Skip to content Skip to footer

ވާހަކަދެއްކުންތެރިކަން 5 ވަނަބައި – ވާހަކަދެއްކުމަށް ނަފުސު ތައްޔާރުކުރުން

ތިޔަ ހުރެވުނީ ކުލާސްރޫމެއްގެ ތެރޭގައި ކަމަށް ޚިޔާލަށް ގެންނާށެވެ. އެތަނުން އެންމެ ރަނގަޅަށް ވާހަކަދައްކާނީ ކާކުހެއްޔެވެ؟ ކުލާހުން އެންމެ ރަނގަޅަށް ވާހަކަދައްކާނެކަމަށް ހީވާ މީހުން ފާހަގަކޮށްލާށެވެ. އެމީހުންނަކީ އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮންނަ މީހުން ކަމަށް ހީވެދާނެއެވެ. އަދި ފަހަރުގާ އެމީހުން އެމީހުންގެ ނަފުސާމެދު އޮންނަ ޔަޤީންކަމަށް ވުރެ ތިބާއަށް އެމީހުންގެ ނަފުސަށް މާބޮޑަށް ޔަޤީންކަން އޮތްކަމަށް ހީވެދާނެއެވެ. ނޫނީ އެމީހުންނަކީ އުފެދުމުގައި ވެސް ކުޅަދާނަ ވާހަކަދެއްކުންތެރިންކަމަށް ހީވަނީ ހެއްޔެވެ؟ އަދި ތިބާއަކީ އެފަދަ އުފެދުމުގައި ވާހަކަދެއްކުމުގެ ހުނަރު ހުރި މީހަކަށް ނުވަނީކަމަށް ޤަބޫލުކުރެވޭހެއްޔެވެ؟

މި ވާހަކަ ބުނީމަ ފަހަރެއްގަ ތިބާ ހައިރާންވެދާނެއެވެ. އެމީހުން ވެސް ތިބާއާމެދު ވިސްނަމުން އެދަނީ ހަމަ ދެންމެ ތިބާ އެމީހުންނާ މެދު ވިސްނިފަދައިންނެވެ. އެމީހުން ދެކޭގޮތުގައި ތިޔައީ ހުނަރުހުރި ވާހަކަދެއްކުންތެރިއެކެވެ. އެހެންވެ އެމީހުންނަށް ވުރެ މޮޅަށް ތިބާ ވާހަކަދައްކަފާނެތީ އެމީހުން އެތިބީ ކަންތައްބޮޑުވެފައެވެ. އެ މީހުން އެ ތިބެނީ މީހުންގެ ކުރިމަތީގައި ވާހަކަދައްކަން ޖެހިލުންވެފައެވެ. ބިރުގަނެފައެވެ. ބައެއް މީހުންނަކީ ބައެއްގެ ކުރިމަތީގައި ތަޤުރީރެއް ދޭން ޝައުޤުހުންނަ މީހުން ކަމަށް ވެދާނެއެވެ. ނަމަވެސްް ގިނަ މީހުންނަށް މި ފަންނުގައި އެނގެނީ ވަރަށް މަދު މިންވަރެކެވެ. އެހެންކަމުން ވާހަކަދެއްކުންތެރިއަކަށް ވުމަށް އަބަދުވެސް ފަސްޖެހެއެވެ.

ރަނގަޅަށް ފުންކޮށް ވިސްނާލަބަލާށެވެ. ތިބާއަށް ނޭނގުނެއްކަމަކު ތިޔައީ ފަހަރުގައި ހަމަ ވަރަށް ހުނަރުވެރި ވާހަކަދެއްކުންތެރިއަކަށް ވެސް ވެދާނެއެވެ. އެ ހުނަރު ހުރިކަން ދެނެގަންނާނީ އެހެންވީރު ކިހިނެއް ހެއްޔެވެ؟ ވާހަކަދެއްކުންތެރިކަމާ ކުރިމަތިލާށެވެ. ތިމާއަށް ކުރެވިދާނެކަމެއްތޯ ނުވަތަ ނޫންތޯ އެނގޭނީ އެކަމާ އުޅެލީމަ ނޫންހެއްޔެވެ؟ ވާހަކަދެއްކުމުގެތެރެއަށް ވަދެވޭ ވަރަކުން އެކަމުގައި ތިމާގެ ހުރި ހުނަރު އަމިއްލަ ނަފުސަށް ވެސް ފާހަގަވާން ފަށާނެއެވެ.

