788Views 0Comments
ކޮންމެ ޤައުމެއްގެ ޙަޔާތުން އަންނާނެ އެންމެ މުހިންމު އެއް ދުވަހަކީ އެ ޤައުމެއްގެ މިނިވަންދުވަހެވެ. ޤައުމެއް ޤައުމެއްގެ ގޮތުގައި ތަސައްރަފު ފުދިގެން އަންނަނީ އެއީ މިނިވަން ޤައުމެއްގެ ގޮތުގައި ބަލައިގަންނަ ހިސާބުންނެވެ. އެ ޤައުމެއްގެ ރައްޔިތުންނަށް މިނިވަންކަމުގެ ފޮނިމީރުކަން ލިބެންފަށާ ހިސާބުންނެވެ. ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސީންގެ ޙިމާޔަތުގެ ދަށުން ރާއްޖެ ވީއްލުނު ދުވަހެވެ. އެއީ 1965 ވަނައަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އިނގިރޭސިންގެ ޙިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ދިޔައީ 1887 ވަނައަހަރުގެ ޑިސެންބަރު 16 ވަނަދުވަހުއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނީ އިނގިރޭސިންގެ ޙިމާޔަތުގެ ދަށުގައި އޮންނަތާ 77 އަހަރު ފަހުންނެވެ. ދިވެހިރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވި އަގުހުރި ބަޠަލަކީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރުއެވެ.
މާޒީވެ ގޮސްފައިވާ ތަނަށް ބަލައިލާއިރު ދިވެހިރާއްޖޭގެ މިނިވަން ދުވަސް ތަފާތު ދެ ތާރީޚެއްގައި ފާހަގަކޮށްފައިވާކަން އެނގޭނެއެވެ. 1965 ވަނައަހަރުގެ ޖުލައި 26 ން ފެށިގެން 1976 ވަނަ އަހަރުގެ މާރޗް މަހުގެ 29 ވަނަ ދުވަހާއި ހަމައަށް މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރެވުނީ ޖުލައި މަހުގެ 26 ވަނަދުވަހެވެ. ނަމަވެސް ރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ދުވަހަކީ މާރޗް 29 ކަމަށް 1976 ވަނައަހަރު ރައީސް އިބްރާހީމް ނާޞިރު ނިންމެވިއެވެ. މި ނިންމުމާ އެއްގޮތަށް މިނިވަންދުވަހުގެ ގޮތުގައި މާރޗްމަހުގެ 29 ވަނަ ދުވަސް ފާހަގަކުރެވުނީ 1978 ވަނައަހަރުއެވެ. އެއީ ރައީސް އިބްރާހީމް ނާޞިރުގެ ރައީސްކަމުގެ އެންމެ ފަހު އަހަރެވެ. ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަން ނިމުމާއެކު އެ ފަހުން ވެރިކަމަށް ވަޑައިގެންނެވި ރައީސް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ދިވެހިރާއްޖޭގެ މިނިވަންދުވަހަކީ ޖުލައި މަހުގެ 26 ވަނަ ދުވަސް ކަމުގައި އަނެއްކާވެސް ކަނޑައަޅުއްވާފައެވެ. އެދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަމުން މި އަންނަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަހެވެ. އެއީ އިނގިރޭސިންގެ ޙިމާޔަތުން ރާއްޖެ ނެއްޓި މިނިވަންކަމުގެ އެގްރިމެންޓްގައި ރައީސް އިބްރާހީމް ނާޞިރު ސޮއިކުރެއްވި ތާރީޚެވެ. މި ޚާއްޞަ ރަސްމިއްޔާތު އޮތީ ސިލޯނުގެ ކޮޅުނބުގައެވެ.
