954Views 0Comments
3 ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ސިފައިން
1 ޕްރައިވެޓް ޙުސައިން އާދަމް (ސނ: 856) ހދ. ކުޅުދުއްފުށި / މާވާގެ (އުމުރު 20 އަހަރު)
ސިފައިންގެ މައި މަރުކަޒަށް ޙަމަލާ ދިން ވަގުތު އެމަރުކަޒުގެ މައިގޭޓްގައި ޓާސްކްފޯސް ޑިއުޓީގައި ތިއްބެވި ދެބޭކަލުންގެ ތެރެއިން އެއްބޭކަލަކީ ޕްރައިވެޓް ޙުސައިން އާދަމެވެ. މިމަޤާމުގައި ފިސާރި ސާބިތުކަންމަތީ ހުންނަވައިގެން ޕްރައިވެޓް ޙުސައިން އާދަމް، ދުޝަމަނުން ދެމުންގެންދެވި ބަޑީގެ ނުރައްކާތެރި ޙަމަލާތަކުން ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، އެޙަމަލާއިން ޕްރައިވެޓް ޙުސައިން އާދަމް ހަށިގަނޑުގެ އެތަން މިތަނަށް ވަޒަން އަރައި ޝަހީދުވިއެވެ. ޕްރައިވެޓް ޙުސައިން އާދަމްއަކީ މިޢުދުވާނީ ޙަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައި މަރުކަޒު ދިފާޢު ކުރެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވި، ކެރުމާއި ހިތްވަރުގަދަކަމުގެ ލާމަސީލު ނަމޫނާ ބަޠަލެކެވެ. ޕްރައިވެޓް ޙުސައިން އާދަމް ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ހަތަރު އަހަރާއި ފަސްމަހާއި ސައުވީސް ދުވަސް ވެއްޖެ އެވެ. ޕްރައިވެޓް ޙުސައިން އާދަމުގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް މަޤާމުގެ ކުރިއެރުންދެއްވާ، މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ (ހުރަވީ ރަން މެޑަލް) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތްމެޑަލް ދެއްވާފައިވެއެވެ.
2 ޕްރައިވެޓް މުޙައްމަދު އިބްރާހިމް (ސނ: 606) ހއ. މުޅަދޫ / އަނބުގަސްދޮށުގެ (އުމުރު: 31 އަހަރު)
ސިފައިންގެއިން ރެކީ ޕެޓްރޯލަށް ނުކުންނެވި 10 ބޭކަލުން ތެރެއިން، ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) ނުކުންނެވި ވަގުތު ދުޝްމިނުންދިން ބަޑީގެ ޙަމަލާގައި ވަޒަންއަރައި ޝަހީދުވި އެވެ. ޕްރައިވެޓް މުޙައްމަދު އިބްރާހީމް ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒު އުތުރު ކަނާދިމާއިން އަމީރު އަޙްމަދު މަގަށެވެ. ޕްރައިވެޓް މުޙައްމަދު އިބްރާހީމް ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ އަށް އަހަރާއި ފަސް މަސްދުވަސް ވެއްޖެ އެވެ. ޕްރައިވެޓް މުޙައްމަދު އިބްރާހީމް މިސާބިތުކޮށްދެއްވި ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހިމެޑަލް) އާއި 3 ނޮވެމްބަރު މެޑަލް އަދި ޖިހާދުގެ ރަތްމެޑަލް ދެއްވާފައިވެއެވެ.
3 ލާންސް ކޯޕްރަލް އާދަމް ނަޞީރު (ސނ: 635) ހ. ޝޭޑީވިލާ (އުމުރު 28 އަހަރު)
ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރެއިން ލާންސް ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) ނުކުންނެވި ވަގުތު ދުޝަމަނުން ދިން ބަޑީގެ ޙަމަލާގައި ވަޒަންއަރައި ޝަހީދުވި އެވެ. ލާންސް ކޯޕްރަލް އާދަމް ނަޞީރު ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒުގެ އިރު އުތުރު ކަނާ ދިމާއިން އަމީރުއަޙްމަދު މަގަށެވެ. ލާންސް ކޯޕްރަލް އާދަމް ނަޞީރު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ 8 އަހަރާއި 23 ދުވަސް ވެއްޖެ އެވެ. ލާންސް ކޯޕްރަލް އާދަމް ނަޞީރު މިސާބިތުކޮށްދެއްވި ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދަޢުލަތުން ވަޒަންކުރައްވައި ލާންސް ކޯޕްރަލެއްގެ މަޤާމުން ސާޖެންޓެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުންދެއްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހެމެޑަލް) އާއި 3 ނޮވެމްބަރު ގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެ އެވެ.
