774Views 0Comments
ނޮވެމްބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ބޭކަލުންގެ ޛިކުރާ އާކުރުމުގެ ގޮތުން ބިނާކުރި ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑރ.މުޙައްމަދު ވަޙީދު ޙަސަންއެވެ. މިބިނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ 2012 ނޮވެމްބަރ 2 ވަނަ ދުވަހުގެރޭ ޖުމްހޫރީ ބިނާ ހުރި ސަރަހައްދުގައެވެ. ޝަހީދުންގެ ހަނދާނީ ބިނާ ބިނާކުރެވިފައިވަނީ 1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާގައި ދުޝްމިނުން ސިފައިންގެ ތެރެއަށް ވަނުމަށްޓަކައި ސިފައިންގެ ހުޅަނގުދެކުނު ކަން ގޮއްވާލި ތަނުގައެވެ.
ނޮވެމްބަރުގެ ތިނެއްގެ ހަނދާނީ ބިނާއަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންގެ ތެރެއިން މަދު ބަޔަކު ބޭރުގެ ނިރުބަވެރި (ޓެރަރިސްޓު) ޖަމާޢަތެއްކަމުގައިވާ ޕީޕަލްސް ލިބަރޭޝަން އޮގަނައިޒޭޝަން އޮފް ޓެމިލް އީލާމް “ޕްލޯޓް” ގެ ހަނގުރާމަވެރިންނާ ގުޅިގެން މާލެ އަރައި ދިން ޢުދުވާނީ ޙަމަލާގައި ޝަހީދުވި ދިވެހިންގެ ޛިކުރާ އާކުރުމުގެ ގޮތުން ބިނާ ކޮށްފައިވާ ތަނެކެވެ. އެ ބިނާ ފަރުމާކޮށްފައި ވަނީ ސިފައިންގެ މައިމަރުކަޒަށް ޓެރަރިސްޓުން ވަނުމަށް ޓަކައި އެ މަރުކަޒުގެ ހުޅަނގު ދެކުނު ކަނުގެ ފާރު ގޮއްވައިލައި ފޫއަޅުވާލި ބާގަނޑުގެ ނަކަލު ދައްކުވައިދޭ ގޮތަށެވެ.
ބާގަނޑުގެ އެތެރެއިން ފެންނަން ހުރި އައްޑަނަ ރަމްޒު ކޮށްދެނީ ދިވެހިރާއްޖޭގެ ސިޔާދަތާއި މިނިވަންކަމުގެ ދިފާޢުގައި ދިވެހި ސިފައިން ކޮށްފައިވާ މަތިވެރި ޖިހާދުގެ ހަނދާންތަކެވެ. އަދި އެ ފާރު ފޫއަޅުވާލި ކަމުގައި ވިޔަސް ސިފައިންގެ ޢަޒުމަށް ގުޑުމެއް އަރުވާ ނުލެވޭނެ ކަމެވެ.
ބާގަނޑުގެ ތެރެއިން ފެންނަން ހުރި އައްޑަނައިގެ ވަށައިގެން ލިޔެފައިވާ ލިޔުމުން ރަމްޒު ކޮށްދެނީ ދިވެހި ސިފައިންނަކީ އިސްލާމީ މަތިވެރި އަޤީދާއިން ހިތްވަރު ލިބި ދީނާއި ޤައުމަށް ޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއް ވުމަށް އަބަދުވެސް ތައްޔާރަށް ތިބި ބައެއް ކަމެވެ.
އަށްޑަނައިގެ ވަށައިގެން ފެންނަން ހުރި ލިޔުމަކީ މާތް ﷲގެ މަގުގައި ޖިހާދުކޮށް ޝަހީދުވާ މީހުންނަށް އެކަލާނގެ ހަޟުރަތުގައި ހުރި ދަރުމައިގެ ވާހަކަ ބަޔާން ކުރައްވައި ކީރިތި ޤުރުއާނުގައި މާތްﷲ ވަޙީ ކުރައްވާފައިވާ އާޔަތުގެ ދިވެހި ތަރުޖަމާއެވެ.