ދިގު ސްޕީޗެއް ދޭން ޖެހޭކަން އެނގޭ ހިސާބުން ވަނީ ކިހިނެއްހެއްޔެވެ؟ ދެ ހަފުތާ ކުރިން ދައްކާނެ ވާހަކަ ލިޔެ ސްޕީޗް ތައްޔާރުކުރުމުގެ މަސައްކަތް ފަށައިފިއެވެ. މި ކަމަކާހެދި ރަނގަޅަށް ނިދޭ ވަރެއް ނުވެއެވެ. ހިތްބިރުގަންނާތީއެވެ. ވާހަކަދައްކަން އޮތް ދުވަހުގެ ކުރީރޭ އަމުދުން ނިދޭ ވަރެއް ނުވިއެވެ. އެކަމަކު އެންމެ ފަހުން އެ ދުވަސް އައިސްޖެހި މީހުންގެ ކުރިމަތީގައި ވާހަކަދައްކާ ނިންމާލުމަށް ފަހު ވީޑިއޯ ބަލާލުމުން ފާހަގަވީ ކޮންކަމެއްް ހެއްޔެވެ؟ ފުރަތަމަ ފަހަރާ ބަލާފައި ހީކުރިހާ ގޯހެއް ނޫން ދޯއެވެ. ޢާންމުކޮށް ފުރަތަމަ ފަހަރަށް ވާހަކަދައްކާ މީހުންނަށް ދިމާވާ ކަހަލަ ތުރުތުރުއެޅުމާއި ހުއްޓުންއެރުން ފަދަ ކަންތައްތަކެއް ދިމަލެއް ނުވިއެވެ. ނޫނީ މާ މަޑުން ވާހަކަދެކެވި، އަޑުއަހަން ތިބޭމީހުން ފޫހިވެގެން އަނގަތަޅުވާ ތަނެއް ނުފެނެއެވެ. އެހެންވީމާ އޭގެ މާނައަކީ އަހަރެންގެ ކިބައިގައި ވާހަކަދެއްކުމުގެ ހުނަރު ހުރީތާއެވެ. މިހެން ވިސްނުނު ހެއްޔެވެ؟ ވާހަކަދެއްކުން ވީޑިއޯ ކުރެވިފައި ނުވާނަމަ ނިކަން ލޯގަނޑެއް ކުރިމަތީ ހުރެ ވަރަށް ރަސްމީކޮށް ތަޤުރީރެއް ދޭ ގޮތަށް ވާހަކަދެއްކޭތޯ ބަލާށެވެ. އޭރުން ވެސް ތިމާއަށް ތިމާގެ ހުނަރު ހުރިވަރު އަންދާޒާކޮށްލެވޭނެއެވެ.

ވާހަކަދެއްކުމަށް ނަފުސު ތައްޔާރުކޮށްލަމާ ހިނގާށެވެ.

