Skip to content Skip to footer

އަރަބި ބަހާރު ޓިއުނީޝިޔާގައި ކާމިޔާބުވިއިރު މިސްރާއި ލީބިޔާއާއި ސީރިޔާގައި ނާކާމިޔާބުވީ ކީއްވެ؟

މުޅި ދުނިޔޭގައި ވެސް ޑިމޮކްރަސީއާއި އެންމެ ބީރައްޓެހި ޤައުމުތައް ހިމެނޭ ސަރަހައްދަކީ މެދުއިރުމައްޗާއި އެފްރިކާ ސަރަހައްދެވެ. ނަމަވެސް 2011 ވަނައަހަރު މި ސަރަހައްދުގައި އުތުރިއެރި އަރަބް ސްޕްރިންގެ ހަރަކާތްތަކާއެކު ޚުދުމުޚުތާރު ވެރިކަންތައް ކުރަމުން އައި ޤައުމުތަކަށް ޑިމޮކްރެޓިކް ވެރިކަންތަކެއް ޤާއިމްކުރެވިދާނެ ކަމުގެ ކުލަވަރުތައް ފެންނަންފެށިއެވެ.  މި ކުލަވަރު އެންމެ ފުރަތަމަ ފެންނަންފެށީ އެފްރިކާގެ ކުޑަ ޤައުމެއް ކަމަށްވާ ޓިއުނީޝިއާއިންނެވެ. މި ހަރަކާތް މަޝްހޫރުވެގެން ދިޔައީ އަރަބި ބަހާރު (އަރަބް ސްޕްރިންގ) ގެ ގޮތުގައެވެ. މިކަންފެށުމުގެ ޙާދިސާ ހިނގީ 2010 ވަނައަހަރުގެ ޑިސެމްބަރ 17 ވަނަދުވަހު ޓިއުނީޝިއާގެ މަގެއްގެމަތީގައެވެ. މަގުމަތީގައި އެއްޗެހި ވިއްކަން އުޅުނު މުޙައްމަދު ބޫޢަޒީޒީގެ އަތުގައި އެއްޗެހި ވިއްކުމުގެ ލައިސަންސް ނެތްކަމަށް ބުނެ އޭނާގެ މޫނުމަތީގައި ޖެހުމަށްފަހު ފުލުހަކު އޭނާގެ މަސައްކަތަށް ހުރަސްއަޅައި އެސަރަހައްދުން ދިއުމަށް މަޖުބޫރުކުރުވައެވެ. އޭނާ އެތައް އާދޭހެއް ކުރުމުން ވެސް ހުއްދަ ލިބޭގޮތެއް ނުވިއެވެ. ނަތީޖާއަކަށް ވީ ޓިއުނީޝިއާގެ ސިޓީ ހޯލު ގައި އެންމެންގެ ކުރިމަތީގައި “އަހަރެން ދިރިއުޅެން ދެން ހަދަންވީ ކިހިނެއްހޭ؟” ގޮވަމުން ގަޔަށް ޕެޓްރޯލްއެޅުމަށް ފަހު އަމިއްލައަށް ގައިގަ ރޯކޮށްލައިގެން މަރުވުމެވެ.

މި ހާދިސާއަކީ މުޅި ދުނިޔެއަށް ސިހުން ގެނުވި ހާދިސާއެކެވެ. މި ހާދިސާވެފައިވަނީ، މެދުއިރުމަތީގައި އޮތް ޚުދުމުޚުތާރު ވެރިކަން އޮތް ޤައުމުތަކުގެ އަނިޔާވެރިކަން މުޅި ދުނިޔޭގެ ސަމާލުކަމަށް އައި ހާދީސާއަށެވެ. މި ހާދިސާއާއެކު މެދިއިރުމަތީގެ ޤައުމުތަކުގެ ރައްޔިތުން އެ ޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް މަގުމައްޗަށް ނުކުތެވެ. މިކަމުގެ ސަބަބުން އެތައް ހަމަނުޖެހުން ތަކެއް ހިނގައި އެތައް ބަޔަކު މަރުވެގެން ގޮސްފައިވެއެވެ. ޓިއުނީޝިއާއިން ފެށުނު އަރަބި ބަހާރުގެ ހަރަކާތްތައް އިސާހިތަކު މިސްރާއި ލީބިޔާ، ސީރިއާ، އޮމާން އަދި ބަޙްރެއިންއަށް ފެތުރިގެން ދިޔައެވެ. އެ ޤައުމުތަކުގެ ރައްޔިތުން އިސްލާހީ ބަދަލުތަކަށް ގޮވާލައި މަގުމައްޗަށް ނުކުތެވެ. އެންމެ ވަރުގަދަކޮށް މި ހަރަކާތްތައް ހިނގައިގަތީ ޓިއުނީޝިއާއާއި މިސްރު އަދި ލީބިޔާގައެވެ.

      މި މަޒްމޫނުގައި ބަލާލެވިފައިވާނީ މެދުއިރުމަތީގެ އެހެން ޤައުމުތަކާ އަޅާބަލާއިރު އަރަބި ބަހާރު ޓިއުނީޝިއާގައި ކާމިޔާބުވާން ދިމާވި ސަބަބުތަކަށާއި އަރަބި އެހެން ޤައުމުތަކުގައި ނާކާމިޔާބުވާން ދިމާވި ސަބަބުތަކަށެވެ. މިގޮތުން ނާކާމިޔާބުވި ޤައުމުތަކުގެ ގޮތުގައި މިސްރާއި ލީބިޔާ އަދި ސީރިޔާގެ ހާލަތަށް ބަލާލެވިފައިވާނެއެވެ.

