Skip to content Skip to footer

ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަހަކީ މަރުވިޔަނުދީ ދަމަހައްޓާންޖެހޭ ބަހެކެވެ

ތަހުޒީބާއި ތަމައްދުންގެ ރޮނގުގައި ދުނިޔެ ދަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ. ތަފާތު އާ އީޖާދުތައް ތަޢާރަފުކުރެވި، އެ އީޖާދުތަކުގެ އަލީގައި އުފައްދާ އުފެއްދުންތަކުން ދުނިޔެއަށް ވަނީ ސިނާޢީ އިންޤިލާބެއް އައިސްފައެވެ. ކޮންމެ ޤައުމަކުން ވެސް ބަލަމުން ދަނީ މި ތަރައްޤީގެ އޮއިވަރުގައި ފައިހަމަކުރެވި ފަހަތަށް ސޮއްސައިގެން ނުގޮސް ތިބެވޭނެ ގޮތްތަކެއް ހޯދޭތޯއެވެ. މި ގޮތުން މި ދިވެހިރާއްޖެއަކީ ވެސް ބަވަނަވަމުން މިދާ ދުނިޔޭގައި ތަރައްޤީވަމުން އަންނަ އެހެން ޤައުމުތަކެކޭ އެއްގޮތަށް އެޤައުމުތަކާ އެއް ސަފެއްގައި ފައިހަމަކުރެވޭތޯ ބަލަމުން އަންނަ ޤައުމެކެވެ.

ބަވަނަކުރުމަކީ ދޭދޭ މީހުންނާއި، ޖަމާޢަތްތަކާއި، ޤައުމުތަކުން އެއްބަޔަކު އަނެއްބަޔަކަށް ތަޢާރަފުވުމާއި، ގުޅިލާމެހުމުގެ ތެރެއިން ނުހުއްޓި ކުރިއަށްދާ ޕްރޮސެސް އެކެވެ. ބައިނަލް އަޤްވާމީ ވިޔަފާރިއާއި، އިންވެސްޓްމަންޓްތަކާއި، އިންފޮމޭޝަން ޓެކްނޮލޮޖީގެ ތެރެއިންނެވެ. ތިމާވެއްޓާއި، ސަގާފަތާއި، ސިޔާސީ ނިޒާމުތަކާއި، އިޤްތިޞާދީ ތަރައްޤީއާއި، ތިޔާގިކަމާއި، އިންސާނީ ދުޅަހެޔޮކަމާއި މާއްދީ ބޭނުންތަކާ އެކުގައެވެ. މިހެން މިކަން އޮތުމާއެކު ދުނިޔެ ދެކެފައިވާ ޙަޤީޤަތަކީ އެއިރެއްގައި ރަނގަޅު ހެޔޮ ގޮތްކަމަށް އިންސާނާއަށް ޤަބޫލުކުރެވޭ ގޮތަށް ބަދަލުވަމުންދިއުމެވެ. ކުރިއެރުމާއި ތަރައްޤީއާއި ފަސޭހަކަމާއި، އަރާމާއި ނިޢުމަތަށް އިންސާނާ ދަހިވެތި ވުމަކީ އަޖައިބެއް ނޫނެވެ. އެހެން މީހުންގެ މައްޗަށް ބާރުވެރިކަން ހިންގުމަށާއި ނުފޫޒާއި ބާރު ހޯދުމަށް ކުރެވެމުންދާ މަސައްކަތަކީ ހުއްޓޭނެ ކަންތައްތަކެއް ނޫނެވެ. އެކިދުވަހު އެކިގޮތަށެވެ. އެކި ސިފައިގައެވެ. ފެންނަ ދަޅަގަދަ މަންޒަރުތަކަށާއި ފޮނި ވާހަކަތަކަށް ހެއްލުމާއި، އަމިއްލަ އެދުންތަކުގެ ކުރިމަތީގައި ގިނަ އިންސާނުން އިސްދަށަށް ޖަހާނެކަން ދެނެގެން ތިބެއެވެ. ބަވަނަކުރުމުގެ ޚިޔާލަކީ އަލަށް އުފެދުނު ކަމެއް ނޫނެވެ. އެއީ ވަރަށް ޤަދީމީ އަދި ޤަދީމީ ތަރިކައިގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހުރިހާ ޙަޟާރާތެއްގެ ތެރޭގައިވެސް އޮތް ކަމެކެވެ. މިއަދުގެ ތަފާތަކީ އެކަމަށް ޓެކްނޮލޮޖީގެ ތެރެއިން އޮތް ފަސޭހަކަމެވެ.