4 ސާރޖަންޓް މޫސާ އަޙްމަދު (ކުޑަނެވި ތުއްތު މަނިކު) (ސނ: 243) މއ. ދާރީގެ (އުމުރު 51 އަހަރު)
ސާރޖަންޓް މޫސާ އަޙްމަދު (ކުޑަނެވި ތުއްތުމަނިކު) ޝަހީދުވީ، ސިފައިންގެ ވެރިޔާގެ ނާއިބު އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނާއިބު އޮނަރަބްލް އިލްޔާސް އިބްރާހީމް ހުންނެވި، މއ. ކިނބިގަސްދޮށުގެއަށް ދުޝްމިނުން ޙަމަލާދީ އެގޭގައި ހަރަކާތްތެރިވަމުން ދަނިކޮށް، އެގެއަށް ވަންނަވަން މަސައްކަތް ކުރައްވަނިކޮށެވެ. ކިނބިގަސްދޮށުގޭ ދޮރޯށި ކުރިމަތިން ދުޝްމިނުން ބަޑިޖަހާ ޝަހީދުކޮށްލި ސާރޖަންޓް މޫސާ އަޙްމަދަކީ ސިފައިންގެ ވެރިޔާގެ ނާއިބުގެ ކާރުކޮޅުގެ ޑްރައިވަރެވެ. އަދި އެއީ ޤައުމީ ސަލާމަތަށް ނުރައްކާތެރި އިމަޖެންސީ ޙާލަތެއް ކުރިމަތިވެއްޖެނަމަ ކިނބިގަސްދޮށުގޭގައި ބޭނުންކުރުމަށް ބަހައްޓާފައިހުރި ހަތިޔާރުތަކުން ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ސިފައިންގެ ހަތަރު ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވުމުން އެއްވެސް ފަސްޖެހުމެއްނެތި ޤައުމީ ވާޖިބު އަދާކުރެއްވުމަށާއި ސިފައިންގެ ވެރިޔާގެ ނާއިބު ދިފާޢު ކުރެއްވުމަށް ކިނބިގަސްދޮށުގެއަށް ވަންނަވަން އުޅުއްވަނިކޮށް ދުޝްމިނުން ބަޑިޖެހުމުގެ ސަބަބުން ޝަހީދުވެގެން ވެއްޓިފައިވަނީ މއ. ކިނބިގަސްދޮށުގޭ ކުރިމަތިން ޒަމާނީ ހިނގުމަށެވެ. ސާރޖަންޓް މޫސާ އަޙްމަދު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ސަތާރަ އަހަރާއި ތިންމަހާއި އަށާރަ ދުވަސް ވެއްޖެ އެވެ. ސާރޖަންޓް މޫސާ އަޙްމަދުގެ މަތިވެރި ހިތްވަރުގަދަ މަސައްކަތް، ދިވެހި ދަޢުލަތުން ފާހަގަ ކުރައްވައި ސާޖަންޓެއްގެ މަޤާމުން ލެފްޓިނަންޓެއްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރަން މެޑަލް) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެއެވެ.
5 ޕްރައިވެޓް ޢަބްދުﷲ ޒުހައިރު (ސނ: 830) ގދ. ތިނަދޫ ޝަރީފާ މަންޒިލް (އުމުރު 33 އަހަރު)
ޕްރައިވެޓް ޢަބްދުﷲ ޒުހައިރު ޝަހީދުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ހުޅަނގު ގޭޓް ޑިއުޓީގައި ހުންނަވަނިކޮށް ދުޝްމިނުން ދިން ބަޑީގެ ޙަމަލާއަކުންނެވެ. އިރުގޭޓުގެ ޑިއުޓީގައިހުރީ ޕްރައިވެޓް ޢަބްދުލް ޢަޒީޒް (ސނ: 743) އެވެ. ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަތިހު 4:00 އިން 6:00 އަށް ޑިއުޓީގައި ހުންނަވަނިކޮށް ޕްރައިވެޓް ޢަބްދުﷲ ޒުހައިރަށް ދުޝްމިނުން ޙަމަލާދިންއިރު އޭނާހުންނެވީ ބަޑީގެ ބަޓް ބިންމަތީގައި ޖައްސާލައިގެން ކަނާތުން ބަޑީގައި ހިފަހައްޓާލައިގެންނެވެ. އެވަގުތު ފުލުސް އޮފީސްގޭޓުން ސިފައިންގެ އެތެރެއަށް ވަންނަން އައި ވަސަންތީގެ ގްރޫޕުން ވަސަންތީއާއި ޖޫލީއާ ދެމީހުން ފާށަނާ ބިލްޑިންގގެ ގޯތިތެރެއަށްވަދެ، މަގުމަތީފާރުން ކަވަރުނަގަމުން ރައީސް އޮފީހާ ދިމާލަށް ދުވެފައިގޮސް މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާ ދިމާލުން މަގުފާރު ދޮރުކައިރި ފިލާތިބެގެން ބަޑިޖަހާ ޕްރައިވެޓް ޢަބްދުﷲ ޒުހައިރު (ސނ: 830) ޝަހީދުކޮށްލިއެވެ. ޕްރައިވެޓް ޢަބްދުﷲ ޒުހައިރު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ފަސް އަހަރާއި ހަތްމަހާއި ވިހި ދުވަސްވެއްޖެ އެވެ. ޕްރައިވެޓް ޢަބްދުﷲ ޒުހައިރު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީއެއްގައި ހުންނަނިކޮށް ކަމަށްވާތީ ދިވެހި ދަޢުލަތުން އެކަމުގެ އަގުވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހިމެޑަލް) އާއި ތިނެއް ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެ އެވެ.