ޓިއުނީޝިއާގައި އަރަބި ބަހާރު ކާމިޔާބުވާން ދިމާވި ސަބަބުތައް

ސަރަހައްދުގެ ޤައުމުތަކާ އަޅާބަލާއިރު ޓިއުނީޝިއާގެ އާބާދީއަކީ ކުޑަ އާބާދީއެކެވެ. 2018 ގެ ބޯހިމެނުމުގެ ނަތީޖާއަށް ބަލާއިރު އެ ޤައުމުގައި އުޅެނީ 11 މިލިއަން މީހުންނެވެ. ޢަރަބި އެހެން ޤައުމުތަކާ ޚިލާފަށް ޓިއުނީޝިއާއަކީ ނަސްލުގެ ތަފާތުތައް ވެސް ކުޑަ ޤައުމެކެވެ. އާބާދީގެ 98 އިންސައްތައަކީ އަރަބި ނަސްލުގެ މީހުންނެވެ. ޔޫރަޕްގެ ދޮން ނަސްލަށް ނިސްބަތްވާ 1 އިންސައްތަ މީހުން އުޅޭއިރު ޔަހޫދީންނާއި އެހެނިހެން ނަސްލުތަކުގެ އަދަދަކީ ވެސް 1 އިންސައްތައެވެ. ޓިއުނީޝިއާގައި ގިނައީ ސުންނީ މުސްލިމުންނެވެ. އާބާދީގެ 99.1 އިންސައްތައަކީ ސުންނީ މުސްލިމުންނެވެ. އެހެންނިހެން ދީންތަކުގެ ޖުމްލަ ނިސްބަތް އުޅެނީ 1 އިންސައްތައިގައެވެ. އެހެންކަމުން ޓިއުނީޝިއާގައި ނަސްލީ ޚިލާފުތަކާއި މަޒުހަބީ ތަފާތުތައް އެހެން ޤައުމުތަކާ އަޅާބަލާއިރު މަދެވެ.

ޓިއުނީޝިއާއަކީ ސަރަހައްދުގައި އެންމެ ތަޢުލީމީ އަދި ހުޅަނގުގެ އުސޫލުތަކާ އެއްގޮތްކަމެއް ހުރި ލިބަރަލް ވިސްނުމުގެ މީހުން ގިނަ ޤައުމެކެވެ. އެހެންކަމުން ހުޅަނގުން ތާއީދުކުރާފަދަ ވެރިކަމެއް އެ ޤައުމުގައި ޤާއިމްކުރުމަށް ފަސޭހަތަކެއް ހުއްޓެވެ. އެހާތަނަށް އައިއިރު ޓިއުނީޝިއާގައި ހަމައެކަނި މަދުވެފައި އޮތީ ޑިމޮކްރެޓިކް ވެރިކަމަކާއި ރަނގަޅު އިޤްތިޞާދީ ސިޔާސަތެކެވެ. އެހެންކަމުން ޑިމޮކްރެޓިކް ވެރިކަމެއް ހޯދުމަށް ޓިއުނީޝިއާގައި 2011 ވަނައަހަރު ރައްޔިތުން މަގުމައްޗަށް ނުކުމެ ފެށި ހަރަކާތްތައް ހަމަނުޖެހުން ބޮޑުވެގެން ދިޔަ ނަމަވެސް ވެރިކަން ބަދަލުވުމާއެކު ޤައުމު ޢާންމު ހާލަތަކަށް ގެނައުމަށް ފަސޭހަވެގެން ދިޔައެވެ. ޤައުމުގެ އެތެރޭގައި ރައްޔިތުންގެ މެދުގައި މަޒުހަބީ ތަފާތާއި ނަސްލީ ތަފާތުތައް މަދުވުމުން ދެބަސްވުންތައް ހައްލުކުރުމަށް ވެސް ފަސޭހަވިއެވެ. އެއީ ޤައުމުގައި މުޅިންވެސް އުޅެނީ ބާބަރު ނަސްލަށް ނިސްބަތްވާ މީހުންނެވެ. އެހެންކަމުން ޓިއުނީޝިއާގައި ޑިމޮކްރަސީ ޤައިމްވެގެން ދިއުމުގައި މުހިންމު ދައުރެއް އަދާކުރި އެއްކަމަކީ އެޤައުމުގައި އޮތް ނަސްލީ، ދީނީ އަދި މަޒުހަބީ ތަފާތުތައް ކުޑަ އާބާދީއެވެ.  

      ޓިއުނީޝިއާއަކީ އަރަބި ދުނިޔޭގައި އޮތް އަރަބި އެހެނަސް “އަރަބި ނޫން” ޤައުމެކެވެ. ޤައުމުގެ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިން ޢަރަބިންގެ ގޮތްގަނޑު ފެނުނެއް ކަމަކު ހުޅަނގުގެ އިސްތިޢުމާރީ އަސަރުތަކުގެ ގޮތުގައި މެޑިޓެރޭނިއަން އައްސޭރިފަށުގެ ޤައުމުތަކުގެ ރައްޔިތުންގެ ކިބައިގައި ހުރި ސިފަތަކާއި ޔޫރަޕްގެ ގޮތްގަނޑު ޓިއުނީޝިއާގެ ރައްޔިތުންގެ ދިރިއުޅުމުން ފެނެއެވެ. އެހެންކަމުން ޔޫރަޕުން ބޭނުންވާ ފަދަ ޑިމޮކްރަސީއެއް ގެނައުމުގައި ޓިއުނީޝިއާއަށް ކާމިޔާބުވީ މި ސިފަތަކުގެ ސަބަބުން ކަމަށް ބުނުމުގެ ފުރުޞަތު އެބައޮތެވެ.  