ބިނާގެ ދެ ފަރާތުގައި ފަރުމާކޮށްފައިވާ އަށް ތަނބާއި އަށް މާ ބޮނޑިއާއި އަށް ދިދަ ރަމްޒު ކޮށްދެނީ މި ލޮބުވެތި ވަޠަންގެ މިނިވަންކަމާއި ސިޔާދަތުގެ ދިފާޢުގައި ހަނގުރާމަކޮށް ޝަހީދުވި ސިފައިންގެ މަތިވެރި ޤުރުބާނީގެ ޛިކުރާތަކެވެ. އެ ބިނާ ފަރުމާކޮށް ތައްޔާރު ކުރުމުގެ ހުރިހާ މަސައްކަތެއްވެސް ކޮށްފައި ވަނީ ފަންނުވެރި ދިވެހި ސިފައިންގެ އަތުންނެވެ.
ނޮވެމްބަރ 3 ގައި ޝަހީދުވި، ޝަހީދުންގެ ހަނދާނުގައި ހަނދާނީ ބިނާއެއް ހެދުމުގެ މަސައްކަތަކީ ވަރަށް ކުރިއްސުރެ ފެށިގެން ކުރަމުން އައިސްފައިވާ މަސައްކަތެކެވެ. އެކިފަހަރު މަތިން އެތަން ހުންނަނޭ ގޮތުގެ ތަފާތު ފަރުމާތައް ކުރެވިފައިވެއެވެ. އެންމެ ފުރަތަމަ ފަރުމާކުރެވުނު ހަނދާނީ ބިނާ ހެދުމަށް ވާހަކަދެކެވެމުން ދިޔައީ ލޮނުޒިޔާރަތްކޮޅުގައި، މިހާރު ލޮނުޒިޔާރަތްޕާކު ހަދާފައިވާ ސަރަހައްދުގައި އޭރު ހެލިޕޭޑް ހަދާފައިވާ ތަނުގައެވެ. އެކަމަށްޓަކައި ތަފާތު ޚިޔާލުތަކާއެކު ފަރުމާތައް ކުރެވުނެވެ. ނަމަވެސް އެ ތަނުގައި އެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. އެއަށްފަހު 2008 ވަނައަހަރު ތެރޭގައި އަނެއްކާވެސް ޝަހީދުންގެ ބިނާއެއް ހެދުމަށް ވާހަކަދެކެވި ފަރުމާތައް ކުރެވެން ފެށިއެވެ. މި ފަހަރު އެތަން ބިނާކުރުމަށް ވާހަކަދެކެވުނީ ޖުމްހޫރީ މައިދާނުގެ ހުޅަނގުކޮޅުގައި އެ ހުރި ފެންއަރުވާވަޑާން ހުރި ތަނުގައެވެ. މިހާރު ފެންނަން އެ ހުރި ޝަހީދުންގެ ބިނާގައި އެ ވާ އައްޑަނައަކީ އޭރު ޖުމްހޫރީ މައިދާނުގައި ހެދުމަށް ކުރެވުނު ފަރުމާގައި ހިމެނޭ އައްޑަނައެވެ. މިހާރު ބިނާކުރެވިފައިވާ ޝަހީދުންގެ ބިނާގައި އެ ވާ އައްޑަނަ އެވަނީ އޭރު ކުރެވުނު ޑިޒައިނާ އެއްގޮތަށެވެ.
އެއަށްފަހު އަނެއްކާވެސް ޝަހީދުންގެ ބިނާއެއް ހެދުމުގެ މަސައްކަތް ކުރެވެންފެށީ އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމުގެ ސީދާ ބެއްލެވުމުގެ ދަށުންނެވެ. ތިނެއް ނޮވެމްބަރުގެ ހަނދާނީ ބިނާ ފަރުމާކޮށްދެއްވީ ޗީފް އޮފް ޑިފެންސް ތައްޔާރުކުރެއްވި ކޮންސެޕްޓާ އެއްގޮތަށް ކޯރ އޮފް އިންޖިނިއަރސް ގެ ސާރޖަންޓް ފަސްޓް ކްލާސް މުޙައްމަދު ޝިފާޢުއެވެ. މި ފަރުމާއަކީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ސިޔާމް އެކަމަށްޓަކައި ތައްޔާރު ކުރެއްވި 8 ކޮންސެޕްޓް ޑިޒައިންގެ ތެރެއިން އެންމެ ރަނގަޅުކަމަށް ފެނުނު ޑިޒައިން އަސްލަކަށް ބަލައިގެން ކުރެވިފައިވާ ފަރުމާ އެކެވެ.