6 ލާންސް ކޯޕްރަލް ކުޑައާދަމް ކުޑަތުއްތު (ސނ: 120) ހ. އަންހީޓް (އުމުރު 49 އަހަރު)
ލާންސް ކޯޕްރަލް ކުޑައާދަމް ކުޑަތުއްތު ޒޯން ޑިއުޓީގައި މެދުޒިޔާރަތް މަގުގައި އުޅުއްވަމުން ގެންދަވަނިކޮށް ދިން ބަޑީގެ ޙަމަލާއިން ވަޒަން އަރައި ޝަހީދުވީ އެވެ. ލާންސް ކޯޕްރަލް އާދަމް ކުޑަތުއްތު ޝަހީދުވެގެން ވެއްޓިފައިވަނީ އިސްލާމީ މަރުކަޒުގެ ކައިރިން މެދުޒިޔާރަތް މަގަށެވެ. ލާންސް ކޯޕްރަލް ކުޑައާދަމް ކުޑަތުއްތު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދަޢުލަތުން އެކަމުގެ އަގުވަޒަން ކުރައްވައި ލާންސް ކޯޕްރަލެއްގެ މަޤާމުން ސާޖެންޓެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހި މެޑަލް) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެ އެވެ. ލާންސް ކޯޕްރަލް ކުޑައާދަމް ކުޑަތުއްތު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ހަތާވީސް އަހަރާއި އެއްމަހާއި ސައުވީސް ދުވަސް ވެއްޖެ އެވެ.
7 ޕްރައިވެޓް މުޙައްމަދު ޙަސަން (ސނ: 821) ތ. ދިޔަމިގިލި / ހ. ރަބީޢުގެ (އުމުރު 28 އަހަރު)
ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރޭގައި ޕްރައިވެޓް މުޙައްމަދު ޙަސަން ނުކުންނެވި ވަގުތު ދުޝަމަނުން ދިން ބަޑީގެ ޙަމަލާގައި ވަޒަން އަރައި ޝަހީދުވީ އެވެ. ޕްރައިވެޓް މުޙައްމަދު ޙަސަން ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒު އިރު އުތުރު ކަނާދިމާއިން އަމީރު އަޙްމަދު މަގަށެވެ. ޕްރައިވެޓް މުޙައްމަދު ޙަސަން ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ހަތަރު އަހަރާއި ދިހަމަހާއި އަށް ދުވަސްވެއްޖެ އެވެ. ކޯޕްރަލް މުޙައްމަދު ޙަސަން މިސާބިތުކޮށްދެއްވި ޤައުމީ ޖިހާދުގެ އަގު ވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހި މެޑަލް) އާއި ތިނެއް ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތްމެޑަލް ދެއްވާފައިވެ އެވެ.
8 ޕްރައިވެޓް ޙުސައިން މުޙައްމަދު (ސނ: 264) ބ. ތުޅާދޫ / މަބުސްތާނުގެ (އުމުރު 38 އަހަރު)
ޕްރައިވެޓް ޙުސައިން މުޙައްމަދު (މަސްތަކާ) ޒޯން ޑިއުޓީގައި އުޅުއްވަމުން ގެންދަވަނިކޮށް މެދުޒިޔާރަތް މަގުން މުލިއާގޭ މައިގޭޓާއި ހިސާބުން ދިން ބަޑީގެ ޙަމަލާއިން ވަޒަން އަރައި ޝަހީދުވީ އެވެ. ޕްރައިވެޓް ޙުސައިން މުޙައްމަދު ވެއްޓިފައިވަނީ މުލިއާގޭ މައިގޭޓާއި ދިމާއިން މެދުޒިޔާރަތް މަގަށެވެ. ޕްރައިވެޓް ޙުސައިން މުޙައްމަދު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ސަތާރަ އަހަރާއި ތިންމަހާއި އަށާރަ ދުވަސްވެއްޖެ އެވެ. ޕްރައިވެޓް ޙުސައިން މުޙައްމަދު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ، ދިވެހި ދަޢުލަތުން މިކަން ފާހަގަ ކުރައްވައި ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވައި، މެޑަލް ފޮރ ބްރޭވަރީ، (ހުރަވީ ރިހި މެޑަލް ) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެ އެވެ.
