްގެ ބޮޑުކަމުން ރޮވޭގޮތް ވެސް ވެއްޖެއެވެ. އެންމެފަހުން އެފަދަ ހާލެއްގައި އިންދައި ފުލައިޓް ޖައްސަނީކަމަށް އިއުލާންކޮށްފިއެވެ. ހުސެންފުޅުގެ ބިރު ހައްތަހާ ވީ ބޮޑުވެ. އެއީ ޖައްސަނިކޮށް އަނެއްކާ ބޯޓަށް ގޮތެއް ވެދާނެތީއެވެ. ހުސެންފުޅު އިންގޮތުން ހީވަނީ ދުނިޔޭގެ ހުރިހާ މުސީބާތެއް އެއްފަހަރާ އޭނާއަށް ޖެހިފަ އިންހެންނެވެ.  

ފިނޮޅަކަށް ކިރުދޫންޏެއް ޖައްސާލާހާ ރީތިކޮށް ފުލައިޓް ޖައްސައިފިއެވެ. އެކަމަކު ހުސެންފުޅަށް އެވަގުތުކޮޅު ވެސް ހީވީ ދެން ތިމަންނަގެ ދުވަސް މިދިޔައީއޭ ހިވާހާ ބިރިވެރި ވަގުތުކޮޅަކަށެވެ. ތުރުތުރު އަޅައަޅާ އިން ހުސެންފުޅަށް ހޭވެރިކަން ވީ ކައިރީގައި އިން ރަހުމަތްތެރިޔާ ދެން ފައިބަން ހިނގާށޭ ބުނިއަޑަށެވެ. ކޮންމެއަކަސް ހުސެންފުޅާއި އޭނާގެ ބައިވެރިން ޓެކްސީއެއް ހޯދައިގެން ހޮޓަލަށް ހިނގައްޖެއެވެ. ހޮޓަލަށް ގޮސް ތާޒާވެލުމަށްފަހު ދެން އެންމެން ނިންމީ ބަނޑަށް އެއްޗެއް ލުމަށް ކޮންމެވެސް ރެސްޓޯރެންޓަކަށް ދިއުމަށެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން އެންމެން ވެސް ނިންމީ ހޮޓަލުގެ ރެސްޓޯރަންޓަށް ގޮސް ތަންކޮޅެއް ލުއިގޮތަކަށް ސައިގެ ކަންތައް ނިންމާލުމަށެވެ.

ރެސްޓޯރަންޓަށް ގޮސް ގެންނާނެ އެއްޗަކާމެދު ޚިޔާލު ތަފާތުވުމުން އެންމެން ނިންމީ ހުސެންފުޅުގެ ފުރަތަމަ ދަތުރުވީމަ ހުސެންފުޅަށް ޚާއްޞަ އިސްކަމެއް ދޭށެވެ. އެހެންކަމުން ބޭނުންވާ އެއްޗަކަށް އޯޑަރު ދިނުމަށް ހުސެންފުޅާ މަތިކުރެވިއްޖެއެވެ. އޯޑަރުދިނުމަށްޓަކައި ހުސެންފުޅު މެނޫ އެއްކޮޅުން އަނެއްކޮޅަށް ބަލައިލުމުން ކިރިޔާވެސް ދަންނައެއްޗަކަށް ފެނުނީ އެކިކަހަލަ ސޭންޑްވިޗްތަކެވެ. އެހެންކަމުން ރަނގަޅަށް ބަލާލުމަށްފަހު ހުސެންފުޅު 10 މީހުންނަށް ވާވަރަށް ކްލަބްސޭންޑްވިޗް ގެންނަން އޯޑަރުދީފިއެވެ. ކުލަބްސޭންޑްވިޗަކީ މީގެ ކުރިން ހުސެންފުޅު ކެއި އެއްޗެއް ނޫނެވެ. އެހެންވެ އާއެއްޗެއް ކައިލުމުގެ ނިޔަތުގައި އޯޑަރުދިނީއެވެ.

ރާއްޖޭގައި ހަވީރު ސައިބޯން މީހުން މާގިނައިން ރެސްޓޯރަންޓްތަކަށް ދިޔަސް ލަންކާގައި މި މީހިން ތިބި ހޮޓަލުގައި ސައިބޯން ތިބި ދިވެހި ގްރޫޕް ފިޔަވައި އިތުރުބަޔަކު ނެތެވެ. ސޭންޑްވިޗްގެ އޯޑަރުދިނުމާއެކު ވެއިޓަރުގެ މޫނުން ވެސް ނުތަނަވަސްކަމެއް ފެނިގެންދިޔައެވެ. އެއް ވެއިޓަރު އަނެއް ވެއިޓަރަށް ޗުކުޗުކުލައްވަން ވެސް ފެށިއެވެ.