ބަވަނަވުމަކީ ކޮބާ؟     

ޒަމާންތަކެއް ކުރިން ދުނިޔެއޭ ބުނުމުން ސިފަވެގެންދަނީ ވަރަށް ބޮޑު ތަނެއްގެ ގޮތުގައެވެ. އެއްސަރަހައްދެއްގައި ހިނގާ ކަންތައްތައް އަނެއް ސަރަހައްދެއްގައި އުޅޭ މީހުންނަށް އެނގުމަށް މުއްދަތުތަކެއް ނަގައެވެ. ބައެއް ކަންތައްތައް ހިނގިޔަސް ވެސް އެހެންމީހުންނަށް ރޭކާވެސްނުލާ ފަހަރު އާދެއެވެ. އެކަމަކު މިއަދު ކަންއޮތީ އެހެންތޯއެވެ. ނޫނެކެވެ. އެއްޤައުމެއްގައި ހިނގާ ކަންތައްތައް ދެންހުރި ޤައުމުތަކަށް ބަސްބުނިހިނދުން އެނގިގެންދެއެވެ. ހުރިހާ ކަމެއް ވެސް އޮތީ އަތްފޯރާފަށުގައެވެ. އަޑާއި މަންޒަރު ވެސް ވަގުތުން ބަލަންވީއެވެ. އެއްވެސް ހުރަހެއްނެތިއެވެ. ދުނިޔެ ފެންނަން އޮތީ އެހާވެސް ހާމައަށެވެ. ޤައުމުތަކުގެ މެދުގައި އިންފާރުވަކިކުރަން އޮންނަ ސަރަހައްދީ ބޯޑަރު މިހާރު އެއީ ނަމެއްގައި އޮންނަ އެއްޗަކަށް ވެއްޖެއެވެ. ޤައުމުތަކުގެ ސަޤާފަތާއި އާދަކާދަ މަސްހުނިވެފައިވާ ވަރުން ނިސްބަތްވާ ޤައުމު ބުނަންނޭނގޭހާ ވަރުވެއްޖެއެވެ.

ދޭދޭ ޤައުމުތަކުގެ މީހުން ދަތުރުކުރުމުގައި ހުރި ފަސޭހަތަކުގެ ސަބަބުން އެތަން މިތަނަށް ދަތުރުކޮށް ތަފާތު ޤައުމުތަކުގައި ވަޒަންވެރިވުމުގެ އާދަ އަންނަނީ އަށަގަންނަމުންނެވެ. ނަތީޖާއެއްގެ ގޮތުން ހަމުގެ ކުލައިން ޤައުމު ފާހަގަކުރަން އެނގުނު ޒަމާން ވެސް މިހާރު ފަހަތަށް ގޮސް އޮބައިފިއެވެ. ދުނިޔޭގައި އުފެދުނު މަލްޓިމިލިއަން ކުންފުނިތަކުގެ ސަބަބުން ތަފާތު ޤައުމުތަކުގައި ސިނާޢީ މަސައްކަތްތައް ފެށި އެކަމުގެ ސަބަބުން ވަޒީފާގެ ބާޒާރު ފުޅާވެ ޤައުމުގެ ދޭސީންނަށްވުރެ ބިދޭސީންގެ އާބާދީ ބޮޑު ޤައުމުތައް ވެސް މިއަދުގެ ދުނިޔޭގައި އެބަވެއެވެ. އަންނަމުން މިދާ މިފަދަ ހުރިހައި ބަދަލެއް އެއްލަފުޒަކުން ބަޔާންކުރާނަމަ އެއީ ބަވަނަވުމެވެ. ދުނިޔެ މިދަނީ ބަވަނަވަމުންނެވެ. މިއަދު ދުނިޔެ މިވަނީ “ކުނބުރެއް” ވަރަށް ކުޑަވެފައެވެ. މިކަމުގެ ސަބަބުން ޤައުމިއްޔަތަށް، ޤައުމިއްޔަތުގެ ރުކުންތަކަށް ތަފާތު އަސަރުތައް އަންނަނީ ކުރަމުންނެވެ.

ބަވަނައަކީ ދިވެހިބަހުގައި ދުނިޔެއެވެ. ބަވަނަކުރުމަކީ ދުނިޔޭގައި އެއް ސަޤާފަތެއް ގެންގުޅެން މަސައްކަތްކުރުމެވެ (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ، 2011).  ދިވެހި ބަސްފޮތުގެ ތެރެއަށް ބަވަނަވުން ވަދެގެން އައީ އިނގިރޭސިބަހުގެ “ގްލޯބަލައިޒޭޝަން” އަށް ބޭނުންކުރާ ދިވެހި ބަހެއްގެ ގޮތުގައެވެ. ޢަރަބި ބަހުން އެއީ “އަލްޢައުލަމާ” އެވެ. ބަވަނަވުމަކީ އެއްޗެއް މުޅި ދުނިޔޭގައި ބޭނުންކުރުމެވެ. ނުވަތަ މުޅި ދުނިޔޭގައިވެސް އެއް އުޞޫލަކުން އެކައްޗެއް ބޭނުން ކުރަމުން ގެންދިއުމެވެ.  ޒަމާނީވުމާއި އެއެއްޗެއްގެ މައްޗަށް ބަރޯސާވުމެވެ.