  • ފުރަތަމަ ކަމަކަށް ތިމާގެ ކިބައިގައި ވާހަކަދެއްކުމުގެ ހުނަރު ހުރީ ކިހާވަރަކަށްތޯ ވަޒަން ކޮށްލާށެވެ! މިކަން ދެނެގަތުމަށްޓަކައި ލޯގަނޑެއްގެ ކުރިމަތީގައި ހުރެގެން ނުވަތަ ދަންނަ ބައެއްގެ ކުރިމަތީގައި ހުރެގެން މިނިޓެއް ހާއިރު ތިމާ ފަރިތަ މައުޟޫއަކަށް ވާހަކަދެއްކޭތޯ ބަލާށެވެ.
  • ވާހަކަދައްކަން ތިޔަ އުޅޭ ތަނުގައި ޙާޟިރުވެ ތިބޭނީ ކޮންކަހަލަ ބައެއްތޯ ދެނެގަންނާށެވެ. އެމީހުން ތިބާގެ ކިބައިން އަޑުއަހަން ބޭނުންވާނީ ކޮންކަހަލަ ވާހަކަތަކެއްތޯ ލަފާކޮށްލާށެވެ. އެމީހުންގެ ޝައުގުވެރިކަން ގުޅިފައިވާނީ ކޮންކަހަލަ ކަންތައްތަކާތޯއާއި އެމީހުންގެ ޝައުޤުވެރިކަން ގެއްލުނަ ނުދީ ކުރިއަށްދާނީ ކިހިނެއްކަން ވިސްނައިލާށެވެ!
  • ދިމާވެފައިވާ ޙާލަތާމެދު ނަޒަރެއް ހިންގައިލާށެވެ!
  • ބެލުންތެރިންގެ ފަރާތުން ލިބޭނެ ތަރުހީބު ލަފާކޮށްލާށެވެ. ތިމާ ބޭނުންވާ ފަދަ ތަރުހީބެއް އޯޑިއެންސުން ލިބޭނެ ފަދަ ގޮތަކަށް ވިސްނުން ބަހައްޓައިގެން ވާހަކަތައް ބައްޓަންކުރުމުގެ މަޤްޞަދެއް ހިތުގައި ގެންގުޅޭށެވެ.
  • މައުޟޫއާ ގުޅޭ މަޢުލޫމާތު ލިބެންހުރި އެހެން ދިމަދިމާ ވެސް ދެނެގަންނާށެވެ. ފަހަރެއްގައި ތިބާއަށް މީގެ ކުރިން އެ މައުޟޫއަކާ ގުޅޭގޮތުން އެނގިފައި ނުވާ މުހިންމު މައުލޫމާތެއް ލިބިދާނެއެވެ.
    ދައްކަން ގަސްތުކުރާ ވާހަކައިގައި އެކަށޭނަ ނުކުތާތަކާއި އެކަންކަމަށް ބާރުދޭނެ ހުއްޖަތްތަކާއި އަދި އިތުބާރުކުރެވޭ މަސްދަރުތަކުން ހޯދާފައިވާ ޑޭޓާ އާއި ތަފާސްހިސާބު ހިމެނުމަށް ސަމާލުކަން ދޭށެވެ.
  • ދައްކަން ގަސްތުކުރާ ވާހަކަތައް ރަނގަޅަށް ތަރުތީބުކޮށްލާށެވެ.
  • ސީދާ އޯޑިއަންސަށް މުޚާޠަބުކޮށް ވާހަކަދައްކަން ވިސްނާށެވެ. ވާހަކައިގެ ތެރެއިން އޯޑިއަންސަށް އަމާޒުކޮށް ކޮށްލާނެ ބައެއް ސުވާލުތައް ހިތުގައި ރާވައިލާށެވެ.
  • ދައްކަން ގަސްދުކުރާ ވާހަކަތައް ވީހާވެސް ބޮޑަކަށް ފަރިތަކުރާށެވެ. ހިތުދަސްކުރަން ނޫޅޭށެވެ.

ކަމެއް ޙާޞިލުވާނީ އެކަމެއްގެ ވިސްނުން އަބަދުވެސް ސިކުނޑީގައި ބާއްވައިގެންނެވެ. ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި ސާފުކޮށް ތިބާގެ ވިސްނުމުގައި ފެންނަން އޮންނަންވާނެއެވެ. އެހެންކަމުން ވާހަކަދެއްކުމަށް ނަފުސު ތައްޔާރުކުރުމުގެ ގޮތުން، އަބަދުވެސް އެ ދައްކަން އޮންނަ ވާހަކައެއް ހިތާހިތުން ދައްކާލަދައްކާލަ ހުންނާށެވެ. ތިމާގެ ސިކުނޑިއަށް އެމަންޒަރު ތަސައްވަރުކުރަމުން ގެންދާށެވެ. އޯޑިއަންސެއް އޮންނާނެކަމާއި ތިމާ ވާހަކަދައްކާއިރު އެމީހުން ކުރާނީ ކީއްކަމާއި އެމީހުން ގަޔާވާނީ ކޮންގޮތަކަށް ދެއްކީމަކަން އަބަދުވެސް ސިކުނޑީގައި އަމިއްލަ ޚިޔާލުގައި ސިފަކުރަމުން ގެންދާށެވެ. އޭރުން އެ ވަގުތު ޖެހެންވާއިރަށް ނަފުސާނީގޮތުން ވެސް ނަފުސު ހުންނާނީ ވަރަށް ބޮޑަށް ވާހަކަދެއްކުމަށް ތައްޔާރުވެފައެވެ.

Show CommentsClose Comments

Leave a comment