614Views 0Comments
ތަޢާރަފް
2000 ގެ އަހަރުތަކަށް އެޅުނުއިރުވެސް “ޑިމޮކްރަސީ” މި ލަފުޒަކީ ދިވެހީންނަށް ވަރަށް ބީރައްޓެހި ލަފުޒެކެވެ. ޑިމޮކްރެޓިކް ސިފަތައް އެކުލެވިގެންވާ ވެރިކަމެއްގައި ހިމެނެނީ ކޮންކަހަލަ ސިފަތަކެއްކަން ދިވެހިންނަކަށް ނޭނގެއެވެ. ނަމަވެސް ދިވެހިން ވެސް އިންތިޚާބުތަކުގައި ވޯޓުލައެވެ. ރައީސްވެސް ހޮވައެވެ. އެކަމަކު 2008 ވަނައަހަރާ ހަމައަށް މިހާރުގެ ޖީލުތަކަށް ފެނުނީ 30 އަހަރުގެ ދިގުމުއްދަތަކަށް ވެރިކަންކުރި ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމެވެ. އެހެންކަމުން 2008 ވަނައަހަރާ ހަމައަށް ވޭތުވެދިޔަ 30 އަހަރުވެސް ދިވެހިން ވޯޓުލާން ހުރީ އެންމެ ކެނޑިޑޭޓެކެވެ. އެހެންކަމުން ދިވެހިރާއްޖޭގައި އުފެދިފައި އޮތް ވެރިކަމުގެ ނިޒާމަކީ ޑިމޮކްރެޓިކް އުސޫލުތަކަށް އެންމެ ރަނގަޅަށް ފެތިފައިވާ ނިޒާމެކޭ ދެންނެވޭކަށް ނެތެވެ.
ވޭތުވެދިޔަ ބައިޤަރުނު ތެރޭގައި ދިވެހިންގެ ވެރިކަމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވެއެވެ. ޒަމާނުއްސުރެ ރާއްޖޭގައި އޮތް ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލުކުރެވުނީ 1953 ގައެވެ. އެއަށް ފަހު ދުވަސްކޮޅެއް ފަހުން އަނެއްކާވެސް ރަސްކަމަކަށް ބަދަލުކުރެވުނެވެ. މިހެން މިކަންވާން ދިމާވީ ޑިމޮކްރަސީ އަކީ ކޮބައިކަން ދިވެހިންނަށް ނޭނގުމުގެ ސަބަބުން، އެއިރެއްގައި ތިއްބެވި ވެރިން ބޭނުންވާ ގޮތަކަށް ކަންކަން ބައްޓަންކުރުމަށްޓަކައި ރައްޔިތުންނަށް ނުފޫޒާއި ބާރު ފޯރުވެވޭތީއެވެ.
ރަސްކަމެއްގައި ދުވަސްކޮޅަކު އޮތުމަށްފަހު އަނެއްކާވެސް ދިވެހިން ޖުމްހޫރިއްޔަތަކަށް ބަދަލުވުމަށްޓަކައި ވޯޓުލިއެވެ. 15 ނޮވެމްބަރ 1967 ގައި ޕާލަމެންޓްގައި ނެގުނު ވޯޓުން 44 މެންބަރުންގެ ތެރެއިން 40 މެންބަރުން ވޯޓު ދިނީ ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރުމަށެވެ. މިގޮތަށް މަޖީލީހުން ފާސްވުމުން 15 މާރޗް 1968 ގައި ރައްޔިތުން މި މައްސަލައިގައި ދެކޭގޮތް ބެލުމަށް ރައްޔިތުންގެ ރެފަރެންޑަމްއެއް ބޭއްވުނެވެ. މި ރިފަރެންޑަމްގައި ބައިވެރިވި މީހުންގެ 93.34 އިންސައްތަ މީހުން ވޯޓު ދިނީ ރާއްޖޭގައި އޮންނަން ފެންނަނީ ޖުމްހޫރީ (ރިޕަބްލިކް ފޯރމް އޮފް ގަވަރމެންޓް) ވެރިކަމެއްކަމުގައެވެ. ނަތީޖާއެއްގެ ގޮތުން 11 ނޮވެމްބަރ 1968 ން ފެށިގެން ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރެވުނެވެ. މިއީ ޑިމޮކްރަސީއަކަށް ބަދަލުވުމަށް އެޅުނު ކުޑަކުޑަ އެހެނަސް މުހިންމު ފިޔަވަޅެކެވެ. މި ކުޑަ ފިޔަވަޅާއެކު ދިވެހިން ޑިމޮކްރެޓިކް ވެރިކަމަކަށް ބަދަލުވުމުގެ އެންމެ މުހިންމު މަރުހަލާ ކަޑައްތުކުރީ 2008 ގައި ގިނަ ޕާޓީތައް އެކުލެވޭ ގޮތަށް ބޭއްވި ރިޔާސީ އިންތިޚާބާ ހަމައިންނެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރުމަށްޓަކައި ކަޑައްތުކުރަން ޖެހުނު މަރުޙަލާތަކަކީ އުނދަގޫ މަރުޙަލާތަކެކެވެ. އެތައް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެހެންކަމުން މި ލިޔުމުގައި ދިރާސީ ނަޒަރަކުން ބަލާލެވިފައިވާނީ ދިވެހިރާއްޖޭގެ ޑިމޮރެޓިކް ވެރިކަމަކަށް ބަދަލުވުމުގައި ދިމާވި ގޮންޖެހުންތަކާއި، ޑިމޮރެޓިކް ވެރިކަމަކަށް ބަދަލުވުމަށްފަހު ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ދިމާވި އަދި މިހާރު ވެސް ދިމާވަމުންދާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަތުމުގެ މައްޗަށެވެ. އަދި ޑިމޮކްރަސީއަކަށް ބަދަލުވުމުގެ މަރުހަލާތަކުގައި އެހެން ޤައުމުތަކުން ތަޙައްމަލުކުރަން ޖެހުނު ކަންތައްތަކަށް ވެސް ބަލާލައި ރާއްޖޭގެ ހާލަތާ ގުޅުވައިގެން މައްސަލަތަކާމެދު ވާހަކަދެކެވިފައިވާނެއެވެ. މި ދިރާސާ ނިންމާލާފައިވާނީ ދިރާސާއިން ފާހަގަވި މުހިންމު ކަންތައްތައް ޚުލާސާކޮށްލައި ނިންމުމެއް ހިމަނައިގެންނެވެ.
ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެހެން ޤައުމުތަކަށް ދިމާވި ގޮންޖެހުންތައް
ޤައުމުތަކުގައި ޑިމޮކްރަސީ ޤާއިމްކުރެވިފައިވަނީ އެތައް ބައެއްގެ ޤުރުބާނީގެ ސަބަބުންނެވެ. މިގޮތުން ބައެއް ޤައުމުތަކުގައި ޑިމޮކްރަސީ ހަރަކާތްތަކުގެ ތެރެއިން އެތައް ބައެއްގެ ފުރާނަ ވެސް ގެއްލިގެން ގޮސްފައިވެއެވެ. ރައްޔިތުންގެ ވޯޓުން ވެރިއަކު ހޮވުމާ ހަމައަށް އައިސްފައިވަނީ އެތައް އަނިޔާއެއްގެ ޝިކާރައަކަށް އެތައް ބަޔަކު ވުމަށްފަހުއެވެ. ބައެއް ޤައުމުތަކުގައި ހަމަނުޖެހުން ބޮޑުވެ ބައެއްފަހަރު ރަނގަޅު ކެނޑިޑޭޓުން އިންތިޚާބަށް ކުރިމަތިލާން ޖެހިލުން ވުމާއި ވޯޓުލާން ދިއުމަށް ހުރަސް އެޅުމުގެ ގޮތުން ވޯޓްލާ ދުވަހު ހަމަނުޖެހުން ހިންގުން ފަދަ ކަންތައްތައް ޑިމޮކްރަސީ ގެނައުމުގެ ކުރީކޮޅު ވަރަށް ގިނައިން ދިމާވެފައި ހުރެއެވެ. ޑިމޮކްރަސީ ގެނައުމުގައި އެ ހަރަކާތުގައި އުޅޭ އެކިފަރާތްތަކަށް ޚުދުމުޚުތާރު ސަރުކާރުތަކުން ހުރަސްއެޅުމަކީ ވެސް ޢާންމުކޮށް ބަދަލުވުމުގެ މަރުހަލާގައި ފެންނަ ކަންތައްތަކެވެ. 2012 ވަނައަހަރު ނެރުނު އިންޓަރނޭޝަނަލް ސެންޓަރ އޮން ނޮންވަޔަލެންޓް ކޮންފްލިކްޓްގެ ރިޕޯރޓްގައި ފާހަގަކޮށްފައިވާ ގޮތުން ރައީސް މައުމޫނުގެ ސަރުކަރުން ވަނީ ޑިމޮކްރަސީއަށް މަސައްކަތްކުރި އެތައް ބަޔަކު ހައްޔަރުކޮށް ބޮޑެތި ހުކުމްތައް އިއްވައި ޖަލަށްލާފައެވެ. އެގޮތުން އެމްޑީޕީ އުފެއްދުމުގައި އިސްކޮށް އުޅުނު އެތައް ބަޔަކު ވަނީ އެކިކަހަލަ ތުހުމަތުތަކުގައި އޭރު ޖަލަށްލާފައެވެ. މިއީ ޑިމޮކްރެސީ ގެނައުމުގައި އެހެން ޤައުމުތަކަށް ވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. އެއީ ޤައުމުތަކުގެ ސަރުކާރުތަކުން ޑިމޮކްރެސީގެނައުމަށް ކަނޑައެޅިގެން ހުރަސްއެޅުމެވެ.
ޑިމޮކްރަސީއާ އެންމެ ބީރައްޓެހި ސަރަހައްދުތަކުގެ ގޮތުގައި ބެލެވިފައިވަނީ އެފްރިކާއާއި މެދުއިރުމަތީގެ ސަރަހައްދުތަކެވެ. ސައުތު އެފްރިކާ ފަދަ ޤައުމުތަކުގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި އެންމެ ބޮޑަށް ހުރަސް އެޅެނީ ވަޒީފާ ނެތް މީހުން ގިނަވުމާއި ފަޤީރު ޙާލަތާއި އެކި ނަސްލުތަކުގެ މީހުންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތަކުގެ ސަބަބުންނެވެ. މިއީ ޑިމޮކްރަސީއާ މުޅިން ބީރައްޓެހި ސިފަތެކެވެ. މިހާލަތަށް ޤައުމުތައް ދިޔައީ އެޤައުމުތަކުގައި އޮތް ކޮރަޕްޓް ވެރިކަންތަކުގެ ސަބަބުންނެވެ. ޑިމޮކްރަސީ ފެއިލް ވުމަށް މެދުވެރިވާ އެންމެ މުހިންމު އެއްސަބަބަކީ އެ ޤައުމު ހިންގުމާ ޙަވާލުވެ ހުންނަ ލީޑަރު ފެއިލްވުމެވެ. ޔުކްރެއިންގެ އޮރެންޖް ރިވޮލިޔުޝަންއާއެކު ގެނައި ޑިމޮކްރަސީ ވެސް ހަރުދަނާ ވުމަށް ހުރަސް އެޅުނީ އެޤައުމާ ހަވާލުވި ލީޑަރޝިޕް އެކަމަށް ނުކުޅެދުމުގެ ސަބަބުންނެވެ. މިއީ ޑިމޮކްރެޓިކް ވެރިކަންތައް ފަށައިގަންނައިރު ވަރަށް ގިނަ ޤައުމުތަކުން ވެސް ފެންނަމުންދާ ކަންކަމެވެ. ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތަކުގެ މަތިން 2008 ގައި އިންތިޚާބު ކުރި ސަރުކާރު ވެސް ޑިމޮރްސީއާ ބީރައްޓެހި އެތައް ކަންތައްތަކެއްގެ ތެރެއިން އުފެދުނު ހަމަނުޖެހުންތަކާއެކު 7 ފެބުރުއަރީ 2012 ގައި ވަނީ ފުރަތަމަ ޑިމޮކްރެޓިކް ސަރުކާރު އިސްތިއުފާދީފައެވެ. ޑިމޮކްރެސީއަށް ކުރާ ދަތުރުގެ ކުރީކޮޅު މިފަދަ މަންޒަރުތައް އެހެން ޤައުމުތަކުން ވެސް ފެނުމަކީ ވަރަށް ޢާންމުކަމެކެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ވެސް ޤައުމުގައި އެއިރެއްގައި ހަވާލުވާ ސަރުކާރަކުން ކަންތައް ކުރާގޮތެއްގެ ސަބަބުން ރައްޔިތުންގެ އިތުބާރު ގެއްލޭގޮތް ދިމާވެފައިވެއެވެ. ދިވެހިރާއްޖޭގައި ޑޮމޮކްރެޓިކް ވެރިކަމެއް ގެނެވުނު ނަމަވެސް 2012 ވަނައަހަރުން ފެށިގެން ޑިމޮކްރެޓިކް ނިޒާމް ބަލިކަށިވެގެންދާކަމަށް ބެލެވޭ މަންޒަރުތަކެއް ފެނުނެވެ. އެގޮތުން ރައީސް ޔާމީންގެ ވެރިކަމުގައި ޝަރުޢީދާއިރާއަށް ސަރުކާރުގެ ނުފޫޒު ފޯރުވައިގެން ސިޔާސީ އެތައް އިސްލީޑަރުންނެއް ހައްޔަރުކުރުމާއި އަވަސްއަރުވާލައިގެން ހިންގި ޝަރީޢަތްތަކުގައި އިއްވި ބޮޑެތި ހުމުކްތައް އެއީ ޑިމޮކްރަސީ ބަލިކަށިވަމުންދާ ކަމުގެ ހެއްކެއްގެ ގޮތުގައި ފާހަގަކުރެވިފައިވެއެވެ.
ޑިމޮކްރަސީގެ ފޮނިމީރުކަން ރައްޔިތުންނަށް ލިބޭނީ ޑިމޮކްރަސީގެ އުސޫލުތަކަށް ރައްޔިތުންގެ އިތުބާރު ލިބިގެންނެވެ. އެ އިތުބާރު ޤާއިމްކުރެވޭނީ ޤައުމު ފުދުންތެރިވުމާއެކު ރައްޔިތުން ފަރުދީ ގޮތުން ވެސް ފުދުންތެރި ވެގެންނެވެ. އެހެންކަމުން ޤައުމުގައި ހަރުދަނާ އިޤްތިޞާދީ ސިޔާސަތެއް އޮތުމަކީ ޑިމޮކްރަސީ ހަރުދަނާ ވުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ކަމެކެވެ. ޑިމޮކްރަސީ ހަރުދަނާކުރުމުގައި ފުރަތަމަ މަރުހަލާގައި އެންމެ މުހިންމު އެއްކަމަކީ ކެތްތެރިކަން އިސްކުރުމެވެ. ޚާއްޞަކޮށް ފުރަތަމަކޮޅު އަންނަ ސަރުކާރުތަކުގެ ކިބައިން މިކަން ފެނުން ވަރަށް މުހިންމެވެ.
ދިވެހިރާއްޖޭގައި ޑިމޮކްރެސީގެ ހަރަކާތްތައް ފެށިގެން އައިގޮތް.
ދިވެހިރާއްޖޭގައި ވެސް ޑިމޮކްރަސީގެ ހަރަކާތްތައް ސަރުކާރުގެ ހުރަސްތަކުގެ ސަބަބުން މަޑުޖެހިފައި އޮވެފައި އިތުރުވާން ދިމާވީ 2003 ވަނައަހަރު ސެޕްޓެމްބަރުމަހުގައި ހިނގި ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލި ހާދިސާއާ ގުޅިގެންނެވެ. މިކަމުގެ ސަބަބުން ގިނައަދަދެއްގެ ރައްޔިތުން މަގުމައްޗަށް ނުކުމެ ރައީސްމައުމޫންގެ ވެރިކަމާ ދެކޮޅަށް އަޑުއުފުލަންފެށިއެވެ. މި ސަބަބުތަކާ ހުރެ ރައީސްމައުމޫން ކުރިމަތިލައްވަން ޖެހިވަޑައިގެންނެވި އެކިއެކި ފިއްތުންތަކުގެ ސަބަބުން އެންމެ ފަހުން 2004 ވަނައަހަރު އިސްލާހީ އެޖެންޑާއެއް ކަނޑައަޅައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ކޮންމެވެސް ވަރެއްގެ ދޫތަކެއް ދެއްވަން ފެއްޓެވިއެވެ. އަދި އިސްލަހީ އެޖެންޑާއެއް އެކަށައަޅައި ރޯޑްމެޕެއް އެކުލަވާލައި ސިޔާސީ ބަދަލުތައް ގެންނަވަންފެއްޓެވިއެވެ.