ޓިއުނީޝިއާގައި ޚުދުމުހުތާރު ވެރިކަމެއް އޮތަސް އެ ޤައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުތުމުން ކޮންމެވެސް ވަރަކަށް ދެކޮޅުހަދައި ހަރުކަށިކަން ދެއްކި ނަމަވެސް ޓިއުނީޝިއާގެ ރައީސް ޒައިނުލް އާބިދީން ބިން ޢަލީ ކަންތައްކުރެއްވީ އެހެން ޢަރަބި ވެރިންނާ ޚިލާފަށެވެ. ވެރިކަމުގައި ބަގުޑިބައްދައިގެން ހުންނެވުމުގެ ބަދަލުގައި ޤައުމުގެ ކަންތައްތައް ބޮއްސުންލާން ފެށުމުން، 23 އަހަރުގެ މުއްދަތަށް ދިގުދެމިގެންއައި ވެރިކަން ދޫކޮށްލައްވައި ޤައުމުން ބޭރަށް ވަޑައިގެންނެވީއެވެ. ޓިއުނީޝިއާގައި ހަމަނުޖެހުންތައް އެހާ އަވަހަށް ނިމިގޮސް ޚުދުމުޚުތާރު ވެރިކަމަކުން ޑިމޮކްރެޓިކް ވެރިކަމަކަށް ބަދަލުވުމަށް މަގުފަހިވީ 2011 ޖެނުއަރީ 14 ގައި އެ ޤައުމުގެ ރައީސް ވެރިކަން ދޫކޮށްލައްވައި ޤައުމު ދޫކޮށްލުމުންނެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޤައުމުގައި ބޮޑެތި ލޭއޮހޮރުވުންތައް ނުހިނގަނީސް ސިޔާސީގޮތުން ޤައުމު ހަމަޔަކަށް އެޅުވުމަށް ފުރުޞަތު ލިބިގެން ދިޔައެވެ. އެހެންކަމުން މިނިވަން މުސްތަޤިއްލު އިންތިޚާބެއް ބޭއްވި، ޤައުމުގައި ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު އެކުލަވައިލެވުނީ ކުރީގެ ޚުދުމުހުތާރު ވެރިން އިސްތިއުފާ ދިނުން އަވަސްވުމުގެ ސަބަބުން ޤައުމުގެ އެތެރޭގައި ހަމަޖެހުން ޤާއިމްވުމަށް މަގުފަހިވުމުންނެވެ.

ޓިއުނީޝިއާގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްވުމަށް މަގުފަހިވުމުގައި އަސްކަރިއްޔާގެ ދައުރު ވެސް ބޮޑެވެ. އެއީ އެ ޤައުމުގައި ބޭއްވި ފުރަތަމަ ޑިމޮކްރެޓިކް އިންތިޚާބުގެ ވާދަވެރިކަމުގެ ތެރެއިން ވެސް އަސްކަރިއްޔާ (ޓިއުނީޝިއަން ރިޕަބްލިކަން އާރމްޑް ފޯސް) އޮތީ ވަކިއަތަކަށް ނުޖެހި ވަރަށް ސާބިތުކަން މަތީގައެވެ. އެހެންކަމުން ޓިއުނީޝިއާގައި އަރަބި ބަހާރު ކާމިޔާބުވީ ރައްޔިތުން މަގުމައްޗަށް ނުކުމެ އަޑުއުފުލަން ފެށުމުން ރައީސް ޒައިނުން ޢާބިދީން ބިން ޢަލީ ވެރިކަން ދޫކޮށްލެއްވުމާއި އެ ދަނޑިވަޅުގައި އަސްކަރިއްޔާ ވަކިއަތަކަށް ބުރަ ނުވެ އޮތުމުގެ ސަބަބުންނެވެ.

ޓިއުނީޝިއާގައި ޑިމޮކްރެޓިކް ނިޒާމެއް ޤާއިމްކުރުމަށް ބާރުލިބިގެން ދިޔަ އަނެއް ސަބަބަކީ އެޤައުމުގައި ޓެރަރިސްޓް (ނިރުބަވެރި) ހަރަކާތްތައް މަދުވުމެވެ. ޒައިނުލް ޢާބިދީންގެ ޚުދުމުޚުތާރު ވެރިކަމުގައި ވެސް އެއްވެސް ނިރުބަވެރި ޖަމާޢަތަކަށް އެޤައުމުން ވާގިވެރިވެފައެއް ނުވެއެވެ. ޔޫރަޕްގެ ޤައުމުތަކާއެކު ޓިއުނީޝިއާއިން ރަނގަޅު ގުޅުމެއް ޤާއިމްވެފައި އޮތުމުގެ އެއްސަބަބަކީ ވެސް މިއީކަމުގައި ވެދާނެއެވެ. ރައްޔިތުން މަގުމައްޗަށް ނުކުމެ ސަރުކާރާ ދެކޮޅު ހަރަކާތްތައް ހިންގި ކަމުގައި ވިޔަސް ޓެރަރިސްޓް ގްރޫޕެއްގެ ނުފޫޒު އެކަމުގައި ނެތުމުން ވަކިބައެއްގެ އަމިއްލަ އެޖެންޑާއެއް މި ހަރަކާތުގައި ހިމެނިފައެއް ނުވެއެވެ. މިކަމުގެ ސަބަބުން ޑިކްޓޭޓަރޝިޕައަކުން ޑިމޮކްރެޓިކް ވެރިކަމަކަށް ބަދަލުވި ދަނޑިވަޅުގައި ވެސް އިތުރު ހަމނުޖެހުންތަކަށް މަގުފަހިވެފައެއް ނުވެއެވެ.