މާރޗް މަހުގެ 29 ވަނަ ދުވަސް ދިވެހިރާއްޖޭގެ މިނިވަންދުވަހުގެ ގޮތުގައި ރައީސް އިބްރާހީމް ނާޞިރު ކަނޑައެޅުއްވި ސަބަބާމެދު ވިސްނައިލާން އެބަޖެހެއެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ އެގްރިމެންޓްގައި ސޮއިކުރެވުނު ހިސާބުން ދިވެހިރާއްޖެއަކީ މިނިވަން ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުން ވަނީ ބަލައިގަންނަން ފަށާފައެވެ. ނަމަވެސް ދިވެހިރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ފޯރަމުންދާކަމަކަށް ދެންނެވޭކަށްނެތެވެ. މިކަން މިހެންވީ ދިވެހިރާއްޖެ މިނިވަންވުމުގެ 6 އަހަރުކުރިން އިނގިރޭސިންނާއެކު ކުރެވުނު މަޝްހޫރު އޯލްޕޯރޓް އެގްރިމެންޓުގެ ސަބަބުންނެވެ. މި އެގްރިމެންޓް ބުނާގޮތުން އައްޑުއަތޮޅު ގަމުގައި އިނގިރޭސިންނަށް 1960 ވަނަ އަހަރުން ފެބުރުއަރީ 14 ވަނަދުވަހުން ފެށިގެން އިތުރު 30 އަހަރަށް ތިބެވޭނެއެވެ. އޯލްޕޯރޓް އެގްރިމެންޓްގައި ވެސް ސޮއިކުރެއްވީ މިނިވަންކަމުގެ އެގްރިމެންޓްގައި ވެސް ސޮއިކުރެއްވި ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރެވެ. ރާއްޖެއަށް މިނިވަންކަން ދިނުމުގެ އެގްރިމެންޓްގައި ސޮއިކުރުމަކުން ވެސް އިނގިރޭސިންގެ ނަޒަރުގައި އޯލްޕޯރޓް އެގްރިމެންޓް އުވިގެނެއް ނުދިޔައެވެ. އެހެންކަމުން ދިވެހިރާއްޖެއަށް ސިޔާސީގޮތުން މިނިވަންކަން ލިބުނުއިރުވެސް އައްޑުއަތޮޅުގަމުގައި އިނގިރޭސިން ތިއްބެވެ. އޯލްޕޯރޓް އެގްރިމެންޓް ބުނާގޮތުން ދިވެހި ދައުލަތުގެ ބާރު ހިނގަނީ އައްޑޫ ރައްޔިތުންނާއި އެމީހުންގެ ގޯތިގެދޮރަށެވެ. އިނގިރޭސިން ތިބި ތަންތަން ކަމަށްވާ އައްޑުއަތޮޅު ގަމާއި އެއަތޮޅު ހިތަދޫގެ ދެކުނުން އޮންނަ މާމެންދޫއޭ ކިޔާ ސަރަހައްދުގައި އޮތީ އިނގިރޭސިންގެ ބާރެވެ. މިތަންތަނަކަށް ދިވެހި ދައުލަތުގެ ސިޔާދަތީ ބާރެއް ނުހިނގައެވެ.