ދުނިޔޭގެ އެހެން ޤައުމުތަކުގައި ވެސް ޑިމޮކްރެޓިކް ހަރަކާތްތައް ފެށުމުގައި ދަތިތައް ކުރިމަތިވެފައިވެއެވެ. ހަމައެހެންމެ އެދަތިތައް ހުރަސްކޮށް، ރައްޔިތުން ބިރުފަހަނައަޅައި ނުކުންނަނީ ސަރުކާރުތަކުން ހަދާ ބޮޑެތި ގޯސްތައް ހައްދުން ނެއްޓީމައެވެ. އެގޮތުން ދުނިޔެއަށް ބަލާއިރު އަރަބި ބަހާރު (އަރަބް ސްޕްރިންގ) ވެސް ފެށުނީ ހަމަ މިފަދަ ގޮތަކަށެވެ. ޢަރަބް ސްޕްރިންގ ޓިއުނީޝިއާއިން ފެށިގެން އައީވެސް ރާއްޖެއާ ދާދި އެއްކަހަލަ ގޮތަކަށެވެ. ޓިއުނީޝިއާގެ މަގުމަތީގައި އެއްޗެހި ވިއްކަން އުޅުނު މުޙައްމަދު ބޫޢަޒީޒީގެ އަތުގައި އެއްޗެހި ވިއްކުމުގެ ލައިސަންސް ނެތްކަމަށް ބުނެ އޭނާގެ މޫނުމަތީގައި ޖެހުމަށްފަހު ފުލުހަކު އޭނާގެ މަސައްކަތައް ހުރަސްއަޅައި، އެ ސަރަހައްދުން ދިއުމަށް 2010 ވަނައަހަރުގެ ޑިސެމްބަރ 17 ވަނަދުވަހު މަޖުބޫރުކުރުވައެވެ. އޭނާ އެތައް އާދޭހެއް ކުރުމުން ވެސް ހުއްދަ ލިބޭގޮތެއް ނުވިއެވެ. އާޚިރު ނަތީޖާއަކަށްވީ ޓިއުނީޝިއާގެ ސިޓީ ހޯލުގައި އެންމެންގެ ކުރިމަތީގައި، ގަޔަށް ޕެޓްރޯލްއެޅުމަށް ފަހު އަމިއްލައަށް ގައިގަ ރޯކޮށްލައިގެން މަރުވުމެވެ. މި ދެ ހާދިސާއިން ވެސް ފާހަގަކުރެވެނީ ޑިމޮކްރަސީގެނައުމުގައި ރައްޔިތުން ވެފައިވާ ޤުރުބާނީއާއި ތަޙައްމަލްކުރަން ޖެހުނު އަނިޔާވެރިކަމެވެ. އެހެންކަމުން މިއިން ވެސް އެނގެނީ ޑިމޮކްރަސީއަށް ކުރި ދަތުރުގައި އެހެންޤައުމުތަކުން ކުރި ތަޖްރިބާ ދިވެހިން ވެސް ކުރަންޖެހުނުކަމެވެ.
ވެރިކަމުގައި ހުންނަ ފަރާތަކަށް ބޮޑެތި ބާރުތަކެއް ލިބޭގޮތަށް ޤާނޫނު އެކުލަވާލައިފައި އޮތުން
ޑިމޮކްރަސީއަށް ކުރަން ޖެހުނު ދަތުރުގައި ދިމާވިކަމަށް ބެލެވޭ އަނެއް ހުރަހަކީ ރާއްޖޭގައި ކުރިން އޮތް ޤާނޫނުއަސާސީން ރައީސުލް ޖުމްހޫރިއްޔާއަކަށް ހުންނަ ފަރާތަކަށް ބޮޑެތި ބާރުތަކެއް ދީފައި އޮތުމުންނެވެ. 2007 ގެ ކުރިން އެކުލަވައިލެވުނު ހުރިހާ ޤާނޫނު އަސާސީއެއްގައި ވެސް ވެރިކަމުގަ ހުންނަ މީހަކަށް ބޮޑެތި ބާރުތަކެއް ދީފައިވެއެވެ. އެގޮތުން ރައީސް އިބްރާހީމް ނާޞިރު އަދި ރައީސް މައުމޫނުގެ ދައުރުގައި ވެސް ޖުމްހޫރީ ވެރިކަމެއް ޤާއިމްކުރެވިފައި އޮތަސް ވެރިކަމުގެ ހުރިހާ ބާރެއް ލިބިފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ރައީސް މައުމޫނުގެ ދުވަސްވަރު މޯލްޑިވްސް މަނިޓަރީ އަތޯރިޓީގެ ގަވަރުނަރުކަން ވެސް އަދި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވަނީ ރައީސް މައުމޫންއެވެ. އެހެންކަމުން ސަރުކާރެއް ހިންގުމުގެ މައިގަނޑު ދެ ދާއިރާކަމަށް ވާ އަސްކަރިއްޔާއާއި މާލީ ދާއިރާ އޮތީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުގައެވެ. ހަމައެހެންމެ އޭރު ރާއްޖޭގެ އެންމެ މަތީ ކޯޓަކީ ހައިކޯޓެވެ. ހައިކޯޓްގެ ހުކުމް އިސްތިއުނާފުކުރަންޏާ ޖެހޭނީ ސީދާ ރައީސްއަށް ހުށަހަޅާށެވެ. އެހެންކަމުން ޝަރުޢީދާއިރާގެ ފުރިހަމަ ކޮންޓްރޯލް ވެސް އޮތީ ރައީސްގެ އަތްޕުޅުގައެވެ. ރައްޔިތުންގެ މަޖިލީހުގައި ވެސް އޭރު 50 މެންބަރުން ތިބޭއިރު އޭގެތެރެއިން 8 މެންބަރުންނަކީ ސީދާ ރައީސް އައްޔަންކުރާ މެމްބަރުންނެވެ. އެހެންކަމުން ކޮންސްޓިޓިއުޝަނަލް ޕަވަރ ވެސް އޮތީ ރައީސްގެ ނުފޫޒު ފޯރުވޭގޮތަށް ބައްޓަން ކުރެވިފައެވެ.
ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާނެ އެއް ބަޔަކީ ސިޔާސީ ޕާޓީތަކަށް ވީހިނދު އެތައް ބަޔަކު އެކަމަށް އެދެމުން ދިޔައިރު ވެސް ތިން ދަހަ ހަމަވަންދެން ވެސް ސަރުކާރުން ދިޔައީ ސިޔާސީ ޕާޓީތައް އުފެއްދުމަށް ހުއްދަ ނުދީ ހިފަހައްޓަމުންނެވެ. އެކަމަކު ފަހުން އެތެރެއިންނާއި ބޭރުން ފިއްތުންތައް ބޮޑުވުމުން ސިޔާސީ ޕާޓީތައް އުފައްދަން ހުއްދަ ދިނީ ވެސް ޤާނޫނު އަސާސީ ބަދަލުނުކޮށް ހަމަ އޭރު އޮތް ޤާނޫނު އަސާސީގެ ދަށުންނެވެ. އެހެންކަމުން މިހާ ބޮޑު ބާރެއް ރައީސުލް ޖުމްހޫރިއްޔާއަށް އޮތުމުން ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް އެއްޗެކޭ ބުނެވޭނެ ފުރުޞަތެއް ރައްޔިތުންނަކަށް ލިބިފައެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރުމަށް ވަރަށްބޮޑު ދަތިތަކެއް ސަރުކާރުގެ ފަރާތުން ވަނީ ކުރިމަތިކުރުވާފައެވެ. އެހެންކަމުން މިއީ ވެސް ޑިމޮކްރަސީއަށް ކުރި ދަތުރުގައި ދިމާވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ޑިމޮކްރަސީއަކީ އިސްލާމްދީނާ ދެކޮޅު ހަރަކާތެއްގެ ގޮތުގައި ސަރުކާރުން ރައްޔިތުންނަށް ވިސްނައިދިނުން
ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަރަކާތްތައް ފެށުމާއެކު ސަރުކާރުން އެފަރާތްތައް ލޭބަލްކުރީ އެއީ އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހިންގައި، ރާއްޖޭގައި ދީނާ ސިޔާސަތު ވަކިވެފައިވާ (ސެކިއުލަރިޒަމް) ސަރުކާރެއް ޤާއިމްކުރަން އުޅޭ ބައެއްގެ ގޮތުގައެވެ. ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްވީމަ ހުޅަނގުގެ ޤައުމުތަކުގެ ނުފޫޒުން ރާއްޖެއިން އިސްލާމްދީން ފޮހެލުމަށް މަސައްކަތްކުރާ ބަޔަކަށް އެމީހުން ހެދިއެވެ. އޭރު ސިވިކް އެޑިއުކޭޝަންއަކީ ދިވެހިން ދަންނަ އެއްޗެއް ނޫނެވެ. ނަތީޖާއަކީ އޭރު ރައްޔިތުންގެ ހޭލުންތެރިކަން ހުރިގޮތުން ސަރުކާރުގެ ވާހަކަތައް ރައްޔިތުންނަށް ޤަބޫލުކުރެވޭ ގޮތްވުމެވެ. އެހެންކަމުން ދީނީ ކާޑުގެ ނިވަލުގައި އޮވެ ސަރުކާރުން ދިޔައީ ޑިމޮކްރެޓިކް ފިކުރުގެ މީހުންނަށް ހުރަސް އަޅަމުންނެވެ. އަދި ޑިމޮކްރެސީގެ ރޫހާއެއްގޮތަށް އިންސްޓިޓިއުޝަންތައް އުފެއްދުމަށް ވެސް ދިޔައީ ހުރަސްއަޅަމުންނެވެ.
ޑިމޮކްރަޓިކް ފުރަތަމަ ވެރިކަން ޤާއިމްވެގެން ދިޔަފަހުން ވެސް ފުރަތަމަކޮޅު ކަންތައް ދިޔައީ މިދެންނެވި އުސޫލުންނެވެ. ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތަކާއި އެކަމާ ގުޅޭގޮތުން އުފައްދަން ޖެހޭ އެކިއެކި އިންޓިޓިއުޝަންތައް ފަހުން އައި ސަރުކާރުން ވެސް އެންމެ ފުރިހަމައަށް އުފައްދާފައެއް ނުވެއެވެ. މި ކަންކަމަކީ އޮމާންކަމާއެކު ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ކޮންމެހެން ވެސް މުހިންމު ކަންތައްތަކެވެ. ނަމަވެސް އެކަން އެގޮތަށް ނުކުރުމުގެ މައިގަނޑު ބޭނުމަކީ ވެރިކަމުގެ ބާރުތައް ރައީސްގެ މުށުތެރޭގައި ނުވަތަ ވެރިކަން ހިންގާ ޕާޓީގެ މުށުތެރޭގައި ބޭއްވުމެވެ.
ޑިމޮކްރެޓިކް ވެރިކަމުގެ ފުރަތަމަ ސަރުކާރުން ވެސް ޑިމޮކްރަސީގެ ބަދަލުތައް ގެނައުމުގައި އިޚްލާސްތެރި ނުވުން
2008 ވަނައަހަރު ޤާއިމްކުރެވުނު އެމްޑީޕީ ސަރުކާރުން ވެސް ބޮޑަށް މަސައްކަތްކޮށްފައިވަނީ ޑިމޮކްރަސީގެ ނިވަލުގައި ތިބެ ވެރިކަމުގެ ނުފޫޒު މުއައްސަސާތަކުގެ މައްޗަށް ހިންގައިގެން ޑިމޮކްރެޓިކް ނޫން ވެރިކަމެއް ކުރުމަށެވެ. މިއީ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް އެޅިގެންދިޔަ ހުރަހެކެވެ. 2008 ގައި ޤާއިމްކުރެވުނު ޑިމޮކްރެޓިކް ފުރަތަމަ ސަރުކާރު ވެއްޓުނީ ސިފައިން ބޭނުންކޮށްގެން ޝަރުޢި ދާއިރާއަށް ބިރުދައްކައި ފަނޑިޔާރަކު ރަހީނުކުރުމުގެ ސަބަބުން އުފެދުނު މައްސަލަތަކުގެ ސަބަބުންނެވެ. މިހެން މިކަން ވަނީ ބާރުތައް ދޫކޮށްލުމާއި ބާރުތައް ހިފަހައްޓަންވީ މިންވަރަކާމެދު ސަރުކާރުތަކުން ޖެހިލުންވުމުގެ ސަބަބުންނެވެ. ނަތީޖާއަކީ އެއްގޮތަކުން ނޫނިއްޔާ އަނެއްގޮތަކުން ވެސް މުއައްސަސާތައް ސަރުކާރުގެ މުށުތެރެއަށް ލާފައި ބޭއްވުމެވެ. އެހެންކަމުން ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ދިމާވި އަނެއް ހުރަހަކީ ސަރުކާރުގެ އިޚްލާސްތެރިކަން އެކަމުގައި ނެތުމުގެ ސަބަބުން ޑިމޮކްރަސީއަށް ރައްޔިތުން ކުރަމުން އައި އިތުބާރު ގެއްލޭގޮތްވުމެވެ.