ބަވަނަވުމުގެ ނަތީޖާއަކީ ކޮބާ؟

ބަވަނަވުމުގެ އޮއިވަރުގައި ޖެހި ޤައުމިއްޔަތުގެ ރުކުންތައް އެއީ މާބޮޑު އެއްޗަކަށް ނުވެދާތަން މިއަދު މިވަނީ ފެންނަން ފަށާފައެވެ. މިގޮތުން އެންމެ ފާހަގަކުރެވޭ އެއްކަމަކީ ދިވެހި މާދަރީބަހަށް ކުރަމުން އަންނަ ނުރަނގަޅު އަސަރުތަކެވެ. ނޭދެވޭ އަސަރުތަކެވެ. މި ގޮތަށް މިކަން ދިމާވުމުގައި ބަވަނަވުމުގެ ތެރެއިން ކުރިމަތިލާން ޖެހުނު ތަފާތު އެތައް ކަމެއް ހިމެނެއެވެ. އެގޮތުން އިނގިރޭސި ތަޢުލީމަށް އިސްކަންދެވުމާއި، ބޭރު ބަސްބަހުގެ ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް މަސްހުނިވެގެން ދިއުމާއި، ދިވެހިބަހަށް ދިވެހިން ނުފަރިތަވާން ފެށުމާއި ދިވެހިބަހުން ވާހަކަދެއްކުމަކީ “ކަޓު” ކަމެއްގެ ގޮތުގައި މައިންބަފައިން ވެސް ދެކި ދަރީންނަށް އިނގިރޭސި ބަސް ދަސްކޮށްދިނުމަށް މަސައްކަތްކޮށް، ދިވެހިބަސް ދޫކޮށްލުން ހިމެނެއެވެ. މީގެ އިތުރުން ބިދޭސީ ލޭބަރުންގެ ސަބަބުން ވެސް ބަހަށް އަންނަނީ ތަފާތު ނޭދެވޭ އަސަރުތައް ކުރަމުންނެވެ. އެހެންކަމުން މިއަދު މިވަނީ ދިވެހިންގެ މާދަރީބަސް ކަމަށްވާ ދިވެހިބަހަށް ޚާއްޞަ ސަމާލުކަމެއްދީ އެބަސް އާލާކުރުމަށް މަސައްކަތްކުރަން ޖެހިފައެވެ. އެހެނީ ދިވެހިބަހަކީ ދިވެހިންގެ “އައިޑެންޓިޓީ”އެވެ. އެއީ ދިވެހިންގެ ޤައުމިއްޔަތުގެ އެއްބައެވެ. ޤައުމުގެ ތާރީޚުން މާޒީވި ޞަފުޙާތައް މިއަދުގެ ޖީލާ ހަމައަށް ގެނެސްދިނީ އެ ބަހުގެ ސަބަބުންނެވެ. ދިވެހިން ދިވެހީންނަށް ވީ އެ ބަހުގެ ސަބަބުންނެވެ. އެހެންވީމާ ބަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދަމަހައްޓާންޖެހެއެވެ.

ބަހަށް އިސްކަންދޭން ޖެހެނީ ކީއްވެ؟

ދުނިޔެއަށް އަންނަމުންދާ ބަދަލުތައް ފެނިފައި، ބަވަނަކުރުމުން ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ސުވާލުކުރަން ދުނިޔޭގެ ބައެއް މުޖްތަމަޢުތަކުގައި ތިއްބައި ބަވަނަކުރުން އައިސް މުޅި ދުނިޔެ ވަށައިޖައްސައިފިއެވެ. އެ ބަހުސްގެ ނަތީޖާ ކޮންމެ ގޮތަކަށް އޮތަސް އެކަމާ މިހާރު މިއޮތީ ކުރިމަތިލާން މަޖުބޫރުވެފައެވެ. އެ ބައެއްގެ ދީނާއި އަޤީދާއާއި ސަގާފަތާއި އަދާކާދައާއި މާދަރީ ބަހާމެދު ކަންކުރަންވީ ގޮތެއް ނިންމަންޖެހިފައި އޮތީ އެ ބަޔަކަށެވެ. ބަވަނަކުރުންތަކާއެކު އެބައެއްގެ އާދަކާދައާއި ސަގާފަތް ދޫކޮށްލައި، ދުނިޔޭގައި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތްތަކަށް ތަބާވެ، އެ ގޮތްތަކާ އެއްގޮތަށް ދީލައިލާނީތޯ ނުވަތަ ކުރިމަތީގައި ހުރި ގޮންޖެހުންތައް ދެނެތިބެ، އެބައެއްގެ އާދަކާދައާއި ސަޤާފަތް ހިމާޔަތްކޮށް އެބައެއްގެ ޤައުމިއްޔަތު ދިރުވައި އާލާ ކުރާނީތޯ މިއަދު މިވަނީ ނިންމަންޖެހިފައެވެ.