3 ނޮވެމްބަރުގެ ޢުދްވާނީ ޙަމަލާގައި ޝަހީދުވި ޢާންމު ރައްޔިތުން
1 ޝަހީދު އަލްމަރުހޫމް އިސްމާޢީލް ޙަލީމް މ. ރޯޒްބުޝް
މ. ރޯޒްބުޝް، ޝަހީދު އަލްމަރުޙޫމް އިސްމާޢީލް ޙަލީމަކީ ދިވެހިރާއްޖޭގެ އަޑުގެ އޮޕަރޭޓަރެކެވެ. 1988 ނޮވެމްބަރު ތިންވަނަ ދުވަހުގެ ފަތިހު ސިފައިންގެ މައިމަރުކަޒަށް ޙަމަލާ ދެމުންދަނިކޮށް ދިވެހިރާއްޖޭގެ އަޑު ހުޅުވުމަށްޓަކައި އަޑުގެ ތަޅުދަނޑިބަލައި ބަނޑޭރިގެއަށް ދަނިކޮށް ދުޝްމިނުންދިން ބަޑީގެ ޙަމަލާއެއްގައި ޙަލީމުގެ ގަޔަށް ވަޒަން އެރިއެވެ. އަމީރުއަޙްމަދު މަގުން ހުޅަނގުންއިރަށް ދަނިކޮށް ސިފައިންގެ މައިގޭޓުގެ ހުޅަނގުން ގާތްގަޑަކަށް ފަންސާހަކަށް ފޫޓު ދުރުން އޭނާގެ ގަޔަށް ވަޒަންއަރައިގެން ބައިސްކަލާއެކު ސިފައިންގެ ކުރިމައްޗަށް އަމީރު އަޙްމަދު މަގަށް ވެއްޓުނެވެ. ވަޒަން އަރައިގެން ވެއްޓުމުން ބައިސްކަލު ދޫކޮށްލާފައި ތެދުވެ އަމީރުއަޙްމަދު މަގުން އިރަށް ހިނގާފައިގޮސް ޑިފެންސް ގޭޓުތެރެއަށްވަދެ ވަދެގެންގޮސް ފުލުސް އޮފީހުގެ ގޭޓުގެ ކުރިމަތީގައިހުރެ ފެންފޮދެއް ދޭށޭބުނުމަށްފަހު މަޑުނުކޮށް ނިކުތީއެވެ. އެއަށްފަހު ބަނޑޭރިގޭހިނގުމުން ދެކުނަށް ހިނގާފައިގޮސް މެދުޒިޔާރަތްމަގު ހުރަސްކޮށް މުލީއާގޭ ހުޅަނގުން އޮތް އަލިމަސްގޯޅި އެޅިއެވެ. އަލިމަސްގޯޅިން ދެކުނަށްގޮސް މަލިންގެ ކަންމައްޗަށް ވެއްޓުނީއެވެ. އެވަގުތު މަލިންގޭ މީހުންގެ ކައިރީގައި ފެންފޮދެއްދީ އެގެއަށް ވައްދައިދިނުމަށް އެދުމުން މަލިންގޭ އާދަމް ޝަރީފް އާއި ޕްރައިވެޓް މުޚްތާރު މޫސާ (ސނ: 361) އާ ދެބޭކަލުންވެގެން އިސްމާޢީލް ޙަލީމްއަށް ފެންދިނެވެ. ފެންދިންތަނާ ޕޯސްޓަލް ކައިރިން ދުޝްމިނުން ބަޑިތަޅައިގަތް އަޑަށް ޕްރައިވެޓް މުޚްތާރު މޫސާ ދުވެފައިގޮސްއެރީ ކަޅުވަކަރު މިސްކިތަށެވެ. ޕްރައިވެޓް މުޚްތާރު މޫސާއަކީ އެރޭފަތިހު ދުޝްމިނުން ޙަމަލާދޭ އަޑުއިވިގެން ސިފައިންގެއަށް ދާންދިޔަ މީހެކެވެ. އިސްމާޢީލް ޙަލީމް ޝަހީދުވެފައިއޮތީ ގ. މަލިންގެ ކަންމަތީގައެވެ. ޝަހީދު އަލްމަރުޙޫމް އިސްމާޢީލް ޙަލީމް ޝަހީދުކޮށްލިއިރު އުމުރަކީ 35 އަހަރެވެ. ޝަހީދުވިއިރު 3 ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވިއެވެ.
2 ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙަމީޒު މ.ބީޗްސައިޑް / މާލެ
މ. ބީޗްސައިޑް، ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙަމީޒަކީ ޓެލެކޮމިއުނިކޭޝަން ޑިޕާރޓްމަންޓް (ޓީސީޑީ)ގެ ޓްރޭނީ ގްރޭޑް 2 ގެ މަޤާމުގައި ހުންނެވި ބޭކަލެކެވެ. ކުޅިވަރުގެ ދަނޑުގައި ނަން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިއެކެވެ. ޔަންގް ސްޓާރ ކްލަބަށް ކުޅެމުންދިޔަ ހުނަވެރި ގޯލް ކީޕަރެކެވެ. 1988 ނޮވެމްބަރު ތިންވަނަ ދުވަހުގެ ފަތިހު ހެންވޭރު ދަނޑަށް ޕްރެކްޓިހަށް ދާންތައްޔާރުވެގެން ގެއިން ނުކުމެގެން ސައިކަލުގައި ފަރީދީމަގުން ހުޅަނގުން އިރަށްގޮސް ބަގީޗާގެ އިރުއުތުރު ކަންމައްޗާ އަރާހަމަވިތަނާ އިސްލާމީ މަރުކަޒުކައިރި ހަރަކާތްތެރިވި ދުޝްމަނުން ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙަމީޒަށް ބަޑިން ޙަމަލާދިނެވެ. އެވަގުތު އޭނާގެ ގަޔަށް ވަޒަންއަރައި ސައިކަލާއެކު ބަގީޗާގެ އިރުއުތުރު ކަންމައްޗަށް ޗާންދަނީމަގަށް ވެއްޓުނެވެ. އެވަގުތު އެ ސަރަޙައްދަށް އަންނަން މަސައްކަތްކުރި އާންމު ރައްޔިތުންނަށް އެ ސަރަޙައްދަށް ނައުމަށް ވެއްޓިފައި އޮވެގެން އަތުން އިޝާރާތްކޮށް ގޮވާހަދަމުން ގެންދިޔައެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙަމީޒު ޝަހީދުވެފައިއޮތީ ބަގީޗާގެ އިތުރު އުތުރު ކަންމަތީގައި ޗާންދަނީމަގުގައެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙަމީޒު ޝަހީދުކޮށްލިއިރު އުމުރަކީ 22 އަހަރެވެ.