ތިނެއް ނޮވެމްބަރ ގެ ހަނދާނީ ބިނާ، ބިނާކުރުމުގެ ޢަމަލީ މަސައްކަތް ފެށީ 2012 ސެޕްޓެމްބަރ 22 ވަނަދުވަހުއެވެ. މިއީ ސިފައިން ރެއާދުވާލު ހުއްޓުމެއްނެތި ކޮށްފައިވާ ބުރަ މަސައްކަތެކެވެ. މަސައްކަތުގެ ޕްރޮޖެކްޓް މެނޭޖަރަކީ އޭރުގެ އެމްޑީއެފް ކޯރ އޮފް އިންޖިނިއަރސް ގެ ވޮރަންޓް އޮފިސަރ 2 އައިމިނަތު ޢަލީއެވެ. ބިނާގެ ފަރުމާކުރުމުގެ މަސައްކަތާއި އެތަން ބިނާކުރުމުގެ އިންޖިނިއަރިންގ މަސައްކަތްކަތާއި ސިމެންތީގެ އެންމެހާ މަސައްކަތްތައް ކޮށްފައިވަނީ އެމްއެންޑީއެފް ކޯރ އޮފް އިންޖިނިއަރސް އިންނެވެ.
ބިނާގައި ހުރި ތަނބުތަކާއި މާބޮނޑިތަކާއި ދިދަ ދަނޑިތަކާއި ދިދަ ދަނޑިތަކުގެ ބުޑުތައް ހަދާފައިވަނީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއަރސް އިންނެވެ. މާބޮނޑިތައް ހަދާފައިވަނީ ވެލްޑިންގ ކޮށްގެން އެލްމެނިއަމް ބޭނުންކޮށްގެންނެވެ. ތަނބުތަކާއި ތަނބުތަކުގެ މަތީގައިވާ ކްރޯންތަކާއި ދިދަ ބުޑުތައް ހަދާފައިވަނީ ފައިބަރުންނެވެ. ތަނބުތަކާއި ކްރޯންތަކުގެ ޑިޒައިންއާއި އޭގެ މޯލްޑްތައް ހަދާފައިވަނީ ކޯރ އޮފް އިންޖިނިއަރސް އިންނެވެ. ދިދަތައް ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް ކްއާރޓަރ މާސްޓަރ ސަރވިސް އިންނެވެ. ބިނާގައިވާ އައްޑަނައާއި އައްޑަނަ ވަށައިގެންވާ ލިޔުންކޮޅު ތައްޔާރުކޮށްގެން ގެނެސްފައިވަނީ މެލޭޝިއާއިންނެވެ. ބިނާއާ ބެހޭ ކުރު ތަޢާރަފާއި ޝަހީދުންގެ ނަންތައް ލިޔެފައިވާ މާބްލް ދެގާ ތައްޔާރުކޮށްގެން ގެނެސްފައިވަނީ ސްރީލަންކާއިންނެވެ. މި ދެމަސައްކަތް ފިޔަވައި ދެންހުރި ހުރިހާ މަސައްކަތަކީ ވެސް ދިވެހި ސިފައިންގެ ފަންނުވެރި މަސައްކަތްތަކެވެ.
ނޮވެންބަރު ތިނެއްގެ ހަނދާނީ ބިނާ ކައިރީގައި ފުރަތަމަފަހަރަށް ގާޑް މައުންޓްކުރީ 11 ނޮވެމްބަރު 2012 ވީ އާދީއްތަ ދުވަހު ހަވީރު 4:30 ގައެވެ. ގާޑް މައުންޓްކުރެވިފައިވާ ގަޑިތަކުގައި ސައިލެންޓް ޑްރިލްގެ ހަރަކާތްތައް ވެސް ކުރިއަށްގެންދިޔައެވެ. ގިނަ އަދަދެއްގެ އާންމު ރައްޔިތުން މިހަރަކާތްތައް ބެލުމަށް އެސަރަހައްދަށް އެ ދުވަހު ޖަމާވިއެވެ.