ޓިއުނީޝިއާ އާ ޚިލާފަށް ސީރިއާއާއި ލީބިޔާ ފަދަ ޤައުމުތަކަކީ އެ ޤައުމުތަކުގައި އެކިކަހަލަ ނިރުބަވެރި ޖަމާޢަތްތައް އެމީހުންގެ އަމިއްލަ އެޖެންޑާއެއްގެ ދަށުން ހަރަކާތްތެރިވަމުން އައި ޤައުމުތަކެވެ. އަދި މިފަދަ ބައެއް ޖަމާޢަތްތަކަކީ އެހެން ޤައުމުތަކުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޖަމާޢަތްތަކެވެ. މީގެތެރޭގައި ޔޫރަޕްގެ ބައެއް ޤައުމުތަކާއި ގަލްފުގައި ތެލުގެ މުއްސަނދިކަން ލިބިފައިވާ ޤައުމުތަކުން އެހީތެރިވާ ޖަމާޢަތްތައް ހިމެނެއެވެ. އެހެންކަމުން ލީބިޔާއާއި ސީރިއާގައި ވެސް ރައްޔިތުންގެ ވިސްނުމަށް ވުރެ ނުވަތަ ރައްޔިތުން ބޭނުންވާ ގޮތަށްވުރެ ނިރުބަވެރި ޖަމާއަތްތައް ނުވަތަ އެފަދަ ޖަމާއަތްތަކަށް ވާގިވެރިވާ ޤައުމުތައް ބޭނުންވާ ފަދަ ސަރުކާރެއް ޤައިމްކުރުމަށް އިސްކަންދެވުނެވެ. އާޚިރު ނަތީޖާއަކަށް ވީ އަހްލީ ހަނގުރާމައިގެ ތެރެއަށް މި ޤައުމުތައް ގެނބިގެން ދިއުމެވެ. އެހެންކަމުން ޓިއުނީޝިއާގައި ޑިމޮކްރެޓިކް ވެރިކަމަކަށް މަގުފަހިވީ އެދުވަސްވަރު އެ ޤައުމުގައި ނިރުބަވެރި ޖަމާޢަތްތައް ނެތުމާއި އެޤައުމުން ވާގިވެރިވެގެން ހިންގި ނިރުބަވެރި ޖަމާޢަތެއް ނެތުމުންނެވެ.

      ޤައުމުތަކަށް އަރަބި ބަހާރު ފުޅާވެގެން ދިއުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި އެކައްޗަކީ މީސް މީޑިއާ އާއި މާސް މީޑިއާއެވެ. ޤައުމުތަކުގައި ހިނގަމުން ދިޔަ ޑިމޮކްރަޓިކް ހަރަކާތްތަކާއި ހަމައެއާއެކު އެ ހަރަކާތްތަކާ ދެކޮޅަށް ސަރުކާރުތަކުން އަޅަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކާއި ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާތައް ވެސް އައީ މީސް މީޑިއާއިން ވަގުތުން ވަގުތައް ދުނިޔެއަށް ހާމަކުރަމުންނެވެ. މިކަމުގެ ސަބަބުން ސަރުކާރުތަކަށް ޕްރެޝަރު ބޮޑުވެގެން ދިޔައެވެ. ކޮންމެ ކަމެއްގައި ވެސް ނުބައި ހަދާނެ މީހުން ތިބޭނެޔޭ ބުނާ އުސޫލުން ޤައުމުތަކުގައި ހަމަނުޖެހުން ހިންގުމަށާއި “ހޭޓް ސްޕީޗް” ފެތުރުމަށާއި ފިތުނަ އުފެއްދުމަށް ވެސް މީޑިއާ އައީ ބޭނުންކުރަމުންނެވެ. ނަމަވެސް ޓިއުނީޝިޔާގައި މިކަން ކުރެވިފައިވަނީ އެހެނ ޤައުމުތަކަށް ވުރެ ޒިންމާދާރުކޮށެވެ.  ޑިމޮކްރެޓިކް ވެރިކަމަކަށް ރައްޔިތުން ގޮވަމުން ދިޔަ ދުވަސްވަރު ވެސް ޓިއުނީޝިއާގެ މީޑިއާގެ މަސްދަރުތަކުން ބޮޑަށް ހުރީ ޑިމޮކްރެޓިކް ވެރިކަމަކަށް މަގުފަހިވާ ގޮތަށް ޒިންމާދާރުކަމާއެކު ޚަބަރުތައް ގެނެސްދީފައެވެ. އަދި ހަމަނުޖެހުންތައް ނިމި ޤައުމު ހަމަޔަކަށް އެޅި އިންތިކާބަށް ތައްޔާރުވަމުން ދިޔައިރު ކެމްޕެއިން ކުރުމުގެ ވަޞީލަތެއްގެ ގޮތުގައި މީޑިއާ ބޭނުންކޮށްފައި ވަނީ ވެސް ތަހުޒީބު ޤައުމުތަކުގައި މީޑިއާގެ ވަޞީލަތްތައް ބޭނުންކުރަމުން އަންނަ އުސޫލުތަކުގެ ތެރެއިން ޒިންމާދާރު ކަމާއެކު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފައިގެންނެވެ. އެހެންކަމުން ޓިއުނީޝިއާގައި ޑިމޮކްރަސީ ޤާއިމްވުމުގައި ޒިންމާދާރު މީޑިއާގެ ދައުރު ވެސް ވަރަށް ބޮޑެވެ.