3 ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޗާންދަނީއާގެ / ހއ. ދިއްދޫ
ހއ. ދިއްދޫ، ޗާންދަނީއާގޭ ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދަކީ 1988 ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމިނުން ސިފައިންގެ މައިމަރުކަޒަށް ޙަމަލާދޭންފެށިއިރު މަސްޖިދުލްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒް) ގައި ޑިއުޓީގައި ހުރި ގާޑެކެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމިނުން ޙަރަކާތްތެރިވަމުންދާތީ، ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ނުފޭބިފައި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއްވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު އެދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށް، ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ހައިޖެކްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި ގެންދިޔައެވެ. ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލަން ދުއްވާތީ އެބޯޓް ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ. ޝަހީދު ޢުމަރު އަޙްމަދު ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. ޝަހީދު އަލްމަރުޙޫމް ޢުމަރު އަޙްމަދު ޝަހީދުވިއިރު އުމުރަކީ 45 އަހަރެވެ. ޝަހީދުވިއިރު 7 ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވިއެވެ.
4 ޝަހީދު އަލްމަރުހޫމް އަޙްމަދު ލަބީބު އޯކިޑްމާގެ / ސ.ހިތަދޫ
ސ. ހިތަދޫ އޯކިޑްމާގޭ ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބަކީ ޗާނދަނީމަގުގެ 18 ނަންބަރު ފިހާރައިގެ ސޭޓެވެ. 1988 ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމިނުން މާލެއަށްއަރައި ޙަމަލާދެމުންދިޔައިރު އެދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ޗާނދަނީމަގު 18 ނަންބަރު ފިހާރައަށް ދުޝްމިނުންގެ ބަޔަކުގޮސް އެފިހާރައިގައިހުރި ކޮމިއުނިކޭޝަން ސެޓެއް ދިނުމަށް އެދުމުން އެކަމަށް އިންކާރުކުރުމުން ދުޝްމަނުން އޭނާ ފިހާރައިން ނެރެގެން ރަހީނުކުރިއެވެ. ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ހައިޖެކްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބު ގެންދިޔައެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބު ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލަން ދުއްވާތީ އެބޯޓް ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބު ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. ޝަހީދު އަލްމަރުޙޫމް އަޙްމަދު ލަބީބު ޝަހީދުވީއިރު އުމުރަކީ 52 އަހަރެވެ. ޝަހީދުވިއިރު 5 ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވިއެވެ.
5 ޝަހީދު އަލްމަރުހޫމް އިބްރާހީމް ޙުސައިން ސޯސަން / ހއ.ބާރަށް (މއ. އަންނާރުގެ)
ހއ. ބާރަށު ސޯސަން، ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙުސައިން (މއ. އަންނާރުގެ) އަކީ 1988 ނޮވެމްބަރު ތިންވަނަ ދުވަހު މަސްޖިދުލްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒް) އަށް ފަތިހު ފަތިސްނަމާދަށް ދުރުވި ބޭކަލެކެވެ. ދުޝްމިނުން ސިފައިންގެ މައިމަރުކަޒަށް ޙަމަލާ ދެމުންދިޔަ ވަގުތު އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމިނުން ޙަރަކާތްތެރިވަމުންދާތީ، މިސްކިތުން ނުފޭބި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއްވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު އެދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމަނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށް، ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ހައިޖެކްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި ގެންދިޔައެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙުސައިން ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލަން ދުއްވާތީ އެބޯޓް ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ. ޝަހީދު އިބްރާހީމް ޙުސައިން ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. ޝަހީދު އަލްމަރުޙޫމް އިބްރާހީމް ޙުސައިން ޝަހީދުވިއިރު އުމުރަކީ 52 އަހަރެވެ. ޝަހީދުވިއިރު ހުންނެވީ އެންއެސްއެސް ހެޑްކްއޯޓާރޒުގެ 1 ނަންބަރު ކައްކާގެ މަޤާމުގައެވެ. ޝަހީދުވިއިރު 5 ކުދިން ދުނިޔޭގައި ތިއްބެވެ.
6 ޝަހީދު އަލްމަރުހޫމް ޢަބްދުއްސައްތާރު އާދަމް ހ. މެރިހާނާ
ހ. މެރިހާނާ، ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް އަކީ 1988 ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމިނުން ސިފައިންގެ މައިމަރުކަޒަށް ޙަމަލާދޭންފެށިއިރު މަސްޖިދުލްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒް) ގައި ޑިއުޓީގައި ހުރި ވޮޗަރެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމިނުން ޙަރަކާތްތެރިވަމުންދާތީ، ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ނުފޭބިފައި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއްވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު އެދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށް، ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ހައިޖެކްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި ގެންދިޔައެވެ. ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލީ ޕްރޮގްރެސްލައިޓާއި އައިއެންއެސް ގޯދާވަރީ ކައިރިކުރުން ހުއްޓުވުމަށްޓަކައި އިންޒާރުދިނުމުގެ ގޮތުންނެވެ. ލައިފްޖެކެޓް އަޅުވާ، ކަނުބަނދެ، ބޮލަށް ބަޑިޖަހާ އެއްވެސް ރަޙުމެއްނެތި ޝަހީދުކޮށްލުމަށްފަހު ކަނޑަށް އެއްލާލިއެވެ. ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް ޝަހީދުކޮށްލީ 1988 ނޮވެމްބަރު 5 ވަނަ ދުވަހުއެވެ. ޝަހީދު އަލްމަރުޙޫމް ޢަބްދުއްސައްތާރު އާދަމް ޝަހީދުވިއިރު އުމުރަކީ 49 އަހަރެވެ. ޝަހީދުވިއިރު 5 ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވިއެވެ.