ބަވަނަވަމުންދާ ދުނިޔެއެއްގައި އޭގެ އަސަރު އެންމެ ބޮޑަށް ކުރަނީ އެޤައުމެއްގެ އާދަކާދައާއި ސަޤާފަތަށާއި އެ ޤައުމެއްގެ މާދަރީބަހަށެވެ. އަންވަރު އިބްރާހީމް (2015) ހާމަކުރައްވާ ގޮތުގައި ބަވަނަވުމުގެ ސަބަބުން ދުނިޔޭގެ އެކި ޤައުމުތަކަށް އެކި ނަސްލުގެ އެކި މާދަރީން ހިޖުރަކުރެއެވެ. އެކަމުގެ ސަބަބުން ޤައުމުތަކުގެ ބަސްތަކަށް ބަދަލުއައުމަށް މަގުފަހިވެއެވެ. ޤައުމުތަކުން ތަރައްޤީގެ އުސްމިންތަކަށް ވާޞިލުވެވެން އޮތްގޮތަކުން ވާޞިލުވެވޭތޯ ބަލަނީއެވެ. މިޒަމާނުގައި އިޤްތިޞާދީ ކުރިއެރުމަށް އިސްކަންދީފައިވާލެއް ބޮޑުކަމުން އެނޫން އެހެން ކަންތައްތަކަށް ދެވެނީ ދެވަނަ ދަރަޖައެވެ. ކޮންމެ ކަމެއް ވެސް ކުރަނީ އެ ކަމަކުން މާލީ ފައިދާތަކެއް ވަންޏާއެވެ. އެ ފައިދާ ހޯދެން އަންނަނީ މުހިންމު އެހެން ކަންތައްތަކެއް ޤުރުބާންކޮށްފައި ކަމުގައި ވާނަމަ އެކަން ވެސް ކުރަނީއެވެ. ތަރައްޤީވެ ކުރިއަރައި ދިޔުމުގައި ގިނަފަހަރަށް ބަހަށް ދެވިފައި އޮންނަނީ “ޤުރުބާނީ ކަންބަޅި” އެއްގެ ދަރަޖައެވެ. މިއަދު ދިވެހިބަހަށް ވެސް ޖެހިފައި މިވަނީ މި ޙާލެވެ. އިޤްތިޞާދީ ކުރިއެރުންތަކުގެ ސަބަބުން ޤައުމުގެ ދޮރާށިން ވަދެގެން އަންނަ ތަރައްޤީގެ އޮއިވަރުގައި ޤައުމަށް އެތެރެވާ އެކައްޗަކީ ބޭރު ބަސްތަކުގެ ލަފުޒުތަކެވެ. މިއޮއިވަރުގައި ޖެހި ބަސް އޮޔާދާން ދޫކޮށްލުމަކީ ޤައުމެއްގެ ނިސްބަތުން ލިބޭނެ އެންމެ ބޮޑު ދެރައާއި ނިކަމެތިކަމެވެ.

ދިވެހިބަސް މަރުވިޔަ ނުދީ ދަމަހައްޓަންޖެހޭ އެއް ސަބަބަކީ ދިވެހި ބަހަކީ ދިވެހިންގެ މާދަރީ ބަހަށް ވުމެވެ. ދުނިޔޭގައި ދިވެހިބަހުން ވާހަކަދައްކާ އެހެން ޤައުމެއް ނެތެވެ. އެހެންނަމަވެސް މަލިކުގައި މަހަލް ބަހުގެ ގޮތުގައި ދިވެހިބަސް އޮތްކަން އަޅުގަނޑު ހަނދާންނެތުނީއެއް ނޫނެވެ. ދިވެހިންގެ “ދިވެހިރައްޔިތެއްކަން އަންގައިދޭ ކާރޑު” އަކީ ދިވެހިބަހެވެ. ދިވެހިންނަށް ދިވެހީން ކިޔަނީ އެ ބަހުން ވާހަކަދައްކާތީއެވެ. ހަމައެއާއެކު ދިވެހިބަހުން ލިޔެއުޅުމަށް ވަކި އަކުރެއް އެބައޮތެވެ. އަޝްރަފް ޢަލީ (2015) ހާމަކުރަށްވާ ގޮތުގައި ބަސްބަހުން އަންގައިދެނީ އެ ބަހެއްގެ އަހުލުވެރީންނެވެ. ބަހެއް ލިބިގެންވުމަކީ ޤައުމެއްގެ ހައިސިއްޔަތު ބޮޑުވުމުގެ އިތުރަށް އެ ޤައުމެއްގެ މުސްތަޤިއްލުކަމާއި އެ ޤައުމުގެ ޤައުމީ އަމިއްލަވަންތަކަން ރަމްޒުކޮށްދޭ މަތިވެރި ޝަރަފެއް އޮތްކަމުގެ ފުރިހަމަ ދަލީލެކެވެ. އެހެންކަމުން އާބާދީގައި ހަތަރުލައްކަ ހަމަނުވާ ޤައުމަކަށް އަމިއްލަ އަކުރެއް ލިބި އަމިއްލަ ބަހެއް އޮތުމަކީ ދުނިޔޭގައި މިލިއަނުން ގުނާލެވޭ ވަރުގެ އާބާދީ އޮތް ޤައުމުތަކަށްވުރެ ވެސް މި ޤައުމު ބަހުގެ ގޮތުން މުއްސަނދިކަން އަންގައިދޭ ކަމެކެވެ. އެހެންކަމުން މިއީ ދިވެހިން ފަޚުރުވެރިވުން ޙައްޤުކަމެކެވެ. މި ސަބަބާހުރެ މި ދިވެހިބަސް ބަވަނަވުމުގެ އޮއިވަރުގައި ޖެހި މަރުވެދާން ދޫކޮށްލައިގެން ނުވާނެއެވެ.

