Skip to content Skip to footer

ވާހަކަދެއްކުންތެރިކަން 2 ވަނަބައި – ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރަންވީ ކީއްވެ؟

ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއްވެއެވެ. މި ހުނަރު ދަސްކުރުމަކަށް ވަކި ޢުމުރުފުރައެއް މުހިންމެއް ނޫނެވެ. މިއީ ހަމަ ކޮންމެ ޢުމުރުފުރާއެއްގެ ބަޔަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ޙަޔާތުގެ ސިޑީގެ އެންމެ ތިރީ ހަރުފަތުން ފެށިގެން އެންމެ މަތީ ހަރުފަތާ ހަމައަށް ވެސް މި ހުނަރު ލިބިގަތުމަށް މަސައްކަތްކުރަން ޖެހެއެވެ. އެއިރެއްގައި އެ ހުންނަ ހަރުފަތަކާ ގުޅޭ މިންވަރަށް މި ހުނަރު ލިބިގެންފައި އޮތުމަކީ ހަމަ ކޮންމެހެން ވެސް ލާޒިމުކަމެއް ކަމުގައި އަޅުގަނޑު ދެކެމެވެ. ސަބަބަކީ ވާހަކަދެއްކުންތެރިކަމުގެ ހުނަރަކީ ވަރަށް ގިނަ ކާމިޔާބީތައް ޙާޞިލުކުރުމަށް މަގުފަހިކޮށްދޭ އެއް ވަޞީލަތެވެ. އެއީ ކާމިޔާބީއާ ހަމައަށް މީހާ ފޯރުކޮށްދޭ ސަވާރީއެކެވެ. ޙަޔާތުގެ ސިޑީގެ ހަރުފަތްތައް އަވަހަށް ގިރާކުރުމަށް އެޅޭ ބާރެކެވެ. އެހެންކަމުން ޙަޔާތުގެ ކޮންމެ މަރުހަލާއެއްގައި ވެސް ވާހަކަދެއްކުމުގެ ހުނަރު ތަރައްޤީކޮށް އަމިއްލަ ނަފުސުގެ ޔަޤީންކަން ބޮޑުކުރަންޖެހެއެވެ.

ވާހަކަދެއްކުން މާނަކުރެވެނީ ބަސްމޮށުން ނުވަތަ ތަޤްރީރު ކުރުމުގެ މާނައިގައެވެ. ވާހަކަދެއްކުންތެރިކަމަކީ މި ފަންނުގައި ޤާބިލު މީހަކަށް ވުމަށްޓަކައި ހޯދަންޖެހޭ ޢިލްމާއި ހުނަރާއި ޤާބިލިއްޔަތު އެއްކޮށް ކިޔައި އުޅޭ ނަމެވެ. އެހެންކަމުން ކުރުގޮތަކަށް ދަންނަވާނަމަ ދެންނެވޭނީ ވާހަކަދެއްކުންތެރިކަމަކީ ތިމާއަށް ލިބިފައިވާ ޢިލްމެއް ނުވަތަ މަޢުލޫމާތެއް ދޫފަސޭހަކަމާއި ހުނަރުވެރިކަމާއެކު އަނެކާގެ ސިކުނޑިއަށް އެންމެ ފަސޭހައިން ފަހުމް ވާނޭ ބީދައަކުން ލަފުޒުތަކާއި ޖުމްލަތައް ތަރުތީބުކޮށްގެން ޝައުޤުވެރިގޮތަކަށް ހުށަހަޅައިދިނުމެވެ. އެހެންކަމުން ވާހަކަދެއްކުންތެރިކަމުގެ ދާއިރާގެ ތެރޭގައި ހިމެނޭ މުހިންމު ލަފުޒުތައް ކަމަށްވާ ޢިލްމީ، ހުނަރުވެރި، ޤާބިލިއްޔަތު، ދޫފަސޭހަކަށް، ހުށަހަޅައިދިނުން މިކަންކަން ވަރަށް ރަނގަޅަށް އެނގެންޖެހެއެވެ. ކާމިޔާބު ވާހަކަދެއްކުންތެރިއަކަށް ވެވޭނީ މި ދެންނެވި ކަންކަމުގެ ހުނަރު ލިބިގަތުމަށް މަސައްކަތްކޮށްގެންނެވެ. މިއީ ނުވާވަރުގެ ކަމެއް ނޫނެވެ. މަސައްކަތްކޮށްފި ނަމަ ހަމަ ކޮންމެ މީހަކަށް ވެސް ރަނގަޅު ވާހަކަދެއްކުންތެރިއަކަށް ވެވިދާނެއެވެ. ބޭނުންވަނީ ވަރުގަދަ ޢަޒުމަކާއި ދެގޮތެއް ނުވެ ކަންކަމާ ކުރިމަތިލުމުގެ ހިތްވަރެވެ.

ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރަންޖެހޭ އެއް ސަބަބަކީ މުޖްތަމަޢުގައި ބަސްވިކޭ މީހަކަށް ވުމަށްޓަކައެވެ. އެނގިފައިވާ އެއްޗެއް އަނެކުންނަށް ބުނެދެވޭ ކަމުގައި ވާނަމަ އެހެން މީހުން ތިމާއަކީ އިތުބާރު ހިފޭ، ކަންކަމުގައި ޤާބިލު، ވިސްނުންތޫނު، ޙިކުމަތްތެރި މީހަކު ކަމުގައި ބަލަންފަށާނެއެވެ. ކިތަންމެ މަތީ ތަޢުލީމެއް ލިބިފައި ހުއްޓަސް އެމީހެއްގެ ކިބައިގައި ހުރި ޢިލްމެއް އަނެކުންނަށް ފަހުމުވާނޭ ގޮތަކަށް ބުނެދޭން ނޭނގޭކަމަށް ވަންޏާ، އެމީހެކޭ ފޮތް އަރުވާފައި ހުރި ލޮރީއެކޭ އެއްވެސް ތަފަތެއް ނޯންނާނެއެވެ. ލޮރީގައި ހުރި ފޮތްތަކުގައި ވެސް ހެސްކިޔާފަ މަޢުލޫމާތު ހުންނާނެއެވެ. ފޮތްތަކުގައި މައުލޫމާތު ހުއްޓަސް ބަޔަކަށް އެ ބުނެނުދެވޭތީ އެކަމުން މުޖްތަމަޢަށް ކުރާނެ ލާބައެއް މަންފާއެއް ނޯންނާނެއެވެ. ޢިލްމު ލިބި ބުނެދޭން ނޭނގޭ މީހާ ވެސް ފޮތް ލޮރީއެކޭ އެއްފަދައެވެ. އޭނާގެ ކިބައިގައި ހުރި މަޢުލޫމާތު ރަނގަޅަށް ހާމަކުރަން ނޭނގޭކަމަށް ވަންޏާ އެއަކުން މުޖްތަމަޢަށް ލިބޭނެ ފައިދާއެއް މަންފާއެއް ނޯންނާނެއެވެ. އެހެންކަމުން ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރަންޖެހެނީ ތިމާގެ ކިބައިގައި ހުރި ޢިލްމު ނުވަތަ މަޢުލޫމާތު އަނެކުންނަށް ފަހުމުވާނޭ ގޮތަކަށް ހާމަކޮށްދިނުމުގެ ޤާބިލުކަން ހޯދުމަށެވެ. އޭރުން ތިމާއަކީ މުޖްތަމަޢުގައި “ފެންހިފޭ” މީހަކަށް ވާނެއެވެ. އާރުލާ މީހަކަށް ވާނެއެވެ. އިތުބާރު ލިބިފައިވާ މީހަކަށް ވާނެއެވެ.