މާގިނައިރެއް ނުވެ ކުލަބް ސޭންޑްވިޗް ތަށިތައް މޭޒުމައްޗަށް ގެންނަންފަށައިފިއެވެ. ކޮންމެ މީހަކަށް ތަށްޓެއް ގެނައުމަށްފަހު ވެއިޓަރުން އިތުރު މޭޒެއް ކައިރިކޮށް އެ މޭޒުމަތީގައި ވެސް ސޭންޑްވިޗް ތަށިތައް އަތުރަންފަށައިފި. އިސާހިތަކު އެ މޭޒުވެސް ފުރިއްޖެއެވެ. ފުރޭނެތާއެވެ. ކޮންމެ ތަށްޓެއްވެސް ޞަލަވާތު ތަށްޓެއް ހައި ބޮޑެވެ. މިހިސާބަށް ކަންތައް ދިއުމުން އެންމެން ހުސެންފުޅުކައިރީ ކިތައް ސޭންޑްވިޗަށް ތޯ އޯޑަރުދިނީ އަހަންފަށައިފިއެވެ. ހުސެންފުޅު ވަރަށް ހަމަޖެހިލައިފައި ބުނީ ސޭންޑްވިޗް ވީމައި މީހަކަށް 4 ސޭންޑްވިޗް މަދުނުވާނެ ކަމަށް ބަލައި އޯޑަރުދިންކަމަށެވެ. ހުސެންފުޅު މިހެން ބުނުމުން އެންމެން ދިޔައީ އެއްލިގެންނެވެ. ރައްޓެހިންނަށް ވީގޮތް މި އެނގުނީ އަދިކިރިޔާއެވެ. ހުސެންފުޅަށް ހީވެފައި އޮތީ ރާއްޖެއިން ކައިއުޅޭ ޓޫނާ ސޭންޑްވިޗްގޮތަށް ކޮންމެ ތަށްޓެއްގައި އޮންނާނީ އެންމެ ސޭންޑްވިޗެއްކަމަށެވެ. އެކަމަކު ކުލަބްސޭންޑްވިޗްގައި ތަށްޓެއްގައި 4 ސޭންޑްވިޗް އޮންނަކަމެއް ހުސެންފުޅު ނުދެނެހުއްޓެވެ. އެހެންކަމުން މީހަކަށް 4 ސޭންޑްވިޗްގެ ރޭޓުން އޯޑަރުދިނީމައި ޖުމްލަ އެއީ 40 ތަށި ސޭންޑްވިޗެވެ. އެހެންވީމަ އެއީ ޖުމްލަ 160 ފޮތި ސޭންޑްވިޗެވެ. އަނެއްކާ އެއިން ކޮންމެ ފޮއްޗެއް ވެސް މީހެއްގެ އަތްތިލަހައި ބޮޑެވެ. ހުސެންފުޅަށް މިވީގޮތް ރޭކާލީ އަދި ކިރިޔާއެވެ. އޭރު ރައްޓެހިން ހެމުންހެމުން ގޮސް ތިބީ އަވަދިވާވަރުވެފައެވެ. ވެއިޓަރުން ޗުކުޗުކު ލެއްވި ސަބަބުވެސް އަދި ކިރިޔާ މި ރޭކާލީއެވެ. ހިސާބަށްވުރެ ވާނުވާ ނޭނގޭ މީހަކު މާމޮޅަށް ކްލަބްސޭންޑްވިޗަށް އޯޑަރުދިނީމަ އެމީހުން ވެސް ކުދިއެތި ކިޔާނެ ނޫންހެއްޔެވެ. އެމީހުންނަށް އަރާމުކޮށްލަން ލިބިފައި އޮތް ގަޑިއެއްގައި ކުއްލިއަކަށް ބަޔަކު އައިސް ޕާޓީއަކަށް އޯޑަރު ދޭވަރަށް ސޭންޑްވިޗަށް އޯޑަރު ދޭނެކަމަކަށް އެމީހުން ވެސް ހިޔެއް ނުކުރާނެ ނޫންހެއްޔެވެ. އެ ހުރިހާ އެއްޗެއް އެއްފަހަރާ ތައްޔާރުކުރަންވީމަ ވާނެ ބުރަ އެނގޭނީ ހަމަ އެމީހުންނަށެވެ. އެމީހުން ވާ ރުޅިމަޑެވެ.

ކޮންމެއަކަސް ރައްޓެހިންގެ ދިމާކުރުން އޮތީ ވަކިހެނެއްނޫނެވެ. އެންމެ ފަހުން ދަތުރަށް ވެސް ހުސެންފުޅުގެ ކްލަބްސޭންޑްވިޗް ދަތުރުގެ ނަމުން ނަންދީފި. ހުސެންފުޅަށް މަލާމަތްކުރަން ތިއްބަ ބިލު ގެނެސްފިއެވެ. ބިލަށް ބަލައިލައިފައި އެންމެންގެ ހުނުން މައިތިރިވެއްޖެއެވެ. އެހެންޏާފަހެ 40 ކުލަބު ސޭންޑްވިޗަށް އަންނާނީ ފިސާރި ބިލެއް ނޫންހެއްޔެވެ. ދެލޯމަރައިލައިފައި ބިލު ދައްކާފައި އެންމެން ނުކުތީ، ދެން ދުވަހަކު ކޮޅުން ވެސް ކާއެއްޗަކަށް އޯޑަރުދޭން ހުސެންފުޅާ ހަވާލުނުކުރަން ނިންމާފައެވެ.

Show CommentsClose Comments

Leave a comment