ބަނގުލަދޭޝް ނުވަތަ ދިވެހިން ކިޔާ ބަންގާޅަށް މިނިވަންކަން ލިބިގެންދިޔައީ އެޤައުމުގެ ދަރިވަރުން އެ ޤައުމުގެ ބަހަށްޓަކައި ތެދުވި ތެދުވުމެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. ބަނގުލަދޭޝް ޕާކިސްތާނުގެ ބައެއްގެ ގޮތުގައި އޮތްއިރު ބަނގުލަދޭޝްގައި ލިޔެކިޔަން ބޭނުންކުރަންޖެހޭނެ ރަސްމީ ބަހަކީ އުރުދޫބަސް ކަމުގައި ހަދަން ޕާކިސްތާނުގެ މައިސަރުކާރުން ނިންމުމުން އެކަމާ އެ ޤައުމުގެ ކިޔަވާންކުދިންނުން ފެށިގެން ގޮސް ދުވަސްވީ މީހުންނާ ހަމައަށް ދެކޮޅުހެދިއެވެ. ޕާކިސްތާނުގެ އެ ނިންމުމާ ދެކޮޅަށް ތެދުވެ އިހުތިޖާޖު ކުރިއެވެ. މިކަމުގެ ސަބަބުން އުފެދުނު ހަމަނުޖެހުންތަކުގައި އެ ޤައުމުގެ އެތަށް ބަޔަކު ބަހަށްޓަކައި ބަޔަކު ޝަހީދުވިއެވެ. އެ ޤައުމަށް އާޚިރުގައި މިނިވަންކަން ލިބިގެންދިޔައީ އެމީހުން ބަހަށްޓަކައި ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުންނެވެ. މިއަދު ދުނިޔޭގައި މާދަރީބަހުގެ ގޮތުގައި ފާހަގަކުރެވިގެން މިދަނީ ބަނގުލަދޭޝްއަށް މިނިވަންކަން ލިބުނުދުވަހެވެ. ޤައުމެއްގެ ރައްޔިތުން އެ ޤައުމުގެ މާދަރީބަސް ޙިމާޔަތްކުރުމުގައި މިވަރުގެ ބޮޑު ޤުރުބާނީއެއްވާނީ ހަމަގައިމުވެސް އެކަމުގައި އޮތް ފައިދާ ބޮޑުވީމައެވެ. އެހެންކަމުން އާބާދީގެ ނިސްބަތުން މި ޤައުމު ކިތަންމެ ކުޑަކަމުގައި ވިޔަސް ބަހުގެ ގޮތުން މިއީ މުއްސަނދި ޤައުމެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ އަކުރެއް އޮތީމައެވެ. އެހެންވީމާ ބަވަނަވުމުގެ ސަބަބުން ބަހަށް ކުރަމުން އަންނަ އަސަރުތައް ކުޑަކޮށް އެބަހާއިގެން ޤައުމު ހިންދެމިލެވޭތޯ ޤައުމުގެ ކޮންމެ މީހަކު ވެސް މަސައްކަތްކުރަންޖެހެއެވެ.

ޤައުމެއް ޤައުމެއްގެ ގޮތުގައި ބެލެވިގެން ދަނީ އެ ޤައުމެއްގެ ތާރީޚެއް ވެސް އޮތުމުންނެވެ. އެ ޤައުމެއްގައި އުޅެފައިވަނީ ކޮންބައެއް ކަމާއި އެ ޤައުމެއްގެ ތާރީޚުގައި ހިނގާފައިވާ ކަންކަމަކީ ކޮބައިކަމާއި އެ ޤައުމެއްގެ އަސްލާއި ނަސްލު ފެށިގެން އައިސްފައިވަނީ ކޮން ތަނަކުންކަން އެނގެންޖެހެއެވެ. މި ކަންކަން ލިޔެ ރައްކާކުރެވިގެން އައިސްފައިވާނީ ހަމަޔަޤީނުން ވެސް އެބަހެއްގެ މާދަރީ ބަހުންނެވެ. ޤައުމެއްގެ ތާރީޚާއި އެ ޤައުމެއްގެ ވާހަކަ ޖީލުން ޖީލަށް ނަގުލުކުރަނީ ބަހުގެ ވާސިތާއިންނެވެ. ޤައުމެއްގެ އަހުލުވެރިންނަށް އެބައިމީހުންގެ ޖަޒުބާތުތަކާއި ޝުޢޫރުތައް ބިރެއް ސިހުމެއް ޖެހިލުމެއް ނެތި ފާޅުކޮށް ބަޔާންކުރެވެނީ އެބައިމީހުންގެ ބަހުންނެވެ. އެހެންކަމުން ތާރީޚު ހޯދައި ދިރާސާކޮށް ދެނެގަތުމަށްޓަކައި ވެސް މާދަރީ ބަސް އުވިދިޔަ ނުދީ ދަމަހައްޓަންޖެހެއެވެ. އެބަހުން އައިސްފައިވާ އެކިއެކި ފޯކުލޯރުތަކާއި އިހުގައި މޮށެއުޅުމުގައި ބޭނުންކުރަމުން އައިސްފައިވާ ބަސްމަގާއި ބޭނުންކުރަން ސާމާނު ފެހާމާނަށް ކިޔައި އުޅުނު ނަންތަކަކީ އެ ބައެއްގެ ތާރީޚު ދެނެގަތުމުގައި މުހިންމު ދައުރެއް އަދާކުރާނެ އުންސުރުތަކެވެ. ބަސް އުވިގެން ހިނގައްޖެނަމަ ތާރީޚު ދިރާސާކޮށް ދިވެހިންގެ މާޒީ ދެނެގަތުން ވާނީ ދަތި އުނދަގޫ ކަމަކަށެވެ. އެހެންވީމާ ދިވެހިންގެ ތާރީޚު ދެނެގަތުމުގައި ވެސް ދިވެހިބަހަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗަކަށް ވާތީވެސް މި ބަސް މަރުވިޔަ ނުދީ ދަމަހައްޓަން ޖެހެއެވެ.