ދުނިޔެ މިދަނީ ބަވަނަވަމުންނެވެ. ޤައުމުތަކުގެ މެދުގައިވާ އިންފާރުތައް މިދަނީ ނެތެމުންނެވެ. ހަމުގެ ކުލަޔަށް ބަލައިގެން ނުވަތަ މީހާގެ ސިފައަށް ބަލައިގެން މިހާރު އެއީ ކޮންޤައުމެއްގެ މީހެއްކަން ދެނެގަންނާކަށް ނޭނގޭނެއެވެ. މީގެ ކުރިން އަހަރެމެން ހީކުރަނީ ދޮންމީހެއް ވެއްޖެއްޔާ އެއީ ވިލާތުގެ (ޔޫރަޕް) މީހެއްކަމެވެ. ކަޅު މީހެއްކަމަށްވަންޏާ އެއީ ބަބުރުކަރައިގެ (އެފްރިކާގެ) މީހެއްކަމެވެ. ލޯކުޑަ ވެއްޖެއްޔާ އެއީ ސީނުކަރައިގެ (ޗައިނާގެ) މީހެއްކަމަށެވެ. ނަމަވެސް މިއަދު ދުނިޔޭގެ ހުރިހާ ހިސާބަކުން ހުރިހާވައްތަރެއްގެ މީހުން ވެސް ފެނެއެވެ. ވަޒީފާ ހޯދުމަށާއި ވިޔަފާރީގެ ބޭނުންތަކުގައާއި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް މީހުން ދަނީ ހިޖުރަކުރަމުންނެވެ. އެހެންކަމުން އެއް މުޖްތަމަޢެއްގައި އެކި ނަސްލުގެ މީހުން މިހާރު ދަނީ ދިރިއުޅެމުންނެވެ. އަޅުގަނޑުމެންގެ މި ކުޑަ ޤައުމަށް ބެލިކަމުގައި ވިޔަސް ބަންގާޅު (ބަންގްލަދޭސް) މީހުންނާއި އުތުރުކަރަ (އިންޑިއާ) މީހުންނާއި އޮޅުދޫކަރަ (ސްރީލަންކާ) މީހުންނާއި މިނޫން ވެސް އެތައް ޤައުމެއްގެ މީހުން އަންނަނީ އެކި ބޭނުންތަކުގައި މި ޤައުމުގައި ދިރިއުޅެމުންނެވެ.

ތަފާތު ނަސްލުތަކުގެ ނުވަތަ ތަފާތު ޤައުމުތަކުގެ މީހުންގެ މެދުގައި ސަގާފީގޮތުން ގިނަގުނަ ތަފާތުތަކެއް ހުރެއެވެ. ބަސްމޮށެއުޅުމުގައި ވެސް ތަފާތުތަކެއް ހުރެއެވެ. ހަމައެހެންމެ ދިރިއުޅުމުގެ ކަންކަމުގައި ވެސް ތަފާތުތައް ހުރެއެވެ. އެހެންކަމުން އެކި ޤައުމުތަކުގެ މީހުންނާ މުޚާޠަބުކުރާއިރު ވިސްނަންޖެހޭ ކަންކަން ހުރެއެވެ. ސަމާލުކަންދޭންޖެހޭ ކަންކަން ހުރެއެވެ. އެކި ޤައުމުތަކުގެ މީހުންނާ މުއާމަލާތުކުރާއިރު މިދެންނެވި ކަންކަން އެނގިގެން މުއާމަލާތުކުރުމަކީ މުހިންމުކަމެކެވެ. އޭރުން ކަންކަން ޙާޞިލުކުރުމުގައި ވެސް ފަސޭހަވެގެންދާނެއެވެ. އަދި ނޭނގިގެން ނަމަވެސް އެފަދަ ފަރާތްތައް ކުޑައިމީސްވާގޮތަށް ކުރެވޭ ކަންތައްތަކުން ވެސް ދުރުހެލިވެހުރުމަށް އެޅޭ ބާރަކަށް ވާނެއެވެ. އަދި އެބައެއްގެ ގޮތްފޮތް އެނގިގެން ވާހަކަދެއްކުމުން އެބައެއްގެ ފަރާތުން ކަންކަން ޙާޞިލުކުރުމުގައި ވެސް ފަސޭހަތައް ލިބިގެންދާނެއެވެ. އެހެންކަމުން ތަފާތު ނަސްލުތަކުގެ މީހުންގެ ގޮތްފޮތް އެނގިގެން ވާހަކަދެއްކުމަކީ މި ފަންނުގައި ވެސް މުހިންމު ކަމެކެވެ.