ޑިމޮކްރެޓިކް ވެރިކަމަކަށް ފުރޮޅިގެން ދިއުމަށްފަހު ޓިއުނީޝިއާގައި ޑިމޮކްރެސީ އިތުރަށް ހަރުދަނާވާ ކަމުގެ ނިޝާނަކަށް ފެނުނީ އެ ޤައުމުގައި 2011 ވަނަ އަހަރު ބޭއްވުނު ޢާންމު އިންތިޚާބެވެ. މި އިންތިޚާބުގެ ކަންތައްތައް މޮނިޓަރ ކުރީ ބައިނަލްއަޤްވާމީ ޖަމާޢަތްތަކުންނެވެ. ޓިއުނީޝިއާގެ އިންތިޚާބު ހިނގައިދިޔަގޮތް ބަލައި ދިރާސާކުރުމަށްފަހު އެ ޖަމާޢަތްތަކުން ނިންމާފައިވަނީ ޓިއުނީޝިއާގައި ބޭއްވުނު އިބްތިޚާބަކީ “ފްރީ އެންޑް ފެއަރ” އިންތިޚާބެއްކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ފްރީޑަމް ހައުސް އިން 2019 ވަނައަހަރު އެކުލަވައިލި ރިޕޯރޓްގައި ޓިއުނީޝިއާއަށް ދެވިފައިވަނީ “ފްރީ” ޤައުމެއްގެ ދަރަޖައެވެ. މިއީ ޢަރަބި ޤައުމެއް މި ލިސްޓްގައި ހިމެނުނު ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

      ޓިއުނިޝިއާގައި 2011 ވަނައަހަރު ބޭއްވި އިންތިޚާބު ކާމިޔާބުކޮށް އެ ޤައުމުގެ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރެއް ޤާއިމްކުރީ އިސްލާމީ ފިކުރުގެ  ޕާޓީއެއް ކަމަށް ވާ ޙަރަކަތުން ނަހްޒާ ޕާޓީއެވެ. ނަހްޒާ ޕާޓީން އިންތިޚާބް ކާމިޔާބުކުރުމުން ވަރަށް ގިނަ ބަޔަކު ހީކޮށްގެން ތިބީ އިސްލާމީ ހަރުކަށި އުސޫލުތައް އެ ޤައުމުގައި ޤައިމްކުރުމަށް އެ ޕާޓީން މަސައްކަތް ކުރާނެކަމަށެވެ. ޓިއުނީޝިއާއަކީ “މެދުމިނުގެ” ވިސްނުމުގެ މުސްލިމުން ގިނަ ޤައުމަކަށް ވުމުން ހަރުކަށި ފިކުރުތަކާއެކު ކުރިއަށް ދިއުމުގެ ފުރުޞަތު ނަހްޒާ ޕާޓީއަށް އޮތީ ވަރަށް ހަނިވެފައެވެ. އެހެންކަމުން އެ ޕާޓީގެ މައިގަނޑު ފިކުރު ދޫކޮށް މޮޑަރޭޓް އަދި ލިބަރަލް ވިސްނުމުގެ އުސޫލުތަކުގެ ތެރެއިން ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކޮށް ޓިއުނީޝިއާގައި ޑިމޮކްރަސީ ހަރުދަނާކުރުމުގެ ފުރަތަމަ ބިންގާ އެޅިގެންދިޔައެވެ. އެހެންކަމުން ނަހްޒާ ފަދަ ޕާޓީއަކުން މޮޑަރޭޓް ވިސްނުމުގެ އުސޫލުތަކުގައި ހިފަހައްޓައިގެން ކުރިއަށް ދިއުން ވެގެން ދިޔައީ ވެސް ޓިއުނީޝިއާގައި ޑިމޮކްރަސީ ޤާއިމްވުމަށް އެޅުނު ވަރަށް ބޮޑު ބާރަކަށެވެ.

މިސްރާއި ލީބިޔާއާއި ސީރިއާއަށް ޑިމޮކްރެސީ ގެނައުމުގައި ނާކާމިޔާބުވި ކަމަށް ބެލެވޭ ސަބަބުތައް.

ޓިއުނީޝިއާއިން ފެށިގެން އައި ޑިމޮކްރަސީގެ އޮއިވަރު އެންމެ ބާރަށް ހިނގައިގަތް ޤައުމުތަކަކީ މިސްރާއި ލީބިޔާ އަދި ސީރިއާއެވެ. ނަމަވެސް ޓިއުނީޝިއާއާއި ޚިލާފަށް މި ޤައުމުތަކުގައި ފުރިހަމަ ޑިމޮކްރަސީއެއް ޤާއިމްކުރުމުގައި ވަނީ ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިފައެވެ. މިހެންވާން ދިމާވި ގިނަ ސަބަބުތަކެއް ފާހަގަކުރެވިފައިވެއެވެ.

      މިސްރުގެ ރައީސް ހުސްނީ މުބާރަކުގެ 30 އަހަރުގެ ދިގު ވެރިކަން ނިމުމަކަށް އައީ ރައްޔިތުން މަގުމައްޗަށް ނުކުމެ ހިންގި ހަމަނުޖެހުންތަކާއެކު އެތައް ބައެއްގެ ލޭއޮހުރިގެން ދިއުމަށްފަހުގައެވެ. މިސްރުގެ ހަމަޖެހުން ގެއްލި ދައުލަތް ހިންގުމުގެ ނިޒާމު ބޮއްސުންލައިގެން ދިއުމުން މަޖްބޫރުވެ، އެނޫންގޮތެއް ނެތިގެން އެންމެ ފަހުން ރައީސް ޙުސްނީ މުބާރަކް ވެރިކަމުން އިސްތިއުފާދިނީއެވެ. އެއަށްފަހު ބޭއްވި އިންތިޚާބް ކާމިޔާބުކުރީ މުސްލިމް ބްރަދަހޫޑް (އިޚްވާނުލް މުސްލިމް) ޕާޓީއެވެ. ރައީސްކަމަށް އިސްވީ ޑޮކްޓަރ މުޙައްމަދު މުރުސީއެވެ. ނަމަވެސް މިސްރުގެ ނުފޫޒުގަދަ އަސްކަރިއްޔާއިން ވަނީ މުރުސީގެ ސަރުކާރު ވައްޓާލުމަށްފަހު ޚުދުމުހުތާރު ވެރިކަމެއް ޤާއިމްކޮށްފައެވެ. މިހެން މިކަން ދިމާވާން ޖެހުނު އެއް ސަބަބަކީ ހުޅަނގުން ނުވަތަ އެމެރިކާއިން މިސްރުގައި ޑިމޮކްރެޓިކް ވެރިކަމެއް ދެމިއޮތުމަށް ބޭނުން ނުވުމެވެ.