ޑިމޮކްރަސީގެ ސަބަބުން ލިބުނު ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހައްދުން ނެއްޓުމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތައް
ރާއްޖޭގައި ޑިމޮކްރެޓިކް ހަރަކާތްތައް ފެށުމާއެކު ގިނަބަޔަކަށް އެކަން ބަލައިގަނެވުނީ ބޮޑު ފިތުނައެއްގެ ގޮތުގައެވެ. މިހެން މިކަން ވާން ދިމާވި ސަބަބަކީ ކުއްލިއަކަށް ލިބުނު ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ސަބަބުން އެއްބަޔަކު އަނެއްބަޔަކަށް ވަރަށް ބޮޑަށް ޒާތީގޮތުން ޖެހި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަގޮތުގައި ބޭނުންކުރަން ފެށުމުންނެވެ. މީހުންގެ އަބުރުކަތިލުމާއި މުއައްސަސާތަކުގެ އަގުވައްޓައިލުމުގެ ސަބަބުން މުޖްތަމަޢުގެ އިޖްތިމާޢީ ފޭރާން މުޅިން ވީދި ހަލާކުވިއެވެ. މުޖްތަމަޢުގެ ބަދަހިކަން ނެތިގެން ދިޔައެވެ. އެންމެން ސިޔާސީވެ ކޮންމެ ކަމެއް ވެސް ވިސްނަންފެށީ ސިޔާސީ މިންގަނޑުންނެވެ. ނަތީޖާއަކަށްވީ ސިޔާސީ ވާދަވެރިކަން ރަނގަޅު ގޮތުގައި އަށަގަތުމުގެ ބަދަލުގައި ދެކޮޅުވެރިކަމާއި ފިތުނަ ފަސާދައަށް މަގުފަހިވެގެންދިއުމެވެ.
ޑިމޮކްރަސީގެ ފުރަތަމަ މަރުހަލާގައި ތަޖްރިބާކުރަން ޖެހުނު ކަންތައްތަކުން ރައްޔިތުންނަށް ވިސްނޭގޮތްވީ ޑިމޮކްރަސީއަކީ އަބުރުކަތިލުމާއި ޒާތީގޮތުން ޖައްސާލުމައި ބައިބައިވުން އުފައްދާ އިތުބާރެއް ނެތް އެއްޗެއްގެ ގޮތުގައެވެ. އެގޮތުން 2013 ވަނައަހަރު ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ކުރި ސާވޭގައި ބައިވެރިވި މީހުންގެ 78 އިންސައްތަ މީހުން ބުނެފައިވަނީ ރާއްޖޭގައި ޑިމްރަސީ “އަންސްޓޭބަލް” ކަމަށެވެ. ނަމަވެސް 2015 ގައި މި އަދަދު އުޅެނީ 49 އިންސައްތައިގައެވެ. ޑިމޮކްރަސީގައި ލޯ އެންޑް އޯރޑަރ ޤާއިމް ނުކުރެވޭކަމަށް 2013 ގައި %61 މީހުން ބުނެފައިވާއިރު 2015 ގައި މިގޮތަށް ބުނެފައިވަނީ %34 މީހުންނެވެ. ޑިމޮކްރަސީގައި އިޤްތިޞާދީ ނިޒާމް ރަނގަޅަށް މަސައްކަތް ނުކުރާކަމަށް 2013 ގައި %66 މީހުން ބުނެފައިވާއިރު 2015 ގައި މިއަދަދުތައް ހުރީ %38 ގައެވެ. އެހެންކަމުން މި ސާރވޭއިން ވެސް ފާހަގަވާގޮތުގައި ޑިމޮކްރަސީގެނައުމުގައި އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ފުރަތަމަކޮޅު ރައްޔިތުންގެ އިތުބާރު ގެއްލޭގޮތްވެފައިވެއެވެ. ނަމަވެސް ފަހުން މިކަން މަޑުމަޑުން ރަނގަޅުވަމުން އައިސްފައިވާކަން ފާހަގަކުރެވެއެވެ.
މުއްސަނދިންނާއި ފަޤީރުންގެ ތަފާތު ބޮޑުވެ ވޯޓަކީ ގަނެވިއްކޭ އެއްޗަކަށް ވުން
ޑިމޮކްރަސީއެއްގައި ރައްޔިތުންނަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާރަކީ ވޯޓުލުމުގެ ޙައްޤެވެ. މި ޙައްޤު ނުފޫޒުން އެއްކިބާވެ ކަށަވަރުވެފައި އޮތުމަކީ ހަރުދަނާ ޑިމޮކްރަސީއަކުން ފެންނާނެ އެންމެ މުހިންމު އެއްސިފައެވެ. ނަމަވެސް ރައްޔިތުންނަކީ އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ނެތް ބައެއް ކަމުގައި ވަނީނަމަ މުއްސަނދިން އެމީހުންގެ މުއްސަނދިކަމުގެ ބޭނުންކޮށްގެން ރައްޔިތުން އަތުން މިނިވަންކަމާއެކު ވޯޓުލުމުގެ ޙައްޤު ނިގުޅައިގަނެއެވެ. ދިވެހިރާއްޖެއިން ވެސް މިކަން ވަނީ ފެނިގެންގޮސްފައެވެ.