ތިމާއަށް ވިސްނިފައިވާ އެއްޗެއް އަނެކާއަށް އަންގައި ދިނުމަށް ޓަކައި ވެސް ވާހަކަދެއްކުންތެރިކަން ދަސްވެފައި އޮތުމަކީ މުހިންމުކަމެކެވެ. އެއީ ތިމާގެ ކިބައިގައިވާ މޮޅު ޚިޔާލެއް، އެ ޚިޔާލުގައި ކުލަޖެއްސުމަށް ޓަކައި އެހެން ފަރާތްތަކުގެ އެހީތެރިކަން ބޭނުންވާ ނަމަ އެފަދަ ފަރާތްތަކަށް ވިސްނޭނެ ގޮތަކަށް އެކަމެއް ބަޔާންކޮށްދޭން ޖެހެއެވެ. އެއީ އޮފީސް މާޙައުލުކަމުގައި ވިޔަސް ސިޔާސީ މައިދާނުގައި ކަމުގައި ވިޔަސް މިކަން އޮންނާނީ މިހެންނެވެ. އެހެންކަމުން މޮޅު ޚިޔާލެއް އަނެކުންނަށް “ވިއްކާލުމަށް ޓަކައި” ވެސް ވާހަކަދެއްކުމުގެ ފަންނުގައި ކުރިއަރައި ދިއުމަށް މަސައްކަތްކުރާން ޖެހެއެވެ.

ޒަމާނީ ޑިމޮކްރެޓިކް ވެށްޓެއްގައި އުޅެމުންދާއިރު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހެޔޮގޮތުގައި ބޭނުންކުރަން އެނގުމަކީ ކޮންމެހެން ލާޒިމްކަމެކެވެ. މިކަމަށް ވެސް އޮތް އެންމެ ފަސޭހަ މަގަކީ ވާހަކަދެއްކުންތެރިކަމުގެ ހުނަރު ދަސްކުރުމެވެ. އެކިއެކި ނޫސްތަކުންނާއި މީސްމީޑިއާގެ ވަޞީލަތްތަކުން ވެސް ފެނިފައިވާނޭ ފަދައިން ތިމާއަށް ބުނެލެވޭ އެއްޗަކުން ނުވަތަ ލިޔެ ހާމަކޮށްލެވޭ އެއްޗަކުން ވަރަށް ގިނަފަހަރު ތިމާ “ހޫނުފެނަށް” ވެއްޓޭތަން އާދެއެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ ހުރިހާ ކަމެއް ސިޔާސީ މިންގަނޑުން މިނާ ޤަައުމެއްގައި މިފަދަ ކަންކަން ހިނގުން އޮންނަނީ ވަރަށް ކައިރީގައެވެ. މިހެން މިކަން ދިމާވާން މެދުވެރިވަނީ ތިމާއަށް ބުނެވޭ އެއްޗަކާމެދު އެެހެން މީހުން ނުވަތަ މުޖްތަމަޢުގެ ފަރުދުން ވިސްނާނެގޮތް އަންދާޒާކޮށްލަން އެނގިފައި ނުވާތީއެވެ. މިފަދަ ކަންކަން ދަސްވާނީ ވާހަކަދެއްކުމުގެ ހުނަރާއި މުޢާމަލާތުކުރުމުގެ ހުނަރު ދަސްކޮށްގެންނެވެ.

ވާހަކަދެއްކުންތެރިކަމަކީ ޙަޤީޤަތުގައި ދިރިއުޅުމުގެ އެއްބައެވެ. އެއީ ޒަވާޖީ ޙަޔާތް ބާއްޖަވެރިކުރުމަށް ވެސް އޮތް މަގެކެވެ. އެއީ ސިޔާސީ ޙަޔާތް އުސްމިންތަކަކަށް ގެންދިއުމަށް ވެސް އޮތް ވަޞީލަތެކެވެ. އެއީ އުނގެނުމަށާއި އުނގަންނައި ދިނުމަށް ވެސް ލިބިދޭ ބާރެކެވެ. އެއީ ތިމާއަކީ ވެސް “މީހެއްކަން” އަންގައިދޭން ލިބިފައިވާ ހަތިޔާރެކެވެ. އެހެންކަމުން ވާހަކަދެއްކުމުގެ ހުނަރު ދަސްކުރުމަކީ އެކަމުން ގިނަގުނަ މަންފާތައް ލިބެން އޮތް ކަމެކެކެވެ. އަޅުގަނޑުގެ ނަޒަރުގައި ހަމަ ކޮންމެހެން ވެސް ދަސްކުރަން ޖެހޭ ހުނަރެކެވެ. ޢިލްމެކެވެ.  

Show CommentsClose Comments

Leave a comment