7 ޝަހީދު އަލްމަރުހޫމް ޢަބްދުއްރަޙްމާން އާދަމް މ.ޑްރީމީލައިޓް / މާލެ
މ. ޑްރީމީލައިޓް ޝަހީދު ޢަބްދުއްރަޙްމާން އާދަމް އަކީ 1988 ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމިނުން ސިފައިންގެ މައިމަރުކަޒަށް ޙަމަލާދޭންފެށިއިރު މަސްޖިދުލްސުލްޠާނު މުޙައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒް) ގައި ފަތިސްނަމާދަށް ގޮސްހުރި އެމިސްކިތުގެ އިމާމެވެ. އިސްލާމީ މަރުކަޒުގެ ސަރަޙައްދުގައި ދުޝްމިނުން ޙަރަކާތްތެރިވަމުންދާތީ، ފަތިސްނަމާދު ކުރައްވައިގެން މިސްކިތުން ނުފޭބިފައި އިސްލާމީ މަރުކަޒުގެ ތެރޭގައި ގިނައިރުތަކެއްވަންދެން އިންނަވަން ޖެހިވަޑައިގަތެވެ. އެގޮތަށް އިންނެވުމަށްފަހު އެދުވަހުގެ ހަވީރު އިސްލާމީ މަރުކަޒުން ނުކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކައިގެން ރަހީނުކޮށް، ދުޝްމިނުން މާލެދޫކޮށް ފިލަން މަސައްކަތްކުރިއިރު ހައިޖެކްކުރި އެމްވީ ޕްރޮގްރެސްލައިޓުގައި ގެންދިޔައެވެ. ޝަހީދު ޢަބްދުއްރަޙްމާން އާދަމް ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލަން ދުއްވާތީ އެބޯޓް ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ. ޝަހީދު ޢަބްދުއްރަޙްމާން އާދަމް ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. ޝަހީދު ޢަބްދުއްރަޙްމާން އާދަމް ޝަހީދުވިއިރު އުމުރަކީ 53 އަހަރެވެ. ޝަހީދުވިއިރު 12 ކުދިންނާއި އަނތްބަކު ދުނިޔޭގައި އިންނެވިއެވެ.
8 ޝަހީދު އަލްމަރުހޫމް އަޙްމަދު ރަޝީދު ހ.ވެލްގްރޯ / މާލެ
ހ. ވެލްގްރޯ، ޝަހީދު އަލްމަރުޙޫމް އަޙްމަދު ރަޝީދަކީ ޓެކްސީ ޑްރައިވަރެކެވެ. 1988 ނޮވެމްބަރު 3 ވަނަދުވަހުގެ ފަތިހު 4:30 ހާއިރު ބަޑީގެ އަޑުއިވެމުންދާތީ ވެގެންއުޅޭގޮތެއް ބަލަން ހ. ރުމޭނިޔާ އަޙްމަދު ސަލީމާއި ހ. ވެލްގްރޯ އަޙްމަދު ރަޝީދާ ދެމީހުން، މޮޓޯސައިކަލެއްގައި މެރިންޑްރައިވުން އިރުން ހުޅަނގަށް ދުއްވާފައިދިޔައެވެ. ސައިކަލް ދުއްވަންއިނީ އަޙްމަދު ސަލީމެވެ. އަޙްމަދު ރަޝީދު އިނީ ސައިކަލުގެ ފަހަތުގައެވެ. މިދެމީހުން ދުއްވާފައިގޮސް ފާށަނާ ބިލްޑިންގގެ މެދަކާ ހަމައަށް ދިޔަތަނާ ކަނީރު ހިނގުމުން ދުޝްމިނުން ބަޑިތަޅައިގަތް އަޑުއިވުނެވެ. އޭރު ސިފައިންގެ ކުރިމަތިން އޮންނަ ކާރނޭޝަންހިނގުމުގެ އުތުރުކޮޅުގައިވެސް ދުޝްމިނުން ހަރަކާތްތެރިވާތަން ފެނުނެވެ. އެވަގުތު އަޙްމަދު ރަޝީދު، އަޙްމަދު ސަލީމުގެ ގާތުގައި ތިޔަކޮޅަށް ދިއުން ރަނގަޅެއް ނޫނޭ ބުނުމުން، އަޙްމަދު ސަލީމް ސައިކަލް އަނބުރާލިއެވެ. ކާރނޭޝަންހިނގުމުގައި ތިބި ދުޝްމިނުން އަޙްމަދު ސަލީމާއި އަޙްމަދު ރަޝީދާ ދެމީހުން ދުއްވަމުންދިޔަ ސައިކަލާ ދިމާލަށް ބަޑިޖެހުމާއެކު ސައިކަލުގެ ފަހަތުގައިއިން ޝަހީދު އަޙްމަދު ރަޝީދުގެ ގަޔަށް ވަޒަންއަރާ ސައިކަލުން އޭނާ ވެއްޓުނެވެ. ދުޝްމިނުން ބަޑިޖަހަމުންދަނިކޮށް ސައިކަލުގައި އަޙްމަދު ސަލީމް މެރިންޑްރައިވުން ހުޅަނގުން އިރަށް ބާރު ސްޕީޑްގައި ދުއްވާފައި ދަނިކޮށް އޭނާގެ ވާތުފަޔަށް ވަޒަން އެރިއެވެ. އެވަގުތު މެރިންޑްރައިވްގައި ހުންނަ ބީޗްކެފޭ ކުރިމައްޗަށް ސައިކަލާއެކު އޭނާ ވެއްޓުނެވެ.