އިޤްތިޞާދީ ކަންތައްތައް ބައްޓަންވެފައިވާ ގޮތުން، ރާއްޖޭގައި މުއްސަނދިން އިތުރަށް މުއްސަނދިވެ ފަޤީރުން ދަނީ އިތުރަށް ފަޤީރުވަމުންނެވެ. ރަށްފުށާއި މާލޭގެ ދިރިއުޅުމުގެ ފެންވަރު އެހާތަފާތެވެ. ހުރިހާ މަސައްކަތްތަކެއް އޮންނަނީ މާލޭ ސަރަހައްދުގައެވެ. އެހެންކަމުން ޤައުމުގެ ކަންކަން އަދިވެސް ބައްޓަންވެފައި އޮތީ ހުރިހާކަމެއްގައި ރައްޔިތުން މާލެއަށް ޖަމާވާންޖެހޭ ބޯދާ ގޮތަށެވެ. އިންތިޚާބެއްގައި ވާދަކުރިޔަސް ކޮންމެވެސް ފައިސާވެރިއެއްގެ އެހީގައި ނޫނީ އިންތިޚާބު ކާމިޔާބެއްނުވެއެވެ. ރައްޔިތުންގެ ފުދުންތެރިކަން ހުރިގޮތުން ވޯޓުގަތުމަކީ މުއްސަނދި މީހަކަށް ނުހަނު ފަސޭހަކަމެކެވެ. 2013 ގައި ކުރި ސާރވޭއިން ދައްކާގޮތުން ސާރވޭގައި ބައިވެރިވި 15 އިންސައްތަ މީހުންނަށް ވޯޓު ގަތުމަށްޓަކައި އެކިކަހަލަ ހުށަހެޅުންތައް އައިސްފައިވާކަމަށް ބުނެފައިވެއެވެ. އެހެންކަމުން ޑިމޮކްރަސީގެ އުސޫލުތައް ޤާނޫނުގައި ކިތަންމެ ރީއްޗަށް ލިޔެފައި އޮތަސް، މިއަދުވެސް ޙަޤީޤަތުގައި އެ ޕްރެކްޓިސްއެއް ނުކުރެވެއެވެ. އަދި ވެސް އެންމެ ބާރުގަދައީ އެންމެ މުއްސަނދި މީހާއެވެ. މީޑިއާތައް ވެސް އޮންނަނީ މުއްސަނދިންގެ ބާރުގެ ދަށުގައެވެ. މިއީ ޑިމޮކްރަސީ ފައްކާކުރުމުގައި އަދިވެސް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ޝަރުޢީދާއިރާއަށް އޮތް އިތުބާރު ގެއްލުން
ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް އަސާސަކީ ހަރުދަނާ ޝަރުޢީ ނިޒާމެއް ގާއިމްވެފައި އޮތުމެވެ. ޝަރުޢީ ނިޒާމް ވާންޖެހޭނީ ހުރިހާ ނުފޫޒަކުން އެއްކިބާވެފައިވާ ނިޒާމަކަށެވެ. ނަމަވެސް ރާއްޖޭގެ ޝަރުޢީ ނިޒާމް ބައްޓަންވެފައި އޮތްގޮތުން ރައްޔިތުން އެ ނިޒާމާމެދު ދެކޭގޮތް ބަދަލެއް ނުވެއެވެ. އަދިވެސް ދެކެނީ އެއީ ސަރުކާރުގެ ނުފޫޒުގެ ދަށުގައިވާ ނުވަތަ ކޮންމެވެސް ވިޔަފާރިވެރިއެއް ނުފޫޒުގެ ދަށުގައިވާ ތަންތަންކަމުގައެވެ. ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާވެފައިވާ މިންވަރު ބެލުމަށްފަހު ޔޫރަޕިއަން ފައުންޑޭޝަން ފޮރ ސައުތު އޭޝިއަން ސްޓަޑީސްއިން 2019 ގައި ހާމަކޮށްފައިވަނީ މިނިވަން މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައިވުމުގެ ސަބަބުން ޑިމޮކްރަސީ ހަރުދަނާކުރުމަށް ހުރަސްއެޅިފައިވާ ކަމަށެވެ. ހަމަ އެއާއެކު ޝަރުޢީ ނިޒާމާމެދު ވެސް ރައްޔިތުންގެ އިތުބާރެއް ނެތް ކަމަށެވެ. މިހެން މިކަންވަނީ ޑިމޮކްރެޓިކް ހަމަތަކަށް ރިއާޔަތް ނުކޮށް ސަރުކާރު ދެމެހެއްޓުމުގެ ބޭނުމުގައި ނުފޫޒު ފޯރުވުމުގެ ކަންތައްތައް ސަރުކާރުތަކުން ވެސް ކުރަމުން އަންނާތީއެވެ. ކޯޓުތަކުގެ ފަނޑިޔާރުން ވެސް ކޮރަޕްޓްވުމުގައި ޢާންމު ފަރުދުންނެކޭ ތަފާތެއް ނެތެވެ. ކޯޓުތަކުގެ ފަނޑިޔާރުންނަށް އައިސްފައިވަނީ އެކިއެކި ނުފޫޒުގެ ބޭނުންކޮށްގެން އެކަމަށް ކޮލިފައިޑް ނޫން މީހުންނެވެ. ޝަރުޢީ ނިޒާމަށް ސިޔާސީ ނުފޯޒު ފޯރަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ކޮމްޕޮޒިޝަން އެކުލެވިފައިވާ ގޮތުންނެވެ. އެގޮތުން ޖޭއެސްސީގައި ތިއްބަވާ މެންބަރުގެ ތެރެއިން ސިވިލް ސަރވިސް ކަމިޝަންގެ ރައީސްއާއި، މަޖުލީހުގެ ރައީސްއާއި، މަޖިލީހުން އައްޔަން ކުރާ މެންބަރާއި އަދި ރައީސް އައްޔަން ކުރައްވާ މެންބަރާއި މި ހުރިހާ ފަރާތްތަކަކީ ސީދާ ވެރިކަން ހިންގުމުގެ ބާރުގެ ނުފޫޒު ޖޭއެސްސީގެ މައްޗަށް އޮންނާނެ ކަމުގެ ހެތްކެކެވެ. އެހެންކަމުން މިފަދަ ސަބަބުތަކާހުރެ ރައްޔިތުންގެ އިތުބާރު ޝަރުޢީ ނިޒާމަށް ނެތުމަކީ މިއަދު ވެސް ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އެޅިފައިވާ ވަރަށް ބޮޑު ހުރަހެކެވެ.