މިސްރުގައި ރައްޔިތުން ރުހޭ ފަދަ ވެރިކަމެއް ޤާއިމްކޮށްފިނަމަ މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒު ވަރަށް ބޮޑަށް ކުޑަވެގެންދާނެއެވެ. މިކަމުގެ ނަތީޖާއަކަށް ވާނީ އިޒްރޭލު ދެމިއޮތުމަށް ނުރައްކާވުމެވެ. އެހެންވެ އެމެރިކާގެ ގޮނޑިކޮއްކޮ ސަރުކާރެއް މިސްރުގައި ބޭއްވުމަކީ އަބަދުވެސް އެމެރިކާގެ ޚަރިޖީ ސިޔާސަތުގައި ވަރަށް އިސްކަންދީގެން ކުރަމުން އަންނަ ކަމެކެވެ. އެހެންކަމުން މިސްރުގައި  ޑިމޮކްރަސީ ނާކާމިޔާބުވާން ދިމާވި އެއް ސަބަބަކީ ހުޅަނގުން އެކަން އެގޮތަށް ވެފައި އޮތުމަށް ބޭނުންވުމެވެ.

މިސްރުގައި ޑިމޮކްރަސީ ފެއިލްވާން ދިމާވި އަނެއް ސަބަބަކީ ރަނގަޅު ނޫން ދަނޑިވަޅެއްގައި މުސްލިމް ބްރަދަހުޑް ޕާޓީއަށް ވެރިކަން ލިބުމެވެ. މުސްލިމް ބުރަދަހުޑަކީ އިސްލާމީ އުސޫލުތައް ކުރިއަށް ނެރޭ، ހުޅަނގުގެ އާދަކާދަތަކަށް ނުރުހުންތެރިވާ ބައެކެވެ. ހަމައެހެންމެ އަރަބި ޤައުމުތަކުގައި އޮތް ވިރާސީ ރަސްކަންތަކާ ދެކޮޅު ބައެކެވެ. ވިރާސީ ރަސްކަން އޮތް ގިނަ ޤައުމުތަކުގައި މުސްލިމް ބުރަދަހުޑްގެ ހަރަކާތްތައް ހިންގުން ވަނީ މަނާކޮށްފައެވެ. އެހެންކަމުން މުސްލިމް ބުރަދަހުޑްގެ ވެރިކަން މިސްރުގައި  ދެމެހެއްޓުމަކީ އަވައްޓެރި ޤައުމުތައް ކަމަށްވާ ސައުދީ އަރަބިއްޔާ، ޔޫއޭއީ، ޤަތަރު، ކުވެއިތު ފަދަ ރަސްކަންތަކަށް އޮތް ބިރެކެވެ. އެއީ އެ ޤައުމުތަކުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުމެ ޑިމޮކްރެޓިކް ހަރަކާތްތައް ހިންގަން ފަށާފާނެތީއެވެ. އެހެންކަމުން މިސްރުގައި ޤާއިމް ކުރެވުނު ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު އަސްކަރިއްޔާގެ އެހީގައި ވައްޓާލުމުގައި އަވައްޓެރި އަރަބިޤައުމުތަކުގެ ދައުރެއް އޮތްކަމަށް ބެލެވެއެވެ.

      މިސްރުގެ ޑިމޮކްރެޓިކް ވެރިކަން ޅަފަތުގައި ވެއްޓެން ދިމާވި އަނެއް ސަބަބަކީ ޤާނޫނު އަސާސީއަށް ގެންނަން އުޅުނު ބައެއް ބަދަލުތަކުގެ ސަބަބުން މިސްރުގެ ނުފޫޒުގަދަ އަސްކަރިއްޔާއާއި ލިބެރަލް ވިސްނުމުގެ މީހުންނާއި ރެޑިކަލް ވިސްނުމުގެ މީހުންގެ ނުރުހުން ރައީސް ޑރ މުރުސީއަށް އަމާޒުވުމެވެ. އަސްކަރިއްޔާ އަށް ވިސްނިފައި އޮތީ މުރުސީގެ ސަރުކާރުން އަސްކަރިއްޔާގެ ނުފޫޒު ކުޑަކުރަން އުޅޭކަމަށެވެ. ހަމައެހެންމެ ލިބަރަލް ވިސްނުމުގެ މީހުންނަށް ހީވީ މުރުސީގެ ސަރުކާރުން އިސްލާމީ ހަރުކަށި އުސޫލުތައް ގެންނަން މަސައްކަތްކުރަނީ ކަމަށެވެ. ހަމައެއާއެކު ރެޑިކަލް މުސްލިމުން ޤަބޫލުކުރީ މުރުސީގެ ސަރުކާރުން އިސްލާމީ އުސޫލުތައް ގެންނަން މަސައްކަތް ނުކުރާކަމަށެވެ. އެހެންކަމުން ޕޮލިޓިކަލް އެކްޓަރސްގެ ރުހުން ނުލިބުމާއެކު ސަރަހައްދީ ޤައުމުތައް އަޑީގައި ތިބެގެން ހިންގި ހަރަކާތްތަކުގެ ނަތީޖާއަކީ މިސްރުގައި ޤާއިމްކުރެވުނު ޑިމޮކްރެޓިކް ވެރިކަން ޅަފަތުގައި ނެތިގޮސް އަލުން ޚުދުމުހުތާރު ވެރިއެއްގެ އަތްދަށަށް މިސްރުގެ ވެރިކަން ދިއުމެވެ.