ޝަހީދު އަލްމަރުޙޫމް އަޙްމަދު ރަޝީދު ޝަހީދުވެގެން ވެއްޓިފައި އޮތީ ފަށަނާބިލްޑިންގ ގައި ހުންނަ އެއަރ މޯލްޑިވްސް ކުރިމަތީގައެވެ. ޝަހީދުވިއިރު އުމުރަކީ 24 އަހަރެވެ. ޝަހީދުވިއިރު 3 މަހުގެ ތުއްތު ދަރިއަކާއި އަނތްބަކު އިންނެވިއެވެ.
9 ޝަހީދު އަލްމަރުހޫމް ޙަސަން ޒަރީރު އަލިމަސްގެ / ގއ.ވިލިނގިލި
ގއ. ވިލިނގިލި، އަލިމަސްގޭ ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރަކީ އެމްވީ ޕްރޮގްރެސްލައިޓުގެ ސީމަނެކެވެ. 1988 ނޮވެމްބަރު ތިންވަނަ ދުވަހު މާލޭ ބަނދަރުގައިއޮތް މިބޯޓުގައިތިބި ފަޅުވެރިންގެ ތެރޭގައި ހިމެނޭ ޙަސަން ޒަރީރު ތައްޔާރުވަމުން ދިޔައީ ޑިއުޓީ ނިންމުމަށްފަހު ހެނދުނު މާލެއަށް ފޭބުމަށެވެ. ދުޝްމިނުން މެންދުރު ހަތިޔާރާއެކު ޕްރޮގްރެސްލައިޓަށްއަރައި އެބޯޓް ހައިޖެކްކޮށް ބޯޓުގެ ކެޕްޓަނާއި ފަޅުވެރިންނަށް ބަޑިން ބިރުދައްކައި މަޖުބޫރުކުރުވައިގެން އެމީހުން ބޭނުންވާ ކަންތައްތައް ބޯޓުތެރޭގައި ކުރުވަމުން ގެންދިޔައެވެ.
ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރު ޝަހީދުވީ ޕްރޮގްރެސްލައިޓުގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރަރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރު ދިނުމުންވެސް މަޑުނުކޮށް ރަހީނުންނާއެކު ފިލަން ދުއްވާތީ އެބޯޓް ހުއްޓުވުމަށްޓަކައި އިންޑިއާ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސްލައިޓަށް ދިން ޙަމަލާގެ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ. ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރު ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. އޭނާ ޝަހީދުވެގެން ވެއްޓިފައިއޮތީ ޕްރޮގްރެސްލައިޓުގެ ކުރީކޮޅުގެ ޑެކްމަތީގައެވެ. ޝަހީދު އަލްމަރުޙޫމް ޙަސަން ޒަރީރު ޝަހީދުވިއިރު އުމުރަކީ 20 އަހަރެވެ.
10 ޝަހީދު އަލްމަރުހޫމް ޖަވާދު ޢުމަރު ކާމިނީގެ / ތ.ދިޔަމިގިލި
ތ. ދިޔަމިގިލި، ކާމިނީގޭ ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރަކީ ހުޅުލެއާއި މާލެއާ ދެމެދުގައި ދުއްވާ ފްރޮޑް ދޯނީގެ ފަޅުވެރިއެކެވެ. 1988 ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމިނުން މާލެއަށް ޙަމަލާދެމުންދިޔައިރު، ޓެރަރިސްޓުންގެ ތެރޭއިން ނިދީގެ ގްރޫޕުން މާލޭގެ ފަޅުތެރޭގައިހުރި އޮޑިދޯނިފަހަރުން މީހުން ރަހީނުކޮށްގެން ކަނީރުހިނގުމަށް ޖަމާކުރިއެވެ. ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރަކީ އެގޮތުން އެސަރަޙައްދަށް ގެނެސް ކަނީރުހިނގުމުގައި ބައިތިއްބައިގެން އިންސާނީ އައްޑަނައިގެ ގޮތުގައި ބޭނުންކުރި މީހުންގެ ތެރޭގައި ހިމެނޭ ކުއްޖެކެވެ. ކަނީރުހިނގުމުގައި ރަހީނުން ބައިތިއްބައިގެން އެމީހުންގެ ފަހަތުގައި ދުޝްމިން ތިބެގެން ސިފައިންގެއަށް ޙަމަލާދެމުން ގެންދިޔައެވެ. ސިފައިންނާއި ދުޝްމިނުންނާ ދެމެދު ބަޑިން ޙަމަލާތައް ބަދަލުކުރެވެމުންދިޔައިރު ކަނީރު ހިނގުމުގައި ގާތްގަނޑަށް ފަނަރަވަރަކަށް އާންމު ރައްޔިތުން ތިއްބެވެ. ޙަމަލާތައް ބަދަލުކުރެވެމުންދިޔަ ވަގުތު ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރު އޮތީ ހދ. ނޭކުރެންދޫ ވެޔޮދޮށުގޭ ( ނައިޓްވިލާ/ ތ. ދިޔަމިގިލި) ޙަސަން ވަޙީދު ކައިރީގައެވެ. އުމުރުން ހަގުކަމާއެކު ޝަހީދު ޖަވާދު ޢުމަރު ބިރުން އުޅޭތީ ޙަސަން ވަޙީދު އޮތީ އޭނާގެ ބޮލުގައި އަތްއަޅާލައިގެންނެވެ. އެހެންއޮއްވާ އައިވަޒަނެއް ޙަސަން ވަޙީދުގެ އަތް ފޫއަޅާފައި ޝަހީދު ޖަވާދު ޢުމަރުގެ ބޮލަށް އެރިއެވެ. އެވަޒަން ބޮލުގެ ފުށްކިބައިން ވަދެގެން ނުކުމެފައިވަނީ ނިތްކުރިންނެވެ. ވަޒަން އެރިވަގުތު އައްދިޔޯ ބޭބޭ އޭ ޖަވާދަށް ބުނެވުނެވެ. އޭގެފަހުން އޭނާގެ ހަރަކާތްހުއްޓުނެވެ. ޙަސަން ވަޙީދުގެ އަތާއި ޝަހީދު ޖަވާދު ޢުމަރުގެބޯ ދުޝްމިނުންނަށް ޙަސަން ވަޙީދު ދައްކާފައި ހޮސްޕިޓަލަށް ދާންބޭނުންވާ ވާހަކަ ބުނުމުން ޝަހީދު ޖަވާދު ޢުމަރު އެތަނުގައި ބާއްވާފައި ޙަސަން ވަޙީދު ހޮސްޕިޓަލަށް ދިއުމަށް އެތަނުގައި ތިބި ޓެރަރިސްޓުން ބުންޏެވެ. އެވަގުތު ޝަހީދު ޖަވާދު ޢުމަރު ޝަހީދުވެއްޖެއެވެ. ޝަހީދު އަލްމަރުޙޫމް ޖަވާދު ޢުމަރު ޝަހީދުވިއިރު ޢުމުރަކީ 16 އަހަރެވެ.
11 ޝަހީދު އަލްމަރުހޫމް ޙުސައިން ޢަބްދުއްރަޙްމާން (ދޮންމަނިކު) ތަނބުރުމާގެ / ކ.ދިއްފުށި
ކ. ދިއްފުށި، ތަނބުރުމާގެ ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނަކީ މަސްވެރިއެކެވެ. 1988 ނޮވެމްބަރު ތިންވަނަ ދުވަހު ދުޝްމިނުން މާލެއަރައި ޙަމަލަދިންއިރު ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނު އޮތީ މާލޭގެ މަސްމާރުކޭޓާދިމާ ފަޅުތެރޭގައިއޮތް އޭނާ މަހަށްދާ ދޯނިކަމަށްވާ، ކ. ދިއްފުށީ “ކޮއި” ދޯނީގައެވެ. ދުޝްމިނުން ޙަމަލާދޭން ފެށުމާގުޅިގެން އެރޭ ފަތިހު ދޯނީގެ މީހުން މަސައްކަތްކުރީ އަވަހަށް ފުރައިގެން ރަށަށް ދިއުމަށެވެ. ރަށަށްދާން ފުރަންވެގެން މީނާހުރީ ދޯނީގެ ދިރުބާކޮޅުގައި ވަލަށް ދަމާށެވެ. މާލޭގެ ފަޅުތެރެއިން އޮޑިދޯނިފަހަރު ފުރިޔަނުދީ ހުއްޓުވުމަށް މަސައްކަތްކުރި ޓެރަރިސްޓުންގެ ކަންދީޕަން ގްރޫޕުގެ ތަމަޅަ ހަނގުރާމަވެރިއަކު މިދޯނި ހުއްޓުވުމަށްޓަކައި ޖެހި ބަޑީގެ ވަޒަނެއް ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނުގެ ކަރަށްއަރައި ޒަޚަމުވި އެވެ. އޭނާގެ ކަރުގެ ވާތްފަރާތަށް އެރި ވަޒަން ނިކުމެފައިވަނީ ކަނދުރައިގެ މައިބަދަތަކުގެ ތެރެއިނެވެ. ވަޒަން އެރުމުގެ ސަބަބުން އޭނާގެ ޙާލު ދެރަވާންފެށުމުން ދޯނީގައި ތިބި މީހުންނާއި އެ ސަރަޙައްދުގައި ހަރަކާތްތެރިވި ބައެއްގެ އެހީތެރިކަމާއެކު ސެންޓްރަލް ހޮސްޕިޓަލަށް ގެންގޮސް ފަރުވާންދޭންފެށި އެވެ. ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނު ޝަހީދުވެފައިވަނީ ސެންޓްރަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް އުމުރުން 70 އަހަރުގައި، 1988 ޑިސެމްބަރު 22 ވަނަ ދުވަހުގެރޭ 7:45 ހާއިރުއެވެ. ޝަހީދު އަލްމަރުޙޫމް ޙުސައިން ޢަބްދުއްރަޙްމާނު ޝަހީދުވިއިރު 4 ފިރިހެން ދަރިންނާއި އަނތްބަކު އިންނެވިއެވެ.
މަޢުލޫމާތު ނެގީ:
ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ޝާއިޢުކޮށްފައިވާ ސިފައިންގެ ތާރީޚް 2: ނޮވެމްބަރު ތިނެއް. މި ފޮތުން