ބޭރު ބަސްބަހަށް މޮޅުވުމުގައި މާދަރީ ބަހަކީ މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. މާދަރީ ބަހަށް މޮޅުނަމަ ބޭރު ބަސްބަސް ދަސްކުރަން ފަސޭހަވާނެކަމަށް ކަމުގެ މާހިރުން ބަޔާންކުރައްވައެވެ. ހަމައެހެންމެ މާދަރީ ބަހަކީ ވިސްނުމަށް ވެސް ބޭނުންކުރާ ވަޞީލަތެވެ. މާދަރީ ބަހަށް ކޮށިނަމަ ވިސްނުން ކޮށިވާނެއެވެ. ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު (2011) ހާމަކުރައްވާގޮތުގައި ރަބިންދްރަ ނާތު ޓޭގޯގެ ބުނުމެއްގައިވާ ގޮތުން ތިމާގެ މާދަރީ ބަހަށް ތިމާ ކޮށިވި ވަރަކަށް ތިމާގެ ވިސްނުން ހަނިވާނެއެވެ. (އެހެނީ) ވިސްނަން ބޭނުންކުރާ ޒަރީޢާއަކީ މާދަރީ ބަހެވެ. މާދަރީ ބަހުން ކިޔަވައިދިނުމަށް ޖެހިލުންވާނީ ބޭރު ބަހެއް ދަސްކުރުމާއި ޢިލްމު އުނގެނުމާ ދެމެދު ހުރި ތަފާތު ނުދަންނަ މީހުންނެވެ. އޭޝިޔާއެ އަދީބުންގެ ތެރެއިން އެންމެ ފުރަތަމައަށް ނޯބެލް ޞުލްޙައިގެ އިނާމު ޙާޞިލްކުރެއްވި އަދީބު ކަމުގައިވާ ރަބިންދްރަނާތު ޓޭގޯރގެ ބުނުއްވުންތައް މިފަދައިން ހުރީތީވެ މާދަރީ ބަހަށް އިސްކަން ދިނުމަކީ ކިހާވަރެއްގެ ކަމެއްކަން އެބަ ހާމަވެއެވެ. ޕާކިސްތާނުގެ ޢިލްމުވެރިއެއް ކަމުގައިވާ ޕްރޮފެސަރ މިރްޒާ ސަލީމް ބެއިގްގެ ބުނުމަކާ ޙަވާލާދެއްވައި ޢަބްދުލްޢަޒީޒު ޖަމާލް އަބޫބަކުރު (2011) ހާމަކުރައްވާގޮތުގައި ކޮންމެ މީހަކު ވެސް ވިސްނާނީ އެމީހާގެ މާދަރީ ބަހުންނެވެ. ތަޢުލީމު އޭގެ އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދެވޭނީ މާދަރީ ބަހުންނެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދަރިންގެ ވިސްނުމާއި ސިކުނޑިތަރައްޤީ ކުރުމަށް އެޅިގެންދާނެ ބާރެއްކަމުގައި މާދަރީ ބަސްވެގެން އެބަދެއެވެ. އެހެންވީމާ މި ދެންނެވި ސަބަބުތަކަށްޓަކައި ވެސް ބަވަނަވަމުންދާ ދުނިޔޭގައި އަޅުގަނޑުމެންގެ މާދަރީ ބަސް ކަމުގައިވާ ދިވެހިބަސް މަރުވެގެންދިޔަނުދީ ދަމަހައްޓަން އެބަޖެހެއެވެ.

އިޤްތިޞާދީގޮތުން ކުރިއަރައި ދިއުމަކީ ބޭރަށް ރާއްޖެ ހުޅުވި ބޭރުގެ އެތަށް ކުންފުނިތަކެއް ރާއްޖޭގައި އިންވެސްޓްކުރުމަށް މަގުފަހިވާނޭ ކަމެކެވެ. އެހެންކަމުން އެފަދަ ކުންފުނިތައް އިތުރަށް ރާއްޖެއާމެދު ޝައުޤުވެރިކުރުވުމަށްޓަކައި ދިވެހި މާހައުލަކީ އެފަދަ ކުންފުނިތަކަށް މުޢާމަލާތުކުރުމަށް ފަސޭހަ ތަނަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގައި އިސްކަންދޭން ޖެހޭނީ އިނގިރޭސި ބަހަށްކަމަށް ބުނާމީހުން ވެސް މިތަނުގައި މަދެއްނޫނެވެ. އަދި ތަހުޒީބު ވުމަކީ ބޮޑަށް އިނގިރޭސި ބަހަށް އަހުލުވެރިވުން ކަމުގައި ދެކޭ ބަޔަކު ވެސް އެބަތިއްބެވެ. ނަމަވެސް އަޅުގަނޑުމެން ވިސްނާލަންވީ ކަމަކީ ތަރައްޤީއާއި ތަހުޒީބު ވުމަކީ އެބައެއްގެ ތެރޭގައި ހުރި ރީތި އާދަކާދަތަކާއި ސަގާފަތާއި ބަސް ކޮންމެހެން ޤުރުބާންކުރަންޖެހޭ ކަމެއް ނޫންކަމެވެ.