      ލީބިޔާގައި ފެށުނު ޑިމޮކްރެޓިކް ހަރަކާތްތައް އާޚިރުގައި ބަދަލުވެފައިވަނީ އަހުލީ ހަނގުރާމަ (ސިވިލް ވާރ) އަކަށެވެ. ލީބިޔާގައި އޮތް ގައްޒާފީގެ ދުވަސްވީ ވެރިކަމުގެ ވިސްނުމާއި ޤައުމުގެ ޒުވާނުންގެ ވިސްނުން ދިމަލެއް ނުވެއެވެ. ޒުވާނުންގެ ވިސްނުން ހުރީ ޑިމޮކްރެޓިކް ހަމަތަކުން ޤާއިމްކުރެވޭ ވެރިކަމެއް ލީބިޔާގައި ޤާއިމްވެފައި އޮތުމަށެވެ. އެހެންކަމުން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން (ފްރީޑަމް އޮފް އެކްސްޕްރެޝަން) އާއި އިންސާނީ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށް ގޮވާލައި ސަރުކާރާ ދެކޮޅަށް ޒުވާނުން މަގުތަކަށް ނުކުތީއެވެ. ނަމަވެސް ޓިއުނީޝިއާގައި ކަންތައް ވީ ގޮތާ ޚިލާފަށް ޤައްޒާފީ މަސައްކަތްކުރެއްވީ ބާރުގެ ބޭނުންކޮށްގެން ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވާލުމަށެވެ. މިކަމުގެ އާޚިރު ނަތީޖާއަކަށް ވީ މުޅި ޤައުމުގައި ހަމަނުޖެހުންތައް ހިނގައި ލޭއޮހޮރުވުންތައް ހިނގައިގެން ދިއުމެވެ. މި ހަމަނުޖެހުން ތަކުގެ ތެރޭގައި ރައީސް ކާނަލް ގައްޒާފީގެ ވެރިކަން ނައްތާލައި ޤައްޒާފީ އަވަހާރަވެގެން ދިޔައިރުވެސް މިއަދާ ހަމައަށް ވެސް އެ ޤައުމަށް ޑިމޮކްރެސީ ގެނެވިފައެއް ނުވެއެވެ. މިއަދު އެ ޤައުމުގައި އޮތީ އަހުލީ ހަނގުރާމައެވެ. ޑިމޮކްރަސީގެ ކަންފުޅެއްވެސް ނެތެވެ.

  ހަމައެގޮތަށް ސީރިއާގައި ފެށުނު ޑިމޮކްރެޓިކް ހަރަކާތްތައް ވެސް އާޚިރުގައި ބަދަލުވީ އަހުލީ ހަނގުރާމައަށެވެ. މި ދެޤައުމުގައި ޑިމޮކްރަސީގެ ހަރަކާތްތަކަށް ނާކާމިޔާބު ލިބިގެން ދިޔައީ ބޭރުގެ އެހެނިހެން ޤައުމުތަކުގެ އެހީގައި މި ދެ ޤައުމުގައި ހަރަކާތްތެރިވަމުންދާ ނިރުބަވެރި ޖަމާޢަތްތަކުގެ ސަބަބުންނެވެ. ޖިހާދުގެ ނަމުގައި އިސްލާމްދީނުގެ ނިވަލުގައި ތިބެ ހަތިޔާރުގެ އެހީގައި މިފަދަ ގްރޫޕްތަކުން ވަނީ ބޮޑެތި ޖަރީމާތައް ހިންގާފައެވެ. ހަމައެހެންމެ މިފަދަ ނިރުބަވެރި ޖަމާއަތްތަކާ ދެކޮޅަށާއި އާންމު ރައްޔިތުންނާ ދެކޮޅަށް މި ޤައުމުތަކުގައި އޮތް ޚުދުމުޚުތާރު ސަރުކާރުތަކުން ވަނީ ބޮޑެތި ޖަރީމާތައް ހިންގާފައެވެ. އެހެންކަމުން ޑިމޮކްރެސީ ގެނައުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ލީބިޔާ އަދި ސީރިއާއިން ވެސް ފެނިގެން ދިޔައީ ކޮންމެ ބަޔަކު ވެސް އެބައެއްގެ އަމިއްލަ މަސްލަހަތު ކުރިއެރުވުމަށްޓަކައި ހަތިޔާރުގެ ބޭނުން ކުރަމުންދާތަނެވެ.