ނިންމުން
ދިވެހިރާއްޖެ ޑިމޮކްރަސީއަކަށް ބަދަލުވުމުގައި ދިމާވި ގޮންޖެހުންތަކާއި އަދި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ހުރި ހުރަސްތަކަށް ބަލާއިރު ގިނަ ކަންތައްތަކެއް ފާހަގަކުރެވިފައިވެއެވެ. މިގޮތުން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޑިމޮކްރަސީއަކީ ކޮންއެއްޗެއްކަން ރައްޔިތުންނަށް ރަނގަޅަށް އެނގިފައި ނެތުމުގެ ސަބަބުން ދިމާވި ހުރަސްތަކާއި އަދި އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ދީނީ ކާރޑް ބޭނުންކޮށްގެން ރައްޔިތުންނަށް އޮޅުވާލައިގެން ސަރުކާރުތަކުން ކުރިމަތިކުރުވި ހުރަސްތައް ހިމެނެއެވެ. ހަމައެއާއެކު ޑިމޮކްރެޓިކް ހަރަކާތްތަކުގައި އިސްކޮށް އުޅުނު ފަރާތްތަކަށް ބިރުދެއްކުމާއި ތަފާތު ކަންކަމުގައި ފްރޭމްކޮށް ހުކުމްތައް އިއްވައި ޖަލަށްލުން ފަދަ ކަންތައްތައް ވެސް ކޮށްފައިވެއެވެ.
ޑިމޮކްރެޓިކް ވެރިކަމެއް ޤާއިމްކުރެވުނަސް ޑިމޮކްރެސީގެ ފޮނި މީރުކަން ރައްޔިތުންނަށް ލިބުމުގައި މިއަދާ ހަމައަށް ވެސް ދަތިތައް ހުރީ، ރައްޔިތުންގެ މެދުގައި އާމްދަނީ ފަރަޤު ބޮޑުވުމާއި ކޮރަޕްޝަނުގެ ސަބަބުން ރައްޔިތުންގެ އިތުބާރު މިނިވަން މުއައްސަސާތަކަށާއި ސަރުޢީދާއިރާއަށް ނެތުމުގެ ސަބަބުންނެވެ. ޝަރުޢީ ދާއިރާއަށް އޮންނަ އިތުބާރު ގެއްލުމުގައި މިހާރު ފާހަގަކުރެވޭ ކަމަކީ ޖޭއެސްސީގެ ކޮމްޕޮޒިޝަން އެކުލެވިފައިވާ ގޮތުން ސަރުކާރުގެ ކޮންޓްރޯލް ޖޭއެސްސީއަށް އޮތުމެވެ. މިކަމުގެ ސަބަބުން ފަނޑިޔާރުންނަށް ވަޒީފާގެ ބިރުދައްކައިގެން ސަރުކާރުން ބޭނުންވާގޮތަކަށް ޝަރީއަތްތައް ކުރިއަށްގެނދާކަން ފާހަގަކުރެވެއެވެ.
ކޮންމެކަމެއްވެސް ހަރުދަނާވުމަށް މުއްދަތެއް ނަގާނެއެވެ. މިއަދު ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ގޮންޖެހުންތަކާއެކު ވެސް މަޑުމަޑުން ނަމަވެސް މިއަދު ރާއްޖޭގައި ޑިމޮކްރަސީ ފައްކާވަމުން އަންނަކަމެވެ. އަދި ޑިމޮކްރަސީ ހަރުދަނާވުން އެއީ ރައްޔިތުން ވެސް މިހާރު ބޭނުންވާ ކަމަކަށް ވާތީ، އަދި އެކިއެކި އިންޓިޓިއުޝަންތަކުން މި މަގުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާތީ، ރާއްޖޭގައި ޑިމޮކްރަސީ ފައްކާވެ ފުރިހަމަވުމުގެ ފުރުޞަތު އޮތްކަން ވެސް ފާހަގަކޮށްލަން ބޭނުމެވެ. ބަވަނަވަމުންދާ ދުނިޔޭގައި ހުރި ގޮންޖެހުންތަކާއެކު ވެސް، ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއް ކަމަށް ވީ ހިނދު، ޑިމޮކްރަސީއަކީ މުސްލިމް ޤައުމުތަކުގައި ވެސް ފައްކާކުރެވިދާނެ ނިޒާމެއްކަން ދުނިޔެއަށް ސާބިތުކޮށްދިނުމުގެ މުހިންމު ޒިންމާ ވެސް މިއަދު އެޅިފައި މިވަނީ މި ޤައުމުގެ ރައްޔިތުންގެ ބޮލުގައެވެ. އެހެންކަމުން އިސްލާމީ ތައްގަނޑަށް ފެތޭގޮތަށް ޑިމޮކްރަސީ ފައްކާކޮށް ދުނިޔެއަށް ދެއްކުމަކީ އަހަރެމެން ދިވެހިން ކެތްތެރިކަމާއެކު ކުރަންޖެހިފައިވާ ކަމެކެވެ. އެކަން އެމަގުން ކުރަމުން ދާތަން މިހާރު ފެންނަމުން ވެސް އެބަދެއެވެ. އެހެންކަމުން ފަހުގެ ތާރީޚެއްގައި ކުރާ ދިރާސާތަކުން، ދިވެހިރާއްޖޭގައި ޑިމޮކްރަސީ މިހާރަށްވުރެ ހަރުދަނާ ވެފައިވާތަން ފެނުމުގެ ފުރުޞަތު އޮތްކަމުގައި ދަންނަވަން ޖެހެއެވެ.