މިއަދުގެ ދުނިޔޭގައި ކުރިއެރުންތައް ހޯދާފައިވާ ޤައުމުތަކަށް ބަލާއިރު ޖަޕާނާއި ޗައިނާއާއި އިންޑިޔާ ފަދަ ޤައުމުތައް ގުނާލެވޭނީ ކުރީސަފުގައެވެ. އެ ޤައުމުތަކުން އެ ޤައުމުތަކުގެ ބަސް ދުލެއް ނުކޮށްލައެވެ. ޖަޕާނުމީހުން އިސްކަންދެނީ އެމީހުންގެ އާދަކާދައަށެވެ. އެމީހުންގެ ބަހަށެވެ. އެމީހުން ކިތަންމެ ވަރަކަށް ތަހުޒީބު ވިޔަސް އެމީހުންގެ ގޮތްތަކެއް ދުލެއްނުކުރެއެވެ. ސީނުގެ މީހުން އެމީހުން އިޤްތިޞާދީގޮތުން ކިތަންމެ ކުރިއަރައި ދިޔަސް އެމީހުންގެ ބަހެއް އެމީހުން ދުލެއް ނުކުރެއެވެ. އެމީހުން ކާން ބޭނުންކުރާ ދަނޑިކޮޅު ދޫކޮށް ހުޅަނގުގެ އުލާ ސަމުސަލަކު ނުހިފައެވެ. އެހެންކަމުން ދިވެހިން ވެސް ބަވަނަވެފައިވާ މުޖުތަމަޢަކަށް ލޯހުޅުވަމުންދާއިރު އަމިއްލަ ގޮތްތައް ދޫކޮށްލާކަށް ނުޖެހެއެވެ. އަހަރެމެން އަހަރެމެންގެ މާދަރީބަހުން މުޢާމަލާތުކުރިޔަސް އެއީ ތަހުޒީބު ނޫންބަޔެއްގެ ގޮތުގައި ބަލާނެ ޖާގަ ނެތްކަން ޖަޕާނު ފަދަ ޤައުމުތަކުގެ މިސާލަށް ބަލައިލިޔަސް އެނގެއެވެ.  އެހެންވީމާ އިޤްތިޞާދީގޮތުން ކުރިއެރުމަކީ ފަހަރެއްގައި ވެސް އިނގިރޭސި ބަހަށް އިސްކަންދޭން ޖެހޭ ސަބަބެއް ނޫނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮތް ސީނުކަރައިން ހާމަވަމުން އެ ދަނީ މި ދެންނެވި ޙަޤީޤަތެވެ.

ކޮންމެ ބަހެއްގެ ތެރެއަށް ވެސް އެހެން ބަސްބަހުގެ ލަފުޒުތައް ވަންނަމުން ގެތެމުން އަންނާނެއެވެ. އެއީ މިއަދާހަމައަސް ވެސް އެކަން އައިސްފައިވާ ގޮތެވެ. ދިވެހިބަހުގައި ޢަރަބި، އުރުދޫ، ފާރިސީ، ސިންގަޅަ ބަސް ފަދަ ބަސްތަކުގެ އަސަރު ވަރަށް ބޮޑަށް އެކުލެވިގެންވެއެވެ. އެހެންނަމަވެސް އޭގެ މާނައަކީ ދިވެހި ބަސް އުވިގެންދަނީ ކަމަށް ބެލެވޭނެ ޖާގައެއްނެތެވެ. ބޭރު ބަސްބަސް ދިވެހިބަހާއި އެކުވަމުން ދިޔުމަކީ ހިތާމަކުރާންވީ ކަމެއް ނޫނެވެ. އެއީ ހަމަ އެކަނި ދިވެހިބަހަށް ދިމާވެގެން އުޅޭގޮތެއް ވެސް ނޫނެވެ. ކޮންމެ ބަހެއް ވެސް ކުރިއަރައިދާނީ ބޭރު އެހެނިހެން ބަސްތަކުގެ ވެސް އެހީތެރިކަމާއެކުއެވެ. ދުންޔާ މަޢުމޫނު، (2007) ހާމަކުރައްވާފައިވާ ގޮތުގައި ބަހެއް އުވުނުކަމަށް، ނުވަތަ “މަރުވި” ކަމަށް ބެލެވެނީ އެބަހަކުން ވާހަކަދައްކާ އެއްވެސް ބަޔަކު ނެތުމުންނެވެ”. ކަންމިހެންހުރުމާއިއެކު ދިވެހިބަހަށް އަންނަ ބަދަލުތަކަކީ ދިވެހިބަސް މަރުވުންކަމުގައި ދެންނެވުމުގެ ފުރުސަތު ވަރަށްކުޑައެވެ. އެހެންކަމުން ބަވަނަވަމުންދާ ދުނިޔޭގައި ބަހަށް އަންނަމުން މިދާ ބަދަލުތަކަކީ ބަސް އުވިގެން ދިއުންކަމަށް ދެކެވޭ ވާހަކަތަކުގައި ޙަޤީޤަތެއް ނެތެވެ. ބަހުގެ ލަފުޒުތަކުގެ މާނަ އެކި ޒަމާންތަކާ ގުޅިގެން ފުރޮޅިގެން ދިއުމަކީ އެއީ ބަހުގެ ޠަބީޢީކަމެކެވެ. އެހެންކަމުން ބަވަނަވުމުގެ ސަބަބުން ބަސް އުވިގެން ހިނގައިދާނެކަމަށް ނުވަތަ ބަސް މަރުވެދާނެކަމަށް ދެކެވޭ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ކަމަށް ބެލެވޭކަށެއްނެތެވެ.

ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް ދިރުވައި އާލާ ކުރަންޖެހޭ އަނެއް ސަބަބަކީ ބޭރު ބަސްބަހުން ހުންނަ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމުގެ ބޭނުމުގައެވެ. އެހެނީ ބަޔަކަށް އެއްޗެއް އެންމެ ބޮޑަށް ދޭހަވާނީ އެ ބައެއްގެ މާދަރީ ބަހުން ހުރީމައެވެ. ދުނިޔޭގެ އެކި ޙަޟާރަތްތައް ކުރިއަރައި ތަރައްޤީވަމުން ދިޔައިރު އެކި ބަސްބަހުން ހުރި ފޮތްތައް މާދަރީބަހަށް ތަރުޖަމާކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެވުނެވެ. ނަތީޖާއެއްގެ ގޮތުން މާދަރީބަހުގެ އަހުލުވެރީން އެފޮތްތަކުން އުނގެނި ދަސްކޮށް ތަރައްޤީއާއި ތަމަދުންގެ ރޮނގުގައި އެ ޤައުމުތައް ކުރިއަރައިގެންދިޔައީ އަޖާއިބުވާހާ ހަލުއިމިނެއްގައެވެ. ބަވަނަވަމުންދާ ދުނިޔޭގައި ބޭރުގެ އެކިއެކި ހޯދުންތަކާއި އެކިއެކި ދިރާސާތައް މި ދިވެހިބަހަށް ތަރުޖަމާކޮށް އެ ދިރާސާތަކުގެ އަލީގައި ދިވެހިންނަށް ވެސް ކުރިއަރައިދާން އެނގޭނީ ދިވެހިބަސް މަރުވިޔަނުދީ ދަމަހައްޓައިގެންނެވެ.

ނިންމުން

      ބަވަނަވަމުންދާ ދުނިޔޭގައި ބަހަށް ބަދަލުތަކެއް އަންނަމުންދާ ކަމީ ޙަޤީޤަތެކެވެ. އެހެންނަމަވެސް އެއީ ބަސް މަރުވެދާނެ ފަދަ ބަދަލުތަކެއް ކަމަށް ދެންނެވޭކަށް ނެތެވެ. ބަހުގެ ލަފުޒުތަކުގެ މާނަ ފުރޮޅުމާއި ބައެއް ލަފުޒުތައް ދިވެހިބަހުގެ ތެރެއަށް މަސްހުނިވެގެން އައުމަކީ އަދި ބަސް މަރުވަން ދިމާވާ ސަބަބެއް ނޫނެވެ. ތަރައްޤީގެ މަގުގައި ކިތަންމެ ކުރިއަރައި ދިޔަސް އެބައެއްގެ މާދަރީ ބަސް ދޫކޮށްލާކަށް ނުޖެހެއެވެ. ސަބަބަކީ މާދަރީ ބަހަކީ ޤައުމުގެ ތާރީޚު މިއަދާ ހަމައަށް އައުމުގައި އެންމެ މުހިންމު ޙަޤީޤަތްތައް ހާމަވުމަށް މެދުވެރި އެއް ސަބަބެވެ. ޤައުމަކަށް ވަކި މާދަރީ ބަހެއް އޮތުމަކީ އެޤައުމެއްގެ ފަޚުރާއި ޝަރަފު ދުނިޔޭގެ ކުރިމަތީގައި އުފުލިގެންދާ ކަމެކެވެ. އެކަމަށްޓަކައި ޤައުމުތައް ފަޚުރުވެރިވާ ކަމެކެވެ. ހަމަ އެހެންމެ އެ ބަހުގެ ޙައްޤުގައި އެ ބަހުގެ ދިފާޢުގައި ޤައުމުތައް ހަނގުރާމަ ވެސް ކޮށްފައި އެބަހުއްޓެވެ. ހަމައެއާއެކު މާދަރީބަހަކީ އެބަހެއްގެ އަހުލުވެރިން ވިސްނުމަށް ބޭނުންކުރާ ވާސިތާއެވެ. އެންމެ ހިތްފަސޭހަކަމާއެކު މޮށެއުޅެވެނީ އެ ބައެއްގެ މާދަރީ ބަހުންނެވެ. މާދަރީބަހަށް މޮޅުވުމަކީ ވެސް ދެވަނަ ބަހެއް ދަސްކުރުމަށް ފަސޭހަވެގެންދާ ކަމެކެވެ. އެހެންވީމާ މި ސަބަބުތަކަށް ޓަކައި ވެސް ބަވަނަވަމުންދާ ދުނިޔޭގައި ދިވެހިބަސް މަރުވިޔަނުދީ ދަމަހައްޓަން ޖެހެއެވެ.

މަސްދަރު:

އައްޑަނަ، 17، 44-47.

އައްޑަނަ، 17، 44-47.

http://fanvai.info/dhivehi/maadhareebas/2027-q-qq-q

ދިވެހި ބަސްފޮތް.

ފަތްތޫރަ، 337، 18-21

Show CommentsClose Comments

Leave a comment

0.0/5