ނިންމުން

އަރަބި ބަހާރު ފެށިގެން އައީ ޓިއުނީޝިއާއިންނެވެ. ޓިއުނީޝިއާގައި ފެށުނު ޑިމޮކްރެޓިކް ހަރަކާތުގެ ނަތީޖާއަކަށް ވެގެންދިޔައީ އެ ޤައުމުގައި ޚުދުމުޚުތާރު ވެރިކަމެއް ކުރަމުން ދިޔަ ބިން އަލީގެ ސަރުކާރު ވައްޓާލައި ފުރަތަމަފަހަރަށް ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްވެގެން ދިއުމެވެ. ޓިއުނީޝިޔާގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްވެގެން ދިއުމުގައި ހިމެނޭ ސަބަބުތަކުގެ ތެރޭގައި ޤައުމުގެ ރައްޔިތުންގެ މެދުގައި ނަސްލީ ބައިބައިވުން ނެތުމާއި، ދީނީ ޚިޔާލުތަފާތުތައް މަދުވުމާއި އިސްލާމީ ހަރުކަށި ފިކުރުގެ ނިރުބަވެރި ޖަމާއަތްތަކުގެ ނުފޫޒު ނެތުން ހިމެނެއެވެ. ޤައުމުގައި ހަމަނުޖެހުން ހިނގަންފެށިތާ މާ ގިނަ ދުވަހެއް ނުވެ ބިން ޢަލީ ވެރިކަމުން ވަކިވުން ވެސް ހިމެނެނީ އެ ޤައުމުގައި އިތުރަށް މަސްރަހު ގޯސްވެގެން ނުދިޔަ ކަމެއް ކަމުގައެވެ. އެ ޤައުމުގެ ވެރިކަމަށް އައި އިސްލާމީ ފިކުރުގެ ނަހްޒާ ޕާޓީ ވެސް މެދުމިނުގެ (މޮޑަރޭޓް) އުސޫކުތަކަށް ޖާގަދީ، ޑިމޮކްރެޓިކް އުސޫލުތަކުގެ ތެރެއިން ވެރިކަމުގެ ކަންކަން ގެންދިއުމަށް ކުރި މަސައްކަތް ވެސް ހިމެނެއެވެ. ހަމައެހެންމެ އެ ޤައުމުގެ އަސްކަރިއްޔާ ވަކިކޮޅަކަށް ނުޖެހި ރައްޔިތުންގެ ވިސްނުމާއި އެއްގޮތަށް ޑިމޮކްރެޓިކް ވިސްނުމަށް ޖާގަ ދީގެން މަސައްކަތްކުރުން ވެސް ހިމެނެއެވެ.

      ޓިއުނީޝިއާގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރެވުނު ކަމުގައި ވިޔަސް، ޓިއުނީޝިއާގައި ފެށި އަރަބް ބަހާރުގެ ހަރަކާތްތަކުން ހިތްވަރު ލިބިގެން އަރަބި ވަރަށް ގިނަ ޤައުމުތަކުގައި ޑިމޮކްރެޓިކް ވެރިކަންތައް ޤާއިމްކުރުމަށް ބާރުއެޅުމުގެ ގޮތުން ރައްޔިތުން މަގުމައްޗަށް ނުކުމެ ހަރަކާތްތައް ހިންގަމުން ގެންދިޔައެވެ. އެގޮތުން މިސްރާއި ލީބިޔާ އަދި ސީރިއާގައި ވެސް ވަރަށް ބޮޑެތި ހަމަނުޖެހުންތައް ހިނގައިފައިވެއެވެ. ނަމަވެސް މި ޤައުމުތަކުގައި ޑިމޮކްރެޓިކް ވެރިކަން ޤާއިމްކުރެވޭގޮތް ވަނީ ނުވެފައެވެ. މިސްރުގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމް ކުރެވުނު ކަމުގައި ވިޔަސް އެ ވެރިކަން ނާކާމިޔާބުވެގެން ދިޔައީ އެ ޤައުމުގެ ސްޓޭޓް އެކްޓަރުންގެ މެދުގައި އިތުބާރު ގެއްލިފައިވުމާއި އެ ޤައުމުގެ ނުފޫޒުގަދަ އަސްކަރިއްޔާގެ ސަބަބުންނެވެ. ހަމައެހެންމެ މުއްސަނދި އަރަބި ޤައުމުތަކުން މުސްލިމް ބުރަދަހުޑްގެ ވެރިކަމެއް މިސްރުގައި ޤާއިމްވެފައި އޮތަ ނުދިނުމަށްޓަކައި އަޑީގައި ތިބެގެން ހިންގި ހަރަކާތްތަކުގެ ސަބަބުންނެވެ. މީގެ ތެރޭގައި އިސްރާއީލްގެ މަސަލަހަތުތައް ހިމާޔަތްކުރުމަށްޓަކައި އެމެރިކާ ވެސް އޮތީ މުރުސީގެ ސަރުކާރާމެދު ޝައްކުގެ ނަޒަރަކުން ބަލަބަލައެވެ.

      ލީބިޔާއާއި ސީރިއާގައި ޑިމޮކްރަސީ ޤާއިމް ނުވީ އެ ޤައުމުތަކުގެ ވެރިންގެ “ބޯހަރު”ކަމާއި ގޮތްދޫނުކުރުމުގެ ސަބަބުން ރައްޔިތުންނާ ދެކޮޅަށް ހަތިޔާރުގެ ބޭނުން ކުރުމުންނެވެ. މިކަމުގެ ފައިދާ އެންމެ ބޮޑަށް ނެގީ އިސްލާމީ ހަރުކަށި ފިކުރުގެ ނިރުބަވެރި ޖަމާއަތްތަކުންނެވެ. މި ޖަމާއަތްތަކަށް އެހީވަމުން ދިޔައީ މި ޤައުމުތަކާ ދެކޮޅު އަރަބި މުއްސަނދި ޤައުމުތަކުގެ ސަރުކާރުތަކުންނާއި އެމެރިކާއިންނެވެ. އެހެންކަމުން ޑިމޮކްރަސީ ގެނައުމަށް ފެށި ހަރަކާތްތައް ބަދަލުވީ އަހުލީ ހަނގުރާމައަށެވެ. މިއަދާ ހަމައަށް އައިރު އަރަބި ބަހާރު ކާމިޔަބުވި ކަމަށް ބެލެވޭ ހަމައެކަނި އަރަބި ޤައުމަކީ ޓިއުނީޝިއާއެވެ. މިސްރާއި ލީބިޔާއާއި ސީރިއާއާއި އޮމާން އަދި ބަހުރެއިންގައި ފެށި އަރަބި ބަހާރުގެ ހަރަކާތްތައް ވަނީ ނާކާމިޔާބުވެފައެވެ.

Show CommentsClose Comments

Leave a comment