ރާއްޖެއަށް މިނިވަންކަން ލިބުނުފަހުން އިނގިރޭސިން ދިވެހިރާއްޖޭގައި ތިބި ތިބުމުގައި ދިވެހި ދައުލަތުގެ ހުއްދަނެތި އެމީހުން އަމިއްލަ އަމިއްލައަށް އެތައް ކަންތައްތަކެއް ކޮށްފައިވެއެވެ. އެހެން ޤައުމުތަކާއެކު ރާއްޖޭގެ މަސްލަޙަތު ފުށުއަރާނެ އެތައް ކަމެއް ކޮށްފައިވެއެވެ. އެގޮތުން ފާހަގަކުރެވޭ ކަންތައްތަކުގެ ތެރޭގައި 1967 އަދި 1973 ގައި ޢަރަބީންނާއި އިޒުރޭލާ ދެމެދު ކުރެވުނު ދެ ހަނގުރާމައިގަވެސް އިޒުރޭލަށް އެހީތެރިވުމުގެ ގޮތުން ގަމުގެ ބޭނުން ކޮށްފައިވެއެވެ. ހަމައެހެންމެ 1971 ގައި އިންޑިޔާއާއި ޕާކިސްތާނާ ދެމެދު ކުރެވުނު ހަނގުރާމައިގައި ވެސް އިނގިރޭސިން ގަމުގެ ބޭނުން ކޮށްފައިވެއެވެ. އެހެންކަމުން ދިވެހިރާއްޖެއަށް މިނިވަންކަން ދިނުމުގެ އެގްރިމެންޓްގައި 1965 ޖުލައި 26 ގައި ސޮއިކުރެވުނު ކަމުގައި ވިޔަސް އިނގިރޭސިން އެއްކޮށް ރާއްޖެއިން ފައިބައިގެން ނުދާތީ އިނގިރޭސިންގެ މައްޗަށް ފުރިހަމަ މާނައިގައި ދިވެހި ދައުލަތުގެ ބާރުވެރިކަމެއް ނެތެވެ. އިނގިރޭސިން އެއްކޮށް ދިވެހިރާއްޖެ ދޫކޮށް ދިޔައީ 1976 ވަނައަހަރުގެ މާރޗް 29 ވަނަ ދުވަހުއެވެ. އެހެންކަމުން ރައީސް އިބްރާހީމް ނާޞިރުގެ ވެރިކަމުގައި މާރޗް 29 އަކީ ރާއްޖޭގެ މިނިވަން ދުވަސް ކަމުގައި ހަމަޖެއްސެވި ސަބަބަކީ އިނގިރޭސިންގެ ނުފޫޒު ރާއްޖޭގެ މައްޗަށް ކެނޑިގެންދިޔަ ދުވަހަކީ އެއީ ކަމުގައި ބައްލަވައިގެންނެވެ.
މިނިވަންދުވަހަކީ ޤައުމަކަށް އަދި އެ ޤައުމެއްގެ ރައްޔިތުންނަށް ވަރަށް މުހިންމު ދުވަހެކެވެ. މި ދުވަސް ފާހަގަކުރުމުގެ އެއްބޭނުމަކީ އަޅުގަނޑުމެންނަށް ފުރިހަމަ މާނައިގައި މިނިވަންކަން ލިބިގެންދިޔުމުން އެކަމަށްޓަކައި އުފާކޮށް ހަމަ އެހެންމެ ޝުކުރުވެރިވުމަށް ޓަކައެވެ. އަދި ޤައުމަށް ޓަކައި އަގުހުރި ޤުރުބާނީތައް ވެވަޑައިގެންފައިވާ އަބްޠާލުންގެ ޒިކުރާ އާކޮށް އަޅުގަނޑުމެންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި ބިންވަޅުނެގުމަށް ޓަކައެވެ. އަދި އަންނަން އޮތް ޖީލުތަކާ ހަމައަށް ވެސް މި ޤައުމު މިނިވަންކަންމަތީ ދަމަހައްޓަމުން ގެންދާނޭ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންގެ ހިތްތަކަށް ތަޞައްވަރު ކުރުމަށްޓަކައެވެ. ހަމައެހެންމެ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި ދެމިތިބޭ ތިބުމާމެދު ފަޚުރުވެރިވުމަށް ޓަކައެވެ. މިނިވަންދުވަހު އަޅުގަނޑުމެންގެ ޢަޒުމަކަށް ވާންވާނީ މި ލޮބުވެތި ޤައުމުގެ މިނިވަންކަމަށް ބުރޫއަރާނެ އެންމެހައި ކަންތައްތަކުން ދުރުވެތިބުމެވެ. ޤައުމަށް ދެރައެއް ލިބޭނެ ނުވަތަ ހުތުރު ނަމެއް ލިބޭނެ ކޮންމެ ކަމަކުން އަޅުގަނޑުމެން ދުރުހެލިވާން ޖެހޭނެއެވެ. އެއީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ތިބޭ ތިބުމުގައި ވެސް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ކަމެކެވެ. ހިފަހައްޓަން ޖެހޭނެ ޤައުމީ ވާޖިބެކެވެ. މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލައްވާށި. އާމީން.